ބީއެމްއެލް އިސްލާމިކްއިން އައު އެޑިޔުކޭޝަން ފައިނޭންސިންގ ފެސިލިޓީއެއް ތައާރަފްކޮށްފިއެވެ.
މިއަދު ތައާރަފް ކުރެވުނު އެޑިއުކޭޝަން ފައިނޭންސިން އަކީ ޝަރުއީ ހަމަތަކަށް ފެތޭ ގޮތަށް އިޖާރާގެ ދަށުން އެކުލަވާލެވިފައިވާ ފެސިލިޓީއެއް ކަމަށްވާ އިރު، އެ ފެސިލިޓީގެ ދަށުން ސެޓިފިކެޓް ލެވަލްގެ ކޯސްތަކުން ފެށިގެން ޕީއެޗްޑީ އާއި ހަމައަށް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.
އެޑިޔުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ޓިއުޝަން ފީ، ދިިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ހޭދަވާނެ ޚަރަދުތައް ހިމަނައިގެން ޖުމްލަ ޚަރަދުގެ 75 އިންސައްތަ އާ ހަމައަށް ފައިނޭންސްކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފައިސާ ދައްކާ ޚަލާސްކުރުމަށް އެންމެ ދިގުމުއްދަތެއްގެ ގޮތުގައި 10 އަހަރު ކަނޑައެޅިފައިވާއިރު މި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 11 އިންސައްތައިގެ ރޭޓުގައެވެ. މި ފައިނޭންސިންގއަށް އަނބުރާ ފައިސާ ދައްކަން ފަށަން ޖެހޭނީ ދަރިވަރުން ތައުލީމު ހާސިލްކުރުމަށްފަހުގައެވެ.
Introducing Education Financing which offers opportunities to pursue higher education from certificate level courses to doctorates!
More details: https://t.co/dS1vqmChs8 pic.twitter.com/O4bAPA59rJ
— Bank of Maldives (@bankofmaldives) December 23, 2020
ތައުލީމް ހާސިލްކުރުމަށް ޖުމްލަ ހިނގާނެ ޚަރަދުގެ 25 އިންސައްތަ ފައިނޭންސިންގއަށް އެދި ހުށަހަޅާ ފަރާތުން އަމިއްލަ އަށް ޚަރަދު ކުރަން ޖެހޭނެއެވެ. އަދި ރަހުނުގެ ގޮތުގައި ފައިނޭންސްކޮށްދޭ އަދަދުގެ 150 އިންސައްތައަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެއެވެ.
ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ އެޑިޔުކޭޝަން ފައިނޭންސިންގއަކީ އިސްލާމިކް ފައިނޭންސިންގ ފެސލިޓީ އެއް މެދުވެރިކޮށް މަތީ ތައުލީމު ހާސިލްކުރުމުގެ އުއްމީދު ކުރަމުންދާ ދަރިވަރުންނަށް ހުޅުވިގެންދާ ފަހި ފުރުސަތެއްކަމަށެވެ.
އަދި ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށްކަމަށް އޭނާ ވިދާޅުވިއެވެ.
								
											

