ފޮޓޯ: މަޖިލިސް

ދުނިޔޭގެ ކާބޯތަކެތީގެ ޖަމްޢިއްޔާގެ 35 ވަނަ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންފަރެންސް ބާއްވައިފި

ޔުނައިޓެޑް ނޭޝަންސްގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފް.އޭ.އޯ) އިން އިންތިޒާމްކޮށްގެން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ރީޖަނަލް ކޮންފަރެންސް 1 ސެޕްޓެމްބަރ 2020 ގައި ވަނީ ފަށައިފިއެވެ.

46 ގައުމެއްގެ މަންދޫބުން ބައިވެރިވާ މި 4 ދުވަހުގެ ވާރޗުއަލް ކޮންފަރެންސް މި އަހަރު ހާއްސަކުރެވިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އޭޝިއާ ޕެސިފިކް ސަރަހައްދަށް ދިމާވެފައިވާ މާލީ އަދި އިޤްތިސޯދީ ދަތިތަކާއި އަދި ދަތިތައް ނައްތާލުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށެވެ.

ކޮވިޑް-19 ދުނިޔޭގައި ފެތުރި މީހުންގެ ފުރާނައަށް ނުރައްކާވެ އާންމު ދިރިއުޅުން ގެއްލުމަށް ހުށައެޅިފައިވާ އިރު، ބަނޑުހައިހޫނުކަމާއި ރަނގަޅު ކާނާގެ ދަތިކަން އޭޝިއާ ޕެސިފިކް ސަރަހައްދުން ނައްތާލުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ދަތިތަކެއް އުޅޭކަން އެފް.އޭ.އޯ އިން ވަނީ ހާމަކޮށްފައެވެ. ރަނގަޅު ކާނާ ނުލިބޭ މީހުންގެ ބޮޑު އާބާދީއެއް މިހާރު ވެސް އޭޝިއާގައި ސަރަޙައްދުގައި އުޅޭއިރު، 2030 ގައި މިއަދަދު 330 މިލިއަނަށް އަރާނެ ކަމަށް ވެސް މިޖަމިއްޔާއިން ލަފާކުރެއެވެ.

މި ކޮންފަރެންސްގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެފް.އޭ.އޯ.އިން ފައްޓާފައިވާ (ކޮވިޑް-19 ރެސްޕޯންސް އެންޑް ރިކަވަރީ ޕްރޮގްރާމް) އަށް ވަނީ އަލި އަޅުވާލާފައެވެ. މިޕްރޮގްރާމްގައި ބައިނަލްއަޤުވާމީ، ސަރަހައްދީ އަދި ޤައުމީ ފެންވަރުގައި ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އެކިއެކި ވަސީލާތްތައް ބޭނުންކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

އެފް.އޭ.އޯގެ އެސިސްޓަންޓް ޑައިރެކްޓަރ ޖެނެރަލް އަދި މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަ ރެޕްރެޒެންޓޭޓިވްގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އާ ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށާއި ދެމެހެއްޓެނިވި ކާނާގެ ޔާގީންކަން ކަށަވަރުކުރުމަކީ ބަނޑުހައި ހޫނުކަމާއި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެ، ކުރިއަށް ދިއުމަށް ނެގޭނެ އެންމެ މުހިންމު އެއް ފިޔަވަޅުކަމަށެވެ. އަދި މި ކޮންފަރެންސާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، އެފް.އޭ.އޯ އިން ދިވެހިރާއްޖެ އާއި ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަ ރެޕްރެޒެންޓޭޓިވް، ޑޮކްޓަރ ޒޫބިންގ ވިދާޅުވެފައިވަނީ ދެ ޤައުމުގެ ކަންކަމާގުޅޭގޮތުން، 35ވަނަ ސެޝަން އިން ނިންމާފައިވާ ކަންތައްތައް ހިންގާ ކުރިއަށް ގެންދިއުމަށް އެފް.އޭ.އޯ އިން އެހީތެރިވާނެކަމަށާއި އަދި ސަރުކާރު ތަރައްޤީގެ އެހެނިހެން ދާއިރާތަކާ ގުޅިގެން ޤައުމީ ފެންވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ނިންމުންތައް ހާސިލްކުރަން މަސައްކަތްކުރާނެކަމަށެވެ.

އެފްއޭއޯގެ ރީޖަނަލް ކޮންފެރެންސްގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފްދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދެވެ. މިކޮންފެރެންސްގެ މިނިސްޓީރިއަލް ސެޝަންގައި މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަހާ ވަނީ ކާނާގެ ޔަގީންކަން ހޯދުމަށް ދިވެހި ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުއްވާލާފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭޝިއާ ޕެސިފިކް ގައުމުތަކުން 675 ބައިވެރިން ބައިވެރިވި މި ކޮންފަރެންސްގެ ސެކްރެޓޭރިއޭޓް ބަލަހައްޓާފައިވަނީ ބޫޓާން ސަރުކާރުގެ ފަރާތުންނެވެ. މި ކޮންފަރެންސް ކުރިއަށްދާނީ 4 ސެޕްޓެމްބަރ ގެ ނިޔަލަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ