ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (24)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ތޭވިސްވަނަ އަދަދާއި ގުޅޭ

ފަހަތަށް އެނބުރުނު އީކް އަށްވެސްވީ އެފަދަ ގޮތެކެވެ. ދެލޯބޮޑުވެ މީހާ ހުއްޓުންއަރާގޮތްވިއެވެ. ޖެހިބުދެއްހެން އެކަކު އަނެކަކަށް ބަލަން ތިއްބައި އީވާން މާހާގެ ނަމުން ގޮވައިލިއެވެ. އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލަމުން އީވާނަށް މާހާ ބަލައިލިއެވެ. އެދެލޮލުގައިވި ޖެހިލުންވުންފެނި އީވާންގެ ހިތުގައި ސުވާލުއުފެދޭގޮތްވިއެވެ. އީކްއާއި މާހާ އެކަކު އަނެކަކަށް ބަލަން ތިބިގޮތުން އޭނާގެ ހިތުގައި އެއްފަހަރާ އެތައް ސުވާލުތަކެއް ފުނިޖެހުނެވެ. އެހެނަސް އެއަސަރުތައް ހިންދައިލަމުން އޭނާ ހިނިތުންވެލައި މާހާ ކުރެ އޭނާގެ ހާލު އަހައިލިއެވެ. މާހާއަށް ޖަވާބު ދެވުނީ އިރުކޮޅެއް ފަހުންނެވެ. އެއަޑުގައިވި ހާސްކަން ފާހަގަވެ އީވާން އީކްއަށް ބަލައިލިއެވެ. އޭރުވެސް އެސްފިޔަ ޖަހައިލަންވެސް ހަނދާންނެތިފައި އީކް އެހުރިގޮތަށް ހުއްޓެވެ.

"އީކް.." ހިންދިރުވައިލި މާހާގެ ދުލުން އެނަން ބޭރުވީ ސިއްރެއް ފަދައިންނެވެ.

"މާހާ ދަންނަންތަ އީކް" މާހާ އީކްއަށް ބަލަން ހުރިގޮތުން އުނދަގޫވެފައި އީވާން ސުވާލުކޮށްލިއެވެ. އެއާއެކު ސިހިފައި އަވަސް އަވަހަށް މާހާ ދެފަރާތަށް ބޯހޫރުވައިލިއެވެ. އެތަންފެނި އީކްގެ ނިތަށް ރޫގިނަވެގަތެވެ. އެވަރުގެ ބޮޑު ދޮގެއް މާހާ ހަދަންޖެހުނު ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އެކުގައި އުޅުނު ހުރިހައި ދުވަސްތަކެއްމަތިން މާހާ ހަނދާންނައްތައިލީ ހެއްޔެވެ؟ އޭރު އެދެމީހުން އުޅުނީ އެކަތިގަނޑެއް ފަދައިންނެވެ. ކުރާ ކޮންމެ ކަމެއް ކުރަނީވެސް ދެމީހުން އެކީގައެވެ. އެހެނަސް ހުރިހައިކަމެއް ބަދަލުވީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަދިވެސް އެކަމުގެ ފަހަތުގައިވި ސަބަބު އީކް އަކަށް ނޭނގެއެވެ. އެހައި ދުވަސްފަހުން އެކުވެރިޔާއާ ބައްދަލުވުމުން ހިތަށް ލިބުނު ފިނިކަންވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފިލައިގޮސްފިއެވެ. އޭނާ ނުވެސް ދަންނަ މީހަކަށް މާހާ ހަދައިލުމުންނެވެ. ތުންފަތަށް ވެރިވާން އުޅުނު ހިނިތުންވުންވެސް ފިލައިގޮސް އީކްއަށް ގަބޫލުނުކުރެވިފައި އިސްޖަހައިލެވުނެވެ. މާހާގެ ދިރިއުޅުމުގައި އޭނާ އަކީ އެއްވެސް މުހިންމު މީހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. ހިތަށް ތަދުވި ނަމަވެސް އީކް އަޅައިނުލާން ނިންމިއެވެ.

"އޯހް.. މާހާ ހުރިގޮތުން އަހަރެން ހީކުރީ އީކް ދަންނަނީކަމަށް.. އެނީވޭސް.. މީޓް މައި ވައިފް.. އީކް.." އީކްއާ ކުޑަކޮށް ގާތްވެލަމުން ލޯބިން ފުރިގެންވި ގޮތަކަށް އެމޫނަށް ބަލައިލުމަށްފަހު އީވާން ބުންޏެވެ. ލިބުނު ޝޮކުގައި މާހާއަށް ދެލޯބޮޑުކޮށްލެވުނެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލުމާއެކު އަތުގައިހުރި ކޮތަޅުތަކަށް އޭނާއަށް ބާރުކޮށްލެވުނެވެ. އިވުނު ވާހަކަތައް ގަބޫލުކުރަން މާހާއަށް ދަތިވިއެވެ. އީވާން ހަގީގަތުގައިވެސް ލޯބިވެ ކައިވެނި ކުރި ކުއްޖަކީ އީކް ހެއްޔެވެ؟ އެހެންވާނީ ކިހިނަކުން ހެއްޔެވެ؟ މިއީ އަނެއްކާ އޮޅުވައިލުމެއް ބާވައެވެ؟ އީވާންގެ މޫނަށް ބަލަންހުރި މާހާގެ ނަޒަރު ލަސްލަހުން އިސްޖަހައިގެންހުރި އީކްއަށް އަމާޒުވެލިއެވެ. ހަސަދައިގެ ގިނި ހިތުގައި އަނދައިގަތީ މާހާއަށް ކެތްނުވާ ވަރަށެވެ. އީވާންގެ ދެލޮލުން ފައުޅުވަމުންދިޔަ ލޯބި މާހާގެ ހިތް ފިއްސަމުންދިޔައެވެ. އޭނާގެ ލޯބީގައި ކޮޅުފައިން ޖަހައިފައި އީވާން ޚިޔާކުރީ އީކްކަން ބަލައިގަންނަން މާހާއަށް ދަތިވިއެވެ. އީވާނާއި އީކް ބައްދަލުވި ގޮތަކާމެދުވެސް ހިތުގައި ސުވާލުއުފެދޭގޮތް ވިއެވެ. ދަތްކުނޑި ވިކައިލުމާއެކު އަވަސްވަމުންއައި ނޭވާ ހަމައަކަށް އަޅުވަން މާހާ މަސައްކަތް ކުރިއެވެ. ތުންފަތުގައި ދަތްއަޅައިލަމުން ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ގަދަކަމުން އޭނާ ހިންދައިލިއެވެ. ބަހެއްވެސް ބުނުމެއްނެތި އެތަނުން ދިއުމަށް މާހާ އެނބުރުމާއެކު އީވާންގެ ދެލޮލުން ހަމްދަރުދީގެ އަސަރު ފައުޅުވެލިއެވެ. މާހާގެ ކުރިމަތީގައި ހަގީގަތް ސިއްރުކުރަން އީވާން ބޭނުންނުވީއެވެ. އޭނާގެ ހަޔާތުން ޖާގައެއް ލިބުމުގެ އުއްމީދުގައި މާހާ ދުވަސްތައް ބޭކާރު ކުރާކަށް އީވާން ނޭދެއެވެ. އީކްއަކީ އޭނާގެ ކާކުކަން އީވާން ބުނެދިނީ އެހެންވެއެވެ. ފަހަރެއްގައިވެސް އެކަމުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކާމެދު އީވާނަށް ވިސްނައެއް ނުލެވުނެވެ.

* * * * *

ގެއަށް އައިސް ވަތް މާހާފެނި އޭނާގެ މަންމަ ޝިހާމާ ގޮވައިލިއެވެ. ޖަވާބެއްވެސް ދިނުމެއްނެތި ނުރުހުންވެފައިހުރެ ހަލުވި ފިޔަވަޅުތަކެއްގައި މާހާ ސިޑިން އަރައިގެން ދިޔައެވެ. މާހާއަށް ވެފައިހުރި ގޮތަކާ މެދުގައި ސުވާލު އުފެދިފައިހުރެ ސޯފާގައި ވިޔަފާރިއާ ގުޅުންހުރި ލިޔުންތަކެއް ބަލަންއިން މުފީދަށް އޭނާ ބަލައިލިއެވެ. މާހާގެ މޫނުމަތީގައި ހުރި ކުލަވަރު ހެކިދެނީ ކޮންމެވެސް ކަމެއް އޭނާއަށް ދިމާވެއްޖެކަމެވެ. އެހެނަސް އެވާހަކަ ދެއްކުން އެންމެ ރަނގަޅުވާނީ މާހާ ހަމަޖެހިލުމުން ކަމުގައި ނިންމަމުން ޝިހާމާ އެވަގުތަށް އެޚިޔާލުތަކާ ދުރުވެލިއެވެ.

ގެނައި ކޮތަޅުތައް އެނދުމައްޗަށް ހޫރައިލަމުން އަތްދަބަސް ތެރެއިން ފޯނު ނެގުމަށްފަހު މާހާ މީހަކަށް ގުޅައިލިއެވެ. އެންމެ ހިނދުކޮޅެއްވެސް ލަސްކުރާކަށް ދެން އޭނާ ބޭނުމެއްނުވެއެވެ. އޭނާގެ ލޯބި އީކް އެޖަހައިގަތީ ދެވަނަ ފަހަރަށެވެ. ކުޑަކޮށްވެސް އެކުށަށް އީކްއަކަށް މަޢާފެއް ނުލިބޭނެއެވެ. އެންމެ ގާތް އެކުވެރިޔާ ގޮތުގައިހުރެ އޭނާގެ އިހުސާސުތައް އީކްއަށް ފާހަގަނުވުމުން މާހާގެ ހިތުގައި ޝަކުވާތައް ފުނިޖެހިފައި ވިއެވެ. އޭގެ ބަދަލު އެންމެ ހިތިގޮތުގައި އެއަރުބުޑުގައި ލައްވައިލުމަށް މާހާ ބޭނުންވެއެވެ. ދުވަހަކު ހިތުން ނުފިލާވަރުގެ އަނިޔާއެއް އީކްއަށް ދެވެމުން ނޫނީ މާހާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ނުލިބޭނެއެވެ.

އެމީހަކާއި އިރުކޮޅަކު ވާހަކަދައްކައިލުމަށްފަހު ފޯނު ބާއްވަމުން މާހާ ވިސްނައިލަން އިނެވެ. އެނދުގެ ފަޑީގައި ލެގިލައިގެން އިނުމަށްފަހު މަޑުމަޑުން ވަރުބަލިވެފައިވި އޭނާގެ ހަށިގަނޑު އެނދުގައި ދަމައިލިއެވެ. މާޒީގެ ހަނދާންތައް އޭނާއަށް އުނދަގޫކުރަންފެށީ އެހިނދުއެވެ. އީކްއާ އެކުގައި ހޭދަކުރެވުނު ދުވަސްތައް ހަނދާންވުމާއެކު ހިތި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ.

އެންމެ ފުރަތަމަ މާހާގެ ލޮލުގައި މާކިން އަޅައިގަތީ އޯލެވެލް ނިމުމުގެ އުފަލުގައި އެރޭ އީކް މެންގެ ގޭގައި ބޭއްވި ޕާޓީ ތެރެއިންނެވެ. ފުރަތަމަ ފެނިލުމުންވެސް މާހާގެ ހިތުގައި މާކިންގެ މައްޗަށް ޚާއްސަކަމެއް އުފެދިގެން އައެވެ. އެއިހުސާސުތައް ލޯތްބަށް ބަދަލުވީ ކޮންއިރަކު ކަމެއް ޚުދު އޭނާއަށް ވެސް ނޭނގެއެވެ. އެހެނަސް އެލޯތްބަށް އިއުތިރާފު ނުވެވެނީސް އީކްއާއި މާކިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޚަބަރު ލިބުމުން މާހާގެ ހިތަށް ހީވީ ތޫނު ޚަންޖަރެއް ހަރައިލި ހެންނެވެ. އެވޭނުގައި އީކްއާ ކުރިމަތިލުން އޭނާއަށްވީ ދަތިކަމަކަށެވެ. ދެމެދުގައި އޮތް ގުޅުން ދުރުކޮށްލަން މާހާއަށް މަޖުބޫރުވީ އެހެންވެއެވެ. ހިތުގައި އުފެދިގެން އައި ހަސަދަވެރިކަން ހިންދައިލާނެ ގޮތެއް ނުވިސްނި އެންމެ ގާތް އެކުވެރިޔާއާ މެދުގައި ހިތް ނުސާފުވެދިޔައީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އީކްއަށް ނަފުރަތު ކުރެވެންފެށީ އޭނާގެ ލޯބި އޭނާގެ އަތުން ޖަހައިގަތީ އީކްކަން ސިކުނޑި ވިސްނައިދޭން ފެށުމުންނެވެ. އޭނާއަށް ނުލިބުނު އުފަލެއް އީކްއަށް ލިބޭތަން ދެކޭކަށް މާހާއަކަށް ކެތެއް ނުކުރެވުނެވެ. ހިތުގައި ރޯވި ހަސަދައިގެ އަލިފާނުގައި އޭނާގެ މުޅި ނަފުސު އަނދައިގެން ދިޔައީއެވެ. ރާއްޖެ ދޫކޮށް ދާން ބޭނުންވެފައި ހުއްޓައި އެފުރުސަތު ފަހިވީ އޭނާގެ ބައްޕައަށް ނިއުޒިލޭންޑްގެ ބޮޑު ކުންފުންޏަކުން ލިބުނު ވަޒީފާގެ ފުރުސަތުގެ ސަބަބުންނެވެ. އީކްއަށް އަންގައިލުމެއްވެސްނެތި މާހާ ފުރައިގެން އައީ އީކްގެ ކައިވެނި ކުރެވެން ހަމަޖެހިފައި އޮތް ރޭގައެވެ. އެހިސާބުން ފެށިގެން އެމާޒީ މަތިން އޭނާ ހަނދާން ނައްތައިލީއެވެ.

"ކޮންމެ ފަހަރަކުވެސް އަހަރެން ލޯބިވާ މީހަކާތަ އީކް އަށްވެސް އިންނަން އެނގެނީ.. އެންމެ ފުރަތަމަ މާކިން.. މިހާރު އީވާން.. އަހަރެންގެ ހިތުގަ ޚާއްސަކަމެއް އުފެދޭ ކޮންމެ މީހެއް އަހަރެންގެ އަތުން އެބަ ޖަހައިގަނެއޭ.. ހިލާ މިފަހަރު އެހެން ވިޔަކަ ނުދޭނަން.. އީވާން ލިބެން ޖެހޭނީ ހަމައެކަނި އަހަންނަށް.. އީވާންގެ ހިތުގައި ލޯބި އުފެދެންވެސް ޖެހޭނީ ހަމައެކަނި އަހަންނަށްޓަކައި.. އީކް ޖެހޭނީ އަހަރެމެން ދެމެދުން ދުރަށް ދާން.. މާޒީގަ ލިބުނު ފިލާވަޅުންވެސް އެއްޗެއް ދަސްވާކަށް ނޭނގުނު ވިއްޔަ.. އަދިވެސް އަހަރެންގެ ދިރިއުޅުމަށް ވިހަލަމުން ދާއިރު އަހަރެންމީ ކިހައިވަރެއްގެ މީހެއްކަން އަދި ނޭނގިގެން ތިއުޅެނީ.. ކުރިން ސަލާމަތް ވެވުނަސް މިފަހަރު އީކް ސަލާމަތްވިޔަކަ ނުދޭނަން.. އޭރު އަހަރެން އީކް ދޫކޮށްލީ އަހަރެމެންގެ އެކުވެރިކަމުގެ ހައްގުގަ.. އެކަމަކު ދެން އެހެނެއް ނުވާނެ.. މިދެމެދުން އީކް ދުރުކޮށްފަނޫނީ އަހަންނަށް ދެން އެއްވެސް ހަމަޖެހުމެއް ނުލިބޭނެ.. އީކް.. ބީ ރެޑީ.. އިޓްސް ޓައިމް ޓް ސޭ ގުޑްބައި ފޯރއެވަރ.." ދަތްކުނޑި ވިކައިލަމުން މާހާ އަމިއްލަ ނަފުސަށް އިވޭވަރަށް ބުނެލިއެވެ.

* * * * *

ފާއިތުވެދާންފެށި ދުވަސްތަކާއެކު އީކްއަށް ލިބެމުންދިޔަ ފަރުވާގެ ކުރިއެރުންތައް ފެންނަން ފެށިއެވެ. ކުދި ކުދި ބަސްތައް އުނދަގުލުންވިއަސް އީކްއަށް ކިޔެން ފެށިއެވެ. ސައިން ލެންގްއޭޖްވެސް ފުދޭވަރަކަށް ދަސްވެފައިވުމުން އިޝާރާތުން އޭނާ އީވާނާއި ހައިތަމްއާ ވާހަކަ ދައްކާ ފަހަރު ގިނައެވެ. ބޮޑެތި ޖުމުލަތައްވެސް މަޑުމަޑުން އީކްއަށް އަދި ކިޔޭނެކަން ޑޮކްޓަރ ވަނީ ބުނެފައެވެ. ލިބުނު ހިތްހަމަޖެހުން ބަޔާންކުރުން އީކްއަށް ވީ ދަތިކަމަކަށެވެ. އެހުރިހައިކަމެއްގެ ޝުކުރު ހައްގުވަނީ އީވާނަށްކަން އޭނާ ގަބޫލުކުރެއެވެ. ނިވެމުންދިޔަ އުއްމީދުގެ ހުޅުކޮޅު ރޯކޮށްލި މީހަކީ އެއީއެވެ. އީވާން ނެތްނަމަ އޭނާއަށް މިހިސާބަށް ނާދެވުނީސްކަން ޔަގީނެވެ. އީކްގެ މޫނުމަތިން ފެންނަން ހުންނަ ހިނިތުންވުން ހައިތަމްގެ ހަމަޖެހުންކަމުގައި ވިއެވެ. އަބަދުވެސް އެދަރިފުޅު އެފަދައިން ހިނިތުންވެފައި ހުންނަތަން ދުށުމަށް އޭނާ އެދެއެވެ. ހަޔާތުގެ ބާކީ ހުރި ދުވަސްތައް ވޭތިކުރަން އޭނާ ބޭނުންވަނީ އެފަދަ މަންޒަރުތަކުން ހިތަށް ލިއްބައިދޭ އުފައުވެރިކަމުގައެވެ. ލޯބިވާ ދަރިފުޅުގެ އުފަލަށް އެދި ހައިތަމްއަށް ތަކުރާރުކޮށް ދުޢާކުރެވެނީ އެހެންވެއެވެ.

ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ. ފަތިސް ނަމާދަށްފަހު އަރާމުކޮށްލުމަށް ޖައްސައިލި އީވާނަށް އޮތީ ނިދިފައެވެ. ބަދިގޭގައި މޭރީއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އީކް ކޮޓަރިއަށް އައީ އީވާނަށް ގޮވުމަށެވެ. އެވަގުތު ބާލީސް ދަށުގައި އޮތް ފޯނުގެ އެލާމް އަޑާއެކު ސިހިފައި އީވާން ދެލޯ ހުޅުވައިލިއެވެ. ކުރިމަތީގައި ހިނިތުންވެފައި ހުއްޓިހުރި އީކް ފެނުމުން މޯޅިއަކަށް ދެމިލަމުން އޭނާ ތެދުވެ އެނދުގެ ފަޑީގައި ލެގިލިއެވެ. އަތުގައި އޮތް ގަޑިއަށް ނަޒަރެއް ދެމުން އީކް އިޝާރާތްކުރީ ކޮލެޖަށް ދާގަޑި ގާތްވަނީ ކަމުގައެވެ. ބޯޖަހައިލަމުން އީވާން ކަންނެތްކަމާއެކު އެނދުން ތެދުވިއެވެ.

ހަރުގައި އޮތް ތުވާލި ހިފައިގެން އޭނާ ފާޚާނާއަށް ވަނުމާއެކު އީކް ނުކުތީ އީވާން ފެންވަރައި ތާޒާވެލަން ފުރުސަތު ދެމުންނެވެ. ހެނދުނު ސައިތައްޔާރުކޮށް ނިންމުމަށްފަހު އީވާނަށް ސައިބޯން އައުމަށް ގޮވަން އީކް އަނބުރައި އައިސް ކޮޓަރިއަށް ވަނެވެ. އޭރުވެސް އީވާން ފާޚާނާއިން ނުނިކުންނާތީ ސުވާލު އުފެދިފައި އީކް އައިސް ފާޚާނަ ދޮރުމަތީގައި ހުއްޓިލިއެވެ. އަދި ދެތިންފަހަރު ޓަކި ޖަހައިލަމުން އެއްފިޔަވަޅު ފަހަތަށް ޖެހިލިއެވެ.

* * * * *

އެއަރޕޯޓްތެރޭގައި މީހެއްގެ އިންތިޒާރުގައި މާހާ އިނެވެ. ފަތިހު އެތަނަށް އައީއްސުރެ އޭނާ އެގޮތުގައި އިންނަތާ މިހާރު އެތައް އިރެއް ވެއްޖެއެވެ. ކެތްތެރިކަންކުޑަވެފައި އޭނާ އިރުއިރުކޮޅާ ފަރާތްފަރާތަށް ބަލައިލައެވެ. އިރުކޮޅެއްފަހުން ކޮނޑުގައި ދަބަހެއް އަޅުވައިގެން އެރައިވަލް ގޭޓް ތެރެއިން ނުކުމެގެން އައި ޒުވާނާ ފެނިފައި އިންތަނުން މާހާ ތެދުވީ ފުޅާ ހިނިތުންވުމަކާ އެކުއެވެ. މާހާ ފެނުމާއެކު އެޒުވާނާގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މާހާގެ ފައިން ފެށިގެން ބޮލާއި ހަމައަށް އޭނާ ނަޒަރު ހިންގައިލިއެވެ. އަދި ހިނގުން ބާރުކޮށްލަމުން އައިސް މާހާގެ ތުނި ހަށިގަނޑުގައި ލޯތްބާއެކު އޮޅުލައިގަތެވެ. އެތައް ދުވަހަކު ނުފެނި ހުރެފައި މީހަކު ފެނުމުން ބައްދައިލާފަދަ ގޮތަކަށެވެ.

"ރާހިލް.. އައި މިސްޑް ޔޫ.." އެޒުވާނާގެ މެދުހަށީގައި ދެއަތް ވަށައިލަމުން ހިނިއައިސްފައި މާހާ ބުނެލިއެވެ. ތުންފަތުގައިވި ވިހަ ހިނިތުންވުމާއެކު މާހާ ރާހިލްގެ މޭގައި މޫނު ފޮރުވައިލިއެވެ.

* * * * *

ދެވަނަ ފަހަރަށް ޓަކި ޖަހައިލަން އީކް އަތް އުފުލައިލި ވަގުތު ފާޚާނައިގެ ދޮރު ހުޅުވައިލަމުން އީވާން ނުކުތެވެ. ކުރިމަތީގައިހުރި އީކް ފެނިފައި އީވާންގެ މޫނަށް ވެރިވީ ހައިރާން ކަމެވެ. އީކްއަކީ ދުވަހަކުވެސް އެފައިން އޭނާ ފާޚާނައިގައި އުޅެނިކޮށް އައިސް ޓަކިޖެހި މީހެއް ނޫނެވެ. އެހެންކަމުން ޓަކިޖަހަން ފެށުމުން އީވާން ހީކުރީ ނާއިފް ކަމަށެވެ. އުނުގައި ތުވާލި އޮޅައިލައިގެން އިސްތަށިގަނޑުވެސް ހިއްކުމެއްނެތި އޭނާ އަވަސް އަރުވައިލައިފައި ނުކުތީ އެހެންވެއެވެ.

ފެންތިކި ފައިބަމުންދިޔަ އީވާންގެ ތެތް އިސްތަށިގަނޑުން ފެށިގެން ހާމައަށް އޮތް އޭނާގެ ތަނަވަސް މޭމައްޗާއި ހިސާބަށް ނަޒަރު ހިންގައިލުމާއެކު އީކްގެ ދެލޯ ބޮޑުވިއެވެ. ލަދުވެތިކަމުގެ ރަތްކުލަ އެކުޑަ މޫނަށް ފާއްދައިލީ ބަސްބުނާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ލަދުގަތްވަރުން ހަރަކާތެއް ކޮށްލަންވެސް އޭނާއަކަށް ނުކެރުނެވެ. ޖެހިބުދެއްހެން ހުއްޓުން އަރައިފައި އޭނާ އަށް ހުރެވުނީ އީވާންގެ މޫނަށް ބަލާށެވެ. ކައިވެނިކޮށްގެން މިވީހައި ދުވަސްތަކުގައި ދުވަހަކުވެސް އެފަދައިން އީވާން ހުއްޓައި އޭނާ ނުދެކެއެވެ. ހިތުގެ ވިންދު އަވަސްވެލުމާއެކު މަޑު ތުރުތުރެއް އެހަށީގައި އުފެދިގެން އައެވެ. އީކްގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރު ފެނިފައި ލާނެތް ހިނިތުންވުމެއް އީވާންގެ ތުންފަތުގައި ކުޅެލިއެވެ. އީކްގެ ނަމުން ގޮވައިލަމުން ފާޚާނާއިން ނުކުތުމަށް އޭނާ ކުރިއަށް އަޅައިލި ފިޔަވަޅާއެކު ތަށިމުށީގައިހުރި ފެންތަކުގެ ސަބަބުން ފައި ކައްސައިލާގޮތްވިއެވެ. ހަށިގަނޑުގެ ބެލެންސް ގެއްލި އޭނާ ވެއްޓެންދިޔަތަންފެނި އަވަސް އަވަހަށް އީވާންގެ އަތުގައި ހިފުމަށް އީކް އުޅުނެވެ. އެހެނަސް ހަދައިލެވުނު ގޮތަކުން އޭނާކުރަން އުޅުނު ކަންތައް ކާމިޔާބުނުވެ ދޮރުމަތީގައި އޮތް މަޑު ރަގް މައްޗަށް ދެމީހުން ވެއްޓުނެވެ. އީވާންގެ މޭގައި އީކްގެ މޫނު ޖެހިފިތިފައި އޮތްއިރު އީވާންގެ ދެއަތްވަނީ އީކްގެ އުނަގަނޑުގައި ވަށައިލެވިފައެވެ. އެތަނަވަސް މޭމަތިން ދުވަމުންދިޔަ ޝަވަރ ޖެލްގެ މަޑު މީރު ވަހާއެކު ހަށިފުރައި ނޭވައެއްލަމުން އީކްއަށް ދެލޯ މަރައިލެވުނީ ބޭއިޚުތިޔާރުގައެވެ. އޭރު އަވަސްވެފައިވި އީވާންގެ ހިތުގެ ވިންދު އޭނާއަށް އިހުސާސުވަމުންދިޔައެވެ. މަޑުމަޑުން އިސްއުފުލައިލަމުން ސީދާ އީވާންގެ ދެލޮލަށް އީކް ބަލައިލީ ލަދުވެތިގޮތަކަށެވެ. އެއާއެކު އެމޫނުމައްޗަށް ފައިބައިފައިހުރި އިސްތަށިތައް އެއްއަތުން އީވާން ރީތިކޮށްލައި ދިނެވެ. އެކަކު އަނެކެއްގެ މޫނަށް ނަޒަރު ހުއްޓުމާއެކު އީވާންގެ ދެލޮލުން ފައުޅުވެލީ ތަފާތު ވިދުމެކެވެ. އެހައި ގާތުން އީކްގެ ލޯބި މޫނު ފެނުމުން އީވާންގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. ވިސްނުމަކާއިނުލާ އީކްގެ މޫނާއި އޭނާގެ މޫނު އީވާނަށް ގާތްކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. އީކްގެ ގާތްކަމަށް ކަރުހިއްކައި ގަނެފައިހުރި މީހަކުފަދައިންނެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
69

ހިޔާލު

  1. ގާލް

    އޯ!!!! ވަރަށް ސަޅި

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް