ކިޔަވާ ނިމިގެން ހަ މަސް ފާއިތުވެގެންދިޔައިރުވެސް އާރިމް ހުރީ މާލެ ނުދާން ފައި ވިއްދާފައެވެ. ގުޅާ ކޮންމެ ފަހަރަކު މަންމައާއި ބައްޕަ އެތައް އާދޭހެއް ކުރިނަމަވެސް އޭނާ ދިޔައީ އެކަމަށް ބީރު ކަންފަތެއް ދެމުންނެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި މަޑުކުރެވޭތޯ ދިޔައީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އެހެން ހުރެވުނީ ހަ މަހާ ދެ ހަފްތާ ވަންދެނެވެ. ލިބުނު ޚަބަރަކުން އޭނާއަށް ޖެހުނީ ގޮތް ދޫކޮށްފައި އެނބުރި މާލެ ދާށެވެ.
އާރިމްއަށް ގެއަށް ދެވުނީ އިރުއޮއްސެން ވަރަށް ކައިރިވެފައި ހުއްޓައެވެ. ގެއަށް ވަތްއިރު ގޭތެރޭގައި ރަސްކަންކުރަމުން ދިޔައީ ފަޅުކަމެވެ. އެވަގުތު ގޭގައި އުޅެނީ ގޭތެރޭގެ ކަންތައްތަކުގައި މަންމައަށް އެހީތެރިވުމަށްޓަކައި ގެންގުޅޭ ރާދާ އެކަންޏެވެ. ގެނައި ފޮށި ކޮޓަރިއަށްލާފައި އާރިމް އަވަހަށް ފެންވަރާލިއެވެ. އެއަށްފަހު ބައްޕަގެ ނަންބަރަށް ގުޅާލިއެވެ. ފޯނު ނެގުމަށްފަހު ދާންވީ ތަން ބައްޕަ ބުނުމާއެކު އޭނާ ގެއިން ނުކުތީ ބަނޑަށް ކާއެއްޗެއްވެސް ނުލައެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ހަތަރުވަނަ ފަންގިފިލާގައި ހުރި ޕްރައިވެޓް ރޫމްތަކާއި ދިމާއަށް އާރިމް މިސްރާބު ޖެހީ އަވަސް ފިޔަވަޅުތަކެއްގައެވެ. އޭރު މަންމަ އޮތް ޙާލެއް އޭނާއަކަށް ނޭނގެއެވެ. މަންމަ ލޭމައްޗަށް ގޮސްގެން ހާރޓް އެޓޭކެއް ޖެހުނުކަމުގެ ޚަބަރު ބައްޕަ ގުޅާފައި ދިން ހިސާބުން އޭނާ އަވަސްއަރުވާލާފައި މާލެ އައީ ހިތް ނުތަނަވަސްވެފައި ހުރެއެވެ.
ބައްޕަ ބުނި ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު އާރިމް މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭރު މަންމަ އޮތީ ލޯމަރާލައިގެންނެވެ. އެއް އަތަށް އައިވީއެއް ގުޅާފައި ހުއްޓެވެ. މަންމަ އޮތް އެނދު ކައިރީގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި، ކުރިމަތީގައި ހުރި ޓީވީއަށް ނަޒަރު ހުއްޓާލައިގެން ބައްޕަ އިނެވެ. އޭނާ ވަތްތަން ފެނިފައި ބައްޕަ އޭނާއާ ދިމާއަށް ބަލާލިއެވެ. އޭރު އެ ދެލޮލުން ފެންނަން ހުރީ މާޔޫސްކަމާއި ވަރުބަލިކަމެވެ.
"ބައްޕާ! މަންމަ މިހާރު ކިހިނެއް؟" އާރިމް ގޮސް އެނދު ކައިރިއަށް ހުއްޓިލާފައި މަންމަގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އޭނާ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. މަންމައަށް ހޭލެވިދާނެތީއެވެ. ނަމަވެސް އޭނާގެ އަޑު ހަމަ ޖެހުމާއެކު މަންމަ ލޯ ހުޅުވާލިއެވެ. އަބަދު ހިނިތުންވުމަކާއިއެކު އޭނާއާ ބައްދަލުކުރާ މަންމަގެ މޫނުން މިއަދު ފެންނަން ހުރީ ވަރުބަލިކަމެވެ. މަންމަގެ މިލާފައިވާ މޫނު ފެނުނު ވަގުތު އާރިމްގެ ހިތުގައި ރިހުމެއް އުފެދުނެވެ.
"ދަރިފުޅު އައީތަ؟" ސިރާޖު ޖަވާބުދިނުމުގެ ކުރިން ވާހަކަ ދެއްކީ އާރިފާއެވެ. އެ އަޑުގައިވެސް ވަނީ ވަރުބަލިކަމެވެ. ނަމަވެސް އާރިމް ފެނުމުން އެމޫނުން އުފާވެރިކަން ފެނިގެންދިޔައެވެ.
"އާނ. މަންމަ މިހާރު ކިހިނެއް؟" އާރިމް ލޯތްބާއެކު މަންމަގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.
"މިހާރު ކުރިއަށްވުރެ ރަނގަޅު." ހިނިތުންވެލަން މަސައްކަތްކުރަމުން އާރިފާ ޖަވާބުދިނެވެ.
"ޑޮކްޓަރު ބުނުއްވީ މިރޭ ބަލާލާފަ މާދަން ދޫކޮށްލާނަމޭ." ސިރާޖު އިތުރުކޮށްލިއެވެ.
"ބައްޕަ ދޭ ގެއަށް ގޮސް އަރާމުކޮށްލަން. ދެން އާދޭ މާދަން ހެނދުނު. ބައްޕަ އަންނަންދެން އަހަރެން މަޑުކޮށްލާނަން." އާރިމް ސިރާޖުއާ ދިމާއަށް ނަޒަރު ބަދަލުކޮށްލަމުން ބުންޏެވެ. ސިރާޖުވެސް ދެކޮޅުހެދުމެއް ނެތި ބޯ ޖަހާލާފައި ނުކުންނަން ހިނގައިގަތެވެ.
ޖެހިގެން އައި ދުވަހު އާރިފާ ގެއަށް ދޫކޮށްލެވުނެވެ. ނަމަވެސް ކުރިން ހެލިފެލިވެ އުޅުނު ގޮތަށް އުޅެން އޭނާއަށް އުނދަގޫވިއެވެ. ކާންޖެހޭ ބޭސްތަކުގެ ސަބަބުން ހަށިގަނޑަށް ލޮޑުކަން އިޙުސާސްކުރެވޭތީ އޭނާ ގިނައިން އޮންނަނީ އޮށޯވެއެވެ. ނަމަވެސް ކާ ގަޑިތަކުގައި ބޭރަށް ނުކުމެލާހަދައެވެ. މަންމަ ގިނައިން ކޮޓަރީގައި އޮންނާތީ އާރިމް ދޭތެރެ ދޭތެރެއިން މަންމަގެ ޙާލު ބަލާލުމަށްޓަކައި އެ ކޮޓަރިއަށް ވަދެލައެވެ.
އެދުވަހުގެ ހަވީރު ރަނާއާއި ޙަމީދު، އާރިފާއަށް ގޮވާލުމަށްޓަކައި އެގެއަށް އައެވެ. އޭރު އާރިމް އިނީ މަންމަ ކައިރީގައި އެކޮޓަރީގައެވެ. ރަނާ ފެނުނު ވަގުތު އާރިމްއަށް އުނދަގޫ އިޙުސާސްތަކެއް ކުރެވުނެވެ. ނަމަވެސް ރަނާ ހިނިތުންވެލުމުން އޭނާވެސް ރައްދުގައި ހިނިތުންވެލިއެވެ. އެމީހުން އައިސް ކޮޓަރިއަށް ވަދެ އިރުކޮޅެއް ނުވެ ފެންވެރުމުގެ ބަހަނާ ދައްކާފައި އާރިމް އެތަނުން ނުކުމެގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. ދެން އޭނާ މަންމަ ކައިރިއަށް ދިޔައީ އެމީހުން ދާހާ އިރު ކޮށްފައެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އާރިމް އިނީ ކޮފީ ތަށްޓެއް ހިފައިގެން ނުކުމެ ގޭ ޓެރެސްގައެވެ. އެތަނަކީ އާރިފާ ވަރަށް ލޯބިން މާ ގަސްތައް ހައްދާ ޒީނަތްތެރިކޮށްފައި އޮންނަ ތަނެކެވެ. ހަވީރު ގަޑީގައި ގަސްތަކުގައި ފޮޅިފައި ހުންނަ މާތަކުގެ ސަބަބުން އެތަނަށް ފެތުރިފައި އޮންނަ މީރު ވަހަކީ ހިތްތަކަށް ހަމަޖެހުން ގެނަސްދޭ ކަމެކެވެ. ޓެރެސްގައި ބަހައްޓާފައި ހުރި އުނދޯލީގައި އާރިމް އިނީ އެއް އަތުން ކޮފީ ތަށި ހިފަހައްޓާލައިގެން އަނެއް އަތުން ފޯނާ ކުޅޭށެވެ. އެހެން އިންދާ އެތަނަށް ސިރާޖު އައީ ކޮން އިރަކުކަމެއް އޭނާއަކަށް ނޭނގެއެވެ. ފެނުނީ އައިސް ކައިރީގައި އިށީން ތަނެވެ.
"ދަރިފުޅު ކައިރީގަ ބައްޕަ އެބައޮތް ވާހަކައެއް ދައްކާލަންވެފަ. ބިޒީ ގަޑިއެއްތަ؟" ސިރާޖު ވާހަކަ ދެއްކީ މަޑުމައިތިރި ރާގެއްގައެވެ.
"ނޫން." ދައްކަން އުޅެނީ ކޮން ވާހަކައެއްކަން އަންދާޒާކުރެވޭތީ އާރިމް ކުޑަކޮށް ފޫހިވާގޮތް ވިއެވެ. ނަމަވެސް އޭނާ އެކަން ނުދައްކާވޭތޯ ބެލިއެވެ.
"ދަރިފުޅު ކީއްވެ ކައިވެންޏާ ދުރަށް ތި ދުވަނީ؟" ސިރާޖު ވާހަކަ ދެއްކީ އާރިމް ހަމަ ހީކުރި މަޢުޟޫއަށެވެ.
"އަނެއްކާ ދަރިފުޅަށް ކަމުދާ އެހެން ކުއްޖަކު ހުރީތަ؟ ހުރިއްޔާވެސް ބައްޕަ ކައިރީގަ ބުނެބަލަ. އޭރުންނެއްނު އެނގޭނީ. ބައްޕަމެން ކޮންމެހެން ބޭނުމެއް ނޫން ދަރިފުޅަށް މަޖުބޫރުކޮށްގެން ކައިވެނި ކުރުވާކަށް.... ރަނާ އަކީ ވަރަށް ރަނގަޅު ކުއްޖެއް. އޭނާ ދަރިފުޅު ދެކެ ނުލާހިކު ލޯބިވޭ. އެކުއްޖާ ދެ އަހަރު ދުވަހު ދަރިފުޅަށްޓަކައި އިންތިޒާރުކޮށްފި. ދަރިފުޅު ފުރުމުގެ ކުރިން ބައްޕަ ރަނާ ކައިރީގައި ބުނީ ބައްޕަމެން ވަރަށް ރުހެޔޭ ތި ދެކުދިން ގުޅެން. އެކަމަކު އާރިމްއަށް އިންތިޒާރު ކުރާނީ ރަނާ ބޭނުމިއްޔާއޭ. އެހެން މީހަކާ ގުޅެން ބޭނުންނަމަ ހަމަ ރަނާ ދާންވީއޭ." އާރިމް އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިންނަން ފެށުމުން އަނެއްކާވެސް ވާހަކަ ދެއްކީ ސިރާޖެވެ.
އާރިމްއަށް ދެންވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ހިތުގައި އަދިވެސް ވަނީ ނަޝާގެ ނަމެވެ. އަންހެނަކަށް ދެ ފިރިހެނުން ޙަލާލު ނުވާނެކަން އެނގޭއިރުވެސް އޭނާއަށް އަދިވެސް އެދެވެނީ ނަޝާއަށެވެ. އެވާހަކަ އޭނާ ވަކި ހިއްސާކުރާނީ ކާކު ކައިރީގައި ހެއްޔެވެ؟ އެވާހަކަ ބުނެފިނަމަ މީހުން ބުނާނީ އޭނާއަކީ މޮޔައެއްކަމުގައެވެ.
"ދަރިފުޅު އެއްޗެއް ބުނެބަލަ. މަންމަވެސް ވަރަށް އެދޭ ތިދެކުދިން ކައިވެނިކުރަން. މަންމައާ ބައްޕަވެސް މިހާރު މިތިބީ މުސްކުޅިވެ ގައި ބާރު ދެރަވެފަ. މަރުވުމުގެ ކުރިން ކާފަ ދަރިންނާއެކު ވަގުތު ހޭދަކޮށްލުމަކީ ބައްޕަމެންގެ ވަރަށް ބޮޑު ހުވަފެނެއް. ދަރިފުޅަށް އެނގޭނެ މިހާރު މަންމަގެ ޙާލުވެސް ކިހާ ނާޒުކުކަން." ސިރާޖު ބެލީ އާރިމްއަށް ވިސްނައިދެވޭތޯއެވެ.
"މައްސަލައެއް ނެތް. އަހަރެން ރަނާއާ އިންނާނަން." އެންމެ ފަހުން ހިތުގެ ގޮވުމަށް ބީރު ކަންފަތެއްދީފައި އާރިމް ބުންޏެވެ. ކިތަންމެ ދުވަހަކު އޭނާ މީހަކާ ނީނދެ ހުއްޓަސް ނަޝާ ޔާސީންއާ އިނދެގެން ހުރިހާ ދުވަހަކު އޭނާއަށް ނަޝާއެއް ނުލިބޭނެއެވެ. ނަމަވެސް ނަޝާ ނޫން އެހެން ކުއްޖަކުދެކެ ލޯބިވުމަކީ ނުވާނެ ކަމެއްކަން މިހާރު އެނގިއްޖެއެވެ. އެހެންނަމަވެސް ލިބެން ނެތް އެއްޗެއްގެ އިންތިޒާރުގައި ދުވަސްތައް ބޭކާރުކޮށްލުމުގެ ބޭނުމެއް ނެތެވެ. ކޮންމެ ގޮތެއްވިޔަސް ކޮންމެވެސް ދުވަހަކުން މީހަކާ އިނދެ ރީތި ދިރިއުޅުމެއް އުޅެން އޭނާވެސް ބޭނުމެވެ. އެހެންކަމުން މައިންބަފައިން ހިތް ރުހޭ ކަމެއް ކޮށްގެން ވާނެ ދެރައެއް ނޯންނާނެއޭ އޭނާގެ ހިތަށް އެރިއެވެ.
އެރޭގެ ކެއުމުގައި ޙަމީދުއާއި ރަނާވެސް އާރިމްމެންގެ ޢާއިލާއާއެކު ބައިވެރިވިއެވެ. އެރޭ މަންމަގެ މޫނުންވެސް އާރިމަށް ފެނުނީ އުފާވެރިކަމެވެ. އެކަމާ އާރިމް ހިތްހަމަޖެހުނެވެ. ނަމަވެސް އޭނާ އިނީ އެތަނުގައި ދެކެވެމުންދިޔަ ވާހަކަޔާ އެހާ ގަޔާވެފައެއް ނޫނެވެ.
"ދަރިފުޅުމެން ކައިވެނިކުރަން ބޭނުންވާ ވަކި ތާރީޚެއް އެބައޮތްތަ؟" ސިރާޖު ސުވާލުކޮށްލާފައި އާރިމް އަދި ރަނާއަށް ވަކިވަކިން ބަލާލިއެވެ. އެވަގުތު އާރިމް އިސްއުފުލާލާފައި ރަނާއާ ދިމާއަށް ބަލާލިއެވެ. އޭރު ރަނާވެސް އިނީ އާރިމްއާ ދިމާއަށް ބަލަހައްޓައިގެންނެވެ.
"އަހަރެން ބޭނުންވާ ވަކި ހާއްސަ ދުވަހެއް ނެތް. ބައްޕަމެންނަށް ފެންނަ ގޮތަކަށް ހަމަ ކުރިއަށް ގެންދަންވީ." އާރިމް އޭނާގެ ޖަވާބު އިއްވާލިއެވެ. އެއީ އޭނާ ކޮންމެހެން ބޭނުންވެގެން ކުރާ ކައިވެންޏެއް ނޫންވިއްޔާއެވެ. އެހެންކަމުން އޭނާއަށް އެކަމުގައި ހާއްސަ އެއްވެސް ކަމެއް ނެތެވެ.
"ބައްޕަމެން ބޭނުން ދުވަހެއް ކަނޑައަޅުއްވާ. އަޅުގަނޑަށް މައްސަލައެއް ނެތް ކޮންމެ ދުވަހެއްވެސް." އާރިމްގެ ޖަވާބު އަޑު އަހާފައި ރަނާ ބުނެލިއެވެ.
ކައިވެނި ކުރަން ހަމަޖެހުނީ އޭގެ ތިން މަސް ފަހުގެ ތާރީޚެކެވެ. އެ ކައިވެންޏަކީ ދެފަރާތުގެވެސް ހަމައެކަނި ތިބި ދަރިންގެ އަލަތު ކައިވެންޏަށްވީތީ އެކަން ވަރަށް ކުލަ ގަދަކޮށް ގެންދަން އެމީހުން ބޭނުންވިއެވެ. ތިންމަސް ފަހަށް ހަމަޖެއްސީވެސް އެސަބަބަށްޓަކައެވެ. ކައިވެނީގެ ކަންތައްތަކުގައި އެއްވެސް އުނިކަމެއް ފެންނާކަށް ސިރާޖު އަދި ޙަމީދުވެސް ބޭނުމެއް ނޫނެވެ.
އޭގެ ފަހުން އާރިމް ރަނާއާ ކޮންމެވެސް ވަރަކަށް ވާހަކަދައްކަންފެށިއެވެ. ރަނގަޅަށް ދަސްވުމުން ގަޔާވެދާނެކަމުގެ އުންމީދުގައެވެ. އޭނާ ކިތަންމެ ބޭނުން ނުވިޔަސް ރަނާއަކީ އޭނާގެ ވާން އުޅޭ އަނބިމީހާއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އިސްނަގައިގެން ގުޅަނީ ރަނާއެވެ. އެކަމަކު ކުރިން ހަދާގޮތަށް ބަހަނާތަކެއް ދައްކާފައި އާރިމް ފޯނު ބާއްވާކަށް ނޫޅެއެވެ. އެ ގުޅުމަށް ފުރުސަތެއް ދޭން އޭނާ ނިންމީ މަންމައާއި ބައްޕަގެ އުފަލަށްޓަކައެވެ.
ކައިވެނީގެ ކަންތައްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށް ދިޔައެވެ. އެކަންކަމުގައި އިސްވެ އުޅުނީ ސިރާޖުއާއި ޙަމީދެވެ. ނަމަވެސް ކޮންމެ ކަމެއްވެސް ކުރުމުގެ ކުރިން އާރިމްއާއި ރަނާގެ ލަފަޔަށް އަހައެވެ. އާރިމް އެއްވެސް ކަމަކާ ފާޑެއް ނުކިޔައެވެ. އޭނާ ހުރީ ބައްޕަމެން ނިންމާ ކޮންމެ ގޮތަކަށް ރުހިގެންނެވެ.
މަންމަ ޑޮކްޓަރަށް ދެއްކުމަށްޓަކައި އެޕޮއިންޓްމެންޓެއް ހައްދަން އާރިމް އޭޑީކޭ ހޮސްޕިޓަލަށް ދިޔަ ދުވަހެކެވެ. އާދައިގެ މަތިން އެދުވަހަކީވެސް ހޮސްޕިޓަލްތެރޭގައި މީހުން ގިނަ ދުވަހެކެވެ. މެމޯ ހައްދައިގެން އާރިމް ހޮސްޕިޓަލުން ނުކުންނަން ހިނގައިގަތެވެ. ނަމަވެސް ތަންކޮޅަކަށް ގޮސްފައި އޭނާއަށް ހުއްޓެވުނީ ކުރިމަތިން ހިނގާފައި އައި މީހަކު ފެނިފައެވެ. އެއީ ހަމަ އެ މައުސޫމު މޫނެވެ. އެ ރީތި ދެލޮލެވެ. ކުޑަކޮށް ކޮލުގައި މަސްޖަހާލާފައި ހުރުމުން ރީތިކަން އިތުރުވެފައި ވެއެވެ. އާނއެކެވެ. އެއީ ނަޝާއެވެ. އޭނާގެ ހިތުގައި ރަނިކަންކުރަމުންދާ ހަމައެކަނި އަންހެން ކުއްޖާއެވެ.
ހިނގުމުގައި ބަރުހެލިކަމެއް ހުރިހެން ހީވެގެން އާރިމް ރަނގަޅަށް ނަޝާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ބަލާލިއެވެ. ބޭރަށް ނުކުމެފައިވާ ނަޝާގެ ބޮޑު ބަނޑު އާރިމްގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އޭރު ނަޝާއަށްވެސް އާރިމް ފެނިގެން ހިނިތުންވެލައިފިއެވެ. ނަމަވެސް ކުރީގައި އެ ހުންނަ އުފާވެރިކަން އެ ހިނިތުންވުމުގައި ނުވާހެން އާރިމްއަށް ހީވިއެވެ.
(ނުނިމޭ)



