ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާން ބުނި ސަރުކާރުން ޤައުމުގެ ރިޒާވް ނެތިކޮށްލައިފި ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ފިޗް އިން ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ރޭޓް ދެ ފަހަރު ދަށް ކޮށްފައެވެ. އެގޮތުން އަހަރު ފެށުނު އިރު ރާއްޖޭގެ ރޭޓިން އޮތީ ބީ ޕްލަސްގައެވެ. ނަމަވެސް ފަހުން ބީ އަށް ދަށްކޮށް މިހާރު ވަނީ ސީސީސީ އަށް ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ.
ފިޗްގެ މިނިންމުމާއި ގުޅިގެން ރާއްޖެއިން ވަނީ އެ ނިންމުމާ ދެކޮޅުކަން ހާމަކުރައްވައި ބަޔާނެއް ނެރުއްވާފައެވެ. ފިނޭންސް މިނިސްޓްރީން ނެރުއްވާފައިވާ މި ބަޔާނުގައި ވިދާޅުވެފައިވާ ވަނީ ފިޗް އިން ރާއްޖޭގެ ރޭޓިން ދައްކޮށްފައި ވީ ނަމަވެސް ރާއްޖޭގެ އިޤްތިޞާދު ވަނީ ރަނގަޅު ވާން ފަށާފައި ކަމަށެވެ.
ރާއްޖޭގެ ފިޗް ރޭޓް ދައްކޮށް ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭއަށް ބޭރު ފައިސާ ހޯދަން ދަތިވެފައިވާކަމަށާއި އަދި ރާއްޖެ އޮތީ އިންޓަނޭޝަނަލް ކޮމިޔުނިޓީގެ އެއްބާރުލުމަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ.
މިކަމާއި ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުން ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ބުނި އެމްޑީޕީން ޤަޢުމްގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާންޖެހުން ސިސްޓަމަކަށް ހަދައިފި ކަމަށެވެ.
"ފިޗުން ކްރެޑިޓް ރޭޓިން ދަށްކުރުމުން ރައްޔިތުންނަށް ތަކްލީފް ބޮޑުވާނެ. އެތައް ޖީލަކަށް އިޤްތިޞާދު ފުނޑުފުނޑުވެގެން އެ ދިޔައީ." ޖަމީލް ވިދާޅުވިއެވެ.
ރައްޔިތުން ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ބުނި އެމްޑީޕީން މިވަނީ ޤަޢުމްގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާންޖެހުން ސިސްޓަމަކަށް ހަދާފައި. ފިޗުން ކްރެޑިޓް ރޭޓިން ދަށްކުރުމުން ރައްޔިތުންނަށް ތަކްލީފް ބޮޑުވާނެ! އެތައް ޖީލަކަށަ އިޤްތިޞާދު ފުނޑުފުނޑުވެގެން އެ ދިޔައީ! pic.twitter.com/iCwywNEg89
— Mohamed Jameel Ahmed (@MJameelAhmed) November 8, 2020
ރާއްޖޭގެ ފިޗް ރޭޓް ދައްކުރުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ފިޗުގެ ރޭޓިން ދަށް ކުރި ނަމަވެސް އެ އަޑުއަހަން ޖެހޭ ކަމަށާއި ބޭރު ފަރާތްތަކަށް ދައްކަން ޖެހޭ ލޯނުތައް ރީސްޓްރަކްޗާ ކޮށްފިނަމަ ގައުމު ދަރަނި ނުވާނެ ކަމަށެވެ. އަދި ޓޫރިޒަމް ކުރިއަރައި ދަތުރުފަތުރުކުރުން ގިނަވަމުންދާތީވެ ގައުމު ދަރަނިވެރި ނުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.