ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (23)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ބާވިސްވަނަ އަދަދާއި ގުޅޭ

ނަޒަރު ވަކިކޮށްލުމާއެކު އީވާންގެ އަތުން އީކްއަށް ދޫކޮށްލެވުނީ ކުއްލިއަކަށެވެ. ކުރިންވެސް ހުރިގޮތަށް ބޭރަށް ދެލޯ އަމާޒުކޮށްލަމުން އަވަސްވެފައިވި ހިތުގެ ހިނގުން ހަމައަކަށް އެޅުވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ހިންދިރުވައިލުމާއެކު އީކްއާ އެއްފިޔަވަޅު ފަހަތަށް އީވާން ޖެހިލިއެވެ. ކައިވެނީގެ ކުރިން އީކްއަށް ދިން ޔަގީންކަންމަތީގައި ދެމިހުންނަން އޭނާ ބޭނުންވެއެވެ. ފަހަރެއްގައިވެސް އޭނާގެ ވާހަކަތަކަކީ އޮޅުވައިލުމެއް ކަމުގައި އީކް ވިސްނާކަށް އޭނާ ނޭދެއެވެ. އެހެނީ އެއިން ކޮންމެ ބަހެއް އޭނާ ބުނީ ހިތުގެ އަޑިން ކަމުގައި ވީތީއެވެ. އަމިއްލައަށް ބޭނުންވެގެން އޭނާގެ ދެއަތުގެ ހިޔާމަތުގެ ތެރަށް އީކް އަންނަންދެން އިންތިޒާރު ކުރުމުގައި އޭނާ ދެމިހުންނާނެއެވެ.

އެރޭގެ ކެއުން އީވާން ތައްޔާރުކުރީ އޭނާގެ ދެއަތުންނެވެ. ހައިރާންކަމާއެކު އީވާންގެ ހަރަކާތްތަކަށް ބެލުމުގައި އީކް ހުއްޓެވެ. ދެމެދުގައި މަދުމަދުން ނަމަވެސް ވާހަކަ ދެކެވުނެވެ. ކެއުން ނިންމައިލުމަށްފަހު ނިދަން ކޮޓަރިއަށް ވަނުމުން އިހުއޮތް ހިމޭންކަން އަނެއްކާވެސް ދެމެދަށް ވެރިވީއެވެ. އުނދަގޫ ގޮތެއް އެހިމޭންކަމުން އީވާނަށް އިހުސާސުވިއެވެ. އެހެނަސް ހިތުގެ ހާލު ސިއްރުކޮށްލުމަށްފަހު ފާޚާނާއަށް ވަދެ ލައިގެންހުރި އަންނައުނު ބަދަލުކޮށްލަމުން އީވާން ނުކުތެވެ. އޭރު އީކްވެސް ނިދަން ތައްޔާރުވަނީއެވެ. އެއްފަރާތުގައިހުރި ހެދުން އަލަމާރި ކައިރިއަށް ޖެހިލަމުން އޭގެ ތެރެއިން ބޯ ރަޖާގަނޑެއް ނެގުމަށްފަހު އީވާން މިސްރާބުޖެހީ ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާއާ ދިމާއަށެވެ. އެތަން ފެނުމުން އީކްގެ ހިތަށް ތަދުވީ ކީއްވެކަމެއް ނޭނގެއެވެ. އެނދު ކައިރިން ލައިފައި އީވާން ދަނިކޮށް އެއަތުގައި އީކްއަށް ހިފައިލެވުނެވެ. ޖެހިލުންވިއަސް އަތުގެ އިޝާރާތުން އޭނާ އެނދު ދައްކައިލަމުން އެތަނުގައި އޮށޯތުމަށް އެދުނެވެ. ގަބޫލުކުރަން ދަތިވެފައި އީވާނަށް ބަލަން ހުރެވުނީއެވެ. އީވާންގެ އެތޫނު ނަޒަރުން ލަދުގަތްވަރުން އަވަސް އަވަހަށް އީކް އިސްޖަހައިލަމުން އޭނާއަށް ފުރަގަސްދިނެވެ.

"އީ އަށް އުނދަގޫ ނުވާނެކަން ޔަގީންތަ؟" ގާތްގޮތަކަށް އީވާން އަހައިލީ އަދިވެސް ގަބޫލުނުކުރެވިފައި ހުރެއެވެ. އެނދުގައި އޭނާ ނިދަން ބޭނުންނުވަނީ އެކަމުން ކުޑަވިއަސް އުނދަގުލެއް އީކްއަށް ފޯރައިފާނެހެން ހީވާވަރުންނެވެ. ނޭނގުމެއްގެ ތެރޭގައިވިއަސް އޭނާގެ ފުށުން އީކްއަށް ދަތިވާނެކަމެއް މެދުވެރިވާން އޭނާ ނޭދެއެވެ. ފުރަގަސްދީގެން ހުރި އީކް އީވާންގެ ސުވާލާއެކު މަޑުމަޑުން ބޯޖަހައިލީއެވެ. ބުނާނެ ވަކި އެއްޗެއް ނުވިސްނުނު މީހަކު ފަދައިން އީވާން އައިސް އެނދުގެ އެއްފަރާތުގައި އިނށީނެވެ. އެތަން ބަލަން ހުރުމަށްފަހު ލަސްހިނގުމެއްގައި އީކްވެސް އައިސް އެނދުގެ އަނެއްފަރާތުގައި އިނށީދެލިއެވެ. ކޮޓަރީގައި ދިއްލައިފައިހުރި ނިދާ ބޮކީގެ އަލި ފަނޑުކޮށްލުމާއެކު ރޭގަނޑުގެ ސަލާމް ކުރަމުން އެނދުގައި އީވާން އޮށޯވެލިއެވެ. ހިނިތުންވެލަމުން އީކްވެސް އޮށޯވެ ހަމަޖެހިލިއެވެ. އީވާނަށް ފުރަގަސްދިނުމާއެކު އޭނާ ދެލޯމަރައި ބާރުކޮށްލިއެވެ. އީވާން ގާތުގައިވުމުން ބަޔާންކުރަން ދަތި އެތައް ޝުޢޫރެއް ހިތާއި ނަފުސަށް ވެރިވަމުންދިޔައެވެ. ތުންފަތުގައި ދަތްއަޅައިލުމާއެކު އީކްއަށް ބާލީހުގައި ބާރަށް ބައްދައިލެވުނެވެ.

* * * * *

އެއްހަފުތާއަށް ދެމިގެންދިޔަ އެކުރު ދަތުރު ނިންމައިލުމަށްފަހު އީވާނާއި އީކް އެނބުރި އައި އިރު އެދެމެދުގައިވީ އެކުވެރިކަން އިހުނަށްވުރެ ވަރުގަދަ ވެފައިވިއެވެ. އެހެނަސް ދޭތެރަކުން އަދިވެސް ހިތަށް އުނދަގޫވާފަދަ ހިމޭންކަމެއް އެދެމެދަށް ވެރިވެއެވެ. އެކަން ހައްލުކުރާނެ ގޮތެއް ދެމީހުންކުރެ އެކަކަށްވެސް ނޭނގޭ ކަހަލައެވެ. ނުވަތަ އެހިމޭންކަން ފުނޑުކޮށްލަން ދެމީހުންވެސް ޖެހިލުންވަނީއެވެ. އީކްގެ ހިތުގައި އީވާންގެ މައްޗަށް އޮތް ޤަދަރު އެތައް ތަނެއް އުފުލިފައި ވީއިރު މަދުމަދުން ނަމަވެސް އެތުންފަތަށް ވެރިވަމުންދިޔަ ހިނިތުންވުން އައީ އިތުރުވަމުންނެވެ. މީހާގެ ރޫފަ އިހުނަށްވުރެ ރަނގަޅުވެ، ދެލޯ ކައިރީގައި ލެވިފައިވި ކަޅު ފަށަލަ ފަނޑުވެފައިވިއެވެ. އެހަށިގަނޑަށް ބޭނުންވާ ވަރަށް އަރާމު ލިބެމުން ދިޔަކަމުގެ ނިޝާނެކެވެ. މޫނުގައި އިހު ހުންނަ ޖަންބުކުލަ ފާއްދައިލައިފައި ވީއިރު، ދެލޮލުގެ ވިދުން ގަދަވެފައިވިއެވެ.

އީކް ފެނުމުން އެހުރިހައިކަމެއް ހައިތަމްގެ ދެލޮލުން ކަސިޔާރުވެ ނުދިޔައެވެ. ހިތަށް ލިބިގެންދިޔަ އުފަލުގައި އޭނާއަށް ހިތުގެ އަޑިން އީވާނަށް ޝުކުރުވެރި ވެވުނެވެ. ލޯބިން ދަރިފުޅުގެނެސް އަތުގެ ތެރެއަށް ލެވުނީ ކުރުވި އަސަރަކުންނެވެ. ހިނިއައިސްފައި އެތަން ބަލަން ނާއިފް ހުއްޓެވެ.

ދަތުރުގެ ދުވަސްތައް އެދެމަފިރިން ހޭދަކުރީ ވަށައިގެންވި ޤުދުރަތުގެ ޗާލު އެކި ތަންތަން ބެލުމުގައެވެ. ކޮންމެ ދުވަހަކަށްވެސް ކުރާނެ ވަކިކަމެއް އީވާން ކުރީބައިގައި ރާވައިފައިވުމުން ބޭކާރު ޚިޔާލުތަކާއި ފިކުރުތަކާ އީކް ދުރުވާގޮތްވިއެވެ. އެކަނިވެފައި ހުންނާނެ މާގިނަ ވަގުތެއް އޭނާއަކަށް ނުވެއެވެ. އެހެންކަމުން ދަތުރު ނިންމައިފައި އައިއިރު އެމޫނުމަތިން ތާޒާކަން ފައުޅުވާން ހުއްޓެވެ. ނަފުސަށް އުނދަގޫކަން ގެނުވާ އެކި ޚިޔާލުތަކާއި ކުޑަ ދުވަސްކޮޅަކަށްވިއަސް ދުރުވެވުމުން އީކްގެ މުޅި ރޫޙަށްވެސް އެކަމުގެ ހެޔޮ އަސަރުވަނީ ކޮށްފައެވެ.

އީވާންގެ ގާތުގައި ހުރެ ކްލިނިކަށް އީކް ވަދެގެން ދިޔައިރު ވަށައިގެން އޭނާގެ ނަޒަރު އެކިދިމަދިމާއަށް އަމާޒުވަމުން ދިޔައެވެ. ސްޕީޗް ތެރަޕިސްޓަށް ދައްކަން ވުމުން ހިސާބެއްގެ ހާސްކަމެއް އޭނާގެ ހިތުގައި ވިއެވެ. ތަކުރާރުކޮށް އޭނާއަށް އެކަމުން އަރައިގަނެވިދާނެތޯ އަމިއްލަ ނަފުސާއި އީކް ސުވާލުކުރަމުން ދިޔައެވެ. ރިސެޕްޝަނުގައި ތިބި ކުދިންގެ ތެރެއިން ކުއްޖަކު ހިނިތުންވެލަމުން ކުރީގައިހުރެ އީވާނާއި އީކް ގޮވައިގެން އައިސް ކެބިން އެއްގެ ކުރިމަތީގައި ހުއްޓުނެވެ. އެތެރެ ނުފެންނާނެހެން ފުސްކޮށްހުރި ބިއްލޫރި ދޮރުގައި ޓަކި ޖަހައިލަމުން އެކުއްޖާ ހުޅުވައިލިއެވެ. އަދި އެތެރަށް ބޯދިއްކޮށްލަމުން ކޮންމެވެސް ވާހަކައެއް ދެއްކުމަށްފަހު ފަހަތުގައި ހުއްޓިހުރި އީވާނަށް އަތުން އިޝާރާތް ކޮށްލިއެވެ. އީވާންގެ ފަހަތުންކަހަލަ ގޮތަކަށް އީކްވެސް އެތެރަށް ވަނެވެ. އެތަނަވަސް ކެބިންއަށް ނަޒަރު ހިންގައިލުމާއެކު އީކް އިސްޖަހައިލިއެވެ. ކުރިމަތީހުރި މޭޒު ދޮށުގައި ހިނިތުންވެފައިއިން ފިރިހެންމީހާއަށް ބަލައިލުމާއެކު އީކްގެ އަތުގައި ހިފައިގެން އައިސް އީވާން އެތަނުން ގޮނޑިއެއްގައި އިނށީނެވެ.

އެކަކު އަނެކަކަށް ތަޢާރަފު ވެލުމާއެކު އީކްގެ ހާލަތު އީވާން އޮޅުންފިލުވައި ދިނެވެ. އެފަދައިން އީކްއަށް މެދުވެރިވި ސަބަބު އޭނާ ޑޮކްޓަރ ޖޯންއަށް ކިޔައިދިނީ ވަރަށް ވިސްނައިގެން އިނދެއެވެ. ބުނެވޭ އެއްޗަކުން އީކްއަށް އަސަރުކޮށްފާނެތީ އީވާން އިނީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ. އެހެނަސް ފަރުވާއާއިގެން ކުރިއަށް ދެވޭނީ އީކްގެ ހާލަތު ރަނގަޅަށް ޑޮކްޓަރަށް އޮޅުންފިލައިފައި އޮތުމުންކަން އެނގޭތީ ޖެހިލުންވިއަސް އެހުރިހައި ކަމެއް އޭނާ ހިއްސާކުރިއެވެ.

ތަފާތު އެކި ގޮތްގޮތަށް ޑޮކްޓަރ އީކް ޗެކްކުރިއެވެ. އެކިވައްތަރުގެ ކުދި ޓެސްޓްތައް އޭނާ ހެދީ ސެޝަންތައް ފެށުމުގެ ކުރިން އީކްގެ ހާލަތު އެންމެ ފުރިހަމައަށް ދެނެގަންނަން ބޭނުންވެފައި ވުމުންނެވެ. ހާސްވެފައިއިން އީކްއަށް ކުޑަވިއަސް ހަމަޖެހުމެއް ލިބުނީ ގާތުގައި އީވާން އިނުމުންނެވެ. ހިތްހަމަޖެހޭވަރަށް ބެލުމަށްފަހު ޖެހިގެން އަންނަ ދުވަހުން ފެށިގެން ފަރުވާގެ ސެޝަންސްތައް ފެށުމަށް ޖޯން ނިންމިއެވެ. އަދި ކޮންމެވެސް ވަރަކަށް އެސެޝަންސްތައް އޭނާ ކުރިއަށް ގެންދާ ގޮތް ހިއްސާކުރިއެވެ. ޝައުގުވެރިވެފައި އެވާހަކަތައް އަޑުއަހަން އީކް އިނެވެ. ޖޯންގެ ވާހަކަތަކުން ހިތުގައިވި އުއްމީދުގެ ވާފަށް ވަރުގަދަވިއެވެ. އޭނާފަދަ އެތައް ބައަކަށް އެކަމުން އަރައިގަނެވިފައި ވާނަމަ އޭނާއަށް ވެސް ﷲ ގެ އިރާދަފުޅާއެކު އެކަން ވާނެ ކަމުގައި ޟަމީރު ބުނެލިއެވެ. ހިނިތުންވެލަމުން ގާތުގައިއިން އީވާނަށް އީކް ބަލައިލިއިރު އެދެލޮލުގައި ވިދަމުންދިޔައީ އުފައުވެރިކަމުގެ ކަރުނައެވެ. ނާއުއްމީދުން ފުރިފައިވި ދިރިއުޅުމާއި މެދު އޭނާގެ ނަޒަރިއްޔާތު ބަދަލުވެދިޔައީ ހީވެސްނުކޮށް ހުއްޓައެވެ. އެންމެ ބޭނުންވި ވަގުތު އީވާން އޭނާގެ ޙަޔާތަށް ނައިނަމަ ދެން ކަންތައްވެދާނެ ގޮތް ހިތަށް އަރުވައިލަންވެސް އީކްއަށް ދައްޗެވެ. ހިނިއައިސްފައި އީވާން ބަލަން އިނުމުން އެކަމުން އީކްގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުޅާވެލިއެވެ.

"ހަވީރު ބޭރަށް ދާގޮތަށް ރެޑީވެގެން ހުންނައްޗޭ.. އައި ހޭވް އަ ސަޕްރައިޒް ފޯރ ޔޫ.." ކްލިނިކުން އެނބުރި އައިސް ގެއަށް ވަންނަމުން އީވާން ބުނެލިއެވެ. އަވަސް އަވަހަށް ބޯޖަހައިލަމުން އީކް އެތެރަށް ވަދެ ހައިތަމްގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ. އީކްއަށް ބަލަންހުރި އީވާނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ފާއިތުވެދިޔަ ކުޑަ ދުވަސްކޮޅު އީކްއަށް އައިސްފައިވި ހެޔޮ ބަދަލުފެނި ހިތާހިތުން ހެއްދެވި ފަރާތަށް ޙަމްދުކޮށްލެވުނެވެ.

ލައިގެންހުރި ގަމީހުގެ އަތްކުރި އުޅަނބޮއްޓާއި ހަމައަށް އޮޅައިލަމުން އަވަސް އަރުވައިލައިފައި ސިޑިން އީވާން ފޭބިއިރު އޭނާގެ އިންތިޒާރުގައި އީކްގެ އިތުރުން ހައިތަމާއި ނާއިފްވެސް ބޮޑުކޮޓަރީގައި ތިއްބެވެ. ދާން އުޅެނީ ކޮންތަނަކަށްކަން ހައިތަމްއާއި ނާއިފަށް އެނގުނަސް އީކް ހުރީ ސުވާލުއުފެދޭ ގޮތްވެފައެވެ. އެހެނަސް އާއިލާ އެއްކޮށް ތަނަކަށް ދާން އުޅޭކަން އެނގުމުން އޭނާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތު މަގުތަކުގައި ހަރަކާތްތެރިވަމުންދިޔަ މީހުން އިތުރުވެފައިވިއެވެ. ރޭގައި ފޭބި ގަނޑުފެނުގެ އަސަރު ކޮންމެވެސް ވަރަކަށް މަގުތަކުގައި ހުއްޓެވެ. މަގަށް ސަމާލުވެ އިނދެ ކާރުގައި އައިސް އީވާން މަޑުކޮށްލީ ބޮޑު އިމާރާތެއްގެ ކުރިމައްޗަށެވެ. އެތަނުގެ ޕާރކިންގް އޭރިއާގައި ކާރު ޕާރކްކޮށްލުމުން އެންމެން ކާރުން ފައިބައި ކުރިމަތިން ފެންނަންހުރި އިމާރާތަށް ނަޒަރު ހުއްޓައިލިއެވެ. ބަލާބެލުމަށް ވައްތަރީ އެކި ކްލާސްތައް ހިންގާފަދަ ކޮލެޖަކާއެވެ. މެދަށް ބޮޑު ހުސްތަންގަނޑެއް ދޫކޮށްލުމަށްފަހު ވަށައިގެން އެކި އުސްމިނުގެ އިމާރާތްތައް ހަދައިފައި ހުއްޓެވެ. ގޯތި ތެރޭގެ އެކި ހިސާބުގައި ބެންޗް ޖަހައިފައި ހުރިއިރު ބައެއް ބެންޗް ތަކުގައި އެކި އުމުރުގެ ކުދިން އިނށީދެ ތިއްބެވެ. ސުވާލުގެ ނަޒަރަކުން އީވާނަށް އީކް ބަލައިލުމާއެކު އޭނާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. އަންނާށޭ ބުނަމުން އީވާން ހިނގައިގަތީ އެއްފަރާތުގައި ހުރި އިމާރާތާއި ދިމާއަށެވެ.

އިމާރާތު ތެރެއަށް ވަދެގެން އައިސް ރިސެޕްޝަނުގައި އިން ކުއްޖާއަށް ފޯނުން ކޮންމެވެސް އެއްޗެއް އީވާން ދައްކައިލުމާއެކު ހިނިތުންވެލަމުން ދާންވީ ތަން އެކުއްޖާ ކުޑަ ގޮތަކަށް ކިޔައިދިނެވެ. ބޯޖަހައިލަމުން އައިސް ލިފްޓަށް އެރުމަށްފަހު ހަތްވަނަ ނަމްބަރަށް އީވާން އޮބައިލިއެވެ. އޭރުވެސް ސުވާލުއުފެދިފައި އީކް ހުއްޓެވެ. އޭނާގެ ސުވާލަށް އީވާން ޖަވާބު ދޭން ބޭނުންނުވާ ކަހަލައެވެ. އީކް އަށް ބަލައިލައިފައިވެސް އެއްވެސް އެއްޗެއް ބުނާކަށް އީވާން ނޫޅުނެވެ. ކެތްތެރިކަން ކުޑަވެފައި އީވާން ކުރަން އެއުޅޭ ކަމަކާއި މެދުގައި ވިސްނުން ހިންގަމުން އީކް ދިޔައެވެ.

އީކްމެން ގޮވައިގެން އީވާން އައިސް ވަނީ ބޮޑު ކްލާސް ރޫމަކަށެވެ. ކްލާހުގެ މެދަކާއި ހިސާބުން ފެށިގެން ބަހައްޓައިފައިހުރި މޭޒުތައް ދޮށުގައި އެކި އުމުރު ފުރައިގެ މީހުން ތިއްބެވެ. އެމީހުނާއި ކުރިމަތިވާނެހެން ހުއްޓިހުރި އަންހެންމީހާ އީވާންމެން ފެނުމުން ހިނިތުންވެލީ ހިތްހެޔޮ ގޮތަކަށެވެ. އަދި އަވަހަށް އިނށީނުމަށް ބުނަމުން ފަސްމިނިޓް ތެރޭގައި ކްލާސް ފެށޭނެ ވާހަކަ ބުނެލިއެވެ. ހައިރާންވެފައި އީވާންގެ އަތުގައި ހިފައި އީކް ދަމައިލިއެވެ. ބޮލުގެ އިޝާރާތުން މިއީ ކޮންކަމެއްތޯ އޭނާ އަހައިލީ އިތުރަށް ކެތްނުވުމުންނެވެ.

"ހަނދާންވޭތަ ތަންކޮޅެއް ކުރިން އީ ބުނީމެއްނު ސައިން ލެންގްއޭޖް ދަސްކުރަން ވަރަށް ބޭނުންވާ ވާހަކަ.. މިއީ ސައިން ލެންގްއޭޖް ދަސްކޮށްދޭ ތަނެއް.. ވީ އޯލް ކޭމް ޓް ލާން ވިތް ޔޫ.." ހައިތަމްއާ ނާއިފަށް އިޝާރާތް ކޮށްލަމުން އީވާން މަޑުމަޑުން ބުނެލިއެވެ. ހުއްޓުން އަރައިފައި އީވާންގެ މޫނަށް ބަލަން އީކްއަށް ހުރެވުނީއެވެ. ފުރާވަރުގައި އޭނާ އަބަދުވެސް ދުށް ހުވަފެނެއްގެ ވާހަކަ އީވާން ބުނުމުން އޭނާ ހައިރާންވާގޮތް ވީއެވެ. އެކަން އީވާން ހަނދާން ހުރެފާނެކަމަށް އީކް ހިއެއްނުކުރެއެވެ. ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާއެކު އީކްއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ.

"އީއަށް އަލުން ވާހަކަދެއްކެއްދެން.. މިކަން ދަސްކުރީމަ ދެމެދުގަ މުޢާމަލާތްކުރަން ފަސޭހަވާނު.. ބައްޕަމެންނާ މިޚިޔާލު އަހަރެން ހިއްސާކުރީ އެހެންވެ.. ސްޕީޗް ތެރަޕިސްޓެއް ހޯދަން މަސައްކަތްކުރި އިރު އަހަންނަށް ފެނުނު ތަނެއް މީ.. ވަގުތުން ހަނދާންވީ އީ އޭރު އަހަރެން ގާތު ދައްކާފަ ހުރި ވާހަކަތައް މަތިން.. އެހެންވެ ހިތަށްއެރީ މި ކްލާހުގަ އެންމެން ބައިވެރިވާނީއޭ.." ލައިގެންހުރި ޖިންސްގެ ޖީބަށް އަތްޖަހައިލަމުން ހަމަޖެހިލައިފައި އީވާން ބުނެލިއެވެ. ހިނިއައިސްފައި ބޯޖަހައިލުމާއެކު އީކް އެ ކްލާސްތެރަށް ބަލައިލިއެވެ.

އެންމެ ކުރީ ސަފުގައިހުރި ހުސް ދެމޭޒު ދޮށުގައި ހައިތަމްއާއި އީކް އިނށީނުމުން އެއާއި ޖެހިގެންހުރި ސަފުން ދެމޭޒު ދޮށުގައި ނާއިފާއި އީވާން ވެސް އިނށީދެ ހަމަޖެހިލިއެވެ. ކުޑައިރުކޮޅެއްފަހުން އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ޓީޗަރ ކްލާސް ފަށައިގަތެވެ. އޭނާގެ ކުޑަ ތަޢާރަފެއް އެތަނުގައިތިބި މީހުނާއި ހިއްސާކޮށްލަމުން ކްލާސް ކުރިއަށްދާނެގޮތް ކިޔައިދިނެވެ. ފުރަތަމަ ދުވަސްކަމުން ކިޔައިދިނީ ކުދިކުދި ބަސްތައް އަތުގެ އިޝާރާތުން ކިޔާނެ ގޮތްތަކެވެ. ޝައުގުންފުރިފައި އަޑުއަހަންއިން އީކް، ލިބުނު ކުޑަ ހުސްވަގުތުކޮޅުގައި ފަސްއެނބުރި އީވާނަށް ބަލައިލިއެވެ. އެދެލޮލުން ފައުޅުވަމުންދިޔައީ އާދަޔާ ޚިލާފު ޖޯޝެކެވެ. ތުންފަތުގައި ރީތި ހިނިތުންވުމެއްވީއިރު އެކަމުން އީކްގެ މައުސޫމުކަން އެތައް ގުނައެއް އިތުރުކަމުގައި އީވާނަށް ފާހަގަކުރެވުނެވެ. ފެންކަޅިވެފައި އޭނާއަށް ބަލަންއިން އީކްއަށް ކަނައަތުގެ ބޮޑުވައި އިނގިލި އުފުލައިލަމުން ގުޑް ލަކްއޭ އީވާން ބުނެލީ މަޑުމަޑުންނެވެ. އީވާންގެ އެއަމަލުން އީކްގެ ހިނިތުންވުން ފުންވެލިއެވެ. ބޯޖަހައިލުމާއެކު އިސްޖަހައިލަމުން އަތުގެ ނުފުށުން ލޮލަށް ބޮނޑިވެފައިވި ކަރުނަތައް އޭނާ ފުހެލިއެވެ.

* * * * *

ދެއަތުގައިހުރި ކޮތަޅުތަކަށް ބަލައިލަމުން ހިތްހަމަޖެހިފައި މާހާ ޝޮޕިންގްމޯލް ތެރެއިން ނުކުންނަން ހިނގައިގަތެވެ. ވިޔަފާރި ކޮށްލުމުގައި ވަގުތު ހޭދަކޮށްލެވުމުން އޭނާގެ ސިކުނޑިއަށް ލުއިކަން އިހުސާސުވެގެން ދިޔައެވެ. މޯލްއިން ނުކުމެ ޕާރކިން ސަރަހައްދާއި ދިމާއަށް މިސްރާބުޖެހި ވަގުތު ކުރިމަތީގައިހުރި ކޮލެޖްތެރެއިން ނުކުތް އީވާން އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާއަށް ފުރަގަސްދީގެން އީވާނާ ކުރިމައްޗަށް ވާގޮތަށްހުރި އަންހެންކުއްޖާއަށް ފޫހި ނަޒަރަކުން ބަލައިލި މާހާގެ ޚިޔާލު ބަދަލުވިކަހަލައެވެ. އެދިމާއަށް އޭނާގެ މިސްރާބު ބަދަލުކޮށްލީ ކުއްލިއަކަށެވެ. އަވަސް ފިޔަވަޅުތަކެއްގައި އެތަނަށް އައިސް ހުއްޓެމުން އޭނާ ސަރ އޭ ކިޔައި އީވާނަށް ގޮވައިލިއެވެ. މާހާގެ އަޑަށް އީވާންގެ އިތުރުން އޭނާގެ ކުރިމަތީގައި ހުރި އަންހެންކުއްޖާވެސް އެނބުރި ބަލައިލިއެވެ. ކުރިމަތިން ފެނުނު ސޫރައާއެކު މާހާއަށް ހީވީ އޭނާގެ ދެފައި ދަށުން ބިންގަނޑު ދެމިގަތްހެނެވެ. ވަށައިގެންވި މާޙައުލު އެނބުރިގަތްކަހަލަ އިހުސާސެއް ކުރެވުމާއެކު ދެފަރާތަށް އޭނާއަށް ބޯހޫރުވައިލެވުނެވެ. ދެލޯބޮޑުވުމާއެކު ބޭއިޚުތިޔާރުގައި ފަހަތަށް އޭނާއަށް ފިޔަވަޅެއް އަޅައިލެވުނެވެ.

ފަހަތަށް އެނބުރުނު އީކް އަށްވެސްވީ އެފަދަ ގޮތެކެވެ. ދެލޯބޮޑުވެ މީހާ ހުއްޓުންއަރާގޮތްވިއެވެ. ޖެހިބުދެއްހެން އެކަކު އަނެކަކަށް ބަލަން ތިއްބައި އީވާން މާހާގެ ނަމުން ގޮވައިލިއެވެ. އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލަމުން އީވާނަށް މާހާ ބަލައިލިއެވެ. އެދެލޮލުގައިވި ޖެހިލުންވުންފެނި އީވާންގެ ހިތުގައި ސުވާލުއުފެދޭގޮތްވިއެވެ. އީކްއާއި މާހާ އެކަކު އަނެކަކަށް ބަލަން ތިބިގޮތުން އޭނާގެ ހިތުގައި އެއްފަހަރާ އެތައް ސުވާލުތަކެއް ފުނިޖެހުނެވެ. އެހެނަސް އެއަސަރުތައް ހިންދައިލަމުން އޭނާ ހިނިތުންވެލައި މާހާ ކުރެ އޭނާގެ ހާލު އަހައިލިއެވެ. މާހާއަށް ޖަވާބު ދެވުނީ އިރުކޮޅެއް ފަހުންނެވެ. އެއަޑުގައިވި ހާސްކަން ފާހަގަވެ އީވާން އީކްއަށް ބަލައިލިއެވެ. އޭރުވެސް އެސްފިޔަ ޖަހައިލަންވެސް ހަނދާންނެތިފައި އީކް އެހުރިގޮތަށް ހުއްޓެވެ.

"އީކް.." ހިންދިރުވައިލި މާހާގެ ދުލުން އެނަން ބޭރުވީ ސިއްރެއް ފަދައިންނެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް