ކޮވިޑް-19 ގެ ބިރުވެރިކަން އިތުރުވުމާއި ގުޅިގެން ފިހާރަތައްވެސް ރޭގަނޑު 9:30 ގައި ބަންދުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، 20:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދު މާލެ އާއި ހުޅުމާލެ އަދި ވިލިމާލެގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއެކު، ވީ އެންމެ އަވަހަކަށް ފިހާރަ ބަނދުކުރުމަށް ފަހު ގެޔަށް ދިޔުމަށެވެ.
އޭނާ ވިދާޅުވީ ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން ވެސް ދެން 20:00 އަށް ފަހު ފިހާރަ ބަންދު ކުރުމަށްފަހު ދާން ބޭނުންވާ ތަނަކަށް ދާން ޖެހޭނީ ހިނގާފައި ކަމަށެވެ.
ރޭގަނޑު 8 ފެށިގެން ފަތިހު 5 އާއި ހަމައަށް އެއްވެސް އުޅަނދެއް ދުއްވާނަމަ، އަޅުގަނޑުމެން ފުރަތަމަ ފަހަރަށް ނަސޭހަތެރިވާނަން. އަދި އެއަށްފަހުގައި ދެވަނަ ފަހަރު އަޅުގަނޑުމެންނަށް އެ އުޅަނދެއް ޗެކްކުރެވިއްޖެ ކަމަށް ވަނީނަމަ، ޖޫރިމަނާ ކުރާނަން” އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
އަދި މިގޮތަށް ތަކުރާރުވާ ކަމަށްވާނަމަ އެއުޅަނދެއް ޓޯކުރާނެ ކަމަށާއި ޓޯ ކުރުމަށްފަހު އެއުޅަނދެއް ދޫކުރެވޭނީ ޖޫރިމަނާ ކުރުމަށްފަހު ކަމަށްވެސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
މިހާތަނަށް މުޅި ޖުމްލަ 102،682 ސާމްޕަލް ނަގައިފައިވާއިރު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ، 6،660 މީހުންނެވެ. އަދި މީގެތެރެއިން އެކްޓިވް ކޭސަސްގެ ގޮތުގައި މިވަގުތު ފަރުވާދެމުންދަނީ 2،521 މީހުންނަށެވެ. ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދަކީ 4،012 އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ކޮންމެ ދުވަހަކު އެވްރެޖް ގޮތެއްގައި 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވުވަމުން އަންނައިރު މިބައްޔަށް މިވަގުތު 169 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.



