ބީއެމްއެލްގެ މުވައްޒަފުން ސައިން ލޭންގުއޭޖު ދަސްކުރަނީ!

ގައުމީ ބޭންކް ބީއެމްއެލްގެ މުވައްޒަފުންނަށް ސައިން ލޭންގުއޭޖު ދަސްކޮށް ދޭން ނިންމައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބީއެމްއެލް އިން ހިންގި ހަރަކާތްތަކާ ބެހޭ ގޮތުން އެ ކުންފުނިން ބުނި ގޮތުގައި، އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން އެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެ ގޮތުން އަޑުއިވުމުގެ ދަތިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް 30،000 ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ. އެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށް އެ ބޭންކުން ބުންޏެވެ. އެ ޖަމިއްޔާގެ މެންބަރުން ވަނީ ބޭންކުގެ މެއިން ބްރާންޗަށް ޒިޔާރަތްކޮށް ބޭންކުގެ ބައެއް މަސައްކަތް ހިނގާ ގޮތް ބަލައި މުވައްޒަފުންނާއެކު ވަގުތު ހޭދަކޮށްފައެވެ.

މި ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވުނު އިތުރު ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު މޮޓޮރައިޒްޑް ވީލްޗެއާ ވެސް ހަދިޔާ ކުރުން ހިމެނެ އެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 125 އަށް ވުރެ ގިނަ ވީލްޗެއާ ވަނީ ހަދިޔާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ