"ތިލަދެކުނު މަލަސް" ކާމިޔާބު ކަމާއެކު ނިންމާލައިފި

"ތިލަދެކުނު މަލަސް" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

"ތިލަދެކުނު މަލަސް" އަކީ ހދ. އަތޮޅުގެ 10 ސްކޫލަކާއި ޢީސަ އޮންލައިން ޕޮއިޓްރީ (އީ.އޯ.ޕީ) ގުޅިގެން ކުރިޔަށް ގެންދިޔަ ޅެންވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދިނުމަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ކޯހެކެވެ. މިކޯހުގެ ނިމުން ރޭ ފާހަގަ ކޮއްފައިވާއިރު، މި ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ޒޫމް މެދުވެރި ކޮށެވެ. އަދި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު އަޙުމަދު (ފަރެސް) އެވެ.

މިމަހުގެ 18 އިން 26 ކުރިއަށްގެންދިޔަ މިކޯހުގައި ޖުމްލަ 125 ދަރިވަރުން ބައިވެރިވެފައިވާއިރު، މިކޯހުގައި ބައިވެރިވި ސްކޫލުތަކަކީ، ހަނިމާދޫ ސްކޫލް، ފިނޭ ސްކޫލް، ނާވައިދޫ ސްކޫލް، ހިރިމަރަދޫ ސްކޫލް، ކުރިނބީ ސްކޫލް، ކުމުންދޫ ސްކޫލް، މަކުނުދޫ ސްކޫލް، ނޮޅިވަރަމް ސްކޫލް، ނޮޅިވަރަންފަރު ސްކޫލުގެ އިތުރުން ނެއްލައިދޫ ސްކޫލެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުމުންދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު އާދަމް ވިދާޅުވީ، "ތިލަދެކުނު މަލަސް" މި ޙަރަކާތަކީ ތިލަދެކުނުގެ ތާރީޚުގައި ލިޔެވިގެންދާނެ ޙަރަކާތެއް ކަމަށާއި، ގިނަ އަދަދެއްގެ ސްކޫލުތައް ބައިވެރިވެގެން އޮންލައިންކޮށް ކުރިޔަށްގެންދެވުނު މި ޙަރަކާތަކީ، ޅެންވެރިކަމުގެ މިފަދަ ފުރަތަމަ ޙަރަކާތްކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މިކޯސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްދެއްވާފައިވާތީ ކޯހުގެ އުސްތާޛު ކަމަށްވާ ޢީސާ ޝަރީފު (އީސަ ސާރ)ގެ މަސައްކަތް ފާހަގަ ކުރައްވާ އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވައިފައިވެއެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުންވެސް ލިބުނު އެއްބާރު ފާހަގަކުރައްވައި ޝުކުރު އަދާ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޯހުގެ އުސްތާޛު ޢީސާ ޝަރީފު ވިދާޅުވީ، މި ޙަރަކާތް ފެށިގެން އައިގޮތް އޮޅުން ފިލުވައި ދެއްވާފައިވެއެވެ. މިގޮތުން މިއީ ކުމުންދޫ ސްކޫލުގެ ޕްރިންސިޕަލް މުޙަންމަދު އާދަމްގެ އިސްނެންގެވުމެއްގެ މަތިން ވަރަށް އާދައިގެ ގޮތަކަށް ދެކެވުނު ވާހަކައެއް ފުޅާވެގެން ދިޔަ ކަމެއް ކަމަށާއި މިފަދަ މިންވަރަކަށް ބޮޑުވެގެން ދިއުމުން ވަރަށް އުފާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާ ފުރިހަމަކޮން މި ހަރަކާތް ކުރިޔަށް ގެން ދެވުނީ ހަނިމާދު ސްކޫލް ގެ ޕްރިންސިޕަލް އަބްދުލް މުހުސިން އަބުދުލް ލަތީފުގެ ރޭވުން ތެރިކަމާ ހިކުމަތުކަން ފާހަގަކޮށް ޝުކުރު އަދާކުރިއެވެ.

މިކޯހުގެ މަގުސަދު ހާސިލް ވެއްޖެކަމަށް ވިދާޅުވެ ޢީސަ ވިދާޅުވީ ކޯހުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކޯހުގައި ބައިވެރިވީ މިކަމަށް މާބޮޑު ޝައުޤެއް ހުރެގެން ނޫންކަމަށެވެ. މިދުވަސްކޮޅުގައި ގޭގައި ތިބޭން ޖެހުނީމާ ދެން ހަމަ ބައިވެރިވެލީ ކަމަށެވެ. އެހެން ނަމަވެސް، މިހާރު ވަރަށް ބޮޑަށް މިކަމަށް ޝައުޤު އުފެދިއްޖެ ކަމަށާއި މީގެ އިތުރު ބުރެއް ކުރިޔަށް ގެންގޮސް ދެއްވުމަށް ބައިވެރިވި ދަރިވަރުން އެދިފައިވާކަމަށެވެ.

ދަރިވަރުންގެ މި އެދުމަށް މި ކޯހުގެ އުސްތާޛު ޢީސާ ޝަރީފް ވިދާޅުވެފައިވަނީ މީގެ ދެވަނަ ބުރެއް ކުރިޔަށް ގެންގޮސް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާ ލައްވާފައިވަނީ ޅެންވެރިކަމަކީ ކޮބައިކަމާއި ބެހޭ ގޮތުންނެވެ.

ޅެންވެރިކަމަކީ ކޮބައިކަމާއި، ޅެންވެރިކަމަކީ ކިބުރުވެރިކަމެއް ނޫންކަމަށާއި، އަދި އެއީ ބޮޑާކަމެއް ނޫންކަމަށާއި ޅެންވެރިކަމަކީ، ވިސްނުންތެރިކަމާއެކު ބޭނުންކުރާ ރިވެތިފަންނުވެރިކަމެއް ކަމަށް ޢާމިރު ވިދާޅުވިއެވެ. އަދި އަދަބަކީ ކޮބައިކަމާއި، އަދަބު އަދާކުރަނީ ކޮންދައުރެއްކަން ތަފްޞީލުކޮށްދެއްވިއެވެ. މިގޮތުން އަދަބުގެ ތެރޭގައި އެންމެ ބާރުގަދައީ ޅެންވެރިކަންކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ ޙަރަކާތެއްގައި ޕްރިންސިޕަލުންނާއި ޓީޗަރުންނާއި ދަރިވަރުން ބައިވެރިވާތީ ވަރަށް އުފާ ކުރަން، މިއީ، ހަނދާން ނައްތާނުލެވޭނެ ކަމެއް، މިފަދަ ހިތްފަސޭހަ މަންޒަރުތައް އަޅުގަނޑުމެން ދައްކާންޖެހޭ، ސްކޫލުތަކަށް ދޭ އެއްޗަކީ މުޖުތަމަޢުގެ ނާރަށް ޖަހާ އިންޖިކްޝަނެއް" އާމިރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޯހުގައި ބައިވެރިވި ބައެއް ދަރިވަރުންގެ ޅެންތައް ހުށަހަޅައި ދީފައިވާއިރު، އީ.އޯ.ޕީގެ ދަރިވަރުންގެ ޅެންފޮތް "އަސްކަނި" ނެރުން ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. މިފޮތަކީ 170 ޞަފުޙާގެ މައްޗަށް އެކުލެވިފައިވާ ފޮތެކެވެ. މީގެ އިތުރުން މުޙްތާރު ފަހުމީގެ “ޖަރީ” ޅެން ފޮތްވެސް ވަނީ ނެރެފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ