އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖެހުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ޙުއްދަ ދީފިއެވެ.
އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން ތައްޔާރުކުރާ ކޯވިޑް ވެކްސިން ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ އެ ޖަމުޢިއްޔާއިން ދީފައިވާއިރު، ދެކުނު ކޮރެއާގެ އެސްޓްރަޒެނެކާ-އެސްކޭބަޔޯ ޖެހުމުގެ ހުއްދަ ދީފައިވާކަމަށްވެސް ޑަބްލިއުއެޗުއޯގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޑަބްލިއުއެޗުއޯއިން ބުނީ އެ ޖަމުޢިއްޔާއިން ބެލި ބެލުމުން އެ އިދާރާއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އެސްޓްރަޒެނެކާގެ ވެކްސިން ފެތޭކަމަށެވެ.
ކުއްލި ޙާލަތުގައި އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ޑަބްލިއުއެޗުއޯއިން ދީފައިވާއިރު، އެ ޖަމުޢިއްޔާގެ ސްޓްރެޓީޖިކް އެޑްވައިސަރީ ގުރޫޕް އޮފް އެކްސްޕާޓްސް، ސޭޖުން އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރާނެގެ ގޮތުގެ ލަފާ މީގެ ދުވަސްކޮޅެއްކުރިން ވަނީ ދީފައެވެ.