ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (29)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

އަށާވިސްވަނަ އަދަދާއި ގުޅޭ

އީކްގެ ފަހަތުން ނުކުތް އީވާން މޫނުގައި އަތް އުނގުޅައިލުމާއެކު ނުރުހުމުގެ އަޑެއް ކަރުބުޑުން ލައްވައިލިއެވެ. އީކް ކާރަށް އެރުމާއެކު ކާރު ނައްޓައިލިތަންފެނި އީވާނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަވަސް އަރުވައިލައިފައި ކޮލެޖަށް ވަދެ އޭނާގެ ސާމާނުތައް ހިފައިގެން ނުކުތެވެ. އަދި ކާރަށް އަރަމުން ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. އެހުރިހައި އިރު އީވާންގެ ސިކުނޑީގައި ހަރުލައިފައިހުރީ އީކް އޭނާއަށް ބަލަހައްޓައިގެން ހުރި ގޮތެވެ. އެބެލުމުގައިވީ ޝަކުވާއާއި ހިތްދަތިކަމެވެ. ހިންދިރުވައިލުމާއެކު އޭނާއަށް ކާރުގެ ސްޕީޑް ބާރުކޮށްލެވުނެވެ. ގެއަށް އައިސް ވަދެވުމާއެކު ގަރާޖަށް ކާރު ލަމުން ހަލުވި ފިޔަވަޅުތަކެއްގައި އޭނާ އައިސް ގޭގެ ފުޅާ ސިޑިން މައްޗަށް އެރިއެވެ. ކޮޓަރި ދޮރާއި ހަމައަށް އައިސްފައި އޭނާ މަޑުޖެހިލީ އީކްއާ ކުރިމަތިލުމުގެ ކުރިން ނަފުސު ހަމައަކަށް އަޅުވައިލަން ބޭނުންވެފައި ވުމުންނެވެ. އީކްއަށް ހުރިހައި ވާހަކަތަކެއް ތެދުބަހުން ކިޔައިދޭން އޭނާ ބޭނުންވެއެވެ. އެފެނުނު މަންޒަރުގެ ހަގީގަތް ބަޔާންކޮށްދޭން ބޭނުންވެއެވެ. ހަށިފުރައި ނޭވައެއްލުމާއެކު އީވާން ލަސްލަހުން ކޮޓަރީގެ ދޮރުހުޅުވައިލިއެވެ.

އެނދުގެ އެއްފަރާތުގައި އަތުގައި އޮތް ފޮޓޯގަނޑަކަށް ބަލަހައްޓައިގެން އީކް އިނެވެ. ކޮޓަރީ ދޮރުހުޅުވައިލި އަޑަށް ސިހިފައި ކަރުނުން ބަރާވެފައިވި ދެލޯ އެދިމާއަށް ހުއްޓައިލިއެވެ. އީވާން ވަތްތަންފެނި އީކް އަވަސް އަވަހަށް ދުރަށް ނަޒަރު ހުއްޓައިލަމުން އަތުގައި އޮތް ފޮޓޯގަނޑު ނުފުށަށް އެނދުމަތީގައި ބާއްވައިލިއެވެ. ދޮރު ތަޅުލުމާއެކު އީވާން ކުރިއަށް ފިޔަވަޅެއް އަޅައިލީ ޖެހިލުންވެފައި ހުރެއެވެ. އީކްގެ މޫނުން ފައުޅުވި އަސަރުތައް އޭނާ ހާސްކުރުވައިފިއެވެ. މަޑުމަޑުން އީކްގެ ނަމުން އީވާން ގޮވައިލިއެވެ. އެއާއެކު އިންތަނުން ތެދުވަމުން އީކް ޖެހިލީ ދުރަށެވެ.

"އަހަންނާ ކައިރިއަށް ނާންނާތި.." އެއްއަތް އީވާނާ ދިމާއަށް ދިއްކޮށްލަމުން އީކް ބުނެލިއެވެ. އެއަންހެންވަންތަ އަޑު ކަންފަތުގައި ޖެހުމާއެކު ހުރި ފިޔަވަޅުމައްޗަށް އީވާން ގަނޑުވި ކަހަލައެވެ. ދެލޯބޮޑުވެފައި އޭނާއަށް އީކްއަށް ބަލަން ހުރެވުނީ ގަބޫލުނުކުރެވިފައެވެ. އީކްގެ އަޑު އޭނާއަށް އެއިވުނީ ހާދަ ދުވަހެއް ފަހުންނެވެ. އެ ފޮނި އަޑުއަހައިލުމަށްޓަކައި އޭނާގެ ހިތް ބޭޤަރާރުވެފައިވީ މިންވަރު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. އެތައް ދުވަހެއްގެ ހުވަފެންތަކާއި އިންތިޒާރު ފުރިހަމަވީފަދަ އިހުސާސެއް އީވާނަށް ކުރެވުނުވެ. ހީވީ ފިނިފިނި ރޯޅިއެއް އައިސް އެހިތުގައި ބީހިލީހެންނެވެ. މަޑުމަޑުން އެދެތުންފަތް ދެފަރާތަށް ދެމިލީ ހިތަށް ލިބުނު އުފައުވެރިކަން ސިއްރުކުރަން ދަތިވެގެން ކަހަލައެވެ. ދާދި ކުޑަހިނދުކޮޅެއްކުރިން ހިނގައިދިޔަ ހާދިސާ ހަނދާންނެތި އީކްގެ ލޯބިވެތި އަޑު އެކަންފަތްބުޑުގައި ގުގުމަމުން ދިޔައެވެ.

"އީ.." ލޯބިން ފުރިގެންވި ގޮތަކަށް އީކްއަށް ގޮވައިލަމުން އީވާން ކުރިއަށް ޖެހިލިއެވެ.

"ބުނެފީމެއްނު އަހަންނާ ކައިރިނުވާށޭ... ދުރުގަ ހުރޭ.." އަޑު ކުރެހުމާއެކު އީކްއަށް އިސްޖަހައިލެވުނެވެ. އީކް ދައްކަމުންދިޔަ ވާހަކަތަކަށްވުރެ، އީވާންގެ ސަމާލުކަންވީ އެއްވެސް ދަތިކަމެއްނެތި އީކް ވާހަކަދެއްކުމުން އެކަމަށް ހުއްޓިފައެވެ. އެދެލޯ ވިދަމުންދިޔައީ އިހުސާސުކުރެވެމުންދިޔަ އުފަލެއްގެ ސަބަބުންނެވެ.

"ޔޫ ކެން ސްޕީކް.." އަޖައިބެއް ފެނިގެން ބަލަން ހުރި މީހަކުފަދައިން އީކްއަށް ބަލަން ހުރެ އީވާން ބުނެލިއެވެ. އޭރު ތުންފަތުގައިވި ހިނިތުންވުން ފުންވެލިއެވެ. އީވާނަށް އަންނަމުންދިޔަ ބަދަލުފެނި އީކްއަށް ބުނާނެ އިތުރު އެއްޗެއް ނުވިސްނުނެވެ.

"ތި އަޑު އަހާލާ ހިތުން އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ.. ފައިނަލީ.. އަލްޙަމްދުލިﷲ.. އީ އަށް ހަގީގަތުގަވެސް ވާހަކަދެއްކެން ފެށީތަ؟ އަހަންނަށް ހީވަނީ ހުވަފެނެއްގެ ތެރޭ އުޅެވޭހެން.." އުފަލުންގޮސް އީވާންގެ ލޮލުން ކަރުނަ ހިލުނުކަންވެސް އޭނާއަށް އިހުސާސުނުވެއެވެ. އެދޮލުން ވެއްޓުނު ކަރުނަތިއްކަށް އީކްގެ ނަޒަރު އަމާޒުވެފައިވިއެވެ. އޭނާ ވާހަކަދައްކާ އަޑު އިވިގެން އީވާން އެހައި އުފައުވެދާނެކަމަކަށް އީކް ހިއެއްނުކުރެއެވެ. އެއްވެސް އިޚުތިޔާރެއްނެތި މަޑުމަޑުން އީވާންއަށް ރޮވެމުންދިޔައީ ހިތަށް ވެރިވެގަތް އެތައް ހާސް ޝުޢޫރުތަކެއްގައި ނަފުސު ބަނދެވިފައި ވީލެއް ބޮޑުކަމުންނެވެ. އޭނާގެ ލޯބިވާ އީކް މުޅިން ރަނގަޅު ވެއްޖެކަން އެސިކުނޑި ދެނެގަތްހިނދު އީވާންގެ ހިތްވެސް ހީވީ އުފަލުންގޮސް އުދުހިގަނެފާނެ ހެންނެވެ. އިސްޖައިލުމާއެކު ކަނައަތުގެ ދެއިނގިލީ ކުރި ލޮލުގައި ޖައްސައިލަމުން އީވާން ދެލޯމަރައި ފިއްތައިލީ އެކަރުނަތައް ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. އެހެނަސް އެހިތަށްވަނީ އެއަށްވުރެ އަސަރުކޮށްފައެވެ. އީކްގެ ހާލާމެދު ކަންބޮޑުވެ އޭނާ ދުޢާ ކުރުމުގައި ހޭދަކުރިހައި ވަގުތު އޭނާގެ ވެރި ރައްބު ދެނެވޮޑިގެންވެއެވެ. މިއަދު އެދެލޯކުރިމަތީގައި މާތް ﷲ އޭނާގެ ހިތުގެ ދުޢާ އިޖާބަކޮށްދެއްވައިފިއެވެ. މޭގައި އެއްއަތުން ފިރުމައިލަމުން އިސްއުފުލައި ކުރިމަތީގައިހުރި އެހިތުގެ މަލިކާއަށް އޭނާ ބަލައިލިއެވެ. ހައިރާންކަން އީކްގެ ދެލޮލުން ފެންނަން ހުއްޓެވެ. މި ނޫނީ އީވާން އެފަދައިން ކަރުނަ އޮއްސިތަނެއް އޭނާ ނުދެކެއެވެ. ބަސްހުއްޓިފައި އޭނާއަށް ހުރެވުނީ އެހެންވެއެވެ. އީވާންއާ ހަތަރުކަޅި ހަމަވުމާއެކު އީކްގެ ހިތަށް ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ. އީވާން ގާތަށް ގޮސް އެދެއަތުގެ ހިމާޔަތް ހޯދުމަށް ހިތް އެދުނެވެ. އެމޭގައި ބޯއަޅައިގެންއޮވެ ހިތުގައިވި ޝަކުވާތައް ބަންޑުންކޮށްލަން ބޭނުންވިއެވެ. ނަމަވެސް ދެވަނަ ސުކުންތު މާހާ އީވާންއާއެކު ހުރިގޮތް ހިތަށް އެރުމުން އީކްގެ ދެބުމަ ގޮށްޖެހުނެވެ. ނުރުހިފައި އީކް ނަޒަރު ވަކިކޮށްލިއެވެ.

"އެކްޓް ނުކުރިޔަސް ރަނގަޅުވާނެ.. އަހަރެންގެ ނުކުޅެދުންތެރިކަން ބަލައިނުގަނެވުނީމަ އެއްނު... އީވާން ވެސް.. އެހެން އަންހެނެއްގެ.. ގާތަށް ދާން ބޭނުންވީ... ތިހިތުގަވީ އަހަންނެއް ނޫން.. އެހެން މީހެއް.." ގިސްލެވިފައި މަޑުމަޑުން އީކް ބުނެލިއެވެ.

"ނޫން.. ތިހެން ނުބުނޭ... އޭރުވެސް.. އަދި މިހާރުވެސް.. އަހަރެންގެ ހިތުގައިވި ހަމައެކަނި މީހަކީ ތީ... އަހަރެން އަބަދުވެސް ލޯބިވި ހަމައެކަނި އަންހެންކުއްޖަކީ ތީ.. އީ އާ އެއްމަގާމަކަށް އެހެން އެއްވެސް އަންހެނަކަށް ނާދެވޭނެ.." ނަފުސު ހަމައަކަށް އަޅުވައިލަމުން އީވާން ބުނެލީ އަސަރުން ފުރިފައިވި ގޮތަކަށެވެ.

"ހުސް ދޮގު... ހިނދު ކޮޅަކަށް ތިދެލޯ އަހަންނަށް ހަގީގަތް އޮޅުވާލީ... އީވާން ލޯބިވަނީ އެހެން މީހެއްދެކެ.. އަހަރެންދެކެ ލޯބިވާނަމަ... މިއަދު އެހެން އަންހެނެއް ތިމޭގަ ތަތްވެގެން ނުހުރީސް.." ތުންފަތް ތުރުތުރުއަޅައިލުމާއެކު އީކްގެ އަނގައިން މަޑު އާހެއް ބޭރުވިއެވެ.

"ޕްލީޒް ގަބޫލުކޮށްބަލަ.. އީއަށް ތިފެނުނީ މަންޒަރުގެ އެއްބައި.. ފެންނަހައި އެއްޗަކީ ހަގީގަތެއްނޫނޭ އީ.. ޕްލީޒް ލެޓް މީ އެކްސްޕްލެއިން.." އީކްއާ ގާތަށް އީވާނަށް ދެވުނީ ބޭއިޚުތިޔާރުގައެވެ. އީކްގެ ދެކޮނޑުގައި ހިފަހައްޓައިލުމާއެކު އޭނާއާ ދިމާއަށް އަނބުރައިލިއެވެ.

"ދޫކޮށްލާ.. ތީ ހުސް ދޮގު.. އެތަންފެނިފަ އަހަރެންގެ ހިތަށް ތަދުވިވަރު އިވާނަށް އިހުސާސުވޭތަ؟ ހާދަ ވޭނެއް މިހިތުގަ އެޅިއޭ.." އީކްގެ ރުއިން މަޑުމަޑުން ބާރުވެލިއެވެ.

"އީގެ ދުލުން ތިފަދަ ބަސްތައް ބޭރުވީމަ މިހިތުގަ ވޭންއަޅާވަރު އިހުސާސުވޭތަ؟ އަހަރެންގެވެސް އޮންނަނީ ހިތެކޭ.. އަހަންނަށް އެނގޭހައިވެސް އެއްޗަކީ އަހަރެންގެ ހިތް އެދޭ ހަމައެކަނި އަންހެންކުއްޖަކީ ތީކަން.. މިދެލޮލަށް ބަލާބަލަ.. އަހަރެން އީދެކެ މިވާ ތެދުވެރި ލޯބި ނުފެނޭތަ؟ އަހަރެން ލޯބިވާވަރު އަދިވެސް އިހުސާސުނުވޭތަ؟ އަހަރެން ވާ ލޯބި ނޭނގޭތަ؟" އީކްގެ ކުޑަ މޫނުގައި ދެފަރާތުން ހިފަހައްޓައިލުމާއެކު ސީދާ އެދެދެލޮލަށް ބަލައިލަމުން އީވާން ބުނެލީ ހިތްކަތިލާފަދަ ގޮތަކަށެވެ. ގަނޑުވެފައިހުރި މީހަކުފަދައިން އީވާންގެ ފުންދެލޮލަށް ބަލަން އީކްއަށް ހުރެވުނެވެ. ހިތުގެ ހިނގުން އިންތިހާއަށް އަވަސްވަމުން އައިއިރު އެތުންފަތް މަޑުމަޑުން ހަރަކާތްކޮށްލިއެވެ.

"އަހަރެން އީވާންދެކެ ވާ ލޯބި ނޭނގޭތަ؟.. މިދެލޮލުން ލޯބިވާވަރު ނުފެނޭތަ؟... މިހުރިހައި ދުވަސްވީއިރުވެސް އެކަން ކުޑަކޮށްވެސް އީވާނަށް އިހުސާސުނުވިތަ؟" އަމިއްލަ އިޚުތިޔާރުން ބޭރުގައި އީކްއަށް އަހައިލެވުނީ ޝަކުވާގެ ރާގަކަށެވެ. ރޮވޭވަރުން ވާހަކަދެއްކުންވެސް އޭނާއަށް ދަތިވެފައިވިއެވެ.

"އީ..." އިވުނު ބަސްތައް ޔަގީން ނުވެފައި އީވާނަށް މަޑުމަޑުން އީކްއަށް ގޮވައިލެވުނެވެ. އެހެން އެބުނަނީ ހަގީގަތުގައިވެސް އީކް ހެއްޔެވެ؟ އީކްގެ ހިތުގައި އޭނާއަށްޓަކައި ލޯބި އުފެދިދާނެކަމަށް ދުވަހަކުވެސް އީވާން ހީކޮށްފައެއް ނެތެވެ. އުއްމީދުވެސް ނުކުރާފަދަ ބަސްތަކެއް އިވުމުން ހިނދުކޮޅަކަށް ހަރަކާތެއް ކޮށްލަންވެސް އީވާން ހަނދާންނެތުނެވެ.

"ޑޭމް އިޓް.. އައި ލަވް ޔޫ އީވާން.. އައި ރިއަލީ ލަވް ޔޫ.. އަހަންނަކަށް މިއިހުސާސުތަކުގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވޭ.. އަހަރެންގެ އިޚުތިޔާރުން ބޭރުގައި ވިއަސް އަހަންނަށް އީވާންދެކެ އިންތިހާއަށް ލޯބިވެވިއްޖެ.." އީވާންގެ އެފުންކަނޑެއްފަދަ ދެލޮލުގެ ތެރެއަށް ގެއްލިފައި ހުރެ އީކް އެހިތުގެ ސިއްރު ހާމަކޮށްލިއެވެ. އިވުނު ބަސްތަކުން އީވާންގެ ހިތަށް އަސަރުކުރީ ކެތްނުވާވަރަށެވެ. އީކްގެ އެލޯބިވެތި އަޑުން އޭނާދެކެ ލޯބިވާވަރު ހާމަކޮށްދިން އިރު އީވާންގެ ލޮލުން އުފައުވެރިކަމުގެ ކަރުނަ ފައިބަމުން ދިޔައެވެ. އީކް ގެނެސް އޭނާގެ މެޔާލައި ބޮނޑިކޮށްލެވުމާއެކު އީވާންގެ އަނގައިން ގިސްގެ އަޑު ބޭރުވެއްޖެއެވެ. އެތައް ޒަމާނަކު އޭނާ ކުރި ދިގު އިންތިޒާރަށް ފޮނި ނިމުމެއް އަތުވެއްޖެއެވެ. އެހިތުގެ ދުޢާ އިޖާބަވެއްޖެއެވެ. އީކްގެ ކޮނޑުގައި ވަށައިލެވިފައިވި ދެއަތް އީވާން ބާރުކޮށްލުމާއެކު އީވާންގެ މެދުހަށީގައި އީކްވެސް ދެއަތް ވަށައިލީ ދުވަހަކުވެސް ދޫކޮށްލަން ބޭނުމެއްނުވެއޭ ބުނެލާފަދަ ގޮތަކަށެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އީކް ދުރުކޮށްލަމުން އެމޫނުކޮޅަށް ލޯބިން ފުރިފައިވި ގޮތަކަށް އީވާން ބަލައިލިއެވެ. އަދި ކެތްތެރިކަން ކޮޅުން ލައިފައިވި މީހަކު ފަދައިން އީކްގެ މުޅި މޫނުގެ އެތަން މިތަނުގައި ބޮސްދޭން ފެށިއެވެ. ހިތަށް ލިބުނު ހަމަޖެހުމުގައި އީކްގެ އަނގައިން ލުއި ހުނުމެއްގެ އަޑު ބޭރުވީ ބޭއިޚުތިޔާރުގައެވެ.

* * * * *

ޒާރާ ބާއްވައިފައި އޮތް އެނދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި ޝަމްއަލް އިނީ ކަންބޮޑުވެފައެވެ. ޒާރާއަށް ވެގެން އުޅޭ ގޮތެއް ނޭނގެނީސް އޭނާގެ މައިންބަފައިންނަށް އަންގާކަށް ޝަމްއަލް ބޭނުމެއްނުވިއެވެ. އިރުކޮޅަކު އެހެން އިންދައި ލަސްލަހުން އެސްފިތަޔަށް ތަޅުވައިލަމުން ޒާރާ ދެލޯ ހުޅުވައިލިއެވެ. ގާތުގައި އޭނާގެ މޫނަށް ބަލަން ކަންބޮޑުވެފައިއިން ޝަމްއަލް ފެނުމުން ވަރުދެރަ ގޮތަކަށް ވަށައިގެން އޭނާ ދެލޯ ހިންގައިލިއެވެ.

"މި.. މީ ކޮންތަނެއް.." ހިކިފައިވި ތުންފަތް ހަރަކާތްކޮށްލުމާއެކު ޒާރާ އަހައިލިއެވެ.

"ޒާރާ ތިއޮތީ ހޮސްޕިޓަލުގަ.. އައިވީ ހުސްވީމަ ދޫކޮށްލާނެހެން ހީވަނީ.." އައިވީއަށް ބަލައިލަމުން ޝަމްއަލް އޮޅުންފިލުވައިދިނެވެ. އެއާއެކު ޒާރާގެ މޫނަށް ހާސްކަން ވެރިވިއެވެ. ހިންދިރުވައިލަމުން އޭނާ އަނެއްފަރާތަށް މޫނު އަނބުރައިލީ ޝަމްއަލްއާ ކުރިމަތިލާން ބޭނުންނުވެގެން ކަހަލައެވެ. ޒާރާގެ ޓެސްޓްތަކުގެ ނަތީޖާ ހިފައިގެން ޑޮކްޓަރު އެތަނަށް އައީ އެވަގުތުއެވެ. ހިނިއައިސްފައި ދެމަފިރިންގެ މޫނަށް ބަލައިލަމުން ޑޮކްޓަރު މަރުހަބާ ކިޔުމުން ޝަމްއަލްއަށް ލިބުނީ ހައިރާންކަމެވެ. ޑޮކްޓަރުގެ އަޑާއެކު ޒާރާއަށް ދެލޯމަރައި ތަގުޅިކޮށްލެވުނީ އޭނާގެ ސިއްރު ބޭޒާރުވެއްޖެކަން ވިސްނުމުންނެވެ.

"ޑޮކްޓަރ.. އިޒް މައި ވައިފް އޯލްރައިޓް؟" ޒާރާއަށް ބަލައިލަމުން އިންތަނުން ތެދުވުމަށްފަހު ޝަމްއަލް އަހައިލީ ހިސާބެއްގެ ކަންބޮޑުވުމަކާއެކުއެވެ.

"އޮފްކޯރޒް.. ކަންބޮޑުވާންވީ އެއްވެސް ކަމެއް ނެތް.. ޔޯ ވައިފް އިޒް ޕްރެގްނެންޓް.. މާބަނޑު ދުވަސްވަރު މިއީ ގިނަ އަންހެނުންނަށް އާންމު ކަމެއް.." ޒާރާއަށް އިޝާރާތް ކޮށްލަމުން ޑޮކްޓަރު ބުނެލީ ހަމަޖެހިލައިފައި ހުރެއެވެ. ދެވުނީ ކޮންފަދަ ޚަބަރެއްކަމެއް އޭނާ ނުދެނަ ހުއްޓެވެ. އިވުނު ވާހަކަތަކާއެކު ޝަމްއަލްއަށް ހީވީ އޭނާގެ ދެފައި ދަށުން ބިންގަނޑު ދެމިގަތްހެނެވެ. ވަށައިގެންވި މާހައުލު އެނބުރިގަތްކަމުގެ އިހުސާސާއެކު އޭނާއަށް ބޮލުގައި މަޑުމަޑުން އަތްޖައްސައިލެވުނެވެ. އެވަރުގެ ބޮޑު ކެއްސެއް އޭނާއަށް ދިނުމުގެ ބަދަލު އޭނާ ދިރިހުއްޓައި މަރައިލި ނަމަވެސް އެހިތަށް މާ ފަސޭހަވީސްކަން ޔަގީނެވެ. ގަބޫލުކުރަން ދަތިވެފައި ޒާރާއަށް ޝަމްއަލް ބަލައިލީ އެއީ ތެދެއްތޯ އަހައިލާފަދަ ގޮތަކަށެވެ. ކުށްވެރިއަކު ފަދައިން ޒާރާ ނަޒަރު ވަކިކޮށްލީ ހަގީގަތުގައިވެސް ޝަމްއަލްއަށް ބަލަން ނުކެރުމުންނެވެ. ހިންދިރުވައިލެވުމާއެކު ޝަމްއަލްގެ ދެލޮލަށް ކަރުނަ ޖަމާވަން އުޅުނެވެ. ގަދަކަމުން އެއިހުސާސުތައް ހިންދައިލަމުން އޭނާ އަނެއްކާވެސް ޑޮކްޓަރަށް ބަލައިލިއެވެ.

"އާރ ޔޫ ޝުއަރ ޑޮކްޓަރ..؟" އަދިވެސް ޔަގީންނުވެފައިހުރެ ޝަމްއަލް އަހައިލިއެވެ. ބޯޖަހައިލުމާއެކު އަތުގައިއޮތް ޓެސްޓް ރިޕޯރޓްސް އޭނާ ޝަމްއަލްއަށް ދައްކައިލިއެވެ. ރިޕޯރޓްސްތައް ރަނގަޅަށް ބަލައިލެވުމާއެކު ޝަމްއަލްއަށް ދެލޯމަރައިލެވުނީ ހިތަށް ކުރެވުނު ތޫދު ތަދެއްގެ ސަބަބުންނެވެ. އެހިތުގައި މީހަކު ހިފައި ޗަސްކޮށްލިނަމަވެސް އެހައި ވޭން ނޭޅީސްކަން ގައިމެވެ. ޑޮކްޓަރު އަތަށް ރިޕޯރޓްސްތައް ދިއްކޮށްލަމުން ޝަމްއަލްއަށް މުށްކަވައިލެވުނެވެ. އެހައިބޮޑު ކެއްސެއް ޒާރާ އޭނާއަށް ދީފާނެ ކަމަކަށް ހުވަފެނުގައިވެސް ޝަމްއަލް ހީނުކުރެއެވެ. އެވަރުގެ ބޮޑު އޮޅުވައިލުމެއް އޭނާގެ އަނތްބެއްގެ ގޮތުގައިހުރެ ޒާރާ އޮޅުވައިލައިފާނެކަމަށް އަދިވެސް ގަބޫލުކުރަން ދައްޗެވެ. ކުރިން އިން ގޮނޑީގައި އިނށީދެވުމާއެކު ޝަމްއަލް އަށް އިސްޖަހައިލެވުނެވެ. ދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުރި ޑޮކްޓަރުގެ މޫނުންވެސް ހާސްކަން ފައުޅުވެލިއެވެ. އެދެމީހުނަށް ވަގުތުކޮޅެއްދެމުން އެތަނުން ދިއުމަށް އަވަސް އަވަހަށް އޭނާ ހިނގައިގަތެވެ. ދެމެދަށް ހަމަހިމޭންކަން ވެރިވުމާއެކު ޝަމްއަލްގެ ތުންފަތް ފޫއަޅުވައިލަމުން ގިސްގެ އަޑު ބޭރުވިއެވެ. އެއަޑުއިވިފައި ޒާރާއަށް ތުންފިއްތައިލެވުނެވެ. ޝަމްއަލްއާ ކުރިމަތިލާން ނުކެރިފައި އޭނާ އޮތެވެ.

"ވައި؟.. ވައި ޒާރާ...؟ ވައި؟.." ކަކުލުގައި ވިއްދައިލައިގެންހުރި ދެއަތް ޖޯޑުކޮށްލެވުމާއެކު އަސަރުން ފުރިފައިވި ގޮތަކަށް ޝަމްއަލްއަށް އަހައިލެވުނެވެ. ހިތަށް ކުރަމުންދިޔަ ފުން އަސަރުގައި މުޅި ނަފުސުވެސް ފުނޑުފުނޑުވަމުންދިޔަފަދަ އިހުސާސެއް ޝަމްއަލް އަށް ކުރެވުނެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
161

ހިޔާލު

  1. މަރީ

    ވަރަށް ރީތި ވާހަކައެއް. ލިޔުންތެރިކަމާ ފަންނުވެރިކަން އަދި ސިފަކޮށްދިނުން ވަރަށް ފުރިހަމަ. މިފަދަ ލިޔުންތެރިން މި މުޖުތަމައުގައި ވާކަމީ އުފާވެރިކަމެއް. ތި ކޮށްދެއްވާ ޚިދުމަތަށް ވަރަށްބޮޑަށް ޝުކުރިއްޔާ..

  2. މމ

    ވާހަކަ އަޕް ކޮށްލަދީބަލަ

  3. އާބި

    ވަރަށް ރީތި

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް