ޖަޕާނަށް ދިވެހިން އަބަދުވެސް ޝުކުރުވެރި ވާނެެ ކަމަށް މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ޖަޕާނުން ރާއްޖެއަށް 0.01 އިންސައްތަ އިންޓްރެސްޓް ރޭޓްގައި 47.5 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމާއި ގުޅިގެން ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނި ހަޤީޤީ ހެޔޮ އެދޭ ރައްޓެހިން ކޮށްދޭނީ މިކަހަލަ ކަންކަންކަމަށާއި ޖަޕާނަށް ދިވެހިން އަބަދުވެސް ޝުކުރުވެރި ވާނެެކަމަށެވެ.
"ހަޤީޤީ ހެޔޮ އެދޭ ރައްޓެހިން ކޮށްދޭނީ މިކަހަލަ ކަންކަމެވެ. ޖަޕާނަށް ދިވެހިން އަބަދުވެސް ޝުކުރުވެރި ވާނެެއެވެ." ނިހާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ލޯން އެހީ ދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވީ، މި ފައިސާއަކީ ރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިޔުމަށްޓަކައި ޖަޕާނުގެ ސަރުކާރުން ދެއްވި ވަރަށް ދީލަތި އެހީއެއް ކަމަށެވެ.
މި ލޯނަކީ 4 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 15 އަހަރުން ދައްކާ ގޮތަށް، 0.01 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ޖަޕާނުން ދޭ ލޯން އެހީއެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.



