އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ،2023 ވަނަ އަހަރު ރާއްޖޭގައި ނުބޭއްވޭނެކަމަށް ޔޫތް މިނިސްޓަރ މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މަހްލޫފް ވިދާޅުވީ،2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ބިޑް ކާމިޔާބުކޮށްފައިވާ އައިއޯއައިޖީ، ކޮވިޑް-19 ގެ މި ހާލަތާއި ގުޅިގެން ކުރިމަތިވެފައިވާ ގިންޖެހުން ތަކުގެ ސަބަބުން އެ އަހަރު އައިއޯއައިޖީ ރާއްޖޭގައި ބޭއްވޭނެ ގޮތެއް ނެތްކަމަށެވެ.
"މުޅި ދުނިޔެއަަށް ކޮވިޑްގެ އުނދަގޫ ޖެހުނު އިރު ރާއްޖެއަކީ އެންމެ ބޮޑަށް އިކޮނޮމީއަށް އެކަމުގެ އަސަރުކޮށް، އަޅުގަނޑުމެން މި ފެސިލިޓީތައް ޑިވެލޮޕްކޮށް، އަދި މުޅި ގޭމްސް ރާވާ ހިންގަން ވަގުތެއް ވެސް ނެތް،" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ، އެތައް ބައިވަރު ޒުވާނުންތަކެއްގެ ވަޒީފާ ގެއްލި އެތައް ބަޔެއްގެ އާއްމުދަނީ މަދުވެ، ހުރިހާ ވިޔަފާރިއަކަށް އޭގެ އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެކަމަށް ފޯކަސް ކޮށްގެން އެވަރުގެ ބޮޑު ގޭމެއް 2023ގައި ބޭއްވުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ.
މިކަމާއި ގުޅިގެން އައިއޯއައިޖީގެ ހާއްސަ ކޮމިޓީއާއި މީގެ ފަސްވަރަކަށް ދުވަސް ކުރިން ބައްދަލުކޮށް އެ ބޭފުޅުންގެ ސަމާލުކަމަށް އެކަން ގެނެވިފައިވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް އިތުރަށް ވިދާޅުވީ، 2023 ގައި ގައިމުވެސް އައިއޯއައިޖީ ނުބޭއްވޭނެކަމަށާއި، ނަމަވެސް 2025 ގައި އެ ގޭމްސް ބާއްވަން ފުރުސަތު ދީފި ނަމަ އެ ގޭމްސް ބާއްވަން މަސައްކަތް ކުރާނެ ކަމަށެވެ.



