ކޮވިޑް ވެކްސިން ޖެހުމަށް އިދިކޮޅުން ގޮވާލައިފި

ރާއްޖޭގައި ބޭނުން ކުރަމުންދާ އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖެހުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިން ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަން އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗުއޯގެ ސްޓްރެޓިޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާރޓްސް އޮން އިމިއުނައިޒޭޝަން (ސޭޖް)ގެ މާހިރުން ކުރި ހަތަރު ހަފްތާގެ ދިރާސާ ނިމި، ދެކުނު ކޮރެއާގައި ތައްޔާރުކުރާ އޮކްސްފޯޑުގެ އެސްޓްރާޒެނެކާ މަރުކާގެ ވެކްސިނާއި އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާތީވެ، އެކަމަށް އިޖާބަދީ ވެކްސިން ޖެހުމަށް ދިވެހިރައްޔިތުނަށް ހިތްވަރުދޭ ކަމަށެވެ.

"މިކޯލިޝަނުން އަބަދުވެސް އިސްކަންދީ، ބާރުއަޅާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. އެގޮތުން، ވެކްސިންތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ދެނެގަތުމުގެ ފަންނީ ޤާބިލިއްޔަތު ރާއްޖޭގައި ޤާއިމުކުރެވިފައިނުވާ ހިނދު އަދި އެފަންނުގެ ދުނިޔޭގެ ފެންވަރުގެ މާހިރުން އަދި ރާއްޖޭގައި ނެތް ހިނދު، ޒަމާނުއްސުރެ އެފަދަ ކަންކަމުގައި
އަމަލުކުރަމުން އައި ގޮތް ކަމުގައިވާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ލަފަޔާއި އިރުޝާދު ބަލައިގަތުމަކީ މިކޯލިޝަނުން ކުރިއަށްއޮތްތާނގައިވެސް ކަންކުރާނެގޮތެވެ." ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި، އެގޮތަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކަށްވެސް ނަސޭހަތްތެރިވާ ކަމަށާއި، ޕްރޮގްރެސިވް ކޯލިޝަނުން ޤަބޫލުކުރާގޮތުގައި، ރައްޔިތުންގެ ޞިއްޙަތަށްވުރެ ކުރިއަށް ނެރެވޭނެ އެއްވެސް އެހެން އެޖެންޑާއެއް އޮވެގެންނުވާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން ނެރުނު ބަޔާނުގައި، އަދި އެޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް ގެބްރިއޭސުސް ނޫސްވެރިންނަށް ދެއްވި މަޢުލޫމާތުގައި ވަނީ، އެޖަމްޢިއްޔާގެ އީ.ޔޫ.އެލް. އަށް މި ދެ މަރުކާގެ ވެކްސިން އިތުރުކުރެވުނުކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި، އެ މަރުކާތަކުގެ (ލަފާދީފައިވާ ދުރުމިނުގައި ދެވޭ) ދެ
ޑޯސަށްފަހު ކޮވިޑުން ރައްކާތެރިވުމުގެ 63.09 އިންސައްތަ ފުރުޞަތު އޮންނާނެކަން ހާމަކުރައްވާފައެވެ. މިއީ 95 އިންސައްތަ ޔަޤީންކަން އޮންނަ ފައިޒަރ ބަޔޯއެންޓެކް މަރުކާއަށްވުރެ ދަށް އަދަދެއްކަމުގައިވިއަސް، ރާއްޖެފަދަ ވެކްސިން ކޯލްޑް ޗޭން ޤާއިމުކުރެވިފައިނުވާ ޤައުމުތަކުގައި މި މަރުކާ ބޭނުންކުރުމުގެ ފަސޭހަތައްވެސް އެޖަމްޢިއްޔާގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ވެކްސިން ޖެހުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލުމުގެ އިތުރުން، ޑަބްލިޔު.އެޗްއޯ މެދުވެރިކޮށް ވެކްސިންގެ ސަލާމަތްތެރިކަން ކަށަވަރުވެފައިވާ ހިނދު، އެކަމަށް ދެވޭ އިތުރު ހިތްވަރެއްގެ ގޮތުން، ޕްރޮގްރެސިވް ކޯލިޝަނުގެ އިސްވެރިންނާއި ކައުންސިލް މެންބަރުން ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ޖަހާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

އެހެން ބައެއް މަރުކާތަކުގެ ވެކްސިންވެސް ރާއްޖެ ގެނެވިފައިވާކަމަށާއި، ނުވަތަ ގެންނަން ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވާތީ، އެ މަރުކާތައްވެސް ޑަބްލިޔު.އެޗް.އޯ. ގެ އީ.ޔޫ.އެލް. ގައި ހިމެނިފައިވޭތޯ ކަށަވަރުކުރުމަށާއި، އޭގެ ކުރިން އާންމުކޮށް ޖަހަން ނެރެ، އެ މަރުކާތައް ބޭނުންކުރަން ރައްޔިތުންނަށް ބާރު އެޅުން އެއީ ޒިންމާދާރުކަމެއް ނޫންކަން ހަނދާންކޮށްދީ، ސަރުކާރަށް މިކަމުގައި ނަސޭހަތްތެރިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ