834 ބިޔަރު ދަޅާއިއެކު 7 މީހަކު މާލެއިން ހައްޔަރުކޮށްފި އެވެ.
މި 7 މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގަ އެވެ.
އެގޮތުން ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ޓީޖެޓީގައި އޮތް ޕިކަޕެއް ބަލައި ފާސްކުރިއިރު 816 ބިޔަރު ދަޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، 24 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި ދިވެހި 5 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ 18 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު މަސްތުގެ ހާލަތުގައިހުރި މީހަކު ކާރެއް ދުއްވަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ދުއްވި ކާރު ބަލައި ފާސްކުރިއިރު 18 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ދެ އޮޕަރޭޝަނުން 7 މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.



