ބޭންކް އޮފް މޯލްޑިވްސް "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށް ބޭނުންކުރަން ފަށައިފިއެވެ.
އެރަށުގެ ގިނަ ރައްޔިތުން މިހާރުވެސް ދަތުރު ދިއުމަށް ބޭނުން ކުރާ މި ސަރަހައްދު ވަނީ ފަސޭހަކަމާ އެކު ބޭނުންކުރެވޭނެހެން ހިޔާވާނެ ގޮތަށް އަތިރިމަތީގައި ކުޑަ ޖަހައި، ހަޓް ހަދައި، ޖޯލިފަތި ބަހައްޓައި، އުނދޯލި ގެއެއް ގާއިމްކޮށް ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަނެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ.
އަދި މީގެ އިތުރުން ކަސްރަތު ކުރުމަށް ހާއްސަ ތަނެއް ހަދައި، ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ވަޅެއް ވަނީ ބަހައްޓާފައެވެ. މި ސަރަހައްދު އިތުރަށް ފެހިކުރުމަށްޓަކައި ވަނީ 30 ރުކާއި އިތުރު ގަސްވެސް އިންދާފައެވެ. އަދި މި ތުނޑިއަށް ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް ޑަސްޓްބިންވެސް ވަނީ ބަހައްޓާފައެވެ.
Th. Kandoodhoo Thundi is open for the community to enjoy a beautiful picnic area! ????
Supported by our Community Fund, this is a natural space for people to come together, strengthen familial relations and build a socially connected society. pic.twitter.com/hEBjhOrNOU
— Bank of Maldives (@bankofmaldives) December 12, 2020
މި ޕްރޮޕޯސަލް ކާމިޔާބުކުރި ކަނޑޫ ސްޕޯރޓްސް ކްލަބުގެ ފަރާތުން ބުނީ ރަށުގެ ތުނޑި ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އާއިލީ އަދި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.
"މުސްތަގުބަލުގައި މިތަން އިތުރަށް ތަރައްގީކޮށް އަވަށްޓެރި ރަށްތަކުގެ ރައްޔިތުންނަށްވެސް މިސަރަހައްދު ބޭނުން ކުރެވޭނެހެން ބޭއްވުމަކީ އަޅުގަނޑުމެންގެ ތަސައްވަރު. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމުގައި އަޅުގަނޑުމެންގެ ކްލަބްގެ މެންބަރުންކޮށްދެވި ބުރަމަސައްކަތަށާއި ކައުންސިލް އިން ވެދެއްވި އެހީތެރިކަމަށް ޝުކުރުދަންނަވަން" އެ ފަރާތުން ބުންޏެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދެވިފައެވެ.
								
											


														
														
														
														
														
														