ދެ އަތޮޅެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ދެ އަތޮޅެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި މަސްތުވާތަކެތި ހޯދައި އަދި ތިން މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަނާއި ނ. މަނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވާކަމަށާއި، އެ އޮޕަރޭޝަނަކީ މާލެއިން ށ. އަތޮޅާއި ނ. އަތޮޅަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.

މި އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޮމަންޑޫ ބަނދަރާ ލޯންޗު ގާތްކުރި ވަަގުތު ފުލުހުން އެ ލޯންޗަަށް އަރައި ބަލައި ފާސްކުރިއިރު ލޯންޗު ތެރޭގައި ހުރި ކޮތަޅެއްގެ ތެރެއިން މަސްތުވާތަަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ސައިޒުގެ ދެ ކޮތަޅާއި ކުޑަ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ތ. ހިރިލަންދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު  އޮޕަރޭޝަނެއް ހިންގާފައިވެއެވެ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކާއި، 26 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އެ އޮޕަރޭޝަނުގައި، އެރަށު ފަޅުގެއެއްގެ ތެރެއިން އެ ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 16 ކަރުދާސްކޮޅު ފެނިފައިވެެއެވެ.

މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ޚަބަރާއި ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ