ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (4)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ތިންވަނަ އަދަދާއި ގުޅޭ

ދިރިއުޅުމަކީ އެފަދަ އެއްޗެކެވެ. ހީވެސްނުކޮށްހުއްޓައި ހާލަތު ބަދަލުވެދަނީ އެކަމަށް ތައްޔާރުވެލާނެ ފުރުސަތެއްވެސް ނުދީއެވެ. ހިނދުކޮޅެއްގެ ތެރޭގައި އަމިއްލަ ދުނިޔެ އެފުށްމިފުށަށް ޖަހައިލަމުންނެވެ. ދިރިއުޅުން ހަނގުރާމައަކަށްވެދަނީ އެއްވެސް ސަބަބެއް ނެތިއެއްނޫނެވެ.

* * * * *

އީކް އޮތްކޮޓަރީގެ ދޮރުހުޅުވައިލި ހައިތަމްގެ ފަހަތުން ލުތުފީ އާއި ނާއިފް ވަނެވެ. ހަމަހިމޭންކަމާއެކު އެއްފަރާތަކަށް ގެއްލިފައި ދެލޮލުން ކަރުނަ އޮއްސަން އޮތް އީކް ފެނުމުން ލުތުފީގެ މެޔަށް ބާރުވެލިއެވެ. ހަރަކާތެއްވެސް ކޮށްނުލައި ބުދެއްހެން އޭނާ އޮތީ އަމިއްލަ ދުނިޔެއެއްގައެވެ. ވަށައިގެން ހިނގަމުންދާ އެއްވެސް ކަމަކަށް އީކްގެ އެއްވެސް ސަމާލުކަމެއްނެތެވެ. ހިންދިރުވައިލަމުން އަވަސްއަވަހަށް ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ލުތުފީ ފުހެލިއެވެ. ފަހަރެއްގައިވެސް އީކްގެ ކުރިމަތީގައި ބަލިކަށިވާކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވެއެވެ. ހިތްވަރާއެކު އީކް އާއި ކުރިމަތިލައި އޭނާއަށް ހިތްވަރުދޭން ލުތުފީ ހުރީ ބޭނުންވެފައެވެ. މިއަދު އެއަންހެންކުއްޖާ ތަހައްމަލު ކުރަމުންދާ ވޭނުގައި އޭނާއާއެކު ހުރުމަށް އެދެވުނެވެ. ހިތުގައިވި ދަރިކުލުނު އެހެން ހުރިހައިކަމަށްވުރެ ލުތުފީއަށް މުހިންމެވެ.

"އީކް.. ދަރިފުޅާ.." އެއްފަރާތަކަށް އޮތް އީކްގެ ބޮލުގައި ފިރުމައިލަމުން ލުތުފީ ލޯތްބާއިއެކު ގޮވައިލިއެވެ. ގާތުގައި މީހަކު ހުރިކަންވެސް އީކްއަށް އިހުސާސުވީ ދެނެވެ. އެއްވެސް އަސަރެއް ނެތް ގޮތަކަށް ގާތުގައިހުރި ލުތުފީއަށް އީކް ބަލައިލިއެވެ. އެދެލޮލުގައިވި ހުސްކަން ލުތުފީވެސް ދުށްޓެވެ. ކަރުނުން ބަރާވެފައިވި ދެލޮލުން އެތައް ޝަކުވާއެއް ފައުޅުވާން ހުއްޓެވެ. ބަސްހުއްޓި ލުތުފީއަށްވެސް ހުރެވުނީ އީކްގެ މިލައިފައިވި މޫނަށް ބަލާށެވެ. އެތައްވާހަކައެއް ދައްކަން ހިތުލި ނަމަވެސް ދުލާއި ހަމައަށް އެންމެ ލަފުޒެއްވެސް ނައެވެ. އެއަށްވުރެ ހިތަށް ކުރަމުންދިޔަ އަސަރު މާފުނެވެ.

"ދަ..ރި..ފުޅު.." ލުތުފީގެ އަޑު ކިރިޔާ ނުކުމެލީއެވެ. ދެތުންފަތް ފިއްތައިލި އީކްގެ ގިސްލުމުގެ އަޑު އެތުންފަތް ފޫއަޅުވައިލަމުން ނުކުތީ ކުއްލިއަކަށެވެ. އަޑުން އަޑުނަގައި އޭނާއަށް ރޮއެގަނެވުނީ ލުތުފީގެ މޫނުން މާކިން ސިފަވެފައެވެ. އެމޫނަށް ބަލަންއިނދެ ގިސްލަގިސްލައިފައި އީކް ރޮމުންދިޔަ ގޮތުން ލުތުފީގެ ލޯވެސް ތެންމައިލިއެވެ. ހިތްވަރުކޮށްފައި އެނދު ކައިރީގައިހުރި ގޮނޑީގައި ލުތުފީ އިނށީނެވެ.

"ޝްޝްޝް... ހުއްޓާލާ ދަރިފުޅާ... ތިވަރަށް ހިތާމަކުރާކަށް ނުވާނެ.. ހިތާމައިންގޮސް މީހާ ހަލާކުވެދާނެ.. ހިތްވަރުކުރަން ވާނެ.. ބައްޕަ ދަންނަ އީކް އަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް.. މިއީ ކޮންމެ އިންސާނަކަށްވެސް އަންނާނެ ދުވަހެއް ދަރިފުޅާ.. އަހަރެމެން ދިރިތިބީންނަށް އޮތީ ކެތްތެރިވެ މައްޔިތާގެ މައްޗަށް ވީހައިވެސް ގިނައިން ހެޔޮދުޢާ ކުރުން.. ބައްޕައަށް އެނގޭ.. ވިސްނެންވެސް ވިސްނޭ.. ދަރިފުޅުގެ ހިތަށް ކުރާނެ އަސަރު.. އެހެނަސް ދަރިފުޅާ.. މިއީ ﷲ ގެ ނިޔާފުޅުކަންދަނެ ކެތްތެރިކަން އިސްކުރެވޭތޯ މަސައްކަތްކުރޭ.. މާކިންވެސް ބޭނުމެއްނުވާނެ އީކް އަބަދު ރޮއެހިތާމަ ކުރާކަށް.. މާކިން ނެތް ދުނިޔެއެއްގަވެސް ދަރިފުޅު އުފަލުން ހުރުމަކީ މާކިންގެ އެދުމެއްކަން ޔަގީން.. މާކިންއަށްޓަކައިވެސް.. ހިތްވަރުކުރަން ދަސްކުރޭ.." އިސްޖެހިފައި އިނދެ ރޮމުންދިޔަ އީކްގެ ބޮލުގައި އެއްއަތުން ފިރުމަމުން، އަނެއް އަތުން އީކްގެ ތުރުތުރުއަޅަމުންދިޔަ އަތުގައި ހިފަހައްޓައިލައިގެން އިނދެ ހިތްވަރުކޮށްފައި ލުތުފީ ނަސޭހަތްތެރިވަމުންދިޔައެވެ. އެއަޑުއަހަންއިން އީކް އެދެލޯ ލުތުފީއަށް އަމާޒުކޮށްލުމާއެކު ލުތުފީ ބޯޖަހައިލީ އެވާހަކަތައް ގަބޫލުކުރާށޭ ބުނެލާފަދަ ގޮތަކަށެވެ. ލަސްލަހުން ބޯޖަހައިލި އީކްގެ އެހަރަކާތުގައިވެސްވީ މަޖުބޫރީއެވެ. ފުންނޭވައެއް ދޫކޮށްލަމުން އީކް ގާތުގައި އަރާމުކުރުމަށްބުނެ އިންތަނުން ލުތުފީ ތެދުވިއެވެ. ހައިތަމްގެ ކޮނޑުގައި މަޑުމަޑުން އަތުން ޖަހައިލަމުން އެތަނުން ނުކުންނަން ލުތުފީ ހިނގައިގަތެވެ. ހަގީގަތުގައި އީކްގެ އެވޭންދެނިވި ރުއިން އަޑުއެހުމަށް ލުތުފީއަށް ކެތްނުވީއެވެ. އެ ގިސްގެ އަޑުއިވޭ ކޮންމެ ފަހަރަކު ހިތަށްކުރާ އަސަރުގައި އޭނާގެ ހިތްވަރުއެލިދާން ބޭނުންނުވީއެވެ. އެކޮޓަރިން އަވަހަށް ނުކުތީ އޭނާއަށް ބާރަށް ރޮވިދާނެތީއެވެ. އެހެންވެއްޖެނަމަ އީކްގެ ކުޑަކުޑަ ހިތްވަރުވެސް އެއްކޮށް އެލޭގޮތްވެދާނެއެވެ.

* * * * *

އޮބްޒަރވޭޝަނުގައި ބާއްވާ ބޭނުންވާ ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރ ނައީމްއަށް ކުރެވުނު ހީ ޔަގީނަށް ބަދަލުވިއެވެ. ކުރިންވެސް ބުނިފަދައިން ގާތުގާތުގައި ސިކުނޑިއަށް ލިބުނު ޝޮކުގެ ސަބަބުން ވަގުތީގޮތުން ވާހަކަދެއްކުމުގައި ނުކުޅެދުންތެރިކަމެއް އީކްގެ ހުރިކަން އޭނާ ކަށަވަރުކުރިއެވެ. ޓެސްޓްތަކުގެ ނަތީޖާއާއި އެކު އޭނާ ވަކިން ހައިތަމްއާއި ބައްދަލުކޮށް އެޚަބަރު ދިނެވެ. ދުނިޔެ އެނބުރިގަތްކަހަލަ އިހުސާސެއް އެވަގުތު ހައިތަމްއަށް ކުރެވުނެވެ. ޑޮކްޓަރުގެ ވާހަކަތަކަށް ދޭނެ ޖަވާބެއް ކުޑަކޮށްވެސް އޭނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އޭނާ ބުނާނީވެސް ފަހެ ކީކޭ ހެއްޔެވެ؟ ހިމޭންކަމާއެކު ކަރުނައޮއްސުން ނޫންކަމެއް އޭނާއަށް ނުކުރެވުނެވެ. ހައިތަމްގެ ހާލު ވިސްނި އެތައް ހިތްވަރަކާއި ނަސޭހަތެއް ނައީމް ދިނެވެ. އުއްމީދުއާލާ ކޮށްދިނެވެ. މަސައްކަތްކޮށްފިނަމަ އެކަމަށްވެސް ފަރުވާހޯދައި އެކަމުން އަރައިގަނެވިދާނެކަމަށް ބުނެދިނެވެ. ވަގުތަކީ ކޮންމެ ކަމެއްގެވެސް ޝިފާއެވެ. ވަގުތާއެކު ހާލަތު ބަދަލުވެދެއެވެ. އަހަރެމެން އިންސާނުންނަށް އޮތީ ކެތްތެރިވެ މާތް ﷲ ގެ ހަޟްރަތުގައި ދެންނެވުމާއެކު ހާލަތު ބަދަލުވާނެ ވަގުތަކަށް އިންތިޒާރު ކުރުމެވެ.

އެކިގޮތްގޮތަށް ބެއްލެވުމަށްފަހު އީކްގެ ހާލަތު ރަނގަޅުވުމުން ގެއަށް ދިއުމުގެ ހުއްދަ ދިނެވެ. އީކްގެ ސާމާނުތައް ދަބަހަށް އަޅައި ޕެކް ކުރުމަށްފަހު އޭނާ ގަޔާލައި ފިއްތައިލައިގެންކަހަލަ ގޮތަކަށް ހޮސްޕިޓަލުން ނުކުމެ އޭނާގެ ޕްރައިވެޓް ކާރާއި ދިމާލަށް ހައިތަމް ދިޔައެވެ. ވަށައިގެން ފެންނަމުންދިޔަ މަންޒަރުތަކަށް އީކް ބަލަމުންދިޔައީ ތަފާތު ނަޒަރަކުންކަން ހައިތަމް ދެނެގަތެވެ. އެހެނަސް އެކަމާއި ވިއްދައި ހައިތަމް އެއްވެސް ބަހެއް ނުބުނެއެވެ. ކާރުގެ ކުރީ ދޮރުފަތްހުޅުވައިލަމުން އީކް ގާތުގައި އެރުމަށް ބުންޏެވެ. މަޑުމަޑުން ސީޓުގައި އިނށީދެ އީކް ހަމަޖެހިލުމާއެކު އަތުގައި އޮތް ދަބަސް ކާރުގެ ފަހަތު ސީޓް މަތީގައި ބާއްވައިލަމުން ވަށައިގެން އައިސް ޑްރައިވަރު ސީޓްގެ ދޮރުހުޅުވައި ކާރަށް އަރައި ހައިތަމްވެސް ހަމަޖެހިލިއެވެ.

މަޑު ދުވެއްޔެއްގައި ކާރުކުރިއަށް ދިޔައިރު ދޮރުފަތުގެ ބިއްލޫރިގަނޑުގައި ބޯޖައްސައިލައިގެން ބޭރަށް ނަޒަރު ހުއްޓައިލިގޮތަށް އީކް އިނެވެ. އިރުއިރުކޮޅުން ހައިތަމް އީކް އަށް ބަލައިލަނީ ކަންބޮޑުވެފައި އިނދެއެވެ. ބަހެއްނުކިޔަސް އޭނާގެ ވިސްނުމުގައިވީ އީކްގެ ޚިޔާލުތަކެވެ.

ޑޮކްޓަރ ނައީމްވަނީ އީކްއަށް ވިސްނޭނެފަދައިން ކުޑަގޮތަކަށް އޭނާގެ ހާލަތު އޭނާއަށް އޮޅުންފިލުވައި ދީފައެވެ. އެކަމަކުން އީކްގެ ހިތަށްކުރި އެއްވެސް އަސަރެއްނެތެވެ. ދުނިޔެމަތިން ފޫހިވެވައި އޭނާ ވީއިރު ވާހަކަނުދެއްކުމަކުން އީކްގެ އެއްވެސް ޝަކުވާއެއްނެތެވެ. އެއްވެސް މީހަކާއި ވާހަކަދެއްކުމުގެ ޝައުގެއްވެސް ޚުދު އޭނާގެ ނެތެވެ. އެކަނި އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި އިންނަންވެސް އޭނާގެ ހިތަށް މާފަސޭހައެވެ. މާކިން ނެތް ދުނިޔެއެއްގައި ހިނގާ އެއްވެސް ކަމަކަށް އޭނާގެ ފަރުވާލެއްނެތެވެ. އަމިއްލަ ހާލަތު ރަނގަޅުކޮށް އެބަލިން އަރައިގަތުމުގެ ޚިޔާލުވެސް އެސިކުނޑީގައި އެވަގުތު ނުވަނީއެވެ. އެއަށްވުރެ ދިރިއުޅުމަށް ވެރިވެފައިވި ފަޅުކަމާއި ހިތަށް ކޮށްފައިވާ އަސަރު މާފުނެވެ. ހިތުގައިލީ ޒަޚަމް ތާޒާކަމާއެކު ހުރިއިރު އަދިވެސް އެޒަޚަމުން ލޭއޮހޮރެމުންދިޔައެވެ. އެޒަޚަމް ފަސޭހަނުވަނީސް ދިރިއުޅުމާއިގެން ކުރިއަށްދާނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ.

ނާއިފްގެ ހުރުން ހަމަޖެހުނީ ހައިތަމްގެ ގޭގައެވެ. އީކް ބަލައި ހައިތަމް ދިއުމުން ކޮޓަރިން ނުކުމެވެންހުރި ބެލްކަނީގައި ފުންވިސްނުމަކަށް ގެއްލިފައި ނާއިފް ހުއްޓެވެ. އަތުގައިހުރި ކޮފީ މަގުން އާވި އަރައަރައި ހުއްޓެވެ. މުޅި އެހިސާބުވަނީ ކޮފީގެ މީރުވަހުން އެއްވަސްވެފައެވެ. ފަތިހުގެ އެހިތްގައިމު ވަގުތު މާޙައުލަށް ފެތުރިފައިވީ ތެތްފިނިކަމެވެ. ހީކަރުވައިގަންނަކަހަލަ ގޮތެއް ޖެހިލާ ރޯޅިތަކުގައިވެސް ވިއެވެ. ލަސްލަހުން ކޮފީގެ އެތިފޮދުބޮމުން ދިޔައިރު ދެން ހަދާނެގޮތަކާއި މެދުގައި އޭނާ ފިކުރުހިންގަމުންދިޔައެވެ.

ލައިގެންހުރި ފަޓުލޫނުގެ ޖީބުގައިއޮތް ފޯނު ރިންގްވާން ފެށުމުން އަވަސްއަވަހަށް ފޯނު ނަގައިފައި ބަލައިލެވުނީ ހައިތަމްގެ ކޯލެއްކަމަށް ހީކޮށެވެ. ނަމަވެސް ސްކްރީނަށް އަރައިފައިވި އީވާންގެ ނަން ފެނުމުން ހިސާބެއްގެ ހައިރާންކަމެއް އޭނާއަށް ވެރިވިއެވެ. ފޯނުނަގައި ކަންފަތުގައި ޖަހައިލަމުން ދަރިފުޅަށް ނާއިފް ގޮވައިލިއެވެ. އެއަޑުގައިވި މަޑުމައިތިރިކަން އީވާނަށްވެސް ފާހަގަވިއެވެ.

* * * * *

"ބައްޕާ.." ކެތްތެރިކަން ކުޑަވެފައި އިން އީވާންގެ އަޑުގައިވެސް މަޑުމައިތިރިކަން އެކުލެވިގެންދިޔައެވެ. "ބައްޕައަށް މަޢާފުކުރާތި.. މިކޮޅަށް އައިފަހުން ހާލަތުހުރިގޮތުން ބައްޕައަށް އެހައިވަރަށް ދަރިފުޅަށް ނުވެސްގުޅޭ ދޯ.." ލުއި ހުނުމަކާއެކު ނާއިފް ބުންޏެވެ. އެއީ އެވަރުކަމެއް ނޫންކަމުގައި ބުނަމުން އީވާންވެސް ހިނިތުންވެލިއެވެ.

ގޭގެ ބޮޑު ގޯތިތެރޭގައި ބަހައްޓައިފައިހުރި ކުޑަ ދަނގަޑު އުނދޯލީގައި އިނށީދެ އީވާން އިނެވެ. ހަމަޖެހެން އުޅުނަސް އެމޫނުމަތިން ފައުޅުވަނީ ކަންބޮޑުވުމެވެ. ނާއިފާއި އެކިވާހަކަ ދެއްކުމުގައި އިރުކޮޅަކު އިނުމަށްފަހު ނުކެރިހުރެފައިވެސް އީވާން އީކްގެ ހާލު އަހައިލިއެވެ. މާކުރިންވެސް އޭނާ އާއި އެސުވާލު އަމާޒުވާނެކަން ނާއިފަށް އެނގެއެވެ. ދަރިފުޅުގެ ހިތުގެހާލު ފޮރުވަން އުޅުނުކަމުގައިވިއަސް ނާއިފަށް ސިއްރުވެފައެއްނެތެވެ.

"އީކް.. ކުރިއަށްވުރެ ރަނގަޅު މިހާރު އަލްޙަމްދުލިއްލާޙް... އެކަމަކު.. ދަރިފުޅު ގާތުގައި ބައްޕަ ނުބުނާ ބައެއް ވާހަކަތައް އަދި އެބަހުރި.. މިވާހަކަތައް ދައްކާނެ ގޮތެއްވެސް ނޭނގެ.." ފުންނޭވައެއް ދޫކޮށްލަމުން ނާއިފް ބުނެލިއެވެ. އެއާއެކު އެއްވަރަކަށް އުނދޯލި ހެއްލައިލަ ހެއްލައިލާއިން އީވާންގެ ހަރަކާތްތަކަށް ވަގުތުން ހުއްޓުމެއް އައެވެ. އެއްޗެއް ނުބުނެ ނާއިފްގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް ފުރުސަތުދީގެން އީވާން އިނެވެ. އޭރު ނެގިނެގިފައި އެހިތް ޖެހެމުންދިޔައީ ލިބެން އުޅެނީ ރަނގަޅު ޚަބަރެއް ނޫންކަމުގައި ހީވެފައެވެ.

އީކްގެ ހާލު އޮޅުންފިލުމާއެކު އީވާންގެ ހިތަށް ގަދަވޭނެއްގެ އިހުސާސު ކުރެވުނެވެ. ތުންފަތުގައި ދަތްއަޅައިލަމުން ދެލޮލަށް ބޮނޑިވެގަންނަން އުޅުނު ކަރުނަތައް ގަދަކަމުން އީވާން ދިރުވައިލިއެވެ. މޭގައި ރިހުމެއް އުފެދިގެން ދިއުމާއެކު އެހިސާބުގައި އީވާނަށް ފިރުމައިލެވުނެވެ. ބުނާނެ އެއްވެސް އެއްޗެއް ނުވިސްނިފައި އީވާނަށް އިނދެވުނީއެވެ. ދަރިފުޅުގެ ހާލު ނާއިފް ދެނެގަތެވެ. އީވާނަށް ވަގުތު ދިނުމުގެ ގޮތުން އޭނާވެސް ހިނދުކޮޅަކު ހިމޭންކަން ޚިޔާރުކުރިއެވެ.

"ދަރިފުޅާ.. ބައްޕަ އެބަ ވިސްނަން ދުވަސްކޮޅަކަށް ހައިތަމްއާއި އީކް ގޮވައިގެން ތިކޮޅަށް ބަދަލުވާން.. މާޙައުލު ބަދަލުވެލަނިކޮށްވެސް އީކްއަށް ހެޔޮބަދަލެއް އަތުވެދާނެ.. އިރާދަކުރެއްވިއްޔާ ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ.. އީކް އަށްޓަކައި ހެޔޮދުޢާ ކުރޭ.. މިއަދު ހައިތަމްއާ މިވާހަކަ ދައްކާފަ ބައްޕަ ދަރިފުޅަށް ވަކިގޮތެއް އަންގާނަން.. އެމީހުން ދާން އެއްބަސްވެއްޖެނަމަ މޭރީ ލައްވާ ގޭގެ އެންމެ ބޮޑު ދެ ގެސްޓްރޫމްސް ސާފުކޮށް ތައްޔާރުކުރަންވާނެ.." ނާއިފް ދެންބުނެލި ވާހަކަތަކުން މާޔޫސްވެފައިވި އީވާންގެ މޫނަށް ފަނޑުހިނިތުންވުމެއް ވެރިވިއެވެ. ތުންފަތް ދެފަރާތަށް ދެމިގެންދިޔައިރު ހިތުގައި ހިތްގައިމު ރާގެއް ކުޅެވިގެންދިޔައެވެ. އީކްގެ ސޫރަ ދެކިލަން އޭނާގެ ހިތް ބޭޤަރާރުވަމުންދިޔައީ ކެތްނުވާވަރަށެވެ. ލުއިލުއިކޮށް ހީލަމުން އެންމެ ރަނގަޅުކަމުގައި އީވާން ބުންޏެވެ. މިހާރުންސުރެ އެދެބަފައިން އަންނާނެ އިރަކަށް އީވާނަށް އިންތިޒާރުކުރެވެމުން ދިޔައެވެ. ނާއިފްގެ އެދުން ހައިތަމް ގަބޫލުކުރަން އެދެވުނެވެ. ހިނިއައިސްފައި އިސްތަށިގަނޑުގައި އަތްހިންގައިލެވުނުއިރު ސިއްރެއްފަދައިން އީކް ގެ ނަން އެދުލުން ބޭރުވިއެވެ.

* * * * *

އީކްގެ ކޮޓަރީ ދޮރުހުޅުވައިލަމުން އެތެރެއަށް ވަތް ހައިތަމްގެ ފަހަތުން އީކްވެސް ވަނެވެ. ނެގިމަޑުވެފައި ހުރިއިރު އެލޮލުގައިވީ ވަރުބަލިކަމެވެ. އެއްފަރާތުގައި ހުރި ބޮޑު ސޯފާގައި އަތުގައިހުރި ދަބަސް ބަހައްޓައިލަމުން އީކްގެ ކޮނޑުގައި ފިރުމައިލައިފައި ކުޑަކޮށް އަރާމުކޮށްލުމަށްބުނެ ހައިތަމް ކޮޓަރިން ނުކުތެވެ. ދޮރުތަޅުލުމެއްވެސްނެތި ކުދި ފިޔަވަޅުތަކެއްގައި އައިސް އެނދަށް އަރައި އީކް އޮށޯވެލިއެވެ. ލަސްލަހުން އޭނާގެ ދެލޯ ކޮޓަރީގެ އެކިދިމަދިމާއަށް ދަތުރުކޮށްލިއެވެ. އެއިން ކޮންމެ ތަނެއްގައިވީ މާކިންއާއި އޭނާގެ ލޯބީގެ ހަނދާންތަކެވެ. ކައިވެނީގެ އުފާވެރި ދުވަސްތަކުގެ ފޮނިކަމެވެ. އެ އެނދުގައި މާކިންގެ އަތުތެރޭގައި އޭނާ ހޭދަކުރި ލޯބީގެ ވަގުތުތަކެވެ. ގާތުގައިއޮތް ބާލީހުގައި ފިރުމައިލަމުން ގެނެސް ނޭފަތުގައި ޖައްސައިލީ އޭގައި މާކިންގެ ހަށިގަނޑުން ދުވާ މީރުވަސް އެކުލެވިފައިވާނޭ ކަމަށް ހިތައެވެ. އެހެނަސް.. އާހް.. ދެލޮލުން ކަރުނައިގެ ކޯރެއް ފައިބަންފެށީ ހަގީގަތުގެ މަތިން އޭނާއަށް ހަނދާންކޮށްދެމުންނެވެ. މާކިން ދުވަހަކުވެސް އެނބުރި ނާންނާނެކަން އޭނާއަށް ވިސްނައިދެމުންނެވެ. ހުރިހައިކަމެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެއްޖެކަން އަންގައިދެމުންނެވެ.

ދެލޯކުރިމަތީގައި ސިފަވާންފެށި އެފޮނި ހަނދާންތަކުން އަރުގައިލީ ހިތިރަހައެވެ. ހިތުގައި ލެވިފައިވި ޒަޚަމް އިތުރަށް ފުންވެގެންދިއުމާއެކު އޮހޮރެމުންދިޔަ ލޭކަރުނަތައް އިތުރުވިއެވެ. ތުންފަތް ތުރުތުރުއަޅައިލުމާއެކު ގިސްގެ އަޑު ބޭރުވީ އީކްގެ އިޚްތިޔާރުން ބޭރުއެވެ. ބާލިސް ގެނެސް މެޔާލައި ބޮނޑިކޮށްލުމާއެކު އީކްއަށް ބާރަށް ރޮއެގަނެވުނެވެ. ހިތަށް ކުރުވަމުންދިޔަ ވޭނީ އަސަރުގައި ކެތްކުރާނެގޮތެއް އެޅަހިތަކަށް ނޭނގުނެވެ. އެވޭނުން އަރައިގަންނާނެ ގޮތެއް ނުވިސްނުނެވެ. ހިނދުކޮޅަކަށް ހައިތަމްދިން ހެޔޮތަރުބިއްޔަތުގެ މަތިން އީކް ހަނދާންނެތޭގޮތް ވިއެވެ. އިމްތިޙާނުގެ ވަގުތު ކެތްތެރިކަން އިސްކުރުމުގެ ބަދަލުގައި އެވޭނުގައި ބެހިގެންދިއުމަށް އަމިއްލަ ނަފުސު ދޫކޮށްލިއެވެ. މާކިންގެ ނަން ހިތަށް އެރުމާއެކު ދެފަރާތަށް ބޯހޫރުވައިލަމުން ބޮލުގައި ބާރަށް އީކް ހިފެހެއްޓިއެވެ. މިދުނިޔޭގައި އެކަނި ކެތްކުރަންވެއްޖެނަމަ އޭނާ މޮޔަވެދާނެއެވެ. ވިސްނޭ ނުވިސްނޭ އެއްޗެއް ނޭނގި ސިކުނޑި ސުމަކަށް ގޮސްފާނެއެވެ. ހަދާނެގޮތެއް ނޭނގި ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހަކަފަދައިން އީކް ވިއެވެ.

"އީކް.." ކުއްލިއަކަށް އޭނާގެ ނަމުން މާކިން ގޮވައިލިހެންހީވެ އީކްގެ ރުއިން ހުއްޓުމަކަށް އައެވެ. އޮތްތަނުން ފުންމައިގެން ތެދުވުމާއެކު ކޮޓަރީގެ އެތަން މިތަނަށް އޭނާ ނަޒަރު ހިންގަމުންދިޔައެވެ. މޮޔައަކު ފަދައިން އެނދުން ފައިބައި ފަހަރަކު ތަނެއް ބަލަމުން ދިޔައެވެ. ހެދުން އަލަމާރި ހުޅުވައި އޭގެ އެތެރެބެލުނީ ކީއްވެކަމެއްވެސް އީކްއަކަށް ނޭނގެއެވެ. އަނދިރިކަން ވެރިވެފައިވި ފާޚާނައިގެ ދޮރުހުޅުވަމުން އެތަންވެސް ބެލިއެވެ. ނުވިތާކަށް ކޮޓަރީގައިހުރި ބޮޑު ބިއްލޫރި ދޮރުކަހައިލަމުން ނުކުމެ ބެލްކަނީގައިވެސް މާކިން ހުރިތޯ އީކް ބެލިއެވެ. އޭނާގެ އަވަސްވަމުންދިޔަ ހިތާއި އެއްވަރަށް ހަރަކާތްތަކުގައިވެސްވީ އަވަސްކަމެވެ. ކޮޓަރީގެ މެދެއްގައި ހުއްޓި ވަށައިގެން ނަޒަރު ހިންގަމުންދިޔަ ވަރަކަށް އީކްގެ ސިކުނޑިއަށް ކުރަމުންދިޔަ ބާރު ބޮޑުވަމުން އައެވެ. އިވުނީ މާކިންގެ އަޑެއް ނޫންކަމާއި އެއީ ހީވިގޮތެއްކަން ވިސްނުނުހިނދު އީކްގެ ސިކުނޑި ހަމައިން ނެއްޓިކަހަލައެވެ. ހުރިތަނުގައި ހުރެ ބޯ މައްޗަށް ހިއްލައިލުމާއެކު ލަސްލަހުން އެދެލޯ އައިސް އަމާޒުވެލީ ބާރަށް އެނބުރެމުންދިޔަ ފަންކާއަށެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް