މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތަކަކާއެކު ޒުވާނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އެމީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބުނެ ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގެ 22:19 އެހާކަންހާއިރު ސިނާއީ މަސައްކަތްކުރާ ރަށަކުން ކަމަށެވެ.
"އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު ގެންގުޅުނު ކޮތަޅެއް ބަލައިފާސްކުރި އެ ކޮތަޅު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 16 ސެލޯފިންކޮޅު ފެނިފައިވެ" ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




