ކޮވިޑް-19 ގެ ސަބަބުން ރާއްޖެއިން ނުފުރިފައިވާ ބިދޭސީ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، މާރޗް 19 ގެ ފަހުން ވިސާ މުއްދަތު ހަމަވެފައިވާ ބިދޭސީންނަށް ވިސާ އައު ނުކޮށް ފުރޭނެ އިންތިޒާމް ހަމަޖައްސައިދީފި އެވެ.
ޓޫރިސްޓް ވީޒާ، ބިޒްނަސް ވީޒާ އަދި ކަނޑު ބޯޓުތަކުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވީޒާގެ މުއްދަތު 19 މާރޗް 2020 ގެ ފަހުގެ ތާރީޚަކަށް ހަމަވެފައިވާނަމަ، ވީޒާގެ މުއްދަތު އިތުރުނުކޮށް، ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ އިންތިޒާމު ހަމަޖައްސާފައި ވާކަމަށް މޯލްޑިވްސް އިމިޤްރޭޝަން އިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
އިމިޤރޭޝަނުން ވިދާޅުވެފައިވަނީ ނަމަވެސް އެގޮތަށް ފުރުވާލެވޭނީ، 'އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ' ފޯމް ފުރުއްވުމަށްފަހު އިމިގްރޭޝަންގެ ޑިޕާޗަރ ކައުންޓަރަށް ހުށަހެޅުމުން ކަމަށެވެ. މިއާއެކު ބިދޭސީފަރާތް ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލަރސް ހެލްތް ޑިކްލަރޭޝަން" ފުރިހަމަ ކުރައްވަން ޖެހޭނެ ކަމަށްވެސް އިމިޤްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.
ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގެ މުއްދަތު 19 މާރޗް 2020 ގެ ކުރީގެ ތާރީޚަކަށް ހަމަވެފައިވާ ފަރާތްތަކުން ވީޒާގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް އީމެއިލް ކުރެއްވުމަށާއި އެއަށްފަހު އަމަލު ކުރަންވީގޮތް، އީމެއިލްގެ ޒަރީއާއިން ޙިއްސާކުރެވޭނެ ކަމަށް އިމިޤްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
"އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ" ފޯމް ހުށަހަޅުއްވައިގެން ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީޚަކީ 31 އޮކްޓޯބަރ 2020 ކަމަށާއި އެމީހެއްގެ ނުވަތަ އެކުންފުންޏެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބިދޭސީ ފަރާތްތަކުގެ ވީޒާގެ ކަންކަން ފަހަށް މަޑުނުކުރައްވާ، ގަވާއިދުން ފުރިހަމަ ކުރަމުން ގެންދިއުމަށް ނަސޭހަތްތެރިވާ ކަމަށް އިމިޤްރޭޝަނުން ވިދާޅުވިއެވެ.




