މިސްރުގެ ސަރުކާރުން 10 ދުވަހުގެ ތެރޭ 49 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

މިސްރުގެ ސަރުކާރުން 10 ދުވަހުގެ ތެރޭ 49 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ހިއުމަން ރައިޓްސް ވޮޗް (އެޗް.އާރު.ޑަބުލިޔު) އިން ބުނެފިއެވެ.

މިހިނގާ އޮކްޓޫބަރު މަހުގެ ތިނަކުން މިމަހުގެ 13 އާއި ދެމެދު ތަންފީޒުކުރިކަމަށް ބުނާ މި މަރުގެ ހުކުމްތައް ތަންފީޒުކޮށްފައިވަނީ މަރާލެވުނު ކުއްވެރިންގެ އާއިލާތަކަށް އެންގުމަކާވެސް ނުލާކަމަށް އެޗް.އާރު.ޑަބުލިޔު އިން ބުނެއެވެ.

މިސްރުގައި އިންސާފުގެ ހަމަހަމަކަން ނެއްކަމަށާއި ހާއްސަކޮށް ސިޔާސީ ކުއްވެރިންނަށް އިންސާފުގެ ފުރުސަތު ހަނިއިރު މިފަދައިން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އިންސާނާގެ ދިރިހުރުމަށް ލިބިދޭ މިނިވަންކަމަށް އަރައިގަނެވޭ އަރައިގަތުމެއް ކަމަށް އެޗް.އާރު.ޑަބުލިޔު އިން ބުނެފައި ވެއެވެ.

10 ދުވަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވުނު 49 މީހުންގެ ތެރޭގައި ދެ އަންހެނުން ހިމެނޭއިރު މަރާލެވުނު 15 މީހަކު މަރާލައިފައިވަނީ ސިޔާސީ ގޮތުން މިސްރުގައި ހަމަނުޖެހުން ހިނގި ކަމުގެ ކުށުގައެވެ. މި ހަމަނުޖެހުމަކީ މިސްރުގައި އެންމެ ފުރަތަމަ ޑިމަކްރަސީގެ އުސޫލުން ވެރިކަމަށް އިންތިހާބުކުރި ރައީސް މުހައްމަދު މުރުސީގެ ވެރިކަން އަސްކަރީ ބަގާވާތަކުން ވައްޓާލުމާއި ގުޅިގެން ހިނގި ހަމަނުޖެހުން ތަކެވެ.

މަރުގެ ހުކުމް ތަންފީޒުކުރި 49 މީހުންގެ ތެރެއިން 10 މީހުން މަރާލައިފައިވަނީ 2014 ވަނަ އަހަރު ހަނގުރާމަވެރި ގުރޫޕަކުން މިސްރުގައި ދިން ހަމަލާތަކެއްގައި ބައިވެރިވިކަމުގެ ކުށުގައެވެ. މީގެއިތުރުން 2013 ވަނަ އަހަރު ފުލުހުންގެ އިދާރާއަކަށް ދިން ހަމަލާއަކާއި ގުޅިގެން ކުއް ސާބިތުވި ތިންމީހަކުވެސް މަރާލެވުނު 49 މީހުންގެ ތެރޭގައި ހިމެނެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ