ބޭންކް އޮފް މޯލްޑިވްސްގެ ބާޒާރު ބްރާންޗް އަދި އެއަރޕޯޓް ބްރާންޗް މިމަހުގެ 22 އިން ފެށިގެން ބަންދުކުރާނެކަމަށް ބީއެމްއެލް އިން ވިދާޅުވެއްޖެއެވެ.
އެބޭންކުން ވިދާޅުވީ މި 2 ބްރާންޗް ބަންދުކުރުމަށް ނިންމީ ކޮވިޑް-19ގެ ސަބަބުން އެ ބޭންކުގެ ގިނަ ޙިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވުމާއެކު، ޙިދުމަތްތަކަށް ވަކިން ޙާއްސަ ބްރާންޗްތައް ކަނޑައެޅިފައި ހުރުމުގެ ސަބަބުންކަމަށެވެ.
ބީއެމްއެލްގެ ބާޒާރު ބްރާންޗް އަދި އެއަރޕޯޓް ބްރާންޗް ބަންދުކުރިނަމަވެސް، އެތަންތަނުގައި ހުރި އޭޓީއެމްގެ ޙިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި އެއަރޕޯޓްގައި މަނީ އެކްސްޗޭންޖްގެ ޙިދުމަތް ކުރިއެކޭ އެއްގޮތަށް ފޯރުކޮށްދޭނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ބީއެމްއެލްއިލް ވަނީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ބޭންކުން ފޯރުކޮށްދޭ ޙިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސަދީފައެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 64 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 127 އޭޓީއެމް ބަހައްޓައި ބީއެމްއެލްއިން އަންނަނީ ރައްޔިތުންނަށް ޙިދުމަތް ފޯރުކޮށްދެމުންނެވެ.
								
											


														
														
														
														
														
														