ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގާއިމުކުރި އޮންލައިން ޕޯޓަލްއަށް މިހާތަނަށް 400 އެތައް މައްސަލައެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން "ޒީރޯ ޓިލަރަންސް ޓު ކޮރަޕްޝަން" ކެމްޕޭނު، ރައީސް އޮފީހުން ލޯންޗުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
ސަރުކާރުގެ އިދާރާތަކުގައި ހުރި ކޮރަޕްޝަނަށް ތުހުމަތުވާ ކަންކަން ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅޭނެ ޕޯޓަލްއަށް މިހާތަނަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާކަމަށް ރައީސް އޮފީހުގައި ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ދާދި ދެންމެ އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ހޫދު ވިދާޅުވީ ހުށަހެޅުނު 400 މައްސަލައިގެ ތެރެއިން ސުވާލު އުފެދޭ ބައެއް މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
"ވެބްސައިޓަށް މިހާތަނަށް އެބައޮތް 400 އެތައް މައްސަލައެއް ލިބިފައި. އޭގެ ތެރެއިން ސުވާލު އުފެދޭ 18 މައްސަލައެއް މިހާރު ވާނީ އޭސީސީއަށް ފޮނުވާފައި އިތުރަށް ބަލައި ތަހްޤީޤު ކުރުމަށް އެދިފައި." ހޫދު ވިދާޅުވިއެވެ.
ބާކީ މައްސަލަތަކުގައި އެކަށީގެންވާ ބުރަދަން ނެތްކަމަށް ބަލާ ދޫކޮށްލާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.




