އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން މީޑިއާތަކަށް ލޯނު ދޫކުރަން ފަށައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ އެސް.އެމް.އީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސް ބޭފުޅުންނާ މޯލްޑިވްސް މީޑިއާކައުންސިލުން މިއަދު ބައްދަލު ކޮށް ދެއްކެވި ވާހަކަ ފުޅުގައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު މޯލްޑިވްސް މީޑިއާ ކައުންސިލުގައެވެ.
މީޑިއާ ކައުންސިލުން ވިދާޅުވެފައި ވަނީ މިބައްދަލުވުމުގެ ބޭނުމަކީ އެސް.އެމް.އީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން މީޑިއާތަކަށްދޭ ލޯނާ ގުޅޭ މައުލޫމާތު އޮޅުންފިލުވުންކަމަށެވެ.
މީޑިއާ ކައުންސިލުން ވިދާޅުވެފައި ވަނީ، އެސް.ޑީ.އެފް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޒީނާދު މައުލޫމާތު ދެއްވި ގޮތުގައި މިހާތަނަށް 8 މީޑިއާ އަކަށް ލޯނު ދޫކުރެވިފައިވާކަމަށާއި އޭގެ ތެރޭގައި ކުދި މީޑިއާތައްވެސް ހިމެނޭކަމަށެވެ. އެގޮތުން މިހާތަނަށް ލޯނަށް ހުށަހެޅި ހުރިހާ މީޑިއާތަކަށް ވަނީ ލޯނު ދޫކުރެވިފައެވެ
މީޑިއާތަކަށް ދޭ ލޯނަށް އެދުމުގެ ފުރުޞަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. މި ލޯނަށް އެދި ހުށަހެޅުމުގައި އަމަލު ކުރަންވީ އުސޫލާއި އަދި ލޯނަށް އެދި ހުށަހަޅާ ފޯމު އެސް.ޑީ.އެފް.ސީގެ ވެބްސައިޓު https://sdfc.mv/ އިން ލިބެން ހުންނާނެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވިދާޅުވެފައިވަނީ ކަމާބެހޭ އެންމެހައި ލިޔެކިޔުންތައް ހަމަކުރުމަށްފަހު ލޯނުބޭނުންވާ މީޑީއާތަކުން އެސް.ޑީ.އެފް.ސީ އަށް ވީއެންމެ އަވަހަކަށް ހުށައެޅުން އެދޭކަމަށެވެ.



