ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނަން- ނައިބު ރައީސް

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ބަންގްލަދޭޝްގެ ސަފީރަށް ދެއްވާކަމަށް ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވެފައިވަނީ މިއަދު އެމަނިކުފާނުގެ އަރިހަށް، ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން، ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގައެވެ.

އަދި އެމަނިކުފާނު ރާއްޖޭގެ ސަރުކާރުން އިސްނަގައިގެން ޤަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އަލުން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލުމުގައި ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްގެ ސަފީރަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމުގެ މެދުގައިވާ ބަދަހި ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށެވެ. އަދި، އެމަނިކުފާނު ވަނީ ބަންގްލަދޭޝް ސަރުކާރުން އެކި ގޮތްގޮތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރާއްޖޭގައި ގިނަ ޢަދަދަކަށް ބަންގްލަދޭޝްގެ ރައްޔިތުން ދިރިއުޅެމުންދާކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ އެކި ދާއިރާތަކުގައި ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާކަމުގައި ވިދާޅުވެފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ބަންގްލަދޭޝް ގެ ސަފީރު ވަނީ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ޙާލަތުގައި ވެސް ދިވެހި ސަރުކާރުން ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެދެއްވަމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ރާއްޖޭގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި، ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިކަމަށް ރައީސ ްއޮފީހުން ވިދާޅުވިއެވެ.. މިގޮތުން މަތީ ތަޢުލީމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ދެބޭފުޅުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ