އަނދިރި ފަރާތް (03)

(ދެވަނަ އަދަދާއި ގުޅޭ)

އުނައިސް އަމިއްލަ ކޮޓަރީގެ ދޮރު ތަޅު ނުލާއިރު ސްޓޯރ ރޫމް ތަޅުލާފައި އެ ހުންނަންވީ ކީއްވެބާއެވެ؟ އެތާ އަނެއްކާ މާ އަގު ބޮޑު އެއްޗެއް ހުރީހެއްޔެވެ؟ ކޮންމެއަކަސް މިވީ ގޮތުން ކޮންމެހެންވެސް އެތަނުގެ އެތެރެ ބަލާލުމުގެ ޝައުޤު މީރާގެ ހިތުގައި އުތުރި އަރައިގަތެވެ. ނަމަވެސް އެތަނުގެ ތަޅުދަނޑި ހޯދާނީ ކިހިނެއްބާއެވެ؟

އެކަމާމެދު ވިސްނަން ހުއްޓާ މީރާގެ ޖިންސް ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ސިއްސައިގެންގޮސްފައި އަވަހަށް ފޯނު ނަގާ ބަލާލިއިރު ގުޅަނީ ޒާރާއެވެ.

"ކޮޓަރީގަ ނޯވެ އާދެބަލަ ބޭރަށް ހިނގާލަން ދާން." މީރާ ފޯނު ނެގުމާއެކު ޒާރާ ވާހަކަދައްކަން ފެށިއެވެ.

"ދޮންތަ ތިހުރީ ކޮންތާކު؟" ސިއްރުން އެތަނުން ފައިބަން ބޭނުންވާތީ ޒާރާ ހުރި ތަނެއް ބެލުން މީރާއަށް މުހިންމެވެ.

"ދޮންތައާ ދޮންތަބެ މިތިބީ ގޭ ދޮރުމަތީގަ. އަވަހަށް އާދޭ." ޒާރާ ޖަވާބުދިނެވެ.

ޒާރާމެން ތިބީ ބޭރުގައިކަން އެނގުމުން މީރާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އަދި އަވަހަށް ތިރިއަށް ފޭބިއެވެ. މީރާ ނުކުންނަން ދިޔަ މަގުމަތީގައި ގޯތިތެރޭގައި ހުރި ގަސްތަކަށް ފެންދޭން ހުރި ފިރިހެން މީހާ ލޮލުގައި އަޅައިގަތެވެ. އެއީ އެމީހުންގެ ފޮށިތައް ގެޔަށް ގެނަސްދިން ބޭބެއެވެ. އެބޭބެގެ އުމުރުން ފަންސާސް އަހަރުން މަތިވެދާނެހެން ބަލާބެލުމަށް ހީވެއެވެ. އެއީ އެ ގެ ބަލަހައްޓާ މީހާކަމުގައިވާނަމަ މަތީގައި ހުރި ކޮޓަރީގެ ތަޅުދަނޑި ވީ ތަނެއް އެނގޭނެކަމުގައި މީރާގެ ސިކުނޑި ބުނެލިއެވެ. ނަމަވެސް އެވަގުތު އެވާހަކަ ދައްކަން ހުރެވެން ނެތުމުން އެ ބޭބެއާ ހިނިތުންވުމެއް ބަދަލުކޮށްލާފައި މީރާ ގެއިން ނުކުތެވެ.

ހިނގަމުން ހިނގަމުން އެމީހުން ދިޔައީ ރަށުގެ ގޮނޑުދޮށާ ދިމާއަށެވެ. ދިޔަ މަގުމަތީގައި އެމީހުންނަށް އުނައިސް ފެނުނެވެ. އޭނާ ހުރީ ފިރިހެން ކުދިންތަކަކާއެކު ބާސްކެޓް ބޯޅަ ކުޅޭށެވެ. އޭނާ ފެނުމުން ކޮޓަރި ތެރެއިން ފެނުނު އެއްޗެހި މަތިން މީރާ ކުއްލިއަކަށް ހަނދާންވިއެވެ. ޒާރާ ކައިރީ އެވާހަކަދައްކަންވެސް މީރާ ހިތަށް އެރިއެވެ. ނަމަވެސް ޒާރާ ރުޅިއައިސްފާނެތީ އެތެރެއަށް ހިންދާލައިގެން ހުރީއެވެ.

ދުވަހުގެ އިރު އޮއްސުނީ މީރާމެން ގޮނޑުދޮށުގައި ތިއްބައެވެ. މޫސުން ރީތި ދުވަހެއްކަމުން އިރުއޮއްސޭ މަންޒަރު ވަރަށް ހިތްގައިމެވެ. އުދަރެހަށް އަރާ ފައިބަމުން ދިޔަ ރީތި މަންޒަރުތައް މީރާއާއި ޒާރާ ދިޔައީ ފޯނުގައި ރައްކާކުރަމުންނެވެ. އެފަދަ މަންޒަރެއް އެމީހުންނަށް ފެންނަނީ މަދު ފަހަރެއްގައި ކަމުގައިވާތީއެވެ.

ގެއަށް އައި މަގުމަތީގައި ތިން މީހުން ފިހާރަޔަކަށް ވަދެ އެރޭ ކާނެ އެއްޗެހި ގަތެވެ. ގެއަށް އައިސް ވަތް އިރު ގޭތެރެ އޮތީ ދިއްލާފައެވެ. ނަމަވެސް ގޯތި ތެރެއަށް އަލިވާގޮތަށް ހުރި ހޮޅިބުރިން އަލި ފޯރަނީ ހަމައެކަނި އުނދޯލި ބަހައްޓާފައި ހުރި ތަންކޮޅަށެވެ. ގަސްތައް އިންދާފައި ހުރި ބަޔަށް އަލި ނުފޯރާތީ އެތަން އޮތީ ވަރަށް އަނދިރިކޮށެވެ. މީރާއާ ޚިލާފަށް ޒާރާއަކީ ކަންކަމާ ވަރަށް އަވަހަށް ބިރުގަންނަ ކުއްޖެކެވެ. އެހެންކަމުން އޭނާ ދޮރޯށިން ވަތްގޮތަށް ގަސްތަކާ ދިމާ އަނދިރިކޮށް އޮތް ތަން ފެނިގެން އަވަސް އަވަހަށް ގޭތެރެއަށް ދުއްވައިގަތެވެ. މީރާއާއި އަނަސް އެކަމާ މަލާމާތްކުރަމުން ގޭތެރެއަށް ވަންނަން ދަނިކޮށް އުނދޯލި ހެއްލާހެން ހީވެގެން އެދިމާއަށް ބަލާލިއެވެ. އޭރު އެއްކަލަ ބޭބެ އެތަނުގައި އިނެވެ.

"ބޭބެ މިއިންނަނީ ތިކުދިން އަންނަންދެން. އެހެންނޫނީ އިރުއޮއްސޭއިރަށް މިގެ ހުންނާނީ ތަޅުލާފަ. އުނައިސް ކޮންމެ ދުވަހަކު ކުޅެގެން އަންނަގޮތަށް ދޮރޯށި ތަޅުލާނެ." ހިނިތުންވެލަމުން ބޭބެ ވާހަކަދެއްކިއެވެ.

"ބޭބެ ދެން އަވަހަށް ދޭ ގެއަށް. އަހަރެން ތަޅުލާނަން." އަނަސްވެސް ހިނިތުންވުމެއް ބަދަލުކޮށްލަމުން ބޭބެއަށް ބުނެލިއެވެ. މީރާ ހުރީ ބޭބެއާ އެކަނި ވާހަކަދައްކާލާނެ ފުރުސަތެއް ލިބޭތޯ ނުހަނު އެދިއެދިއެވެ.

"ދޮންތަބެ ދޭބަލަ ދޮންތަ ކޮބައިތޯ ބަލާލަން. އޮވެދާނެ އެކަނިވީމަ ކޮޓަރިން ނުކުންނަންވެސް ނުކެރިފަ. އަހަރެން އެބަ ދަން އިރުކޮޅަކުން." އަނަސް އެތަނުން ފޮނުވާލުމުގެ ނިޔަތުގައި މީރާ ބުންޏެވެ. ހިނިގަނޑެއް ޖަހާލާފައި އަނަސް ހިނގައިގަތުމާއެކު މީރާ ގޮސް ބޭބެ ކައިރީގައި އުނދޯލީގައި އިށީނދެލިއެވެ.

ފުރަތަމަ މީރާ ވާހަކަ ފެށީ ދުރުދުދުންނެވެ. ޢީދުގައި އެރަށުގައި އާންމުކޮށް ކުރާ ކަންތައްތަކާ ބެހޭގޮތުން އެކި ސުވާލު ކުރިއެވެ. އެއަށްފަހު އޭނާ އަސްލު އޮޅުން ފިލުވަން ބޭނުންވާ މަޢުލޫއާ ދިމާއަށް ވާހަކައިގެ މިސްރާބު ގެންދަން ފެށިއެވެ.

"ބޭބެތަ މިގޭތެރޭގެ ހުރިހާ ކަމެއް ކުރަނީ؟" މީރާ ސުވާލުކޮށްލިއެވެ.

"އާނ. ސާފުކުރުމާ ގަސްތަކަށް ފެންދިނުމާ އެކަހަލަ ކަންތައްތައް." ބޭބެ ވަރަށް ގަޔާވެފައި އިނދެ ޖަވާބުދެމުން ގެންދިޔައެވެ. ވާހަކަދައްކާ ގޮތުން އެއީ ވަރަށް ހިތް ހެޔޮ މީހެއްކަން މީރާއަށް އެނގުނެވެ.

"ބޭބެ ވަރުބައްޔެއް ނުވޭތަ އެކަނި ހުރިހާ ތަނެއް ސާފުކުރަންވީމަ؟" މީރާ އިތުރު ސުވާލެއް ކޮށްލިއެވެ.

"ބޭބެއަށް ސާފުކުރަން ޖެހެނީ ގޯތިތެރެއާއި ތިރީބައި. ބޭބެއަށް ލުއިކޮށްދޭންވެގެން މަތީބައި ސާފުކުރަނީ އުނައިސް އަމިއްލައަށް. ބޭބެގެ އެއް ކަކުލުގަ މައްސަލައެއް ހުންނާތީ ސިޑިން އަރަން ވަރަށް އުނދަގޫ. އެކަން އެނގުނު ފަހުން މަތީބަޔަށް އެއްވެސް ވަރަކަށް ނާރަން އުނައިސް އޮންނަނީ އަންގާފަ. ކައްކާ ހަދަނީވެސް އޭނާ އަމިއްލައަށް. އެއީ ވަރަށް އަޚުލާޤު ރަނގަޅު ހިތްހެޔޮ ކުއްޖެއް." ގޭތެރޭގެ ކަންތައްތައް އޮންނަ ގޮތް ބޭބެ ކުރުކޮށް ކިޔައިދިނެވެ.

"އެހެންތަ؟ ބޭބެ އަތުގަތަ އޮންނަނީ ގޭގެ ހުރިހާ ތަނެއްގެ ތަޅުދަނޑިތައް؟ އުނައިސް ނާންނައިރު ބޭބެއެއްނު މަތިވެސް ސާފުކޮށް ހަދަނީ. ދެން އަނެއްކާ އޭނާ ނޫޅޭ ގަޑިއަކު އައިސްވެސް ބޭބެއަށް ވަދެވޭނީ އޭރުންތާ." ހޯދަން ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްޓަކައި މީރާ މަޑުމަޑުން ކުރި ފަޅުވަމުން ދިޔައެވެ.

"އުނައިސް ނާންނައިރު ހުރިހާ ތަނެއްގެ ތަޅުދަނޑި އޮންނަނީ ބޭބެ އަތުގަ. އެކަމަކު ބޭބެގެ ފައިގެ މައްސަލަ އެނގުނުފަހުން ބޭބެ އަތުން މަތީބައިގެ ދެ ކޮޓަރީގެ ތަޅުދަނޑި އޭނާ އަތުލި. އެހެން ހުރިހާ ތަނެއްގެ ތަޅުދަނޑި ބޭބެ އަތުގަ އޮވޭ." މީރާ ކުރަމުން ދިޔަ ހުރިހާ ސުވާލަކަށް ބޭބެ ދިޔައީ ޖަވާބުދެމުންނެވެ.

މަތީ ބައިގެ ކޮޓަރިތަކުގެ ތަޅުދަނޑިތައް އުނައިސް އަތުގައި އެކަނި އޮތުމަކީ މީރާ ކުރަން އުޅޭ ކަންތަކަށް ވަރަށް ބޮޑަށް އޮތް ހުރަހެކެވެ. އެކަމަކު އެރަށުން ދިޔުމުގެ ކުރިން ސްޓޯރ ރޫމް ބަލާލަން އޭނާ ކޮންމެހެންވެސް ބޭނުމެވެ. އަނަސްއަކީ އޭނާގެ އަމިއްލަ ބޭބެއެވެ. އެކަމަކު ފުރަތަމަ ދުވަހުވެސް އަނަސްއަށް މައްޗަށް އެރުން މަނާކުރުމުގެ ފަހަތުގައި އުނައިސްގެ ކޮންމެވެސް މަޤުސަދެއް ވާނެކަމުގައި މީރާގެ ހަވަނަ ހިއްސު ބުނެލިއެވެ.

"ހާދަ އޮލަ ވާހަކައެއްގަ؟ މީރާއަށް ދޮންތަ އެބަ ގޮވާ." އެތަނަށް އަނަސް އައުމާއެކު މީރާއަށް ޖެހުނީ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލާށެވެ.

ޖެހިގެން އޮތީ ޙައްޖު ދުވަސްކަމަށްވުމާއެކު އެންމެންވެސް ރޯދައަށް ތިބެން ނިންމިއެވެ. ފަތިހު ހާރު ކާން ތެދުވަންވެގެން އެގާރަ ޖެހުމާއެކު ޒާރާއާއި އަނަސް ނިދަން ވަނެވެ. އެ ހުރިހާ އިރެއް ވީ އިރުވެސް އުނައިސްގެ ޚަބަރެއް ނުވެއެވެ. ކާންވެސް ނުފައިބައެވެ. ޒާރާގެ އެދުމުގެ މަތިން އަނަސް ގުޅުމުން ފޯނުވެސް ނުނަގައެވެ.

ހާރުކާން ހޭނުލެވިދާނެތީ މީރާ އޮތީ ފިލްމެއް ބަލާށެވެ. އެހެންއޮވެފައި އެއްގަޑި ބައިވާން އުޅެނިކޮށް ފެން ބޮވައިގަނެގެން ބަދިގެ ބަޔަށް ދިއުމަށްޓަކައި އޭނާ ކޮޓަރިން ނުކުތެވެ. އޭރު ގޭތެރޭގައި ހުރީ ފަނޑު އަލިކަމެކެވެ. ރަސްކަންކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. ފެންބޮއިގެން ބަދިގެ ބައިން ނުކުމެފައި ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު އެއްޗެއް ހީވެގެން މީރާ ކުއްލިއަކަށް މަތި ބަލާލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން ބިރުން އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ