ދަނޑުބިމެއް - ފޮޓޯ: ޕީއެސްއެމް

ދަނޑުވެރިކަމަށް ފަހި މާޙައުލެއް ގާއިމުކޮށްދިނުމަކީ، ސަރުކާރުން އިސްކަންދީގެން ތަންފީޒު ކުރާ ސިޔާސަތެއް

ދަނޑުވެރިކަމަށް ފަހި މާޙައުލެއް ގާއިމުކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަންފީޒުކުރަމުން އަންނަ ސިޔާސަތެއްކަމަށާއި، މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަހަރުގެ ދަނޑުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައި ވަނީ ޤައުމެއްގެ ފުދުންތެރިކަމާއި އަމިއްލަވަންތަކަން ކަށަވަރުވެގެންދާނީ، އެ ޤައުމަކީ ކާބޯތަކެތީގެ ޔަޤީންކަން ލިބިފައިވާ ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް ވެގެންކަމަށާއި އެހެންކަމުން، ސަރުކާރުގެ ސިޔާސަތު ބިނާވެފައިވަނީ، ޤައުމަށް މެދުވެރިވާ ކޮންމެ ޙާލަތެއްގައިވެސް، މިދެންނެވި ޔަޤީންކަން ރައްޔިތުންނަށް ލިބިދިނުމަށްކަމަށެވެ.

ދަނޑުވެރިކަމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަންފީޒުކުރަމުން އަންނަ ސިޔާސަތެއްކަމަށާއި އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް، ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް، މިއަހަރު ސަރުކާރުން ނިންމީވެސް، މި ޞިނާޢަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ ބޭނުމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ދަނޑުވެރިކަމަށް ފަހި ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން މިހާރު ނިންމާފައިވާނީ، މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށެވެ. އަދި ދަނޑުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، އިތުރު 6 ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް، މިދިޔަ ހަފުތާގައި އިޢުލާނުކޮށްފައިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދަޅުވެފައި ވަނީ ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން، މީގެ ކުރިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީވެސް، ސަރުކާރުގެ ވަޢުދާ އެއްގޮތަށް، މިހާރު ކަނޑާލާފައިވާނެ ކަމަށާއި އަދި މިދިޔަ އަހަރުން ފެށިގެން، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، ދަނޑުވެރިކަމަށް ސަރުކާރުން ލޯނު ދޫކުރަމުން އަންނަ ކަމަށެވެ. އަދި ދަނޑުވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ތަމްރީނު ޕްރޮގްރާމްތައް އިތުރުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ފަންނީ މަޢުލޫމާތު ފެތުރުމުގެ މަސައްކަތްވެސް އިތުރަށް ފުޅާކުރެވިފައިވާކަމުގައި މި ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.

މިއަދަކީ ރާއްޖޭގައި ފާހަގަކުރާ މި އަހަރުގެ ދަނޑުވެރިންގެ ދުވަސްކަމަށްވެފައި، އަދި މާދަމާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކާބޯތަކެތީގެ ދުވަސްކަމަށްވާއިރު, މި ދެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހީވާގި ދަނޑުވެރިންނަށާއި، ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ އެންމެހައި ބޭފުޅުންނަށް، ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮނުއްވާފައެވެ.

ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި، ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ ކުންފުންޏެއް އުފައްދަވާފައެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަޤީންކަން" މި ޝިޢާރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ