ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (25)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ފަންސަވީސް ވަނަ އަދަދާއި ގުޅޭ

އީވާންގެ ހޫނު ނޭވާ މޫނަށް އެޅުމާއެކު އީކްއަށް ދެލޯ މަރައިލެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އީވާންގެ މޭމަތީގައި އޮތް އޭނާގެ ދެއަތްތިލަ މުށްކަވައިލެވުނީ ހަށިގަނޑަށް އިހުސާސުކުރެވުނު ހީލިކެރުވުމެއްގެ ސަބަބުންނެވެ. އީވާންގެ ދެލޯ އީކްގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތަށް ހުއްޓުމާއެކު އެދެލޮލުން ފައުޅުވީ ކެތްތެރިކަން ކުޑަކަމެވެ. އިތުރަށް އީކްއާ ގާތްވެލިވަގުތު އޭނާ ސިހުނީ އެނދުމަތީގައި އޮތް ފޯނުގެ ރިންގްގެ އަޑަށެވެ. ހަމަބިމަށް ތިރިވުމާއެކު އީވާންއަށް ތެޅިގަނެވުނީ ކުރެވެން އުޅުނު ކަންތައް ރެއަކާލުމުންނެވެ. އީކްއަށްވެސް ވީ އެފަދަ ގޮތެކެވެ. އަވަސް އަވަހަށް އީވާންއާ ދުރުވެލަމުން އޮތްތަނުން އޭނާ ތެދުވިއެވެ. އޭރު އެހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ކުޑަހިނދުކޮޅަކަށްވިއަސް އެބާރުގަދަ ދެއަތުގެ ތެރޭގައިވުމުން އީކްއަށް ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ. އީވާންގެ ގާތްކަމަށް އެހިތް އެދިގޮވަމުންދިޔައީ އިންތިހާއަށެވެ. އަމިއްލަ ނަފުސަށް އަންނަމުންދިޔަ ބަދަލު ވިސްނައިގަތުން އޭނާއަށްވީ ދަތިކަމަށެވެ. ލަދުންގޮސް ރަތްވެފައިވި މޫނު އަނެއްފަރާތަށް އަނބުރައިލުމާއެކު އީކް ބާރު ހިނގުމެއްގައި އައިސް ކޮޓަރިން ނުކުތެވެ. އޭރު ގަނެފައިވި ލަދެއްގެ ސަބަބުން މުޅި ކުއްޖާ ހީވަނީ ވިރިދާނެ ހެންނެވެ.

އަމިއްލަ ހިތަށް ވެރިވަމުންދިޔަ އެދުންތަކާމެދު އީކްއަށް ވިސްނުން ހިންގައިލެވުނެވެ. މަޑުމަޑުން އެހިތުގައި އީވާންގެ ނަން ފެވެމުން އަންނަކަން ޔަގީނެވެ. އީވާނަށްޓަކައި ހިތުން ޖާގައެއް ހުސްވަމުންދިޔަކަމާ މެދު އެއްވެސް ޝައްކެތް ނެތެވެ. އީވާންގެ ގާތްކަން ޚުދު އޭނާވެސް ބޭނުންވާކަން އީކްއަށް ވިސްނެއެވެ. އީވާނާއި މެދުގައި ދެކެވެމުންދިޔަ ގޮތް މުޅިން ބަދަލުވަމުން އައިކަން ޟަމީރު ހަނދާންކޮށްދިނުމުން އީކްގެ ތުންފަތަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ. ހަޔާތުގައި ދެވަނަ ފަހަރަށް ލޯބިވެވިދާނެކަން ގަބޫލުކުރަން އޭނާއަށް ދައްޗެވެ. އެހެނަސް... އޭނާގެ އިޚުތިޔާރުން ބޭރުގައި އޭނާއަށް އީވާންދެކެ ލޯބި ވެވުނީ ހެއްޔެވެ؟ އޭނާގެ މުޅި ހިތާއި ނަފުސު ފިރިއެއްގެ ގޮތުގައި އީވާން ބަލައިގަތީ ހެއްޔެވެ؟ އެލޯބިވެތި ބީހުމުން ހިތަށް ފޮނިމީރުކަމެއް އިހުސާސުކުރެވުނީ އެހެންވެގެން ޔަގީނެވެ. އެހެންޏާ ކުރެވޭ އުނދަގޫ އިހުސާސުތަކުގެ ބަދަލު މަޑު ހީލިކެރުވުމެއް ހަށިގަނޑަށް ވެރިވީ އެހެންވެ ބާއެވެ؟

"އަހަންނަށް... ހަގީގަތުގަވެސް.. އީވާންދެކެ ލޯބި ވެވުނީތަ؟" ފަނޑު ހިނިތުންވުމެއް ތުންފަތުގައި ކުޅެލުމާއެކު މޫނުގައި އަތްއަޅައިލަމުން އީކްއަށް އިސްޖަހައިލެވުނެވެ.

އީކް ނުކުތްތަންފެނި ކުށްވެރިއަކުފަދައިން އިސްތަށިގަނޑުގައި އީވާނަށް އަތްހިންގައިލެވުނެވެ. އަމިއްލަ ނަފުސު ތަކުރާރުކޮށް ކުށްވެރިކުރެވެމުންދިޔައީ އީކްގެ ނުގަބޫލުގައި އޭނާއަށް އެފަދަ ފިޔަވަޅެއް އެޅުނީކަމުގައި ގަބޫލުކުރެވޭ ވަރުންނެވެ. އެހެނަސް އީކްގެ މޫނުމަތިން ފައުޅުވެރި އަސަރުތައް އޭނާ ގާތުން ދުށްޓެވެ. އެފަދަ ގާތްކަމަކަށް އީކް ވެސް ބޭނުންވެފައި ހުރިފަދައެވެ. އެމޫނަށް ވެރިވި ލަދުވެތިކަން ދެލޯކުރިމަތިން ސިފަވުމާއެކު އީވާނަށް ހިނިތުންވެވުނެވެ. އެކި ކަންކަމާއި މެދުގައި ފިކުރު ހިންގަމުން އައިސް އެނދުމަތީގައި އޮތް ފޯނު ނަގަމުން އީވާން ބަލައިލިއެވެ. މިސްވެފައި އޮތް ޝަމްއަލްގެ ކޯލު ފެނުމުން އޭނާ ދެބުމަ ގޮށްޖަހައިލިއެވެ. ލިބުނު އެއޮއް ރީތި ވަގުތުކޮޅުވެސް ހަރާބުވެ ދިއުމުން ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ހިތަށް ވެރިވިއެވެ.

ކޮލެޖަށް ދާން ތައްޔާރުވެގެން އީވާން ސިޑިން ފޭބިއިރު ބޮޑުކޮޓަރީގައި ހުރި ސޯފާއެއްގައި އިނށީދެލައިގެން އީކް އިނެވެ. ދެމީހުންގެ ނަޒަރު ސީދާވެލުމާއެކު އީކް އަވަސް އަވަހަށް އިސްޖަހައިލީ ހިތުގެ ހިނގުން ކުށްލިއަކަށް އަވަސްވީ ވަރުން ޖެހިލުންވެފައި އިނދެއެވެ. އިސްއޮބައިލައިގެން އިން އިރުވެސް އީވާންގެ ތޫނު ބެލުން އޭނާއަށް އަމާޒުވެފައި ހުރިކަން ވިސްނި މަޑު ތުރުތުރެއް ހަށީގައި އުފެދުނެވެ.

އީވާން އައިސް ހުއްޓިލުމާއެކު ހިތްވަރުކޮށްފައި އިންތަނުން ތެދުވަމުން ސައިބޯން އައުމަށް އިޝާރާތުން އީކް ބުނެލިއެވެ. ބޯޖަހައިލަމުން ލެޕްޓޮޕް ދަބަސް ސޯފާގެ އެއްފަރާތުގައި ބެހެއްޓުމަށްފަހު އީކް ފަހަތުން ބަދިގެއާ ދިމާއަށް އީވާން މިސްރާބުޖެހިއެވެ. އެހެންދުވަސްތަކާ ޚިލާފަށް އީކްގެ މޫނަށް ފާއްދައިލައިފައިވި ރަތްކަންފެނި އީވާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޭނާއާ ނަޒަރު ސީދާކުރަން ނުކެރިގެން އީކް އުޅެމުންދިޔަ ގޮތުން އެހިތަށް ބަޔާންކުރަން ދަތި ފިނިކަމެއް އިހުސާސުވިއެވެ.

ސައިބޮއެ ނިމިގެން އީވާން ގަރާޖާއި ދިމާއަށް މިސްރާބު ޖެހުމާއެކު ފަހަތުން ކުދިފިޔަވަޅު ތަކެއް އަޅަމުން އީކްވެސް ދިޔައެވެ. ކާރަށް އެރުމުގެ ކުރިން ފަހަތުގައި ހުއްޓިހުރި އީކްއަށް އީވާން ބަލައިލިއެވެ. އަދި އޭނާއާ ގާތަށް ޖެހިލަމުން އާދައިގެމަތިން އަތުގެ ނުފުށުން ނުހަނު ލޯބިން އީކްގެ ކޮލުގައި ފިރުމައިލިއެވެ. އަދި ބަލައިގެން އުޅުމަށް ބުނެލިއެވެ. ކޮލެޖަށް ގޮސްފައި ހުސްވަގުތެއް ވުމުން އޭނާ ޚަބަރެއް ވާނަން ކަމުގައި އީވާން ބުނުމުން އީކް ބޯޖަހައިލިއެވެ. ދާން އުޅެފައިވެސް އެނބުރިލަމުން އިސްޖަހައިގެން އެއްއަތް އަނެއްއަތާއި މޮޑެލަ މޮޑެލައި ހުރި އީކްއާ ގާތްވެލަމުން އޭނާގެ ނިތުގައި އީވާން ލުއިކޮށް ބޮސްދިނެވެ. ގަބޫލުނުކުރެވިފައި އިސްއުފުލައިލަމުން އީވާނަށް އީކް ބަލައިލިއެވެ. އެދެލޮލުން ފެންނަންހުރި އަސަރުގައި ޖެހި އީކްއަށް ހިނިތުންވެލެވުނެވެ. ބަހެއްވެސް ބުނުމެއްނެތި ކާރަށް އަރަމުން އީވާން ސްޓާރޓް ކޮށްލިއެވެ. އަދި އަތުން އީކްއަށް ހަނާއަޅައިލަމުން ގޭގެ ގޭޓާ ދިމާއަށް ކާރު ދުއްވައިލިއެވެ. އީވާންގެ އެކުޑަ އަމަލުން ހިތަށް ލިބުނު ހިތްހަމަޖެހުމުގައި އެއް އަތްގެނެސް ނިތުގައި އީކްއަށް ޖައްސައިލެވުނެވެ. އީވާންގެ އެފިރިހެންވަންތަ ތުންފަތުގެ ބީހުން އަދިވެސް އޭނާއަށް އިހުސާސުކުރެވެމުންދިޔަ ފަދައެވެ. ދެލޯމަރައިލުމާއެކު އަޑުވީއްލައި އޭނާއަށް ހީގަނެވުނެވެ. އެއާއެކު މަޑުމަޑުން އީވާންގެ ނަން އެދުލުން ބޭރުވެގެންދިޔައެވެ.

* * * * *

"ލީން.." ކެބިންއިން ނުކުމެގެން ހިނގައިގަތް އިވްލީންގެ ފަހަތުން ކަހަލަ ގޮތަކަށް އަންނަމުން ޝަމްއަލް ގޮވައިލިއެވެ. އެއަޑުން ސިހުނު ނަމަވެސް އިވްލީން ހިނގުން ހުއްޓައެއް ނުލިއެވެ. ހިނގަމުންދިޔަ ސްޕީޑް ބާރުކޮށްލުމާއެކު ޝަމްއަލް އައިސް ހުއްޓުނީ އިވްލީންގެ ކުރިމަތީއެވެ.

"ކީއްވެތަ އަހަރެން ފެންނައިރަށް ބިރެއް ފެނިގެން އުޅޭ މީހަކުހެން ދުވެ ފިލަނީ؟" މާޔޫސްވެފައި ޝަމްއަލް އަހައިލިއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި އިވްލީން ނަޒަރު ހުއްޓައިލީ ދުރަށެވެ.

"އަހަރެން ނޫޅެމޭ ލީންއަށް ގެއްލުމެއް ދޭކަށް.. އަހަރެން ބޭނުންވީ ކުރިންވެސް މިދެމެދުގަ އޮތް އެކުވެރިކަން ބާއްވަން.."

"ޝައްމުއަށް ކީއްވެތަ ނުވިސްނެނީ؟ ތީ މީހެއްގެ ފިރިއެއް.. އަހަރެންގެ ހިތް އޮތްގޮތް އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ތީ.. ޝައްމު ގާތު ހުރެއްޖެނަމަ އަހަރެންގެ އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ ބާރު ދޫވެދާނެތީ އަހަރެން ބިރުގަނޭ.. ދުރުދުރުން އުޅެން ބޭނުންވަނީ އެހެންވެ.. ޕްލީޒް ޝައްމު.. އަހަރެން... އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން ޝައްމުގެ އުފާވެރި ދިރިއުޅުން ހަލާކުވާކަށް.." ދެލޮލަށް ކަރުނަތައް ޖަމާވުމާއެކު އިވްލީނަށް ތުންފަތުގައި ދަތްއަޅައި ބާރުކޮށްލެވުނެވެ.

"އަހަރެންގެ ދިރިއުޅުން އުފާވެރިކަމެއް ލީންއަށް އެނގެނީ ކިހިނެއް؟" ސިކުނޑި ހިސާރުކުރި ޚިޔާލުތަކާއެކު ޝަމްއަލްއަށް ބުނެވުނެވެ.

"ނޭނގެ.. އަހަންނަށް އެކައްޗެއްވެސް ނޭނގެ.. އެކަމަކު އަހަރެން އުއްމީދު ކުރަނީ އެގޮތަށް.. އަހަރެން އެދެނީ ޝައްމު އުފަލުގަ ހުންނަން.." ހިންދިރުވައިލަމުން ޝަމްއަލްގެ މޫނަށް އިވްލީން ބަލައިލިއެވެ.

"ހަމަ އެހައި ލޯބިވޭތަ އަހަރެން ދެކެ؟" މަޑުމައިތިރި ރާގަކަށް ޝަމްއަލް އަހައިލިއެވެ.

"ޝައްމުދެކެ އަހަރެންވާ ލޯބި ނޭނގިގެންތަ ތިހެން ތިއަހަނީ؟ ނޫނީ އަދިވެސް އަހަރެންގެ ހިތަށް އިތުރަށް ތަދުކުރަން ބޭނުންވަނީތަ؟ މިހިތް ޒަޚަމްވެފަ ވާވަރު ހަމަ ނޭނގެނީތަ؟ ލޯބިންގޮސް ހިތް މޮޔަވާއިރުވެސް އަހަރެން ކެތްތެރިވާން ބޭނުންވާވަރު އިހުސާސުނުވަނީތަ؟ ގަސްދުގަ އަހަރެންގެ ހިތް ރޮއްވާލަން ބޭނުންވަނީތަ؟" އެތައް ޝަކުވާއެއް ހިތުގައި ފުނިޖެހެމުން ދިޔައިރުވެސް ދުލުން އެއްވެސް ބަހެއް އިވްލީން ބޭރެއް ނުކުރިއެވެ. އިރުކޮޅަކު ޝަމްއަލްގެ މޫނަށް ބަލަން ހުރުމަށްފަހު އޭނާގެ ސުވާލަށް އެއްވެސް ޖަވާބެއް ދިނުމެއްނެތި އެތަނުން ދިއުމަށް އިވްލީން ހިނގައިގަތީއެވެ. އިވްލީންގޮސް ލިފްޓަށް އަރަންދެން ޝަމްއަލް ބަލަންހުރީ ކުށްވެރިއަކު ފަދައިންނެވެ. ލިފްޓުގެ ދޮރު ލެއްޕުމާއެކު ފިނި ނޭވާއެއް އޭނާއަށް ދޫކޮށްލެވުނެވެ.

* * * * *

އޯކަށް ދެމިލުމާއެކު ޒާރާއަށް އަނެއްކާވެސް ހޮޑުލެވުނެވެ. ހެނދުނުއްސުރެ ހޮޑުލައިލައި އޭނާ ހުރީ ވާތާ ވާގޮތްވެފައެވެ. އަނގައިގައިހުރި ހިތި ރަހައާއެކު އަނެއްކާވެސް އޭނާއަށް އޯކަށް ދެމޭގޮތްވިއެވެ. ހިންދެމިލަމުން ފާޚާނާތަށި ފްލަޝް ކޮށްލުމަށްފަހު މޫނުދޮންނަ ތައްޓާއި ކައިރިވެލަމުން އަނގަދޮވެލިއެވެ. ބޮލަށް އެނބުރުން އަރާގޮތް ވެފައި ހުރުމުން އޭނާ ފާޚާނާއިން ނުކުތީ ފާރުގައި އަތްޖައްސައިލައިގެން ހުރެއެވެ.

ޑިއުޓީ ނިންމުމަށްފަހު ކޮޓަރިއަށް ޝަމްއަލް އައިސް ވަނީ އެވަގުތުއެވެ. ޒާރާގެ މިލައި މޯޅިވެފައިވާ މޫނު ފެނުމުން ނިތަށް ރޫއަރުވައިލަމުން ޒާރާގެ ގާތަށް ޝަމްއަލް ޖެހިލިއެވެ.

"ބަލީތަ؟" ޒާރާގެ އަތުގައި ހިފައި ގެނެސް އެނދުގައި ބައިނދަމުން ޝަމްއަލް އަހައިލިއެވެ. ގައިގައި ވަރުނެތުމުން ޝަމްއަލްއާ ޒުވާބު ކުރާކަށް ޒާރާގެ އެއްވެސް މޫޑެއް ނެތެވެ. ވަރުބަލިގޮތަކަށް ޝަމްއަލް އަށް ބަލައިލުމާއެކު އަނެއްކާވެސް އޭނާ އޯކަށް ދެމޭގޮތްވިއެވެ. މޭނުބައި ކުރާވަރުން އޭނާއަށް ކެތްކުރެވެނީކީ ނޫނެވެ. ޝަމްއަލްގެ އަތް ފޮޅުވައިލުމަށްފަހު ދުވެފައިކަހަލަ ގޮތަކަށް ގޮސް ޒާރާ ފާޚާނާއަށް ވަނެވެ. އެތަން ބަލަން ޝަމްއަލް ހުރީ ކަންބޮޑު ވެފައެވެ. ފާޚާނަ ދޮރުކުރިމަތީގައި މަޑުކޮށްލުމާއެކު ޓަކި ޖަހައިލަމުން ދެތިން ފަހަރު ޒާރާއަށް ގޮވައިލިއެވެ.

އިރުކޮޅެއްފަހުން ދޮރުހުޅުވައިލަމުން ޒާރާ ފާޚާނާއިން ނުކުތެވެ. ޖެހިލުންވެފައި ޝަމްއަލްއާ ނަޒަރު ސީދާ ނުކުރަން އުޅޭފަދަ ގޮތަކަށް ޒާރާ އިސްޖަހައިލިއެވެ.

"ކީއްވެ ހޮޑުލެވެނީ؟ އަސްލުވެސް ބަލީތަ؟ ޑޮކްޓަރަށް ދައްކަން ދާންވީނު.." ޒާރާ އޭނާއާ ދޭތެރޭ ކޮންމެފަދަ ގޮތަކަށް ކަންތައް ކުރި ނަމަވެސް ޝަމްއަލް ވާހަކަ ދެއްކީ ނުހަނު އޯގާތެރިކަމާއެކުއެވެ. ޒާރާގެ ކަރުދޮށާއި ނިތްކުރީގައި ޝަމްއަލް އަތް ޖައްސައިލީ ހުން ހުރިތޯ ޗެކް ކޮށްލުމުގެ ގޮތުންނެވެ.

"އަތްނުލާ ހުރޭ.." ބާރަށް ހަޅޭއްލަވައި ގަންނަން ބޭނުންވިއަސް ޒާރާގެ އަޑު ނުކުތީ ބަލިކަށި ގޮތަކަށެވެ.

"ބަލިވީމަވެސް ހަރުކަށިކަން ދައްކަނީތަ؟ ތިވެގެން އުޅޭ ގޮތެއްވެސް އެނގޭނީ ޑޮކްޓަރަށް ދައްކާލީމައެއްނު.." ހިތްހަމަނުޖެހުނަސް ޝަމްއަލް ޚިޔާރުކުރީ މަޑުމައިތިރިކަމެވެ. ޑޮކްޓަރަށް ދައްކާ ވާހަކަ ތަކުރާރުކޮށް ޝަމްއަކް ބުނުމާއެކު ޒާރާގެ ފުށުން ފެނިލީ ކަންބޮޑުވުމެވެ. ހާސްވެފައި ދެފަރާތަށް ބޯހޫރައިލަމުން ޝަމްއަލްއާ ދުރަށް ޒާރާ ޖެހިލިއެވެ. އޭނާގެ ހިތުގައި ފޮރުވަމުން އައި ސިއްރު ބޭޒާރު ވެދާނެތީ ޒާރާ ޖެހިލުންވީ ކަހަލައެވެ. މޫނުމަތީގައި ހިއްލައިފައިހުރި ދާތިކިތައް އަތުން ފުހެލަމުން ހަމަޖެހޭކަން ދައްކަން އޭނާ މަސައްކަތްކުރިއެވެ. އަދި އަވަސް އަވަހަށް އައިސް އެނދުގައި އޮށޯވެ ޝަމްއަލްއަށް ފުރަގަސް ދިނެވެ. ޝަމްއަލްއަށް އެހިތުގައިވި ސިއްރު އެނގިއްޖެނަމަ ދެން ވާނެ ގޮތެއް ހިތަށް އެރުމާއެކު ޒާރާގެ ހިތްތެޅިގަތީ ބިރުގަތްވަރުންނެވެ.  މެޔާލައި ބާލީހެއް ބޮނޑިކޮށްލުމާއެކު އޭނާ އަވަސް އަވަހަށް ދެލޯ މަރައިލިއެވެ.
* * * * *

ހަނދުވަރުދޭ ރީތި ރެއެކެވެ. ކޮލެޖުގެ މުހިންމު ކަމެއްގައި ދާން ޖެހުމުން އީވާން ހުރީ ފޫހިވެފައެވެ. އީކް ގޮވައިގެން ބޭރަށް ދިއުމަށް އޭނާ ރާވައިފައި އޮތްވައި ކޮލެޖަށް ދާން ވުމުން ހިތްހަމަނުޖެހޭގޮތް ވިއެވެ. އެހެނަސް ވަރަށް މުހިންމު ކަމެއްގައި ނޫނި އެކޮޅަށް ދާން ނުބުނާނެކަން އެނގޭތީ ބަހަނާއެއް ދައްކާކަށް އީވާން ބޭނުމެއްނުވިއެވެ. ކުރު މީޓިންގް އެއްކަމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނާ އަންނަން ވާއިރަށް ތައްޔާރުވެގެން ހުރުމަށް އީކް ގާތުގައި ބުނުމާއެކު އަވަސް އަވަހަށް އީކް ބޯޖަހައިލިއެވެ.

އީކް ތައްޔާރުވެ ނިންމައިލަމުން ގަޑި ބަލައިލިއިރު އީވާން ދިއަތާ ބައިގަޑިއިރެއްހާއިރު ވާން ހުރީ ގާތްވެފައެވެ. އަތުގައި އޮތް ފޯނަށް ބަލަން އިނުމަށްފަހު ޑްރެސިންގް ޓޭބަލް ދޮށުން އޭނާ ތެދުވި ވަގުތު އީވާންގެ މެސެޖެއް ލިބުމުން ވަގުތުން މޫނުމަތި އުޖާލާވެގެން ދިޔައެވެ. ބޭރަށް ނުކުތުމަށް އެދިފައި އީވާން އޮތެވެ. އަވަސްވެފައިވި ހިތަކާއެކު އަތްދަބަސް ކޮނޑުގައި އަޅުވައިލަމުން އޭނާ ކޮޓަރިން ނުކުތެވެ.

ދޮރުވާނު ގޭގެ ދަނގަޑު ގޭޓު ހުޅުވައިލުމާއެކު އެމީހާއަށް ހިނިތުންވެލަމުން އީކް ކުރިއަށް ބަލައިލިއެވެ. މަގުގެ އަނެއްފަރާތުގައި އޮތް ކާރުގައި ލެގިލައިގެންހުރި އީވާން ފެނުމާއެކު އީކްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެލިއެވެ. ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވެލުމާއެކު މަގުމައްޗަށްވެސް ބެލުމެއްނެތި އީވާން ގާތަށް ދިއުމަށް އީކްއަށް ބާރަށް ހިނގައިގަނެވުނެވެ. އެވަގުތު އެއްލި ކަޅިއަކުން ބާރު ސްޕީޑެއްގައި އެދިމާއަށް ދުއްވައިފައިއައި ކާރު އީވާންގެ ލޮލުގައި އަޅައިގަތެވެ. ދެލޯބޮޑުވުމާއެކު ހަށިގަނޑު ސީދާކޮށްލަމުން އޭނާ އީކްގެ ނަމުން ބާރަށް ގޮވައިލިއެވެ. ހުއްޓުންއަރައިފައި އީވާން އިޝާރާތްކުރި ދިމާއަށް ބަލައިލުމާއެކު އީކްގެ ދެލޯ ބޮޑުވެ މީހާ ތުރުތުރުއަޅައިގަތީ ކުއްލިއަކަށެވެ. ވަށައިގެންވި އަޑުތައް މަޑުވެ އޭނާއަށް އިވެމުންދިޔައީ އޭނާއާ ދިމާއަށް އައި ކާރުގެ ބަރުގޮނުގެ އަޑު އެކަންޏެވެ. ހަރަކާތެއްވެސްކޮށްލަން ހަނދާން ނެތިފައި ހުއްޓައި މޫނަށް އެޅުނު ކާރުގެ ހެޑްލައިޓްސްގެ އައްޔާއެކު މޫނުމަތީގައި ދެއަތް ހުރަސްކޮށްލަމުން އީކްއަށް ދެލޯމަރައި ފިއްތައިލެވުނީ ބިރުގަތް ވަރުންނެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް