ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު: ފޮޓޯ- މަޖިލިސް

ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކީ ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުމެއް ނޫން: ޙަސަން ލަތީފު

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކީ ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުމެއް ނޫންކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ކަމަށް ވެވަޑައިގަތުމުގެ ނިޔަތާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައި އަމިއްލަ މަސްލަހަތު އިސްކުރައްވައި، ވަޒީރުންނަށް ނުފޫޒު ފޯރުއްވުމާއި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އަމަލު ކުރައްވާ ކަމުގެ ތުހުމަތުކޮށް އެކަން ހުއްޓުވައިދޭން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުއައިބު އަލީ އެމްޑީޕީއަށް ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި ޙަސަން ލަތީފު ވިދާޅުވީ، އެޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދު އޭނާއަށް ފޮނުއްވި ސިޓީފުޅުން، އޭނާގެ ކިބައިން އެދިވަޑައިގެންފައިވާ ކަންކަން ކުރުމުގައި، ޕާޓީގެ އުޞޫލުތަކާ ޚިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުންކުރަން ނުޖެހޭކަމާއި އަދި ބޭނުން ނުވެސް ކުރާކަމަށެވެ.

އަދި ޕާޓީގެ ރައީސް އެދިވަޑައިގެންފައިވާ ކަންކަމަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފުޒު ފޯރުވުން ކަމުގައި ނުދެކޭކަމަށްވެސް ޝުއައިބަށް ފޮނުވި ޙަސަން ލަތީފުގެ މިސިޓީގައި ވެއެވެ.

މީގެއިތުރުން މިސިޓީގައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާއި ގުޅިގެން ރައީސް މުޙަންމަދު ނަޝީދު ފޮނުއްވާފައިވާ ސިޓީފުޅަކީ، އެބޭފުޅާގެ އަމިއްލަފުޅު ހައިޘިއްޔަތުން އަދި އަމިއްލަ ޚިޔާލުފުޅުގެ މައްޗަށް ލިޔުއްވައި ފޮނުއްވާފައިވާ ސިޓީފުޅެއް ނޫންކަމާއި، އެސިޓީފުޅަކީ މިޕާޓީގެ ރައީސްގެ ހައިޘިއްޔަތުން އަދި މިޕާޓީގެ ރައީސްގެ ޚިޔާލުފުޅު ލިޔުއްވައި ފޮނުއްވާފައިވާ ޕާޓީގެ ރަސްމީ ސިޓީއެއް ކަމަށެވެ.

އަދި ޕާޓީގެ ރައީސްގެ މަޤާމަކީ، ޕާޓީގެ އެންމެ އިސް މަޤާމުކަމަށާއި، ސިޔާސީ ކަންކަމުގައި ޕާޓީ ތަމްޞީލުކުރާ އަދި ޕާޓީގެ ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސްފަރާތްކަމަށްވާއިރު، ޕާޓީގެ ރައީސްގެ ހައިޘިއްޔަތުން ރައީސް މުޙަންމަދު ނަޝީދުގެ ވިސްނުންފުޅު ޕާޓީގެ އާންމު މެންބަރުންނާ ހިއްސާކުރެއްވުމާއި، އެވިސްނުންފުޅާ އެއްގޮތަށް ޕާޓީގެ ސިޔާސީ ޙަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސައްކަތުގެ މަސްއޫލިއްޔަތުކަމުގައިވެސް ޙަސަން ލަތީފުގެ މިސިޓީގައިވެއެވެ.

ރައީސް ނަޝީދުގެ ސިޓީ ފައްޔާޒު ރީޓްވީޓު ކުރައްވައިފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ