ލޯބީގެ ބަދަލު (10)

(ނުވަވަނަ އަދަދާއި ގުޅޭ)

"ފްރެންޑްސް؟" އާރިމް ބޭނުންވީ ނަޝާއަށް އާރިމްއާ ކުރިމަތިލާން އުނދަގޫނުވާވަރުގެ ގުޅުމެއް ބާއްވާށެވެ. އެގޮތަށްވެސް ގުޅުން ދަމަހައްޓަން އޭނާ އެހުރީ ތައްޔާރަށެވެ.

"ހޫމްމްމް" ނަޝާގެ ޖަވާބު ކުރެވެ. ނަމަވެސް ދެކޮޅު ނުހެދީތީ އާރިމް ހިތްހަމަޖެހުނެވެ.

އޭގެ ފަހުން ދެދުވަހުން އެއްދުވަހުކަހަލަ ގޮތަކަށް އާރިމް ނަޝާ އުޅޭ ގެއަށް ދެއެވެ. ދާ ކޮންމެ ދުވަހަކު ދަނީ ކޮންމެވެސް ހަދިޔާއެއް ހިފައިގެންނެވެ. ބައެއް ދުވަސްދުވަހު ތަރުކާރީ، އަނެއްބައި ދުވަސްދުވަހު މޭވާ އަދި އަނެއްބައި ދުވަސްދުވަހު ޖޫހެވެ. އެގޭގައި އުޅޭ ކުޑަކުދިންނަށް ޗޮކްލެޓާއި މެޓާފަދަ ތަކެތިވެސް ގެންގޮސް ހަދެއެވެ. އެކަމުގެ ސަބަބުން އެކުދިންނާއި، އެކުދިންގެ މަންމަ ޒޫނާއާއިވެސް އާރިމްއާ ގުޅުން ބަދަހިވާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. ޒޫނާގެ ފިރިމީހާއަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއްކަމުން ގިނައިން އުޅެނީ ރަށުން ބޭރުގައެވެ. އެހެންކަމުން އާންމުގޮތެއްގައި އެގޭގައި ބޮޑު ފިރިހެނަކު ނުހުރެއެވެ. އެކަން އެނގުމުން އާރިމްގެ ފޯނު ނަންބަރު ޒޫނާއަށް ދިނެވެ. އަދި އެއްވެސް ކަމަކު ބޭނުންވެއްޖެނަމަ ގުޅުމަށް އެދުނެވެ. އެކަން ޒޫނާ ހެޔޮ ހިތުން ބަލައިގަތެވެ. އާރިމް ކިތަންމެ ވަރަކަށް އެގެއަށް ދިޔަ ނަމަވެސް ނަޝާ އެހާ ގިނައިން އާރިމްއާ ވާހަކަ ދައްކައެއް ނުހަދައެވެ. އާރިމް އޭނާއާމެދު ދެކޭގޮތް އެނގުމުން ކުރިން ވާހަކަދައްކާ އުޅުނު ގޮތަށް ވާހަކަދައްކަން ފަސްޖެހެވުނެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާރިމް އޮފީހުން އައިސް ގެއަށް ވަދެފައި ފޯނު ބަލާލިއިރު ރަނާގެ މެސެޖެއް އައިސްފައި އޮތެވެ. އޭގައި އޮތީ އޭނާ ނަޝާއާ ބައްދަލުކޮށްލަން ދާން ބޭނުންވާ ވާހަކައެވެ. ގުޅިޔަސް ގިނަފަހަރު އާރިމް ފޯނު ނުނަގާތީ ރަނާ މިހާރު ކަމެއް ބޭނުންވުމުން ނުވަތަ ޙާލު ބަލާލަންވިޔަސް ކޮށްލަނީ މެސެޖެކެވެ. އޭރުން އާރިމް ކިތަންމެ ބުރަކޮށް އުޅުނުނަމަވެސް ހުސް ވަގުތެއް ލިބުމުން ޖަވާބުދޭނެކަން އޭނާއަށް އެނގެއެވެ. އާރިމްއަށްވެސް އެގޮތް މާ ކަމުދެއެވެ. ރަނާގެ މެސެޖް ފެނިފައި އާރިމްއަށް ކުޑަކޮށް އުނދަގޫވިއެވެ. ނަޝާ ހީކޮށްފާނެ އެއްޗަކާމެދު ވިސްނާލެވުނެވެ. ނަމަވެސް ނަޝާ ބުނާ އެއްޗެއް ބަލާލަން އޭނާ ނަޝާއަށް މެސެޖެއް ކޮށްލިއެވެ. އާރިމްގެ ނަސީބުކަމެއް ނުވަތަ ބަދުނަސީބުކަމެއް ނޭނގެއެވެ. ނަޝާ އެކަމަށް އެއްބަސްވިއެވެ. އަދި ރަނާ ގޮވައިގެން އެރޭގެ ކެއުމަށް އެގެއަށް އައުމަށް ދަޢުވަތު ދިނެވެ.

އެރޭ ރޭގަނޑު އަށްގަޑި ބައިވީއިރު އާރިމް އިނީ ރަނާ ގޮވައިގެން ގޮސް ނަޝާމެންގޭގައެވެ. ރަނާ ދިޔައީ ނަޝާއަށް ކުޑަ ހަދިޔާއެއްވެސް ހިފައިގެންނެވެ. އެމީހުން ދިއުމުން ނަޝާ ވަރަށް ރަނގަޅަށް މެހެމާންދާރީ އަދާކުރިއެވެ. ޒޫނާ އަދި ހަފީޒާއަށް ރަނާ ތަޢާރަފްކޮށްދިނީ ނަޝާއެވެ. އާރިމްގެ ވާން އުޅޭ އަނބިމީހާގެ ގޮތުގައެވެ. އާރިމް އިނީ ނެގިމަޑުވެފައެވެ. ކާން ތިބިއިރުވެސް ގިނަ ވާހަކަ ދެއްކީ ނަޝާ، ރަނާ އަދި ޒޫނާއެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ އާރިމް ނުބުނެއެވެ. އެރޭ އާރިމްގެ މިޒާޖަށް އައިސްފައިވާ ބަދަލު ނަޝާއަށް ފާހަގަކުރެވުނެވެ. ރަނާ ނުލާ އަންނަ ދުވަސްދުވަހު އާރިމް ވަރަށް ފޯރީގައި އެކި ވާހަކަ ދައްކައެވެ. ނަމަވެސް އެގޮތަށް ދައްކާ ވާހަކަތަކުގެ ތެރޭގައި އޮޅުމަކުންވިޔަސް ރަނާގެ ނަންވެސް ނުގަނެއެވެ.

ކައި ނިމިގެން އިރުކޮޅަކު ވާހަކަ ދައްކާލަން އެމީހުން މަޑުކޮށްލިއެވެ. އެވަގުތުކޮޅުގައި ރަނާގެ އެދުމުގެ މަތިން ނަޝާގެ ކައިވެނީގެ ޙަފްލާގެ ފޮޓޯތައް ރަނާއަށް ދެއްކިއެވެ. ފޮޓޯ ތަކުން އާރިމް ފެނިގެން ރަނާ ވަރަށް ގަޔާވެގެން އެވާހަކަ ދެއްކިއެވެ. އޭރު އާރިމް ހަރު މީހެއް ވައްތަރު ނުޖަހާ ވާހަކަޔާއި، މިހާރާއި އޭރުގެ ހުރި ތަފާތުތައް ވަކިވަކިން ފާހަގަކުރިއެވެ. ފޮޓޯތަކުގެ ތެރެއިން ޔާސީންގެ ސޫރަ ފެންނަ ކޮންމެ ފަހަރަކު ނަޝާގެ ހިތުގައި އެތައް ވޭނެއް އަޅަމުންދިޔައެވެ. ނަމަވެސް އޭނާ އިނީ އެކަން ނުދައްކަން ވަރަށް ހިތްވަރުކޮށްގެންނެވެ. އެކަމަކު އާރިމްއަށް އެކަން އިޙުސާސްވިއެވެ. ނަޝާގެ ލޮލުގައިވާ ރިހުން އާރިމް ދެނެގަތެވެ. އެހެންކަމުން މާ ގިނައިރުނުވެ ގެއަށް ދާން ބޭނުންވާކަމުގެ ބަހަނާ އާރިމް ދެއްކިއެވެ. އެވަގުތު ނަޝާއަށް އާރިމްއާ ދިމާއަށް ބޭއިޚްތިޔާރުގައި ބަލާލެވުނެވެ. އާރިމްގެ ލޮލުން އެވަގުތުވެސް ލޯތްބާއި ހަމްދަރުދީ ނޫން އެހެން އެއްޗެއް ނަޝާއަކަށް ފާހަގައެއްނުކުރެވުނެވެ. އެހިނދު ނަޝާގެ ހިތަށް އެރިއެވެ. އާރިމްއަކީ ކޮންކަހަލަ އިންސާނެއްހެއްޔެވެ؟ ލޯބިވާ މީހާއަށް އެހެން މީހަކު ފެނިގެން އަސަރުކުރާކަން އެނގޭއިރުވެސް ޙަސަދަވެރިކަމުގެ އެއްވެސް ޝުޢޫރެއް އެ މޫނުންނާއި ލޮލުން ފާޅެއް ނުވެއެވެ. ފެންނަން ހުރީ ހަމައެކަނި ލޯތްބެވެ. އަޅާލުމެވެ.

"ނަޝާއަކީ ހާދަ ނައިސް ކުއްޖެކޭ. އެކަމަކު ހާދަ ދެރަ ގޮތެކޭ ދިމާވީ ދޯ؟" ގެއަށް ދިޔަ މަގުމަތީގައި ރަނާ ބުންޏެވެ.

"ހޫމްމްމް..." އާރިމް އިނީ ވާހަކަދައްކާ ހިތްވާފަދަ މޫޑެއްގައެއް ނޫނެވެ. އެހެންކަމުން އޭނާގެ ޖަވާބު ކުރެވެ.

އެރޭގެ ދަންވަރުގެ ވަގުތެވެ. އާރިމްއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ބަލާލިއިރު ގުޅަނީ ނަޝާގެ ނަންބަރުންނެވެ. އޭރު ގަޑިން މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. ވަގުތުން އާރިމްގެ ލޮލުން ނިދީގެ އަސަރު އެއްކޮށް ފިލައިގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ފޯނު ނެގިއެވެ.

"އާރިމް!!!.... މަންމަ......" އާރިމްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެކޮޅުން އިވުނީ ނަޝާގެ ރޮވިފައިވާ އަޑެވެ. އެ އަޑު ހަމަ ކަންފަތުގައި ޖެހުމާއެކު އާރިމްއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ.

"އަހަރެން އެބަ ދަން." އާރިމް އަވަސް އަރުވާލާފައި ޖަވާބުދިނެވެ. އަދި އެހާމެ އަވަހަށް ޓީޝާޓެއް ބޮލަށް މަހާލުމަށްފަހު ތިރިން ޖިންސެއް ލައިގެން ބޮލުގައި އަތްފުނާ އަޅަމުން ކޮޓަރިން ނުކުމެ ދުއްވައިގަތެވެ. އޭރު އާރިމްގެ ހިތް ނެގިނެގިފައި ޖެހެއެވެ. އަދި ނަޝާއަށް ވާނީ ކިހިނެއްހެއްޔެވެ؟

އާރިމް ދިޔައިރު ހަފީޒާ އޮތީ ޚަބަރު ހުސްވެފައެވެ. ނަޝާ ބުނިގޮތުން މަންމަ ގޮވާހެން ހީވެގެން ހޭލެވުނުއިރު އޮތީ އަނގައިން ފޮނުތަކެއް ނުކުމެ ހެޔަށް ގޮތްވެފައެވެ. އާރިމް ލަސްނުކޮށް އެމްބިއުލެންސަށް ގުޅިއެވެ. ހަފީޒާ ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް ވެއްދީ އަވަސް ފަރުވާދޭ ކޮޓަރިއަށެވެ. އޭރު ނަޝާގެ ލޯ ހުރީ ރޮއިރޮއި ދުޅަވެފައެވެ. ކޯތާފަތްމަތިންވެސް ރަތްކަމެއް ފާޅުވާން ހުއްޓެވެ. ކުދިން އެކަނިވާނެތީ ޒޫނާ މަޑުކުރީ ގޭގައެވެ.

"ނަޝާ. ޕްލީޒް ނުރޮއި ހުއްޓާލާ. އިރާދަކުރެއްވިއްޔާ މަންމައަށް އެއްވެސް ދެރަގޮތެއް ނުވާނެ." އާރިމް އައިސް ނަޝާގެ ކޮނޑުގައި އަތް ޖައްސާލަމުން ބުންޏެވެ. އަދި ފުރަގަހުން އަތް ގެންގޮސް ނަޝާގެ ކޮނޑުގައި އަޅުވާލުމަށްފަހު ކޮޓަރި ދޮރުމަތީގައި ހުރި ގޮނޑިބަރިއާ ދިމާއަށް ހިނގައިގަތެވެ. ވަގުތުގެ ނާޒުކުކަމުން ނަޝާ ހުރީ މީހެއްގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.

ގޮނޑީގައި އިށީނދެ އިރުކޮޅެއް ނުވެ އަވަސް ފަރުވާދޭ ކޮޓަރި ދޮރު ހުޅުވާލާފައި ޑޮކްޓަރަކު ނުކުތެވެ. އަދި އާރިމްއަށް ލޮލުގެ އިޝާރާތުން ގޮވާލިއެވެ. އެވަގުތު އަވަސް އަވަހަށް އާރިމް އެދިމާއަށް ދިޔައެވެ. ޑޮކްޓަރު ދެއްކި އެއްވެސް ވާހަކައެއް ނަޝާއަކަށް އަޑެއް ނީވެއެވެ. އިރުކޮޅަކާ ޑޮކްޓަރުވެސް އަދި އާރިމްވެސް ނަޝާއާ ދިމާއަށް ބަލާލައެވެ. މޫނުމަތީގެ ކުލަވަރުން ޑޮކްޓަރު ދިނީ އުފާވެރި ޚަބަރެއް ނޫންކަން ނަޝާއަށް ދެނެގަންނަން އެނގުނެވެ. އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު އާރިމްގެ ކޮޑުގައި މަޑުމަޑުން ޖަހާލުމަށްފަހު ޑޮކްޓަރު އަނެއްކާވެސް ނުކުތް ދޮރުން އެތެރެއަށް ވަނެވެ.

"ކީކޭ ޑޮކްޓަރު ބުނީ؟" އާރިމް އައިސް ކައިރިއަށް ހުއްޓިލުމާއެކު ނަޝާ ސުވާލުކޮށްލިއެވެ. އޭރު އާރިމްގެ މޫނުމަތިން ފެންނަމުންދިޔައީ މާޔޫސްކަމެވެ. އާރިމް އެ ހުރިގޮތަށް ހުރެފައި ނަޝާގެ ކުރިމަތީގައި އުޑަފައިން އިށީނެވެ. އަދި އިސްދަށަށް ޖަހާލުމަށްފަހު ނަޝާގެ ދެއަތުގައި ވަރަށް މަޑުމަޑުން ހިފާލިއެވެ. ހީވަނީ ހިތްވަރުދިނުމުގެ ގޮތުން ކޮށްލި ކަމެއްހެންނެވެ.

"އާރިމް؟؟؟؟" އާރިމް ގެ ޙަރަކާތްތަކުން ނަޝާގެ ކެތްތެރިކަން ކޮޅުންލާންފެށިއެވެ. އެހެންކަމުން އޭނާއަށް އާރިމްއަށް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ.

"ނަޝާ..... މަންމަ ނިޔާވެއްޖެ." ތަންކޮޅެއް ބާރަށް ނަޝާގެ އަތަށް ފިތާލަމުން އާރިމް ބުންޏެވެ. އާރިމްގެ ދުލުން ނުކުތް އެ ބަސްތައް ވީ ނަޝާއަށް ވިހައެއްކަމުގައެވެ.

"ނޫން. ތިއީ ދޮގެއް! ބުނޭ ތިއީ ދޮގެކޭ!" ނަޝާ އިނީ އެވާހަކަ ޤަބޫލުކުރަން ބޭނުން ނުވެފައެވެ.

"ނަޝާ ހިތްވަރުކުރޭ! ޑޮކްޓަރު ބުނީ މަންމައަށް އަނެއްކާވެސް ސްޓްރޯކެއް ޖެހުނީއްޔޭ. ސަލާމަތްކުރެވޭތޯ ވަރަށް މަސައްކަތްކުރީމޭ. އެކަމަކު އަޖަލު ހަމަވީމަ މަންމަގެ ފުރާނަ ގެންދެވީ." އާރިމް ނަޝާއާ ހަތަރުކަޅި ހަމަކޮށްލައިގެން އިނދެ ޑޮކްޓަރު ކިޔައިދެއްވި ވާހަކަތައް ނަޝާއާ ހިއްސާކުރިއެވެ.

"އެކަމަކު ކީއްވެ؟ ދެން އަހަރެން ކިހިނެއް ހަދާނީ؟ ކީއްވެތަ އެންމެން އަހަރެން ދޫކޮށްފަ ދަނީ؟ ފުރަތަމަ ބައްޕަ. ދެން ޔާސީން. ދެން އެދިޔައީ މަންމަ. އަހަރެންވެސް ބޭނުމީ މަރުވާން." އެވަގުތު ނަޝާ އިނީ ރަނގަޅަށް އެއްޗެއް ވިސްނޭފަދަ ޙާލަތެއްގައެއް ނޫނެވެ. އެހެންކަމުން އޭނާގެ ބޮލަށް އެވަގުތު ވެރިވާންފެށީ ތާކުންތާކު ނުޖެހޭ ބޭކާރު ޚިޔާލުތަކެވެ.

"ތިހެން ނުބުނޭ ނަޝާ. އަހަރެން މިހުރީއެއްނު. އަހަރެން ނަޝާއަށް އެހީވާނަމޭ. ޕްލީޒް ތިކަހަލަ ވާހަކަ ނުދައްކާ. ބަނޑުގައި މިއޮތް ދަރިފުޅަށްޓަކާވެސް ނަޝާ ޖެހޭނެ ކެތްތެރިވާން." އާރިމް  ނަޝާގެ އަތުގައި ނިތްކުރި ޖައްސާލަމުން ބުންޏެވެ. ނަޝާ އިން ޙާލު ފެނިފައި އޭނާގެ ލޯވެސް ފެން ކަޅިވިއެވެ. އެޙާލުގައި ނަޝާ ވާތަން ދެކޭކަށް އޭނާގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ.

ހަފީޒާގެ ކަށުކަމާކެމީގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ އާރިމްގެ ބެލުމުގެ ދަށުންނެވެ. ކަށު ނަމާދު އޮތީ އެރޭގެ ފަތިސް ނަމާދަށް ފަހުގައެވެ. ކަށުނަމާދުގައި ބައިވެރިވީ ޒޫނާއާއި، މާލޭގައި އުޅޭ ނަޝާމެން ރަށުގެ މަދު ބަޔެކެވެ. ހަފީޒާ ސަހަރާއަށް ގެންދެވުނީއްސުރެ ނަޝާ އިނީ ހުއްޓުން އަރާފައެވެ. އެއްވެސް މީހަކާ އަނގައިންވެސް ނުބުނެއެވެ. އާރިމްއާއި ޒޫނާ ގޮސް އެތައް ވާހަކައެއް ދެއްކުމުންވެސް އަނގަޔަކުން ނުބުންޏެވެ. އޭރު އޭނާގެ ލޮލުން ކަރުނަ އައުންވެސް ހުރީ ހުއްޓިފައެވެ. ނަމަވެސް ނަމާދު ވަގުތު ޖެހުމުން ޒޫނާއާއެކު ނަޝާ ނަމާދުކުރާ ތަނަށް ވަނެވެ. އަދި ނަމާދަށްފަހު އެތައް އިރެއްވަންދެން ދުޢާއަށް އަތް ނަގައިގެން އިނެވެ.

ހަފީޒާ ވަޅުލުމަށްފަހު ޒޫނާއާއި ނަޝާ ގޮވައިގެން ޓެކްސީއެއްގައި އާރިމްވެސް އެގެއަށް ދިޔައެވެ. ގެއަށް ވަނުމަށްފަހުވެސް ނަޝާ އަނގަޔަކުން ނުބުނެއެވެ. ސިޓިންގރޫމްގައި ހުރި ސޯފާއެއްގައި އިށީންގޮތަށް އެއް ދިމާއަކަށް ނަޒަރު ހުއްޓާލައިގެން ގަބު އަރާފައި އިނީއެވެ. އެހެންކަމުން ޒޫނާ ގޮސް ޖޫސްތައްޓެއް ހަދައިގެން ގެނަސް ނަޝާ އަތަށް ދީފައި ބޯލުމަށް އެދުނެވެ. ނަމަވެސް ޖޫސްތަށި އަތަށް ލައިގެންވެސް ނަޝާ އިނީ ތުމުގައި ނުޖަހައެވެ. އެމަންޒަރު ފެނުމުން އާރިމްގެ ހިތަށް ވަރަށް ތަދުވިއެވެ. ޖޫސްތަށި ބޯލައިގެން ގޮސް އަރާމުކޮށްލުމަށް އާރިމްވެސް އެތައް ފަހަރަކު އެދުނެވެ. ނަމަވެސް ނަޝާއަށް އެއްވެސް އެއްޗެއް އަޑު ނީވޭފަދައެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ޖޫސްތަށި ބަހައްޓާފައި ނަޝާ ތެދުވެގެން ހިނގައިގަތެވެ. އަދި އޭނާ އުޅޭ ކޮޓަރިއަށް ވަނެވެ. އެމަންޒަރު ބަލަން ހުރެފައި ޒޫނާ ގޮސް ކޮޓަރި ދޮރު ހުޅުވާފައި ބަލާލިއިރު ނަޝާ އޮތީ ކުރިން ހަފީޒާ އޮތް އެނދުގައި އޮށޯވެގެން ދޮރަށް ފުރަގަސްދީގެންނެވެ. އެހެން އޮތް އިރު އޭނާ ނޭފަތްދަމާލާ އަޑު އިވޭތީ ރޮނީކަން ޒޫނާއަށް އެނގުނެވެ. ނަޝާ ހަމައަކަށް އެޅެން ވަގުތުކޮޅެއް ބޭނުންވާނެކަން އެނގޭތީ ޒޫނާ މަޑުމަޑުން ދޮރު ޖަހާފައި ނުކުތެވެ.

"ކޮބާ ނަޝާ؟" ޒޫނާ ސިޓިންގ ރޫމަށް ނުކުތް ތަން ފެނިފައި އާރިމް ސުވާލުކޮށްލިއެވެ.

"އެބައޮތް އޮށޯވެ. ރޮނީހެން ހީވަނީ. ދައްތައަށް ފެންނަނީ އިހަށް އެކަނި އެގޮތަށް ބާއްވާލަން." މާޔޫސްކަމާއެކު ޒޫނާ ބުންޏެވެ.

އާރިމްގެ ބައްޕަގެ ދެވަނަ ކޯލު އައީ އެވަގުތުއެވެ. ކުރިން ބައްޕަ ގުޅިއިރު އޭނާ ހުރީ ސަހަރާގައެވެ.

"މިދަނީ." ފޯނު ނަގާފައި އިތުރު ތަފްސީލު ނުދީ އާރިމް ބުންޏެވެ.

"ދައްތާ. އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ އަހަންނަށް ގުޅާތި. ނަޝާގެ ޙާލު ގޯސްވިޔަސް އަންގާތި. އަހަރެން ފަހުން އަންނާނަން. މިވަގުތު ގޮސްލީ އިނގޭ." ގޮނޑިން ތެދުވެފައި ޒޫނާއާ ހަތަރުކަޅި ހަމަކޮށްލަމުން އާރިމް ބުންޏެވެ. އާރިމްގެ ދެލޮލުން ޒޫނާއަށް ފެނުނީ ކަންބޮޑުވުމެވެ. ނަޝާއާމެދު އާރިމް އަޅާލާކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޒޫނާއަށް ވަނީ ފާހަގަކުރެވިފައެވެ. އަދި އެ އަޅާލުމަކީ ރަޙުމަތްތެރިޔަކާމެދު އަޅާލާ އަޅާލުމަށްވުރެ ގާތް ގުޅުމެއްކަން މިއަދު ޒޫނާއަށް ޔަޤީންވެއްޖެއެވެ. ނަމަވެސް އާރިމް އުޅެނީ މީހަކާ އިންނަންކަންވެސް ޒޫނާއަށް އެނގެއެވެ. އަދި ނަޝާއަކީ މީހަކާ އިނދެ، ހުވަފަތްވެ، މަންމައަކަށް ވާން ތައްޔާރުވެފައި އިން ކުއްޖެކެވެ. ކޮންމެގޮތެއްވިޔަސް ޒޫނާވެސް ނަޝާއަށް ރަނގަޅު ގޮތެއް ފެންނަން ބޭނުންވެޔެވެ. މިހާރު އެ އަންހެންކުއްޖާ އެވަނީ މީހެއްގެ އެހީތެރިކަމަށް ނުހަނު ބޭނުންވެފައެވެ. ނަމަވެސް އެހެން މީހެއްގެ ދިރިއުޅުން ހަލާކުކޮށްލާކަށް އޭނާވެސް ނޭދެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ