ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (27)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ސައްބީސްވަނަ އަދަދާއި ގުޅޭ

"އިޓްސް އެބައުޓް މާކިން.. ހިޒް ޑެތް.. އެއީ ގަސްދުގަ މީހަކު އީކްއަށް ދެރައެއްދިނުމަށް ކުރިކަމެކޭ އަހަރެން ބުނެފިއްޔާ ޤަބޫލުކުރާނަންތަ؟" ހޫޑީގެ އަރިމަތީ ދެޖީބަށް އަތް ޖަހައިލަމުން ރާހިލް ބުނެލީ ނުލަފާ ގޮތަކަށް ހިނިއައިސްފައި ހުރެއެވެ. ލިބުނު ސިހުމާއެކު ދެލޯ ބޮޑުކޮށްލަމުން އީވާނަށް ފަހަތަށް އެނބުރި ރާހިލްގެ މޫނަށް ބަލައިލެވުނެވެ.

"ކީކޭ ތިބުނީ؟" ނިތަށް ރޫއަރުވައިލަމުން އީވާނަށް ބުނެވުނީ ބޭއިޚުތިޔާރުގައެވެ. "މާކިންގެ މަރަކީ ގަސްދުގަ މީހަކު ދިން ހަމަލާއެކޭ.. އެމީހެއްގެ ބޭނުމަކީ އީކް އަށް ދެރަދިނުން.." ވަރަށް ހަމަޖެހިލައިގެން ހުރެ ރާހިލް އަނެއްކާވެސް އޭނާ ކުރިން ބުނި ވާހަކަތައް ތަކުރާރުކޮށްލިއެވެ.

"ކާކު؟" ރާހިލްއާ ކުރިމަތިލަމުން އީވާން އަހައިލިއެވެ. އެއާއެކު ރާހިލްގެ ތުންފަތުގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

"މިތާ ހުރެތަ ހުރިހައި ވާހަކައެއް ދައްކާނީ؟ އަހަރެން ބޭނުންވަނީ ވަރަށް ހަމަޖެހިގެންތިބެ މި ވާހަކަ ދައްކަން.." ވަށައިގެން ނަޒަރު ހިންގައިލަމުން ރާހިލް ބުނެލިއެވެ. ރާހިލްގެ އެދުމަށް ދެކޮޅު ހަދަން އުޅެފައިވެސް އެކަން ނުކުރަން އީވާންގެ ޟަމީރު ގޮވައިލީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނެއެވެ. އެންމެ ފަހަރަކުވިއަސް ރާހިލްގެ ވާހަކަތައް އަޑުއަހައިލުމުގެ ޝައުގު އެހިތުގައި އުފެދުނެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އެންމެ ފަހުން އީވާން ނިންމީ ރާހިލްއަށް ފުރުސަތެއް ދިނުމަށެވެ. އޭނާއާ އެކުގައި އަންނާށޭބުނެ އީވާން މިސްރާބުޖެހީ ސްޓާފް ރޫމާ ދިމާއަށެވެ. އެތަނުގެ ކުރިމަތީގައި މަޑުކޮށްލުމަށް ރާހިލް ގާތުގައި ބުނަމުން އީވާން އެތެރަށް ވަނެވެ. އަދި ކުޑައިރުކޮޅެއްފަހުން އެތަނުން ނުކުމެ އަންނާށޭބުނެ އީވާން މިސްރާބުޖެހީ ލިފްޓާ ދިމާއަށެވެ. އެހުރިހައި އިރު އީވާންގެ ކޮންމެ އިރުޝާދަކަށް ތަބާވަމުން ރާހިލް ދިޔައެވެ. ކޮލެޖުގެ ގޯތިތެރެއިން ލައިފައި އައިސް އީވާން ކޮލެޖުން ނުކުމެ އެއްފަރާތުގައި ޕާރކް ކޮށްފައި އޮތް އޭނާގެ ކާރަށް އެރިއެވެ. ޖެހިގެންހުރި ސީޓްގެ ދޮރު ހުޅުވައިލަމުން ރާހިލް އަރައި ހަމަޖެހުމާއެކު އީވާން ކާރު ދުއްވައިލިއެވެ.

އެހިސާބާ މާދުރުނޫން ތަނެއްގައިހުރި ކޮފީ ޝޮޕެއް ކައިރީގައި ކާރު ޕާރކްކޮށްލަމުން އީވާން ފޭބިއެވެ. އީވާންގެ ފަހަތުން ކަހަލަ ގޮތަކަށް ރާހިލްވެސް ކާރުން ފައިބަމުން އެތަނުގެ ތެރަށް ވަދުނެވެ. މީހުންތަކާ ތަންކޮޅެއް އެކަހެރިކޮށްހުރި މޭޒެއްގެ ދޮށުގައި ދެމީހުން އައިސް އިނށީދެ ހަމަޖެހިލިއެވެ. ވެއިޓަރ އައިސް ހުއްޓިލުމާއެކު ކަޅު ކޮފީއަކަށް އޯޑަރ ދެމުން އީވާން ބަލައިލީ ރާހިލްއަށެވެ. ރާހިލްވެސް އޯޑަރ ދިނީ ކަޅު ކޮފީއަކަށެވެ. ބޯޖަހައިލަމުން ވެއިޓަރ އެތަނުން ދިއުމުން ފުން ނަޒަރަކުން އީވާން ކުރިމަތީގައި އިން ރާހިލްއަށް ބަލައިލިއެވެ. އޭނާގެ ވާހަކަ ފަށަންވީކަން ވިސްނި ރާހިލް ފުންނޭވާއެއް ދޫކޮށްލިއެވެ.

އިވެމުންދިޔަ ވާހަކަތައް ގަބޫލުކުރަން ދަތިވެފައި އީވާން އިނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ. ބަހެއްވެސް ނުބުނެ ރާހިލްގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް ފުރުސަތުދީގެން އޭނާ އިނީއެވެ. ހިތުގައި ފުނިޖެހެމުންއައި ސުވާލުތައް ފަހުން ކުރަން ނިންމައިގެންނެވެ. މާހާގެ ނަން ރާހިލްގެ ދުލުން ބޭރުވުމާއެކު އީވާންއަށް ލިބުނީ ޝޮކެކެވެ. އެއްގޮތަކަށްވެސް އެކަން ގަބޫލުކުރާނެ ގޮތެއް އީވާންއަކަށް ނުވިސްނުނެވެ. މާހާ އެވަރުގެ ކަމެއް ކޮށްފާނެތޯ އަމިއްލަ ނަފުސާ ތަކުރާރުކޮށް އޭނާއަށް ސުވާލުކޮށްލެވުނެވެ. އެވަރުގެ ދެރައެއް އީކްއަށް ދޭންވީ ސަބަބެއް ނުވިސްނުނެވެ. ކަނުލައި އަޑުއަހަން އިންއިރު އީވާންގެ މޫނުމަތިން ފައުޅުވަމުންދިޔަ އެކި ކުލަތަކަށް ބަލަން ރާހިލް އިނެވެ. އޭނާގެ މޫނުމަތީގައިވެސްވީ ސީރިއަސްކަމެވެ. އޭނާ ދައްކަމުންދިޔަ ވާހަކަތައް ގަބޫލުކުރުމަށް އީވާންގެ ފުށުން އެދޭފަދައެވެ. ވެއިޓަރ ގެނެސް ބެހެއްޓި ކޮފީ ޖޯޑުން އިރުއިރުކޮޅާ އީވާން އެތިފޮދެއް ބޯލައެވެ. ޝައުގުވެރިކަން އެމޫނުން ފައުޅުވެއެވެ. މާހާއާ އެންމެ ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެން އެދެމެދުގައި ހިނގި ހުރިހައިކަމެއް އެއްވެސް ފޮރުވުމެއްނެތި ރާހިލް ކިޔައިދިނެވެ. އޭނާގެ ވާހަކަތައް ނިންމައިލުމާއެކު އީވާން ދެފަރާތަށް ބޯހޫރައިލީ އަދިވެސް އެވާހަކަތަކުގެ ތެދުދޮގު ޔަގީންނުވެފައި އިނދެއެވެ.

"އަހަންނަށް ކޮން ޔަގީންކަމެއް އޮތީ ކަލޭ ތި ދެއްކީ ތެދު ވާހަކަތަކެއް ކަމެއް.." ސީދާ ރާހިލްގެ މޫނަށް ބަލަން އިނދެ އީވާން އަހައިލިއެވެ. މާކުރިންވެސް އެސުވާލު އޭނާއާ ކުރިމަތިވާނެކަން ރާހިލްއަށް އެނގެއެވެ. އެހެނަސް އެސުވާލަށް ދޭނެ ވަކި ޖަވާބެއް އޭނާގެ އަތުގައެއް ނެތެވެ. މާހާއާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެތް ނެތީމައެވެ.

"ދޭނެ ޖަވާބެއް ނޭނގުނު ދޯ.. އަނެއް ސުވާލަކީ އަހަރެން ގާތު ކަލޭ ތިވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބައިހޭ؟ މާހާދެކެ ރާހިލް ލޯބިވާ ވާހަކަ ބުނި.. އަނެއްކާ މާހާގެ އެދުމަށް ތިހުރިހައިކަމެއް ކުރި މީހާކީވެސް ކަލޭކަމަށް އަމިއްލައަށް އިއުތިރާފު ތިވަނީ؟ ތިކުށުގަ ކަލޭ ބެދި ޖަލުގައި އުމުރު ހޭދަކުރަން ފަހެއް ނުޖެހޭތަ؟" ގޮނޑީގައި ލެގިލަމުން އީވާން އޭނާގެ ހިތުގައި ފުނިޖެހިފައިވި ސުވާލުތަކުން ސުވާލެއް ކޮށްލިއެވެ.

"އިޓްސް ކޮޒް މާހާ ލަވްސް ޔޫ.. އޭނަ ބުނާގޮތުންނަމަ އޭނަ އީވާންދެކެ އިންތިހާއަށް ލޯބިވޭ.. އާން.. މިވަގުތު އަހަރެން އަތުގަ މާހާއާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެތް ނެތް.. ހަގީގަތުގަ އީވާން ގާތަށް އައި މައިގަނޑު އެއްސަބަބަކީވެސް އެއީ.. މާހާދެކެ އަހަރެން ލޯބިވޭ.. އެކަމަކު އޭނާއަށް އަހަރެންގެ ލޯތްބަށްވުރެ މުހިންމުވީ އެހެން ކަންކަން.. އަހަރެންނަކީ މާހާ ބޭނުންހައި ގޮތެއް ހަދަންހުރި ބުދެއް ނޫން.. ދެރައީ މިހުރިހައި ކަމެއް މާފަހުން ވިސްނުނުކަން.. މާހާގެ ލޯބީގައި ދީވާނާވެފަ ހުރިވަރުން އޭނަ ބުނިއްޔާ ބުނި އެއްޗެއް އަހަރެން ގަބޫލުކުރިން.. އެކަމަކު އޭނަ އަހަރެންގެ ދިރުއުޅުމުން އެދިޔައީ އަހަރެންގެ ދެލޯ ރަނގަޅަށް ހުޅުވައިދީފަ.. ހަގީގަތަކީ ކޮބައިކަން ބުނެދީފަ.. އީވާން ހީކުރާހައި މައުސޫމު ކުއްޖެއް ނޫން އެއީ.. ދެވަނަ ކަމަކީ.. ޖަލަށްދާން ޖެހިދާނެތީ އަހަރެން ޖެހިލުންވޭ.. ބިރުވެސްގަނޭ.. އެކަމަކު އަހަންނަށް ދެން ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެކަން ޔަގީން.. މާހާގެ ވަކިތައްދަށުން ސަލާމަތްވުމަކީ އުނދަގޫކަމެއް.. އޭނަގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އަހަންނަކަށްނު.. މާހާގެ އެނުބައި ސިއްރުތައްވެސް.. އެހައި ފަސޭހައިން އަހަރެން ސަލާމަތުން އޭނަ ދޫކޮށެއްނުލާނެ.. މިހާރުވެސް އަހަރެންގެ ދުވަސް ދުއްވައިލަން ޕްލޭންތަކެއް ނުހަދާކަމެއް ނޭނގެ.. އެހެންވީމަ އެހުރިހައި ކަމަކަށްވުރެ އުމުރު ހުސްވަންދެން ޖަލުގެ ތޭރިތަކު ތެރޭ އޮތުންވެސް އަހަންނަށް މާރަނގަޅު.. އެކަމަކު.. އަހަރެން ޖަލަށް ދާން ބޭނުމީ މާހާވެސް ގޮވައިގެން.. އޭނާ އެކުރި ކުށުގެ ހިތިރަހަ އޭނާގެ އަރުބުޑުގައި ލައްވައިލާން އަހަރެން ބޭނުން.." ދުރަށް ނަޒަރު ހުއްޓައިލައިގެން އިން ރާހިލްގެ ދެލޮލުން ފައުޅުވެލީ ނުރައްކާތެރި ކުލަވަރެކެވެ. މާހާއާ އެކުގައި ހޭދަވީ ދުވަސްތަކުތެރޭ އޭނާގެ ގޮތް ވަރަށް ރަނގަޅަށް ރާހިލްއަށް ދަސްވެއްޖެއެވެ. މާހާ އަކީ ކިހައި ވަރެއްގެ ކާކުކަން އޭނާ ދަނެއެވެ. އީވާން ގާތަށް އަމިއްލަ ކުށައިގެން އޭނާ އައިސް އެއިނީ އެހެންވެއެވެ. އެހެންނޫންނަމަ އެއީ ދުވަހެއްގެ ކޮޅުންވެސް އޭނާ މީހެއް ގާތުގައި ފައުޅުކުރާނެފަދަ ހަގީގަތެއް ނޫނެވެ.

"މާހާ އަހަރެންދެކެ ލޯބިވާކަން އެނގޭ.. އެކަމަކު.."

"ޝީ ވިލް ޓެލް ޔޫ.." އީވާންގެ ވާހަކަ މެދުކަނޑައިލަމުން ރާހިލް ބުނެލިއެވެ. އެބުނި އެއްޗެއް ނުވިސްނުނު ފަދައިން އީވާން މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

"އީވާން ޖެހޭނީ ކުޑަ ހިތްވަރެއް ކޮށްލަން.. މާހާ އީވާނަށް ހުރިހައި ވާހަކަތަކެއް ކިޔައިދޭނެކަން އަހަންނަށް ޔަގީން.. އެކަމަކު އޭގެ ކުރިން އީވާން ޖެހޭނީ މާހާގެ ފުރިހަމަ އިތުބާރު ހޯދަން.. ދެލޯ މަރައިލައިފަވެސް އޭނަ އިތުބާރުކުރާ ވަރުގެ މީހަކަށް ވާން.. މާހާއާ ދެކޮޅަށް ހެއްކެތް ހޯދޭނެ ހަމައެކަނި ގޮތަކީ މިއީ.. މިބުނި އެއްޗެއް ވިސްނިއްޖެތަ؟ މިހާރު އެނގިއްޖެތަ އަހަރެން މިތަނަށް އަންނަންޖެހުނު ސަބަބު.." ކޮފީ ޖޯޑު ތުނބުގައި ޖަހައިލައި އެތިފޮދެއް ބޯލަމުން ރާހިލް ބުނެލީ މަޑުމަޑުންނެވެ. ރާހިލް ބުނި އެއްޗަކާމެދު ވިސްނަން އިން އީވާން ބޯޖަހައިލިއެވެ.

"އަހަރެން މިކިޔައިދިން ވާހަކަތަކުގެ ތެދުދޮގު ހޯދާނީ އީވާން އަމިއްލައަށް.. އަހަރެން މިހާމަކުރީ ހަގީގަތްކަން އޭރަށް އީވާނަށް ޔަގީންވާނެ.. ޔޫ ހެވް ޓް އެކްޓް ވިތް ހާރ.. އޭނަދެކެ ލޯބިވާކަމަށް ހެދިގެން އީވާން ޖެހޭނީ އޭނާގެ މިސިއްރުތަކުގެ އެންމެ އަޑިއަށް ފީނަން.. އެދުވަހަކުން ތިހިތުގަ ފުނިޖެހިފަ ތިހުރި ހުރިހައި ސުވާލެއްގެ ޖަވާބުވެސް ލިބޭނެ.. ޗޮއިސް އިޒް ޔުއަރސް.." ސީރިއަސް ބެލުމަކުން އީވާންއަށް ބަލަން ރާހިލް އިނެވެ. އެވަގުތު އީވާންގެ ސިކުނޑިއަށް އައީ މީގެ ދުވަސްތަކެއް ކުރިން މާހާއަށް އީކް ފެނިގެން އެމޫނަށް ވެރިވި ޖެހިލުންވުމާއި ބިރުވެރިކަމުގެ ކުލަވަރެވެ. ކޮންމެވެސް ގޮތަކުން މާހާއަށް އީކް އެނގޭހެން އެދުވަހުވެސް އީވާނަށް ހީވިއެވެ. އޭނާގެ ސުވާލާއެކު މާހާ ހެދީ ދޮގުކަން އެދުވަހުވެސް އޭނާގެ ވިސްނުންތޫނު ސިކުނޑި ދެނެގަތެވެ. ރާހިލްގެ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ވާހެން އެހިނދު އީވާނަށް އިހުސާސުވިއެވެ.

"އީކްގެ ފަހަތުން މާހާ އުޅުމުގެ ބޭނުމަކީ ކޮބާ؟" ޚިޔާލަކަށް ގެއްލިފައި އިން މީހަކުފަދައިން އީވާން އަހައިލިއެވެ.

"ތިއެއް އެހައި ބޮޑަކަށް އަހަންނަކަށް ނޭނގެ.. މާހާ ބުނިގޮތުންނަމަ އީކް އޭނާގެ ލޯބި އޭނާ އަތުން ޖަހައިގަތީ.. އޭނާއަށް ނުލިބުނު އުފަލެއް އީކް އަށް ލިބެން މާހާ ބޭނުންނުވީ.. އެދެމެދުގަ ފޮރުވިފަ އޮތް ކަމެއްވިއްޔާ އީވާންގެ އަންހެނުންނަށް އެނގޭނު.. އޭނާ ކުރެން އަހައި އެކަން އޮޅުން ފިލުވަންވީނު.." މާހާގެ ވާހަކަތައް ހަނދާން ކުރަމުން ރާހިލް ބުނެލިއެވެ. އިތުރު އެއްޗެކޭ ބުނުމެއްނެތި އީވާން ލަސްލަހުން ބޯޖަހައިލީއެވެ. ދައްކާނެ އިތުރު ވާހަކައެއް ނެތުމުން އެތަނުން ދިއުމަށް ރާހިލް ތެދުވިއެވެ. އެވަގުތު އީވާން އޭނާގެ ނަމުން ގޮވައިލުމާއެކު ރާހިލް ހުއްޓުނެވެ.

"އަދި އެއް ސުވާލު.. އެރޭ.. ސީދާ އީކްއާ ދިމާއަށް.. ކާރުގަ ކަލޭ އައީ ގަސްދުގަ ދޯ.. ޔޫ ވަރ ޓްރައިންގް ޓް މޭކް އިޓް ލުކް ލައިކް އެން އެކްސިޑެންޓް.. އެކަމަކު އެކަމެއް ކަލެއަކަށްނުވި.. އެހެންނު.. މިވެސް މާހާގެ ރޭވުމެއްތަ؟" އިންތަނުން ތެދުވެ ލައިގެންހުރި ފަޓުލޫނުގެ ދެޖީބަށް އަތް ޖަހައިލަމުން އީވާން އަހައިލިއެވެ. އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ރާހިލް މަޑުމަޑުން ބޯޖަހައިލީ އީވާންގެ ވާހަކަތަކަށް އެއްބަސްވަމުންނެވެ. ފޮރުވަންވީ އެއްވެސް ކަމެއް އޮތްކަމަކަށް އޭނާ ނުދެކުނެވެ. ދެލޯބޮޑުވުމާއެކު އީވާންއަށް ދަތްކުނޑި ވިކައިލެވުނެވެ.

"މާހާގެ ބޭނުމަކީ އީކްގެ ދުވަސް ދުއްވައިލުން.. އީވާންގެ ހަޔާތުން އޭނާއަށް ޖާގައެއްލިބެން އޮތީ އެހެން އެކަން ވެގެންކަމަށް އޭނަ ދެކެނީ.. އަހަރެންނަށް އެކަން ނުވީމަ.. މާހާ އަހަރެންދެކެ ހިތްހަމަނުޖެހުނީ.. އައި އެމް ސޮރީ.. އަހަންނަށް އެނގޭ އެއްޗެއް ވިއްޔާ އީވާނަށް ކިޔައިދީފިން.. އީވާންގެ އަނބިމީހާއަށް އިންސާފު ހޯދައިދިނުން އޮތީ އީވާންގެ އަތްމަތީ... މާދަން އަހަރެން އެނބުރި ރާއްޖެދާން ފުރަން.. ކޮންމެ ދުވަހަކުންވިއަސް ޕޮލިހުން އަހަރެން ހޯދަން އައިސްފިނަމަ އެމީހުނާއެކު ދިއުމަށް އަހަރެން މިހުރީ ތައްޔާރަށް.. ހަގީގަތަކީ އޭރު އެހުރިހައިކަމެއް ކުރެވުނު އިރުވެސް އަހަރެން އެކަންކަން ކުރަން ބޭނުންނުވިކަން.. އެކަމަކު މާހާގެ ލޯތްބަށްޓަކާ.. އަހަރެންގެ މުޅި ނަފުސު ޤުރުބާންކުރީ... އެހުވަފެނީ ދުނިޔެއިން ބޭރުވުމުން އަހަންނަށް އިހުސާސު ކުރެވިއްޖެ އަހަންނަށް ހެދުނީ ކިހައިބޮޑު ގޯހެއްކަން.. އެހުރިހައި ކަމަކާ ކުރިމަތިލާން ތައްޔާރަށް މިހުރީ އެހެންވެ.. ފަހަރުގަ އަހަރެންމީ މޮޔައެކޭ އީވާން ހީކޮށްފާނެ.. އެކަމަކުވެސް.. އަހަރެންގެ އެއްވެސް ފަރުވާލެއްނެތް.. އަހަންނަށް ލިބޭނެ އެއްވެސް ރައްކާތެރިކަމެއް ނެތްކަން އެނގޭއިރު... އަހަރެންގެ ކުށާ އަހަރެން ހަވާލުވާން ބޭނުންވަނީ އެކަން ރާވައި އަހަރެންގެ ބޭނުން ހިފި ފަރާތާވެސްއެކު.. ސޯ ޕްލީޒް.. އަހަންނަށް އެހީވެދީ... އެހެންނޫންނަމަ ކިތަންމެ ފުރާނައެއްވެސް މިގޮތުގަ ގެއްލިދާނެ.. މާހާއަކީ އަޑިއަޑިން ގޭންގްތަކާ ގުޅުންހުރި މީހެއްކަން އަހަންނަށް އެނގޭ.. އޭނާގެ ލިސްޓްގަ މިހާރު އަހަރެންގެ ނަންވެސް ނެތްކަމެއް ނޭނގެ.. އަހަރެންގެ ބަލިކަށި ހިތަށް މާހާ ދިން ކޮންމެ ޒަޚަމެއްގެ ބަދަލު އަހަރެން ބޭނުން.. އަހަރެން ގޮތަށް އޭނަ ކުޅުނީ ކިތައް ޒުވާނުންގެ ހިތާކަމެއް ނޭނގެ.. އަހަރެންގެ އޮތީ ކޮންމެފަދަ ނިޔަތަކަށްވިއަސް، މިމައުލޫމާތު ތަކަކީ އީވާންގެ އާއިލާއަށް ފައިދާހުރި މައުލޫމާތުތަކެއް ކަމަށް ހީކުރަން.." މަޑުމައިތިރިކަމާއެކު ރާހިލް ބުނެލިއިރު އެތުންފަތުގައިވީ ހިތި ހިނިތުންވުމެކެވެ. ހެދުނު ގޯސްތަކާމެދު ހަގީގަތުގައިވެސް އޭނާ ހިތާމަކުރާ ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އީވާން ހުއްޓައި ހޫޑީއިން ބޯނިވައިކޮށްލައި އިސްޖަހައިލަމުން އެތަނުން ދިއުމަށް ރާހިލް ހިނގައިގަތެވެ. ރާހިލް ނުކުތުމާއެކު ދެއަތް މުށްކަވައިލަމުން އީވާނަށް ފިނިނޭވާއެއް ދޫކޮށްލެވުނެވެ. އޭރު ރާހިލްގެ ވާހަކަތައް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުންދިޔައެވެ.

* * * * *

ޖޯންގެ ކުރިމަތީގައި އިން އީކްގެ ތުންފަތުގައިވީ ފުޅާ ހިނިތުންވުމެކެވެ. ހިތްހަމަޖެހިފައި ޖޯންވެސް އިނީ އީކްއަށް ބަލަހައްޓައިގެންނެވެ.

"ދެން އިތުރަށް އަހަރެންގެ އެހީތެރިކަމެއް ބޭނުމެއް ނުވާނެ ދޯ.." އީކްއަށް ބަލަން އިނދެ ޖޯން ބުނެލީ ލުއި ހީލުމަކާއެކުއެވެ. މަޑުމަޑުން އީކް ބޯޖަހައިލުމާއެކު ޖޯންގެ ހިނިތުންވުން ފުންވެލިއެވެ.

"އަދިވެސް އިޝާރާތުންތަ ވާހަކަ ދައްކަނީ.. އަހަރެން ހީކުރީ މިހާރު އީކްއަށް އެއްވެސް އުނދަގުލެއްނެތި ވާހަކަ ދެއްކޭކަމަށް.." ދިމާކޮށްލާފަދަ ގޮތަކަށް ޖޯން ބުނެލިއެވެ. އެއާއެކު އީކްގެ މަޑު ހީލުމުގެ އަޑު އިވުނެވެ.

"އާއިލާގެ އެއްވެސް މީހަކަށް އެނގޭތަ އީކްގެ ފަރުވާގެ ކަންކަން ފުރިހަމަވެއްޖެކަން.." އަނެއްކާވެސް ޖޯން އަހައިލިއެވެ.

"ނޫން.. އަދި އެއްވެސް މީހަކަށް ނޭނގޭނެ.. އެއްކޮށް ރަނގަޅުވެ އެއްވެސް ދަތިކަމެއްނެތި އަހަންނަށް ވާހަކަ ދެއްކޭކަން ޔަގީން ވަންދެން މަޑުކޮށްލަން ބޭނުންވީ.." އީކްގެ އަޑުގައިވެސްވީ އުފައުވެރިކަމެވެ.

"އަހަންނަށް ހީވަނީ އާއިލާއަށް މިކަން އަންގަންވީ ވަގުތު ޖެހިއްޖެހެން.." އަތުގައި އޮތް ގަލަމުން އީކްއަށް އިޝާރާތްކޮށްލަމުން ޖޯން ބުނެލީ ހިތްހެޔޮ ރާގަކަށެވެ. ޖޯންގެ ވާހަކަތަކަށް އެއްބަސްވި އީކްގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. އޭނާގެ ހާލަތު ރަނގަޅުވަމުން އައިއިރު އެއިން އެއްވެސް ކަމެއް އޭނާ އެއްވެސް މީހަކަށް ނުއަންގައެވެ. ހާލަތު އެއްކޮށް ރަނގަޅުވުމުން ނޫނީ ބުނަން އޭނާ ބޭނުންނުވީއެވެ. މިއަދު މީ ސްޕީޗް ތެރަޕިސްޓްގެ އެހީތެރިކަން އޭނާއަށް ބޭނުންވާ އެންމެ ފަހު ދުވަސްކަންވެސް އެނގެނީ އޭނާއަށް އެކަންޏެވެ. ލުއި ހިނިތުންވުމެއް ތުންފަތުގައި ވީއިރު އީކްގެ ޚިޔާލުތަކުގައިވީ އީވާންއެވެ. އޭނާއަށް ވާހަކަދެއްކޭކަން އެނގުމުން އީވާނަށް ވާނީ ކިހިނެއްބާއޭ އެވަގުތު އޭނާގެ ހިތާ ސުވާލުކޮށްލިއެވެ. މަޑު ރަތްކަމެއް ދެކޯތާފަތަށް ފޭދުމާއެކު އީކްއަށް އިސްޖަހައިލެވުނީ ހިތަށް ވެރިވި ޚިޔާލުތަކުން ލަދުގަތްވަރުންނެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް