ދިވެހި ޙައްޖުވެރިންތަކެއް - ފޮޓޯ: ސަން

ހައްޖު ކޯޓާތައް ބާތިލްކޮށް، އަލުން ބީލަމަށް ހުޅުވާލަން އެދިއްޖެ

ޙައްޖަށް މީހުން ގެންދިއުމުގައި ކޮރަޕްޝަން އެކުލެވޭ ކަމުގެ ތުހުމަތާއެކު މައްސަލަ ބޮޑުވެފައިވަނިކޮށް، ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތަކަށް ދިން ހައްޖު ކޯޓާތައް ބާތިލްކޮށް، އަލުން ބީލަން ހުޅުވާލަން ސިސިލްފަރު ކުންފުނިން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެ އެވެ.

ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތައް:

1- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ – 69965ރ 
2- ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް – 72550ރ 
3- މިނާ ޙައްޖު އެންޑް ޢުމްރާ – 69965ރ 
4- ޒަޢީ ގުރޫޕް ޕްރައިވެޓް ލިމިޓެޑް – 70000ރ 
5- އެކްރޯ ޕްރައިވެޓް ލިމިޓެޑް – 59965ރ
6- ޙައްޖު ކޯޕަރޭޝަން

އެކަމުގައި މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ކުންފުނިން އެ މައްސަލަ ކޯޓަށް ހުށަހެޅިޔަސް، ކޯޓުން ނިންމީ ކޯޓަށް އައުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް އެ މައްސަލާގައި ފުރިހަމަ ނުކުރާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހެންވެ، މާލިއްޔަތު ގަވާއިދުގެ ދަށުން ކޯޓަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތު ފުރިހަމަ ކުރުމުގެ ގޮތުން، ސިސިލްފަރުން އިސްލާމިކް މިނިސްޓްރީ އަށް އިއްޔެ ހުށަހެޅި ޝަކުވާގައި ވަނީ އެކަމަށް ކުރިމަތިލި ކުންފުނިތަކަށް ޕޮއިންޓް ދިނުމުގައި މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހޭ ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައެވެ.

ހަމައެއާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ވެސް އެކަމުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ ކުންފުނިތަކަށް ދިން ހައްޖު ކޯޓާތައް ބާތިލްކޮށް، ބީލަން އަލުން ހުޅުވާލަން ސިސިލްފަރުން އެ ޝަކުވާގައި އެދިފައިވެއެވެ.

ޙައްޖަށް މީހުން ގެންދިއުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި، އެކަމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބެލެވޭކަމަށް ވިދާޅުވެ އޭސީސީން ގެންދަނީ އެ މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް