ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ މިއަދު ދިވެހިރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވި ވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނުގެ އަރިހުގައި، އިންޑިއާ ސަރުކާރުގެ އިސް ވެރިންގެ ވަފްދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދެޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވެވުމާއި ދެޤައުމުގެ މެދުގައި ބައެއް އެއްބަސްވުން ބަދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދު ހަވީރު 16:00 ގައި ޖުމްހޫރީ މައިދާނުގައެވެ.
އަދި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާނެއެވެ. އޭގެ ފަހުން ދެނަމާދު ދޭތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނެއެވެ.
މޯދީއަށް ދިވެހި ދައުލަތުގެ ފަރާތުން ދޭ އެންމެ މަތީ އެއް ޝަރަފް ކަމަށްވާ "ނިޝާން އިއްޒުދީން އިއްޒަތުގެ ވެރިކަން - އެން.އައި.އައި.ވީ" އަރުވަން ސަރުކާރުން ވަނީ ނިންމަވާފައެވެ.
މޯދީގެ މި ދަތުރުފުޅަކީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.