ޕީޕީއެމް އިން މާފުށި ބޭރުގައި ބާއްވުމަށް ހަމަޖެހިފައިވާ އިޖުތިޖާޖާ ގުޅިގެން ޕޮލިހަށް ހާޒިރުވާ އަންގައިފިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލާ، މާދަމާ މާފުށީ ކައިރިއަށް ދިއުމަށް ހަމަޖެހިފައިވާކަމަށް ޕީޕީއެމްއިން މިރޭ ބުނެފައި ވެއެވެ.
ޕީޕީއެމް އިން ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަން އިން މާދަމާ ކ. މާފުށި ބޭރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަނޑުމަތީގެ އިޖްތިޖާޖާ ގުޅިގެން ލީޑަރޝިޕްގެ ބޭފުޅުން މާދަމާ 10:00 އަށް ޕޮލިހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މާދަން މާފުއްޓަށް ދާނެ ހަމަޖެހިފައިވާ ދަތުރުގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން މާދަމާގެ މެންދުރު 12:30 އަށް ހުޅުމާލޭ އެމް.ޓީ.ސީ.ސީ އެކްސްޕްރެސް ޖެޓީއަށް އައުމަށް ޕީޕީއެމް އިން ބުނެފައިވެއެވެ.
އަދި މިއީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަނޑުމަތީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޙަރަކާތެއްކަމަށްވެސް ޕީޕީއެމްއިން ބުނެއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ރައްޔިތަކަށް ލިބެންވާ އެންމެ އަސާސީ ހައްގު ތަކުންވެސް މަހުރޫމު ވެފައިކަމަށްބުނެ އިދިކޮޅުން އެމަނިކުފާނު މިނިވަންކުރުމަށް އެތަކެއްފަހަރު ސަރުކާރަށްވަނީ ގޮވާލާފައެވެ. އަދި އެމަނިކުފާނުގެ ޢާއިލާއިންވެސްވަނީ ޤާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްޤުތަކުން ރައީސް ޔާމީން މަހްރޫމްކޮށްފައިވާކަމަށްބުނެ، އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާފައެވެ. އަދި އެމަނިކުފާނުގެ ޢާއިލާއިންވަނީ އެމަނިކުފާނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށާ އެމަނިކުފާނަށް، އެމަނިކުފާނުގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ އެންމެހާ މުއަސަސާ ތަކަށް ގޮވާލާފައެވެ.
މީގެކުރިން ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރުމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންވެސްވަނީ މާފުއްޓަށް ގޮސްފައެވެ. ނަމަވެސް މާފުއްޓަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން 17 އޮގަސްޓް ގައި ދިޔަ ނަމަވެސް، އެރަށަށް ނޭރިގެން އަނބުރާ މާލެ އަންނަން ޖެހުނެވެ. ސަބަބަކީ މާފުށީ ޕޮލޮސް ސްޓޭޝަނުގެ ފަރާތުން ގުޅާއި ކައުންސިލުގެ ހުއްދަ ނެތި މާފުއްޓަށް އެރުމަށް އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މަސްލަހަތަށްޓަކައި ހުއްދަ ހޯދައިގެން އައުމަށް އެދިފައިވާތީއެވެ.
.އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައެވެ. އެމަނިކުފާނު މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ.




