ރާއްޖޭގައި ކޮވިޑް ވެކްސިން ދިންމީހުންގެ އަދަދު 200،000 އަށްވުރެ އިތުރުވެއްޖެއެވެ.
ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް ވެކްސިން ކެމްޕެއިންގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދާއި ހަމައަށް އައިއިރު ކޮވިޑް ވެކްސިން ދިންމީހުންގެ އަދަދު 206،114 އަށް އަރައިފައިވާ ކަމަށެވެ.
ކޮވިޑް ވެކްސިން ދިންމީހުންގެ އަދަދު 206،114 އަރައިފައިވާއިރު މީގެތެރޭގައި ހިމެނެނީ މާލޭ އޭރިއާއިން 116،636 އާއި އަތޮޅުތެރޭ ރައްތަކުން 89،478 އެވެ.
*️⃣ COVID-19 : Vaccination updates pic.twitter.com/jjVFkdxEcA
— Health Protection Agency (@HPA_MV) March 14, 2021
މާލޭ އޭރިއާގައި މާދަމާއަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމުގެ އެންމެ ފަހުދުވަހަށް ވާއިރު އަންނަ އޭޕްރީލްމަހު ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭގައި މިހާތަނަށް ޖަހަމުން އައިސްފައިވަނީ އޮކްސްފޯޑް އާއި އެސްޓްރާޒެނެކާއިން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން ފޯމިއޯލާ ބޭނުން ކޮށްގެން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދައިފައިވާ ކޮވިޝީލްޑް ވެކްސިނެވެ.
ރާއްޖެއަށް މިހާތަނަށް މި ވެކްސިންގެ ލިބިފައިވަނީ 212،000 ޑޯޒްއެވެ. މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެދަށުން ލިބުނު 200،000 ޑޯޒް ވެކްސިނާއި އަދި ކޮވެކްސް ފެސިލިޓީއިން ލިބުނު 12،000 ޑޯޒް ވެކްސިނެވެ.