ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

އަފްޣާނިސްތާނުގެ ޕަރްވާން ޕްރޮވިންސްގައި ފެންބޮޑުވެ، ގިނަ ބަޔަކު މަރުވުމާ ގުޅިގެން މިނިސްޓަރ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެ

އަފްޣާނިސްތާނުގެ ޕަރްވާން ޕްރޮވިންސްއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ޙާދިސާތަކެއް ހިނގައި، ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އަފްޣާނިސްތާނުގެ އެކްޓިންގ ފޮރިން މިނިސްޓަރ މުހައްމަދު ހަނީފް އަތުމާރް އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ކާބުލް އާ އިންވެގެން އޮންނަ ޕަރްވާން ޕްރޮވިންސްގައި ހިނގި ފެންބޮޑުވުމުގެ ޙާދިސާތަކުގައި 90 އަށްވުރެ ގިނަ މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. ފެންބޮޑުވެފައިވަނީ މިދިޔަ ހަފްތާގައި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެންނެވެ. 1500 އަށްވުރެ ގިނަ ގެތައް ހަލާކުވެ، ގިނަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. ޕަރްވާންގެ އިތުރުންވެސް 7 ޕްރޮވިންސްއަކަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވެއެވެ.

މި މެސެޖްގައި، ޕަރްވާން ޕްރޮވިންސްގައި ހިނގި ފެންބޮޑުވުމުގެ ޙާދިސާތަކުގައި ގިނަ ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލުނު ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލަމުންދާ މިދަނޑިވަޅުގައި އަފްޣާނިސްތާނަށް ކުރިމަތިވި މި އިތުރު ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވެ، އަފްޣާނިސްތާން ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ދަންނަވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މީހުން ސަލާމަތްކުރުމާއި ރިކަވަރީގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތަށް ކާމިޔާބީއަށް މިނިސްޓަރ އެދިވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ