ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން އިޢުލާން ކޮށްފިއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުން މިއަދު ވަނީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރަކު ބޭނުންވެގެން އިޢުލާން ކޮށްފައެވެ. އެގޮތުން ސިވިލް ކޯޓަށް 1 ފަނޑިޔާރަކު ބޭނުންވެގެން އިޢުލާން ކޮށްފައިވާއިރު ކްރިމިނަލް ކޯޓަށްވެސް އިޢުލާން ކޮށްފައިވަނީ 1 ފަނޑިޔާރަކު ހޯދުމަށެވެ.
މި ދެކޯޓުގެ ފަނޑީޔާރު ކަމަށްކުރިމަތިލާ ފަރާތްތަކުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ހުންނަން ޖެހޭއިރު ޢުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވާން ޖެހެއެވެ.
މީގެ އިތުރުންވެސް އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ މީހަކު ކަމުގައި ވާން ޖެހެއެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 09 ނޮވެމްބަރު 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށައަޅުއްވަން ޖެހެއެވެ. އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޖޭއެސްސީގެ ރަސްމީ އީމެއިލް އެޑްރެހަށް ފޮނުވުމުން ފޯމް ބަލައިގަންނާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.