ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (28)

ހަތާވިސްވަނަ އަދަދާއި ގުޅޭ
ޖޯންގެ ކެބިންއިން ނުކުމެވުމާއެކު ކޮނޑުގައި އޮތް އަތްދަބަސްތެރެއިން ފޯނު ނަގަމުން ޑްރައިވަރަށް އީކް މެސެޖު ކޮށްލިއެވެ. އީވާންގެ ކޮލެޖް ގަޑިކަމުން ދޭތެރަކުން އީކް އެކަނިވެސް ސެޝަންސްތަކަށް އާދެއެވެ. ހައިތަމްގެ ހާލަތުވެސް ދުވަހެއް ދުވަހަކަށް ދަށްވަމުންދާތީ ގިނަވަގުތު ހައިތަމް އަރާމުކުރުމަށް އީކް ބާރުއަޅައެވެ.

ޑްރައިވަރުގެ އިންތިޒާރުގައި މަގުމަތީގައި އޭނާ ހުއްޓެވެ. ކާރު އައިސް ކުރިމައްޗަށް މަޑުކޮށްލުމާއެކު ފަހަތު ސީޓްގެ ދޮރުފަތް ހުޅުވައިލަމުން އޭނާ އެރިއެވެ. އަދި ފޯނުގައި ލިޔެލުމަށްފަހު ޑްރައިވަރަށް ފޯނު ދައްކައިލިއެވެ. އީކް އެދުނީ އީވާންގެ ކޮލެޖަށް އޭނާ ގެންގޮސްދިނުމަށެވެ. އިރުކޮޅެއްފަހުން އީވާންގެ ބްރޭކްގަޑި ޖެހޭނެކަން އެނގޭތީ އީކް ބޭނުންވީ އެވަގުތު އީވާންއާ ބައްދަލުކޮށް އެއުފައުވެރި ޚަބަރު ދޭށެވެ. އުފަލުންގޮސް އޭނާއަށް ކެތްވަނީކީ ނޫނެވެ. އީވާން އުފަލުން އުޅޭނެގޮތް ހިތަށް އެރުމާއެކު އީކްއަށް ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މާކިންގެ ހަނދާންތައްވަނީ މަޑުމަޑުން އީކްގެ ސިކުނޑިއާ ދުރަށްދާން ފަށައިފައެވެ. އެހަނދާންތަކުގެ މައްޗަށް އީވާން އަށްޓަކައި ހިތުގައި އުފެދެމުންއައި ޖަޒުބާތުތައް ވަނީ ގަދަވެފައެވެ. އެއީ ލޯބިތޯ އަމިއްލަ ނަފުސާ އޭނާ ތަކުރާރުކޮށް ސުވާލުކުރެއެވެ. ހަމަގައިމުވެސް އެއިހުސާސުތައް ނުހަނު ވަރުގަދަކަން އޭނާއަށް ޔަގީނެވެ. މީގެ ކުރިން މާކިންއަށްޓަކައި ހިތުގައި އުފެދުނު އިހުސާސުތަކާ މުޅިން ތަފާތެވެ. ލޯތްބަކީ އެކި ގޮތްގޮތަށް ވެވޭ އެއްޗެއްކަން ޚުދު އޭނާ ވެސް ގަބޫލުކުރެއެވެ. މީގެކުރިން އީވާންއާ މެދުގައި އޭނާ ދެކުނީ މުޅިން ތަފާތު ނަޒަރަކުންނެވެ. އަދު އެހިތުގައި އީވާންގެ ނަންވީ ހަމައެކަނި އެކުވެރިއެއްގެ ގޮތުގައި ނޫންކަން އަމިއްލަ އަށްވެސް ގަބޫލުކުރެވެއެވެ. ފިރިއެއްގެ މަޤާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި އީވާންއަށް ދިނުމަށް އީކްގެ ހިތް އެދެއެވެ. މާކިންގެ ވަކިވުމަށްފަހު އިތުރު މީހަކުދެކެ ލޯބި ވެވިދާނެކަމަކަށް އޭނާ ދުވަހަކުވެސް ހިއެއްނުކުރެއެވެ. މުޅި އުމުރު މާކިންގެ ހަނދާނުގައި ހޭދަކޮށްލުމަށް އީކް ހުރީ ނިންމައިގެންނެވެ. އެހެނަސް ތަޤުދީރުގައި ލިޔެވިފައިވީ އޭނާއަށް އެއަށްވުރެ ފުރިހަމަ ދިރިއުޅުމެއް މިންވަރުކުރެއްވުމަށެވެ. ޝައްކެތް ނެތެވެ. އަހަރެމެންނަށްޓަކައި އެންމެ ހެޔޮގޮތް މޮޅަށް ދެނެވޮޑިގެންވަނީ އަހަރެމެން ހެއްދެވި މާތް ރަސްކަލާނގެއެވެ. ޙަޔާތުގެ ކަންކަން އަހަރެމެން ކިތަންމެ ވަރަކަށް ރޭވިއަސް، ހަގީގަތަކީ އަހަރެމެންގެ ހަޔާތުގެ ކަންކަން ކުރިއަށްދަނީ އެންމެ މޮޅު ފަރާތުން ރާއްވަވައި ނިންމައިވައިފައިވާ ގޮތަށް ކަމެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްވެސް މެދުވެރިވަނީ އަހަރެމެންނަށްޓަކައި ރަނގަޅަކަށެވެ. ކަންކަމާމެދުގައި ފުންކޮށް ވިސްނައިލައިފިނަމަ އެކަން ޚުދު އަހަރެމެންނަށްވެސް އިހުސާސުކުރެވޭނެކަން ގައިމެވެ. ކަންކަން ރާއްވަވައި ހިންގަވާ ފަރާތަށް ޙަމްދުހުއްޓެވެ. އަހަރެމެންގެ އަތުން އެއްޗެއް ބީވެއްޖެނަމަ، އެއަށްވުރެ މޮޅު އެއްޗެއް އެކަލާނގެ މިންވަރުކޮށްދެއްވައެވެ. މާތް ރަސްކަލާނގެއަށް ފުރިހަމައަށް އިތުބާރުކުރަންވީ އެހެންވެއެވެ. އެކަލާނގެއަށް އެންމެ ފުރިހަމަ ގޮތުގައި އިތުބާރުކުރާ އަޅަކު މާޔޫސްވުމެއް ނެތެވެ. ކޮންމެ ކަމެއްގައިވެސް ކޮންމެވެސް ހެވެއް ވާކަން ކަށަވަރެވެ. އަހަރެމެންނަށް އޮތީ އެކަން ގަބޫލުކުރާ ހާލު ﷲ އަށް ވަކީލުކޮށް ކުރިއަށް ދިއުމެވެ.

އެކި ކަންކަމާ މެދުގައި ވިސްނެމުން ދިޔަވަރަކަށް އީކްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެލިއެވެ. ކާރުގެ ބާރު ދުވެއްޔާއެކު ފަސްދީ ދަމުންދިތަ ގުދުރަތުގެ ޗާލުކަމަށް އީކްގެ މުޅި ހިތާއި ނަފުސު ދޫކޮށްލިއެވެ. މާކިން ނިޔާވުމަށްފަހު އޭނާގެ މުޅި ދިރިއުޅުންވަނީ ހީވެސްނުކުރާފަދަ ގޮތަކަށް ބަދަލުވެފައެވެ. އެހިތުން ދެވަނަ ފިރިހެނަކަށް އެފަދަ މަޤާމެއް ނުދެވޭނެކަމުގައި ހީކުރެވުނެވެ. އެހެނަސް މިއަދު އެހިތުގައި އީވާނަށްޓަކައި ޖަހަމުންދިޔައީ ލޯބީގެ ވިންދުކަން ގައިމެވެ. އީވާންގެ ފުށުން ލިބުނު އޯގާތެރިކަމާއި ނިމުމެއްނުވާ ލޯބި އޭނާގެ ހިތް ފަތަހަކޮށްފިއެވެ. އޭނާއާ މެދުގައި ބެހެއްޓި ގާތްކަމަކީ އެއްވެސް އިތުރު މީހެއްގެ ފަރާތުން އީކްއަށް ލިބުނުފަދަ ގާތްކަމެއްނޫނެވެ. މާކިންއަށް ވުރެވެސް އޭނާއާ މެދުގައި އީވާން ކަންތައްކޮށްދޭލެއް ފުރިހަމަކަން އީކްއަށް ވިސްނެއެވެ. އިހުސާސުކުރެވެއެވެ. އެހައި ފަސޭހައިން އީވާންގެ ނަން ހިތުގައި ފެވިގެންއައީ އެހެންވެއެވެ. "އެހާ އޯގާތެރި ފިރިއެއްދެކެ ލޯބިނުވެވޭނީ ކާކަށް.. ހެހެ.. އޯ އީވާން.. އައި ކާންޓް ހެލްޕް އިޓް.. އަހަންނަށް އީވާން ދެކެ ލޯބިވެވިއްޖެ.. ވަރަށް ބޮޑަށް ލޯބިވެވިއްޖެ.. މޯރ ދެން އައި ހެވް އެވަރ ލަވްޑް އެނީވަން.. އީވާން ގާތު މިވާހަކަ ބުނާހިތުން ކެތްނުވޭ.. އަހަރެންގެ ދުލުން މިލޯތްބަށް އިއުތިރާފުވާ އަޑު އިވުމުން އީވާން ވަރަށް އުފާވާނެކަން ޔަގީން.." ބޭރަށް ނަޒަރު ހުއްޓައިލައިގެން އިން އީކްގެ ހިތަށް އެހެން އެރުމާއެކު އެކުޑަ މޫނުކޮޅު ލަދުންގޮސް ރަތްވެގެން ދިޔައެވެ. މަޑުފިޔާތޮށިކުލައިގެ ތުންފަތުގައި ދަތްއަޅައިލުމާއެކު އޭނާއަށް އިސްޖަހައިލެވުނެވެ.
* * * * *

ފާޚާނާއަށް ދިއުމަށް އެނދުން ތެދުވުމާއެކު ޒާރާގެ ބޮލަށް އެނބުރުން އެރިއެވެ. އެހާލުންވެސް ހިތްވަރުކޮށްފައި އޭނާ މަސައްކަތް ކުރަމުންދިޔައީ ކުރިއަށް ދެވޭތޯއެވެ. ސޯފާގައި ލެޕްޓޮޕުން މުހިންމު ލިޔުންތަކެއް ބަލަންއިން ޝަމްއަލްގެ ނަޒަރު އެދިމާއަށް ހުއްޓުމާއެކު އޭނާއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ.

"ތިހާލުންވެސް ޑޮކްޓަރަށް ދައްކަން ދާން އެއްބަސް ނުވާތި.." ހިތްހަމަނުޖެހިފައި ޝަމްއަލް ބުނެލީ ޒާރާ ގޮތްދޫނުކުރަން އުޅޭތީ ބޮލަށް އުނދަގޫވެފައި އިނދެއެވެ. ބަލިގޮތަކަށް ޝަމްއަލްއާ ދިމާއަށް ބަލައިލިއެއްކަމަކު ޒާރާ އެއްވެސް އެއްޗެއް ނުބުންޏެވެ. ފާރުގައި އަތްޖައްސައިލައިގެން ހުރެ ކުރިއަށް ފިޔަވަޅެއް އަޅައިލިވަގުތު ވަށައިގެންވި މާހައުލު އަނދަރިވެގެން ދިޔަކަމުގެ އިހުސާސް ކުރެވުނެވެ. ގައިން ވަރުދޫވުމާއެކު އޭނާ އަރިއަޅައިލާގޮތް ވިއެވެ. އެތަންފެނި ހާސްވެފައި އިންތަނުން ޝަމްއަލް ތެދުވިއެވެ. އަދި ބާރު ހިނގުމެއްގައި އައިސް ޒާރާ ވެއްޓުމުގެ ކުރިން އޭނާގެ ހަށިގަނޑުގައި ހިފަހައްޓައިލިއެވެ. ޚަބަރު ހުސްވެފައި އޮތް ޒާރާ އަތްދަނޑި މައްޗަށް އުފުލައިލުމާއެކު އެނދުގައި ބާއްވަމުން ޝަމްއަލް އަވަސްވީ އެމްބިއުލޭންސްއަށް ގުޅުމަށެވެ.

* * * * *
އެނބުރި ކޮލެޖަށް އައިސް ވަތް އީވާން ހުރީ ފުން ވިސްނުމެއްގައެވެ. ޖެހިގެން އޮތް ކްލާސް ނިންމުމަށްފަހު އޮތީ ބްރޭކް ގަޑިކަމުން އެވަގުތު ގެއަށް ދިއުމަށް އީވާން ނިންމިއެވެ. ފޯނަށް މެސެޖު އައީ އެވަގުތުއެވެ. އީވާންއާ ބައްދަލުކޮށްލަން އޭނާގެ ބްރޭކް ގަޑީގައި އަންނާނެ ވާހަކަ ބުނެފައި އީކް ފޮނުވައިފައިއޮތް މެސެޖެކެވެ. ވަގުތުން އީވާންގެ މޫނަށް ހިނިތުންވުމެއްގެ އަސަރު ވެރިވިއެވެ. ހިތްހަމަޖެހިފައިހުރެ ފޯނު ޖީބަށް ލަމުން އޭނާ ގޮސް ސްޓާފް ރޫމަށް ވަނެވެ. ލެޕްޓޮޕް ދަބަސް ނެގުމާއެކު އޭނާ މިސްރާބުޖެހީ ކްލާހާ ދިމާއަށެވެ.

ކްލާސް ރޫމްތެރަށް ވަދެގެންއައި އީވާން ފެނުމާއެކު މާހާގެ ދެލޯ ވިދައިގަތެވެ. އެތަންފެނި ގާތުގައިއިން މައިރާ ދެފަރާތަށް ބޯހޫރައިލިއެވެ. އީވާންގެ ކައިވެނީގެ ޚަބަރު ލިބުނީއްސުރެ މައިރާ އައީ މާހާއަށް ވިސްނައިދެން މަސައްކަތް ކުރަމުންނެވެ. އެހެނަސް މާހާ ހުރީ އޭނާގެ ވާހަކަތައް ގަބޫލުކުރާ ގޮތަކަށް ނޫނެވެ. އޭނާ ފައިވިއްދައިފައިހުރީ އީވާންގެ ދިރިއުޅުން ފުނޑުފުނޑު ކޮށްލައިގެންވިއަސް އެދިރިއުޅުމުން ޖާގައެއް ހޯދާށެވެ.

އޭނާއަށް ބަލަން އިން މާހާ ފެނުމުން އީވާންގެ ސިކުނޑިއަށް ވެރިވެގަތީ ރާހިލްގެ ވާހަކަތަކެވެ. ފުންނަޒަރަކުން މާހާއަށް ބަލައިލުމަށްފަހު އަމިއްލަ ނަފުސު ހަމައަކަށް އަޅުވައިލަމުން އީވާން ކްލާސް ފެށިއެވެ. ދޭތެރަކުން އޭނާގެ ނަޒަރު މާހާގެ މޫނަށް ހުއްޓެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އޭނާ އިންނަނީ މޮޔައެއްހެން ހެވިފައި އީވާނަށް ބަލާށެވެ. ހިތުގައި ފޫހިކަމެއް އުފެދުނީ މާހާގެ ދެލޮލުން ފެންނަންހުރި ކުލަވަރުންނެވެ.

ކްލާސް ގަޑި ނިމި ބެލްގެ އަޑާއެކު ކުދިންތައް އަވަސްއަރުވައިލައިފައި ކްލާހުން ނުކުންނަން ތެޅިގަތެވެ. ނަމަވެސް އިންތަނުން ގުޑިވެސްނުލައި މާހާ އިނީއެވެ. ދެތިންފަހަރު މައިރާ ގޮވައިލުމުންވެސް އޭނާ އަޅައެއްނުލިއެވެ. އީވާނަށް ބަލަހައްޓައިގެން މާހާ އިންގޮތްފެނި ލަދުގަތްވަރުން މައިރާ ކޮނޑުގައި ދަބަސް އަޅުވައިލަމުން ކްލާހުން ނުކުންނަން ހިނގައިތީ ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެއެވެ. އެއްގޮތަކަށްވެސް މާހާގެ އަމަލުތަކެއް މައިރާ އަކަށް ކަމަކުނުދިޔައެވެ.

ކްލާހުން ކުދިންތައް ނުކުތުމާއެކު ލެޕްޓޮޕް ދަބަހަށް ލުމަށްފަހު ކްލާހުން ނުކުންނަން އީވާން ހިނގައިގަތެވެ. ތެޅިގަނެފައި އިންތަނުން ތެދުވަމުން މާހާ އީވާނަށް ގޮވައިލިއެވެ. ހުއްޓިލަމުން އީވާން މާހާގެ މޫނަށް ބަލައިލީ ނުރުހިފައެވެ. އެހެނަސް އެއަސަރުތައް ފައުޅުނުކޮށް ވޭތޯ އޭނާ ހިތްވަރުކުރަމުން ދިޔައެވެ.

"އަހަރެން ވާހަކަ ދައްކާލަން ބޭނުން.. ޕްލީޒް.." އާދޭހުގެ ރާގަކަށް މާހާ ބުނެލީ އީވާންގެ ކުރިމަތީގައި ހުއްޓެމުންނެވެ.

"ކޮން ވާހަކައެއް؟ އަހަރެންނަށް ވަރަށް ލަސްވޭ އެބަ.." މާހާގެ ގާތްކަމުން އުނދަގޫވެފައިހުރެ އީވާން ބުނެލިއެވެ.

"އީވާން ޕްލީޒް.. އަހަންނަށް.. އީވާން މަތިން ހަނދާން ނައްތައެއްނުލެވުނު.. އަހަރެން ވަރަށް މަސައްކަތް ކޮށްފިން.. އެކަމަކުވެސް އަހަންނަކަށް ކާމިޔާބެއްނުވި.. އާދޭސްކުރަން.. އަހަންނަށް އީވާންއާ ނުލާ ނޫޅެވޭނެ.. ތިހަޔާތުން އަހަންނަށް ޖާގައެއްދީ.. އާދޭސްކުރަން.." އީވާންއާ އިތުރަށް ގާތްވެލަމުން މާހާ ބުންޏެވެ. އެދެލޮން ފައުޅުވަމުންދިޔައީ އާދޭހެވެ. ރީތިގޮތުގައި އަދިވެސް އީވާންގެ ހިތް ކާމިޔާބު ކުރެވޭތޯ މަސައްކަތްކުރަން މާހާ ބޭނުންވެއެވެ.

"މާހާ އަށް ތިހެން ބުނާއިރުވެސް އެނގޭނެ އަހަރެންމީ މީހެއްގެ ފިރިއެއްކަން.. މާހާގެ ތިއެދުން އަހަންނަށް ގަބޫލުކުރެވޭކަށް ނެތް.. ހެޔޮނުވާނެ.. ތިވިސްނުން ދޫކޮށްލާ.." މަޑުމައިތިރި ރާގަކަށް އީވާން ވާހަކަދެއްކިއެވެ.

"އަހަންނަށް ނުވެގެނެއް ނޫންތަ މިބުނީ.. އަހަރެންގެ ހިތުގެ މައްޗަށް އަހަންނަށް އެއްވެސް ބާރެއް ނުފޯރުވޭ.. އަހަރެންގެ އިހުސާސުތަކާމެދުވެސް ވިސްނަބަލަ.. އެހެންނޫނަސް، އީވާންގެ ވާހަކަ ނުދެއްކޭ އެނުކުޅެދޭ އަންހެނުންނަށްވުރެ..."

"އިނަފް މާހާ.. އީކްއޭ ކިޔައިގެން އެންމެ ލަފުޒެއްވެސް ތިދުލުން ބޭރުވާއަޑު އަހާކަށް އަހަރެން ބޭނުމެއްނޫން.."

"ބޭނުން ނޫނަސް ހަގީގަތަކީ އެއީ.. އަނގައިން ނުބުނެވޭ މީހަކާހެދިތަ އީވާން މޮޔަވެގެން ތިއުޅެނީ.. ޕްލީޒް.. އީކް އީވާންދެކެ ލޯތްބެއްނުވޭ.. އަހަންނަށް އެކަން ޔަގީން.. އެކަމަކު އަހަރެން.. އީވާންދެކެ އިންތިހާއަށް ލޯބިވަން.. އަހަންނަށް އެންމެ ފުރުސަތެއް ދީބަލަ.." ނުވިސްނައި ހުއްޓައި އީވާންގެ ގައިގައި އޮޅުލައިގަންނަމުން މާހާ ބުނެލިއެވެ. ލިބުނު ސިހުމާއެކު އީވާނަށް ދެލޯ ބޮޑުކޮށްލެވުނެވެ. މާހާގެ ކޮނޑުގައި ހިފައި ގަޔާ ދުރުކޮށްލަން އުޅުނު ވަގުތު ކްލާސް ދޮރާއި ދިމާއަށް އީވާންގެ ދެލޯ އަމާޒުވެލިއެވެ. އެއާއެކު އޭނާއަށް ލިބުނީ އިތުރު ސިހުމެކެވެ. ފެންކަޅިވެފައި އީވާނަށް ބަލަންހުރި އީކް ފެނުމާއެކު އީވާނަށް ތެޅިގަނެވުނީ ހާސްވީވަރުންނެވެ.

"އީކް.." ވައިއަޑުން އީވާނަށް ބުނެވުނެވެ. އެއަޑަށް އީވާންގެ މޭގައި ތަތްވެގެންހުރި މާހާވެސް އެދިމާއަށް ބަލައިލިއެވެ. އީކް ފެނުމާއެކު އޭނާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ނުވިސްނައި ހުއްޓައި މާހާ އޭނާގެ ގަޔާއި ދުރުކޮށްލަމުން އީވާން ހިނގައިގަންނަން އުޅުނެވެ.
"އީވާން ޕްލީޒް.. އޭނަ ގާތުބުނެބަލަ އީވާން ލޯބިވަނީ އަހަރެންދެކެއޭ.. އޭނަ އެއީ ނަމެއްގަހުރި އަނތްބެކޭ.. ކިހައި ދުވަހެއް ވަންދެން އަހަރެމެން މިގޮތަށް ސިއްރުން އުޅޭނީ.. ދެން އަހަންނަކަށް ކެތެއް ނުވާނެ.." އިވާންގެ އަތުގައި ހިފަމުން މާހާ ބަލައިލީ އީކްގެ މޫނަށެވެ. އެތުންފަތުގައިވި ހިނިތުންވުން އީކްގެ ހިތަށް ތަދުކުރިއެވެ. އިވުނު ބަސްތައް ގަބޫލުކުރަން ދަތިވެފައި އޭނާއަށް އީވާންއަށް ބަލައިލެވުނެވެ. މާހާގެ ކޮންމެ ޖުމުލައެއްހީވީ އީކްގެ ހިތަށް ހަރައިލި ފުން ޚަންޖަރެއް ހެންނެވެ. ހިތް ފޮތިފޮތިވެ ފިސްފިސްވެގެން ދިއުމާއެކު އެހިތުން ލޭކަރުނަ އޮހިގަތީ އެއްވެސް އިޚުތިޔާރެއް ނެތިއެވެ. ގަބޫލުކުރަން ދަތިވެފައި އޭނާއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. އެވަރުގެ ބޮޑު އޮޅުވައިލުމެއް އީވާން އޭނާއަށް އޮޅުވައިލައިފާނެ ހެއްޔެވެ؟ އެހައި ބޮޑު ކެއްސެއް އޭނާއަށް ދީފާނެ ހެއްޔެވެ؟ އެދެލޮލުން އީކް ދުށީ އޭނާއަށްޓަކައިވި ލޯތްބެވެ. އެހެނަސް އެއީ އެއްވެސް ހަގީގަތެއްނެތް އިހުސާސުތަކަކަށް ވެދާނެ ހެއްޔެވެ؟ އީކްގެ ފަސްފަހަތުން އެވަރުގެ ދެރައެއް ދިނުމަށް އީވާން ރާވައިފާނެ ބާއެވެ؟ އެއިން ކޮންމެ ސުވާލަކަށް ހިތް ދެކޮޅު ހަދަމުންދިއަސް އީކް ހުރީ ބުރަވާނެ ކޮޅެއް ނުވިސްނިފައެވެ.

އީކް ފެނުމާއެކު ހުއްޓުންއަރައިފައި އީވާން ހުރީ ހިނދުކޮޅަކަށް ބުނާނެ އެއްޗެއް ނުވިސްނިފައެވެ. އީކްގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކާއެކު އޭނާ އިސްޖަހައިލުމުން އީވާންގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ. ކުއްލިއަކަށް މާހާގެ އަތް ފޮޅުވައިލަމުން އޭނާ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ވިސްނައިގެންހުރި މާހާ ފަހަތުން އީވާންގެ މެދުހަށީގައި ދެއަތް ވަށައިލަމުން ބުރަކަށީގައި މޫނު ޖައްސައިލިއެވެ. ދަތްކުނޑި ވިކައިލެވުމާއެކު އެތަނުން ދިއުމަށް އީކް ދުއްވައިގަތީ މާހާގެ އެގާތްކަމުން ހިތަށް ކުރެވުނު ތޫނު ތަދެއްގެ ސަބަބުންނެވެ. ރުޅިގަދަވެފައި ހުރި އީވާން ގަދަކަމުން މާހާގެ ދެއަތް ނައްޓައިލަމުން އޭނާ ކުޑަކޮށް ދުރަށް ކޮށްޕައިލިއެވެ. ފަހަތަށް އެއްލިގެންދިޔަ މާހާއަށް ބެލުމެއްނެތި އީވާންވެސް ހަލުވި ފިޔަވަޅުތަކެއްގައި މިސްރާބުޖެހީ ކްލާހުން ނުކުންނާށެވެ. މާހާއާ ދިމާއަށް އެއްޗެއް ބުނުމަށްވުރެ އޭނާއަށް މުހިންމުވީ އީކް އެވެ.

"ހަހަހަ.. ދެޓް ވޮޒް ފަން.." ބާރު ހިނިގަނޑަކާއެކު މާހާއަށް ބުނެލެވުނީ އީކް ރޮވިފައިހުރިގޮތް ސިފަވުމާއެކު ލިބުނު ހިތްހަމަޖެހުމަކުންނެވެ. އޭނާގެ މަގުސަދު ކާމިޔާބު ވެއްޖެކަން އީކްގެ ކަރުނަތައް ހެކިދެއެވެ.

ކަރުނަތައް ފުހެމުން ބާރަށް ގޮސް ކޮލެޖުގެ ގޭޓްއިން ނުކުތް އީކްއަށް ބަލަން ގޯތިތެރޭގައިހުރި ބެންޗެއްގައި މައިރާ އިނީ ހައިރާންވެފައެވެ. އެއީ ދާދި ދެންމެއަކު އޭނާ ކުރެ އީވާންގެ ކްލާހާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވި ކުއްޖާއެވެ. އީވާން ހުރި ކްލާސްރޫމް އިންތަން ކިޔައިދިނުމުން އެކުއްޖާ ދިޔައީ ނުހަނު އުފަލުން ހުރެއެވެ. ކުއްލިއަކަށް އެހައި އަވަހަށް އެނބުރި ރޮމުން ދާންވީ ސަބަބެއް މައިރާއަކަށް ނުވިސްނުނެވެ. ވިސްނަން އިންދައި "އީކް"ގެ ނަމުން ގޮވަމުން ދުވަމުންކަހަލަ ގޮތަކަށް އީވާން ދިޔައެވެ. ކަންބޮޑުވުން މައިރާގެ މޫނުން ފައުޅުވެލިއެވެ. ކްލާސްރޫމްގައި ކަމެއްވީބާވައޭ ހިތަށް އެރުމާއެކު އޭނާ ވަށައިގެން ހޯދައިލީ އަދިވެސް މާހާގެ ހަބަރެއްނުވާތީއެވެ. އިންތަނުން ތެދުވެ އަވަސް އަވަހަށް ކްލާސް ރޫމާ ދިމާއަށް މައިރާ ހިނގައިގަތެވެ.

އެއްފަރާތުގައި ޕާރކް ކޮށްފައިއޮތް ކާރަށް އެރުމާއެކު ގެއަށް ދިއުމަށް އީކް އެދުނެވެ. ހައިރާންވެފައި ޑްރައިވަރ ފަހަތަށް ބަލައިލީ އީކްގެ އަޑު އިވިފައެވެ. ނަމަވެސް ސުވާލުކުރުމަކީ އޭނާގެ މަޤާމު ނޫންކަން ދަނެ އަވަހަށް ކާރު ދުއްވައިލީ ހިތުގައި ފުނިޖެހިފައިވި ސުވާލުތައް ހިންދައިލަމުންނެވެ. އީކްއަށް އަލުން ވާހަކަ ދައްކަން ފެށުނުކަން އޭނާ ނުދެނަހުއްޓެވެ. ހައިރާންވީ އެހެންވެއެވެ. ހޮސްޕިޓަލުން ނުކުމެ ކޮލެޖަށް އައި އިރުވެސް އެންމެ ފަހަރަކުވެސް އީކް ވާހަކައެއް ނުދައްކައެވެ. އީކްގެ ޚަބަރެއް ވަންދެން އެތަނުގައި މަޑުކޮށްލުމަށް އެދުނީވެސް ފޯނުގައި މެސެޖްލިޔެ ދެއްކުމަށްފަހުއެވެ.

އިސްޖަހައިލަމުން ދެލޮލުން ފޭދުނު ކަރުނަތައް އީކް ފުހެލިއެވެ. މަޑުމަޑުން މޭގައި ފިރުމައިލީ ހިތަށް ތަދުވަމުންދިޔަ ވަރުންނެވެ. އީވާންގެ ނަން ހިތަށް އެރުމާއެކު މަޑު އާހެއް ދެތުންފަތް ފޫއަޅުވައިލަމުން ނުކުތެވެ. ސީޓުގައި ލެގިލުމާއެކު އޭނާ ދެލޯމަރައިލިއެވެ. އޭނާ އެތަނަށް އައީ ކިހައި ފޮނި އުއްމީދަކާއެކުގައި ހެއްޔެވެ؟ ހިތުގައިވި ލޯތްބަށް ދުލުން އިއުތިރާފުވުމަށް ނިންމަމުންނެވެ. ނަމަވެސް ކަންތައްމިވީ އޭނާ އުއްމީދުކުރިގޮތާ މުޅިން ޚިލާފަށެވެ. މެރިފައިވި އެސްފިޔަތަކު ތެރެއިން އީވާންގެ މޭގައި މާހާ ބޯއަޅައިލައިގެން ހުރި ގޮތް ސިފަވުމާއެކު އީކްގެ ދެބުމަ ގޮށްޖެހުނެވެ. ހިތަށް ކުރުވި ފުން އަސަރާއެކު ލޮލުން ވެއްޓުނު ކަރުނަތިކި އެކޯތާފަތުގައި ބޮސްދެމުން ތިރިއަށް ފައިބައިގެން އައީ އިތުރަށް ކެތްނުވުމުން ކަހަލައެވެ.

* * * * *

ތި އިންތިޒާރުގަ ދީވާނަ ވެއްޖޭ...

އޯގާވެދޭށޭ ހިތާއޭ...

ހުރީމެ ކެތްމަދުވެފާ...

ދުށުން އެދި ލޯތްބަށްޓަކާ މިތުރާއޭ...

ބޭނުންއެހާ... ހިތް އިންތިހާ..

* * * * *

(ނުނިމޭ

މިލިޔުން ކިޔާލުމުން
23
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ