ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 6 ފަޅުރަށެއް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖައްސައިފިއެވެ.
އެގްރިކަލްޗާރ މިނިސްޓްރީން ވިދާޅުވީ ހަރަށެއް 21 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދޭން ނިނަމާފައިވަކަމަށެވެ.
އެ މިނިސްޓަރީން ވިދާޅުވީ މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުންކަމަށެވެ. އަދި ކޯލި (ޕޯލްޓްރީ) އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައްވެސް އިތުރުކުރުމަކީވެސް އެ މިނިސްޓްރީގެ މަގުސަދެއްކަމަށް ވިދާޅުވިއެވެ.
ފުރަތަމަ ބުރުގައި ކުއްޔަށްދޫކުރާ 6 ރަށް:
- ހއ. މަޑުލު
- ށ. ކަކާއެރިޔަދޫ
- ށ. ނެޔޮ
- ނ. ތޮޅެންދޫ
- ބ. މާއްޑޫ
- ގދ. އޮއިނިގިއްލާ
ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން މިރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރިއެވ އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި ރަށްރަށުގެ ބިމުގެ ސަރަޙައްދުން ގިނަވެގެން 30 އިންސައްތައިގައި މި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެކަމަށާއި އުފައްދާ ތަކެތީގެ އިތުރު ތަފްޞީލު ބީލަން ކަރުދާހުގައި ބަޔާންކޮށްފައި ވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މި ރަށްތަކުގެ ބީލަން ފޮތް މި މަހު 14 އިން ފެށިގެން އަންނަ މަހު ފަހެއްގެ ނިޔަލަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ބީލަން ފޮތެއްގެ އަގަކީ -/2000ރ އެވެ.