ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (26)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ފަންސަވީސްވަނަ އަދަދާއި ގުޅޭ

ވިސްނައިލުމެއްވެސް ނެތި އީވާނަށް އީކްއާ ދިމާއަށް ދުއްވައިގަނެވުނެވެ. މޫނުމައްޗަށް އަތް ހުރަސްކޮށްލައިގެން ހުރި އީކްގެ ގައިގައި އޮޅުލައިގަންނަމުން މަގުގެ އަނެއްފަރާތަށް އޭނާއަށް ވެއްޓިގަނެވުނީ ކިރިޔާއެވެ. ބާރު ސްޕީޑްގައި އައި ކާރު އެމީހުން ފަސްދީ ވަކި ހިސާބަކަށް ދެވުމާއެކު ކުއްލިއަކަށް މަޑުޖެހިލިއެވެ. ވެއްޓުނު ގޮތަކުން އީކްގެ ކަނައަތުފަޔަށް ތަދުވެސް ވިއެވެ. އީވާންގެ ގައިދަށުގައި އޮވެވުނުކަންވެސް އޭނާއަށް އިހުސާސުވީ އިރުކޮޅެއް ފަހުންނެވެ. ހިތުގެ ހިނގުން މިއިން ދުވަހަކުވެސް އަވަސް ނުވާ ވަރަށް އަވަސްވެފައި ވީއިރު އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުންދިޔައީ ގަނެފައިވި ބިރެއްގެ ސަބަބުންނެވެ. އީވާންގެ މޭގައި މޫނު ޖައްސައި ބާރުކޮށްލުމާއެކު އީކްގެ އަނގައިން މަޑު ގިސްލުމެއްގެ އަޑު ބޭރުވިއެވެ.

"ޝްޝްޝް ބޭބީ.. އިޓްސް އޯކޭ.. އިޓްސް އޯކޭ.. ޔޫ އަރ ސޭފް ވިތް މީ.. ޝްޝްޝް.." އީކްގެ މޫނަށް ބަލައިލަމުން ލޯތްބާއެކު އީވާން ބުނެލިއެވެ. އަދި މަގުމަތިން ތެދުވަމުން މަޑުމަޑުން އީކްގެ އަތުގައި ހިފައި ދަމައިލިއެވެ. ތެދުވަން އުޅުނު ވަގުތު ފަޔަށް ކުރެވުނު ތޫނު ތަދެއްގެ ސަބަބުން އީކްއަށް ފައިއަޅަން އުނދަގޫވިއެވެ. އެކަން ވިސްނި އީވާން އީކްއާ ބޮޑަށް ގާތްވެލިއެވެ. އޭރު މީހުންތައް އައިސް އެދެމީހުން ވަށައިލައިގެން ތިބީ އެމީހުންގެ ހާލު އޮޅުން ފިލުވުމުގެ ގޮތުންނެވެ. އެތަނުގައި ތިބި މީހުނަށް ހިނިތުންވުމެއް ދިން ވަގުތު މީހުންތައް ފޭކޮށްލަމުން އީވާންއާ ގާތަށް ޖެހިލި ޒުވާނާގެ މޫނުމަތީގައިވީ ހާސްކަމެވެ.

"އާރ ޔޫ އޯލްރައިޓް؟ އެއްވެސް ގެއްލުމެއް ލިބުނުތަ؟ ވަރަށް ބޮޑަށް މަޢާފަށް އެދެން.. ކާރުގެ ކުޑަ މައްސަލައެއް އުޅޭތީ ބްރޭކް ޖައްސަން އުޅެއުޅެވެސް އެކަން ކާމިޔާބުވާގޮތް ނުވީ.. އައި އެމް ރިއަލީ ވެރީ ސޮރީ.." ކުށްވެރިއަކު ފަދައިން އިސްޖަހައިލަމުން އެޒުވާނާ ބުނެލިއެވެ. އެއަޑުގައިވީ މަޑުމޮޅިކަމެވެ. ތަންކޮޅެއް ދުރަށް ހުއްޓައިފައިއޮތް ކާރަށް ނަޒަރެއް ދެމުން އީވާން އެޒުވާނާއަށް ބަލައިލިއެވެ.

"އިޓްސް އޯކޭ.. އެކަމަކު ދެންވެސް ތަންކޮޅެއް ބަލައިލައިގެން ދުއްވާތި.. ކަމެއް ވާނީ ބުނެފައެއްނޫން.." އީވާން ވާހަކަ ދެއްކުމާއެކު އަވަސް އަވަހަށް އެޒުވާނާ ބޯޖަހައިލީ އެކަމަށް އެއްބަސްވާ ފަދައިންނެވެ.

"ދިވެއްސެއް ދޯ.." ޒުވާނާއަށް ބަލަން ހުރެ އީވާން އަހައިލިއެވެ. އީވާންގެ މޭގައި މޫނު ޖައްސައިލައިގެން އީކް ހުރީ އަދިވެސް ބިރުގެންފައެވެ. އޭނާއަށް ލިބުނު ސިހުން ފިލައިނުދެއެވެ. އީކްއަށް ފުން ނަޒަރަކުން ބަލައިލަމުން އީވާންގެ ސުވާލަށް އޭނާ ބޯޖަހައިލިއެވެ.

"ރާހިލް.." އީވާނަށް ބަލައިލަމުން ރާހިލް ނަން ބުނުމާއެކު އީވާން ބޯޖަހައިލީއެވެ. އިތުރަށް ދައްކާނެ ވާހަކައެއް އޭނާއަކަށް ނޭނގުނެވެ. އީކްގެ ގައިގައި ހިފައި ބާރުކޮށްލުމާއެކު އޭނާއާ އެކުގައި ކާރަށް އަރަން ދިއުމަށް އީވާން އެދުނެވެ. އޭރު އެހިސާބަށް އެއްވެފައި ތިބި މީހުންތައްވެސް އެދެމީހުންގެ ހާލު ރަނގަޅުކަން އެނގުމުން މަޑުމަޑުން މަދުވާން ފަށައިފިއެވެ.

"ނު..ނު..ހިނ..ގޭނެ.." ތުރުތުރުއަޅަމުންދިޔަ އަޑުން އީކް ބުނެލީ އުނދަގުލުންނެވެ. ފައިގެ ކަށިމައްޗަށް އިހުސާސު ކުރެވެމުންދިތަ ތަދުން އޭނާ ހުރީ ގުޑިލަންވެސް ނުކެރިފައެވެ. ވަގުތުން އަތްދަނޑި މައްޗަށް އީވާން އީކް އުފުލައިލިއެވެ. އަދި ރާހިލް އަށް ބަލައިލަމުން އަނެއްފަރާތުގައި އޮތް ކާރާ ދިމާއަށް އީވާން ހިނގައިގަތެވެ.

"އަދިވެސް އެއް ފަހަރު ވަރަށް ބޮޑަށް މަޢާފަށް އެދެން.." ފުންނޭވާއެއް ދޫކޮށްލަމުން ރާހިލް ބުނެލިއެވެ. ބޯޖަހައިލުން ފިޔަވައި އޭނާގެ ވާހަކައަކަށް އީވާން އެއްވެސް އެއްޗެއް ނުބުންޏެވެ. ކާރުގެ ކުރީ ސީޓްގެ ދޮރު ހުޅުވައިލަމުން މަޑުމަޑުން އީކް ބެއިނދިއެވެ. އަދި ދޮރު ލައްޕައިލުމަށްފަހު އައިސް ޑްރައިވަރ ސީޓަށް އަރަމުން ކާރު ސްޓާރޓް ކޮށްލިއެވެ. އީވާންގެ ކާރު ގޮސް ލޮލުކޮޅަށް އޮބާލަންދެން މަގުގެ އެއްފަރާތުގައި ބަލަހައްޓައިގެން ރާހިލް ހުއްޓެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން އޭނާ ފިނި ނޭވާއެއް ފަޒާގެ ތެރަށް ދޫކޮށްލިއެވެ. ހަވާލު ކުރެވުނު މަސައްކަތް ފުރިހަމަ ނުކުރެވެމުން މާހާ ކަންތައް ކުރާނެ ގޮތަކާ މެދުގައި ވިސްނުން ހިންގަމުން އޭނާގެ ކާރާ ދިމާއަށް ލަސްހިނގުމެއްގައި މިސްރާބު ޖެހިއެވެ.

އީކް ގޮވައިގެން އީވާން އައީ ހޮސްޕިޓަލަށެވެ. ފަޔަށް ތަދުވެފައި ހުރުމުން ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސް ނަގައިގެން އޭނާ އައީ ގެއަށެވެ. އީކްގެ ހާލަތު ގޯސްވެފައި ހުއްޓައި އިތުރު ތަނަކަށް ދާން އޭނާ ބޭނުންނުވީއެވެ. ލިބުނު ޝޮކުން އަރައިގަންނަން އީކް އަށް ކުޑަ ވަގުތުކޮޅެއް ބޭނުންވާނެ ކަމުގައި އޭނާ ދެކުނެވެ.

* * * * *

"ޔޫ ޑިޑް ވަޓް؟" ރާހިލްގެ މޫނަށް ބަލަން ހުރި މާހާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. ރާހިލް އާ އޭނާ ހަވާލުކުރި މަސައްކަތް އޭނާ ބުނި ގޮތަށް ކުރިއަށް ނުދިއުމުން މާހާ ހީވަނީ ރުޅި އައިސްގެން ގޮސް ފަޅައިގެން ގޮސްފާނެހެންނެވެ. އެނާ ރާހިލްގެ މޫނަށް ބަލަން ހުރިއިރު ދެލޮލުން އަލިފާންކަނި ބުރަމުންދިޔަ ކަހަލައެވެ. މާހާއަށް ބަލަން ހުރި ރާހިލް ފުންނޭވައެއް ދޫކޮށްލަމުން ދެފަރާތަށް ބޯހޫރައިލިއެވެ.

"އަހަރެން ނުބުނަންތަ ކާރުން ޖައްސައި އެއަންހެންކުއްޖާ މާރާލާށެކޭ.. ކަލެއަށް އެވަރުގެ ކަމެއްވެސް ނުވިއެއްނު.."

"އަހަރެން މަސައްކަތް ކުރީމޭ.. އެކަމަކު އެއީ މާހާ ތިހީކުރާހާ ފަސޭހަކަމެއްވެސް ނޫން.. ކުށެއްގަ ބެދި ޖަލުގަ އުމުރު ހޭދަކުރާކަށް އަހަރެން ބޭނުމެއްނޫން.."

"އާރގް... އަހަރެން ބުނި ގޮތަށް ކަންތައް ކުރިނަމަ އެކަން ވީހީ އެކްސިޑެންޓަކަށް.. އޭރަށް އެއްވެސް ކުށެއްގަ ކަލޭ ނުބެދުނީސް.." ދަތްކުނޑި ވިކައިލަމުން މާހާ ބުނެލިއެވެ.

"މާހާ ޕްލީޒް.. ދެން މިކަންތައް ހުއްޓާލަން ހިނގާބަލަ.. މިހާރުވެސް އެކަކުގެ ފުރާނަ ދުއްވައިލެވިއްޖެ.. އެވަރު މާހާ އަށް ނުފުދެނީތަ؟ ކީއްވެތަ އެއަންހެންކުއްޖާ ފަހަތުން އަބަދު ތިއުޅެނީ..؟" ވަރުބަލިވެފައި ހުރި މީހަކު ފަދައިން ރާހިލް އާދޭސްކޮށްލިއެވެ.

"އެ އަންހެނާ އަހަރެންގެ ލޯބި އަހަރެންގެ އަތުން ޖަހައިގަތީ.. އެނގިއްޖެތަ؟ އަހަރެންމެ މުޅި ހަމަޖެހުން ނަގައިލި މީހަކީ އެއީ.. އަހަންނަށް ނުލިބުނު އުފަލެއް ވަކި އޭނައަށްވެސް ލިބިގެން ނުވާނެ.." މާހާގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ ކުއްލިއަކަށެވެ. ރުޅިއައިސްގެންގޮސް އޭނާ ތުރުތުރުއަޅަމުން ދިޔައެވެ. މާހާގެ މޫނަށް ވެރިވި ކުލަވަރު ފެނިފައި ރާހިލްގެ ހިތުގައި ރިއްސައިލިއެވެ.

"އަހަރެން ކަލޭ އެހައިވަރުން މިތަނަށް ގެނައީވެސް އޭނާގެ ކިބައިން ބަދަލުހިފަން ބޭނުންވާތީ.. އޭނާ ދިރިހުރިހައި ހިނދަކު އަހަންނަށް ހަމަޖެހުމެއް ނެތް.. އެކަމަކު ކަލެއަކަށްވެސް އެކަމެއް ނުވި އެއްނު.. ހާދަ ފިނޑިވެއްޖޭ ރާހިލް.." މާހާގެ ރުޅި ދިޔައީ ހައްތަހާ ގަދަވަމުންނެވެ.

"މާހާ.. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ.. އެކަންތައް ހިތުން ފުހެލަބަލަ.. އެމީހުނާއި ވަކިން އަހަރެމެންނަށް ލޯބީގެ ދުނިޔެއެއް ބިނައެއް ނުކުރެވޭނެތަ؟ ތިހުރިހައިކަމެއް ހަނދާންނައްތާލާފަ އަލުން ފަށައެއް ނުގަނެވޭނެތަ؟ ޕްލީޒް މާހާ.. އަހަރެން މާހާ ދެކެ ނުލާހިކު ލޯބިވޭ.. މާހާ އެދޭ ހުރިހައި އުފަލެއް ހޯދަދީގެން އަހަރެން މާހާ ގެންގުޅޭނަން.. އާދޭސްކޮށްފަ ބުނަން.. އަހަންނަށް ހަމަ އެންމެ ފުރުސަތެއް ދީބަލަ.." މާހާއާ ގާތްވެލައި އެދެއަތުގައި ހިފައިލަމުން ރާހިލް އާދޭސްކޮށްލިއެވެ. އިރުކޮޅަކު ރާހިލްގެ މޫނަށް ބަލަން ހުރުމަށްފަހު މާހާ އޭނާގެ ދެއަތްތިލަ ފޮޅުވައިލިއެވެ.

"އަހަރެން ލޯތްބެއް ނުވޭ ރާހިލް ދެކެއެއް.. ކިތައްފަހަރު ބުނީމަތަ ކަލެއަށް އެކަން ވިސްނޭނީ.."

"ދެން މިހުރިހައި ދުވަހު އަހަރެން ގާތުގަ ދެއްކި ވާހަކަތަކޯ.. އެއީ ދެއްކުންތެރިކަންތަ؟ އޭރު ގައިމު ބުނި އަހަރެންދެކެ ވަރަށް ލޯބިވެއޭ.. ކޮންމެވެސް ދުވަހަކުން ހަމައެކަނި އަހަރެންގެ މީހަކަށް ވާނަމޭ.. އެކަމަކު އިންތިޒާރު ކޮށްކޮށްވެސް ތިބުނާ ދުވަހެއް އައި ކަމަކަށް ނުވި.." މާހާގެ ވާހަކަތައް ހުރިގޮތުން ރާހިލް ގާތަށްވެސް ރުޅިއަންނަ ގޮތްވިއެވެ.

"އާން.. ރާހިލް އަހަރެންދެކެ ވާ ލޯބީގެ ނާޖާއިޒު ފައިދާ ނަގަން ބޭނުންވާތީ އަހަރެން އެހެން ބުނީ.. އެއްގޮތަކަށްވެސް ކަލޭ ދެކެ ލޯބިވާތީއެއްނޫން.. ކަލެއަށް އެވަރުވެސް ނުވިސްނުނެއްނު.." ވީ ފޫއްސާއެކު މޫނަށް ވައްތަރެއް ޖައްސައިލަމުން މާހާ ބުންޏެވެ. އިވުނު ވާހަކަތަކުން ރާހިލްއަށް ލިބުނީ ޝޮކެކެވެ. މިއޮއް ހުރިހައި ދުވަހު އޭނާއަށް ދުވެވުނީ އަވާމެންދުރެއްގެ ފަހަތުން ހެއްޔެވެ؟ މާހާ ބުނި ކޮންމެ ކަމެއް ކޮށްދީގެން ބޭނުންހައި ގޮތަކަށް އުޅުމުން މިއަދު އޭނާއަށް ދާން މި ޖެހުނީ ހުސްއަތާ ހެއްޔެވެ؟ އެއްގޮތަކަށްވެސް އެކަން ބަލައިގަންނާކަށް ރާހިލްގެ ޟަމީރު އެއްބަހެއް ނުވިއެވެ. އޭނާއަށް ލިބުނު ދެރައިގެ ބަދަލު މާހާއަށް ވެސް ދިނުމަށް ރާހިލްގެ ހިތް އެދުނެވެ. ސިކުނޑިއަށް ވެރިވަމުންދިޔަ ޚިޔާލުތަކާއެކު ރާހިލް މާހާއަށް ބަލައިލީ ދެލޯ ހަނިކޮށްލަމުންނެވެ.

"މާހާ ބުނި އެންމެ ކަމެއް އަހަންނަށް ކޮށްނުދެވުނީމަތަ ތިހެން ތިބުނަނީ؟" ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ރާހިލް ބުނެލިއެވެ.

"އެއްކަމެއްވެސް ވާމީހެއްނޫން ކަލޭ ތީ.. ކަލޭގެ ފަރުވާކުޑަކަމުން މިއަދު އެ އަންހެނާ އެސަލާމަތްވީ.. އެހެން ނޫންނަމަ.."

"އެހެން ނޫންނަމަ އޭނަގެ ދުވަސް ދުއްވައިލައިފަ ކަލޭ އެފިރިހެންކުއްޖާ ގާތަށް ދިޔައީސް ދޯ.. އަހަރެން ކޮށްދިން އެއްވެސް ކަމެއްގެ އަގުވަޒަން ނުކުރިތަނުގަ އަހަރެންގެ ލޯތްބަށް ކުޑަވެސް ޤަދަރެއް ކުރިނަމަ.." ކޮންޓްރޯލުން ނެއްޓުމުން ރާހިލް އަށް ހަޅޭއްލަވައިގަނެވުނެވެ.

"ރާހިލް އަހަރެން މަތިން ހަނދާން ނައްތާލާ.. އަހަރެން ދުވަހަކުވެސް ރާހިލް އަކަށް ނުލިބޭނެ.. އަހަރެން ލޯބިވަނީ ހަމައެކަނި އީވާން ދެކެ.. ކޮންމެ ގޮތަކުންވިއަސް އަހަރެން ހުއްޓާނީ އޭނަ ހާސިލް ކޮށްފަ.. މީގެފަހުން އަހަރެންގެ ފޯނަށް ގުޅައިގެން ނުވާނެ.. އަހަންނާ ބައްދަލުކުރަންވެސް އުޅެގެން ނުވާނެ.. ތިކަހަލަ ފަރުވާކުޑަ މީހެއްގެ އެހީތެރިކަމެއް އަހަރެން ބޭނުމެއްނޫން.. ގުޑް ބާއި ރާހިލް.." މަލާމާތުގެ ބެލުމަކުން ރާހިލްއަށް ބަލައިލުމަށްފަހު ރާހިލް ހުރުމަށް އޭނާ ހަމަޖެއްސި ހޮޓެލްގެ ކޮޓަރިން ނުކުންނަން މާހާ ހިނގައިގަތެވެ. އައި ގަދަ ރުޅިއާއެކު ރާހިލްގެ ދެއަތްތިލަ މުށްކެވުނެވެ. އޭނާއަށް އުޅެވެމުންދިޔަ ހުވަފެނީ ދުނިޔެއިން ހަގީގީ ދުނިޔެއަށް ނުކުމެވުނު ފަދައެވެ. މާހާއާ ދިމާވީއްސުރެ އޭނާގެ ހިތުގައިވި ހަމައެކަނި އަންހެންކުއްޖަކީ އެއީއެވެ. އެހެނަސް އެހިތް މާހާއަށް ހުޅުވައިލި ދުވަހުން ފެށިގެން މާހާ އައީ އޭނާގެ ތެދުވެރި އިހުސާސުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންކަން އޭނާއަށް މިއަދު ވިސްނިއްޖެއެވެ. މިހުރިހައި ދުވަހު މާހާގެ ދިރިއުޅުމުން އޭނާއަށް ޖާގައެއް ދެވިފައިވީ، މާހާ އެދުނު ކޮންމެ ކަމެއް، އެދުނު ގޮތަކަށް އޭނާއަށް ފުރިހަމަކޮށްދެވުމުންކަން ޔަގީނެވެ. ނަމަވެސް އެޅުނު އެންމެ ކަތިފިޔަވަޅެއްގެ ސަބަބުން މިއަދު އެދިރިއުޅުމުން އޭނާ ފައްސައިލީއެވެ. ދަތްކުނޑި ވިކައިލަމުން ރާހިލް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

"ޔޫ ވިލް ރިގްރެޓް ދިސް.. ޕްލެއިންގް ވިތް މައި ފީލިންގްސް.. ހަނދާން ކުރާތި.. އަހަރެންގެ ހިތަށް ތިދިން ކޮންމެ ޒަޚަމެއްގެ ބަދަލު އަހަރެން މާހާގެ ފަރާތުން ހިފާނަން.." ކޮޓަރީގެ ދޮރުމަތީގައި މާހާ މަޑުޖެހިލީ ރާހިލްގެ އަޑަށެވެ. އެނބުރި ރާހިލްއަށް ބަލައިލި ނަމަވެސް މާހާގެ މޫނުމަތީގައިވީ މަލާމާތުގެ ކުލަވަރެވެ. ރާހިލްއަށް އެއްކަމެއްވެސް ނުވާނޭ އެބެލުމުން އޭނާ ބުނާފަދައެވެ. މޫނަށް ނުލަފާ ވައްތަރެއް ޖައްސައިލުމާއެކު މާހާ ކޮޓަރީގެ ދޮރު ހުޅުވައިލަމުން ނުކުތެވެ.

* * * * *

އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ސްޓާފް ރޫމަށް ދިއުމަށް ކްލާހުން ނުކުތް އީވާނަށް، ތަންކޮޅެއް ދުރުގައިހުރި މަސައްކަތު މީހަކު ގޮވައިލިއެވެ. ހުރިފިޔަވަޅު މަތީގައި ހުއްޓެމުން އެމީހާއަށް އީވާން ބަލައިލިއެވެ.

"ބައްދަލުކޮށްލަން އައިސް ހުރި މީހެއް.." އޭނާގެ ފަހަތުގައި އިސްޖެހިފައި ހުއްޓިހުރި ޒުވާނާއަށް އިޝާރާތް ކޮށްލަމުން އެމީހާ ބުނެލިއެވެ. ނިތަށް ރޫއަރުވައިލަމުން އީވާން ބޯ އަރިކޮށްލީ އެމީހެއްގެ މޫނު ތަންކޮޅެއް ސާފުކޮށް ފެނޭތޯއެވެ. ލައިގެން ހުރި ހޫޑީއިން ބޮލުގައި އަޅުވައިލައިފައި ހުރި ބައި ތިރިކޮށްލަމުން އޭނާ އިސްއުފުލައިލިއެވެ. ރާހިލްގެ މޫނު ފެނުމުން އީވާންގެ ނިތަށް ރޫއަރައިގެން ދިޔައީ ރާހިލް އޭނާއާ ބައްދަލުކުރުމަށް އަންނަންޖެހުނު ސަބަބެއް ނުވިސްނުމުންނެވެ. އެދެމީހުނަށް ވަގުތު ދެމުން އެތަނުން ދިއުމަށް މަސައްކަތު މީހާ މިސްރާބުޖެހިއެވެ.

"ރާހިލް.. ހަނދާން އެބަހުރި ދޯ.." އީވާންގެ ކުރިމައްޗަށް އައިސް ހުއްޓިލަމުން ރާހިލް ބުނެލިއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި އީވާން ހަމައެކަނި ބޯޖަހައިލީއެވެ.

"އަހަރެން މިއައީ ވަރަށް މުހިންމު ވާހަކައެއް ދައްކަން.."

"ސޮރީ.. މިވަގުތު ކުޑަކޮށް ބިޒީ.. ވަރަށް އަވަހަށް ތަނަކަށް ދާން ޖެހިގެން މިދަނީ.." ރާހިލްއަށް ފާޑަކަށް ބަލައިލަމުން އީވާން ބުނެލިއެވެ. އަދި އޭނާއަށް ޖަވާބެއް ނުދެވެނީސް ރާހިލްއަށް ފުރަގަސްދެމުން އީވާން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

"އިޓްސް އެބައުޓް މާކިން.. ހިޒް ޑެތް.. އެއީ ގަސްދުގަ މީހަކު އީކްއަށް ދެރައެއްދިނުމަށް ކުރިކަމެކޭ އަހަރެން ބުނެފިއްޔާ ޤަބޫލުކުރާނަންތަ؟" ހޫޑީގެ އަރިމަތީ ދެޖީބަށް އަތް ޖަހައިލަމުން ރާހިލް ބުނެލީ ނުލަފާ ގޮތަކަށް ހިނިއައިސްފައި ހުރެއެވެ. ލިބުނު ސިހުމާއެކު ދެލޯ ބޮޑުކޮށްލަމުން އީވާނަށް ފަހަތަށް އެނބުރި ރާހިލްގެ މޫނަށް ބަލައިލެވުނެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް