ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށް އެމްޑީޕީގަ ހުންނެވިނަމަ ވަޒީފާއެއް ލިބޭނެ ކަމުގައި ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ޢަލީ ނިޒާރު މިހެން ވިދާޅުވެފައި މިވަނީ ވެރިކަން ލިބޭ ކޮންމެ ފަހަރަކު އުޅޭ ގޮތުން މިނިވަންކަން ގެއްލި ދަރަނި ބޮޑުވެ ދިރިއުޅުން ވޭނަކަށް ވާ ކަމުގައި ޖަމީލް ވިދާޅުވުމާއި ގުޅިގެންނެވެ.
ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލައްކަ ދުވަހު އުޒުރު ދެއްކިއްޖެ ކަމަށާއި ދިވެހިންނަށް ދެ ފިކުރުގެ ތަފާތު ސާފުވެއްޖެކަމަށެވެ. ޖަމީލްގެ މި ޓްވީޓްގައި ހިއްސާކުރައްވާފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި ޖަމީލް އިޝާރާތް ކުރައްވާ އެއް ފިކުރަކީ މިހާރުގެ ސަރުކާރު ނުވަތަ އެމްޑީޕީގެ ފިކުރެވެ. ދެވަނަ އަށް އެބުނާ ފިކުރަކީ ކޮން ފިކުރެއްކަމެއް ޖަމީލްގެ ޓްވީޓުގައި ވިދާޅުވެފައި ނުވިނަމަވެސް ރާއްޖޭގައި މިހާރު އެންމެ ވާދަވެރި ސިޔާސީ ފިކުރަކީ އެމްޑީޕީއާއި ޕީޕީއެމްގެ ފިކުރެވެ.
"ވެރިކަން ލިބޭ ކޮންމެ ފަހަރަކު އުޅޭ ގޮތުން މިނިވަންކަން ގެއްލި، ދަރަނި ބޮޑުވެ، ދިރިއުޅުން ވޭނަކަށް ވޭ" ޖަމީލް ވިދާޅުވެފައިވެއެވެ.
ޖަމީލްގެ މި ވާހަކަފުޅަށް ރައްދު ދެއްވައި ކުރީގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވެފައި ވަނީ އެމްޑީޕީގައި ހުންނެވި ނަމަ ޖަމީލްއަށް ވަޒީފާއެއްް ލިބޭނެ ކަމަށެވެ. އަދި ނިކަމެތި ހާލުގައި ނުހުންނަވާ ރަށަށް ދުރުވެ ދަނޑުވެރިކަން ކުރެއްވުމަށްވެސް މެންބަރު ނިޒާރު ވަނީ ޑރ. ޖަމީލްއަށް ގޮވާލައްވާފައެވެ. ނިޒާރު ވިދާޅުވި ގޮތުގައި އޭނާވެސް މިހާރު ކުރަނީ ދަނޑުވެރިކަމުގެ މަސައްކަތެވެ.
ޑރ. ޖަމީލް އަކީ ކުރީގެ ސަރުކާރުގައި ރައީސް ޔާމީންއާއެކު ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނަަމަވެސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު އެމަނިކުފާނާއި ދެކޮޅަށް ނިކުމެ ވަޑަގެން މިހާރު ވެރިކަން ކުރައްވާ ކޯލިޝަންގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ވަނީ މަސައްކަތް ކުރައްވާފައެވެ.
2018 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލި ކުރައްވައި ކޯލިޝަނުން ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ޖަމީލް އަލުިން ވަނީ ކޯލިޝަނާއި ވަކިވެ ރައީސް ޔާމީންގެ ދިފާޢުގައި މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.