ޔާމީން އަށް ޝަރީއަތް ކޮށްފައި ވަނީ ޖާހިލިއްޔަ ޒަމާނަށް ވުރެ ވެސް ނުބައިކޮށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތުހުމަތުކުރެވޭ ފަރާތަށް އެ ފަރާތުގެ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުޞަތު ނުދީ، ތުހުމަތު ކުރެވެނީ ކޮންކަމެއްގައި ކަން ނޭގި، ޝަރީޢަތް ކުރުމަކީ ޖާހިލިއްޔަ ޒަމާނުގައި ނުކުރާހާ ނުބައި ކަންކަން ކަމަށެވެ.
އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިގެންވާ ޤާނޫނީ, ޝަރުޢީ އަދި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދޭންޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން އަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުޞަތު ނުދެއްވުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށާއި ކޯޓުގެ އެންގުން ތަންފީޒުކޮށް ލަސް ނުކުރައްވައި އެމަނިކުފާނަށް ވަކީލުންނާއި ބައްދަލުކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް މީގެ ކުރިންވެސް ވަނީ ޝަހީމް ގޮވާލައްވައިފައެވެ.
ރައީސް ޔާމީން ގެ ޝަރީއަތް، އެމަނިކުފާނުގެ ޤާނޫނީ ވަކީކުންނާއި ބައްދަލުވާނޭ މަގު ބަނދުކުރުމަށް ފަހު، ރައްޔިތަކަށް ލިބެންވާ އެންމެ އަސާސީ ހައްގު ތަކުން ވެސް މަހުރޫމު ކުރެވިފައިވާ ކަމަށާއި އަދި އެންމެ އަސާސީ ހައްގު ތަކުން މަހުރޫމް ކުރުމަށްފަހު އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ ދެވޭ ބޮޑު އަނިޔާއެއް ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައެވެ.