ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށްޓަކައި ފަށައިފައިވާ ވެކްސިން ޕްރޮގުރާމުގެ ދަށުން 50،000 ވުރެ ގިނަ މީހުންނަށް ރާއްޖޭގައި ކޮވިޑް ވެކްސިން ދީފިއެވެ.
ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވިދާޅުވީ މިހާތަނަށް މުޅި ޖުމްލަ 50،047 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށެވެ.
ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގުރާމު މިމަހުގެ ފުރަތަމަ ދުވަހު ފަށައިފައިވާއިރު މިހާތަނަށް މުޅި ޖުމްލަ މާލޭ އޭރިއާއިން 39،309 މީހުންނަށްވަނީ މި ވެކްސިން ދީފައެވެ. އަދި އަތޮޅުތެރޭ ރައްތަކުން ވެކްސިން ދިން މީހުންގެ އަދަދަކީ 10،519 އެވެ. ރިސޯޓުތަކުން ވެކްސިން ދިންމީހުންގެ އަދަދަކީ 219 އެވެ.
*️⃣ COVID-19 : Vaccination updates pic.twitter.com/inY3JsOU5u
— Health Protection Agency (@HPA_MV) February 16, 2021
ރާއްޖެއިން މިވަގުތު ޖަހަމުން އަންނަނީ އިންޑިއާއިން ހިލޭ އެހީގެދަށުން ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރާޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ.
ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް ލިބިފައިވާއިރު، މިއީ 50،000 މީހުންނަށް ޖެހޭނެ ވެކްސިނެވެ. ވެކްސިން ދިނުމުގެ ފުރަތަމަ ފޭސްގެ ދަށުން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއްދެއެވެ.