ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (30)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ނަވާވިސްވަނަ އަދަދާއި ގުޅޭ

ޝަމްއަލްގެ ސުވާލަށް ޖަވާބު ދޭނެ ގޮތެއް ނުވިސްނުމުން ޒާރާ ޚިޔާރުކުރީ ހިމޭންކަމެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ހަމަހިމޭންކަންމަތީގައި އޭނާ އޮތެވެ. އިރުކޮޅެއްފަހުން ޑޮކްޓަރު އައިސް ޒާރާ ޗެކްކުރުމަށްފަހު ގެއަށް ދިއުމުގެ ހުއްދަ ދިނެވެ. އެހުރިހައި އިރުވެސް ދެމަފިރިން ދެމެދަށް ވެރިވެފައިވީ ބުނެދޭން ނޭނގޭފަދަ ހަމަހިމޭންކަމެވެ. އިސްވެ އެއްވެސް މީހަކު ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. ހިތުގައިވި ހުރިހައި ޝަކުވާއެއް ފޮރުވައިލައިގެން ޝަމްއަލް ހުރީ ގެއަށް ދެވެންދެނެވެ. ހޮސްޕިޓަލު ތެރޭގައި ޒާތީ ދިރިއުޅުމުގެ ކަންކަމާއި ގުޅޭ އެއްވެސް ކަމަކާ މެދުގައި ވާހަކަދައްކަން އޭނާ ބޭނުންނުވީއެވެ.

ގެއަށް އައިސް ކޮޓަރިއަށް ވަތްގޮތަށް ދޮރު ތަޅުލަމުން އޭނާ ޒާރާއާ ކުރިމަތިލިއެވެ. ލައިގެންހުރި ޖިންސްގެ ދެޖީބަށް އަތްޖަހައިލައިގެން ހުރިއިރު އެމޫނުމަތީގައި އެއްވެސް އަސަރެއް ފައުޅުވާކަށް ނެތެވެ. އެހެނަސް ދެލޮލުގައި ފުނިޖެހިފައިވި ޝަކުވާތައް ޒާރާ ދުށްޓެވެ. ތުންފިއްތައިލުމާއެކު އޭނާ ދުރަށް ނަޒަރު ހުއްޓައިލަމުން އެނދުގެ އެއްފަރާތުގައި އިނށީދެލިއެވެ.

"އަހަރެން ޒާރާއަށް ކުރި އިތުބާރުގެ ބަދަލުގަ އަހަންނަށް ދޭން އެނގުނު ހަދިޔާއަކީ މިއީތަ؟" ނަފުސުގެ މައްޗަށް ގަދަވެގަންނަން އުޅުނު ރުޅިގަނޑު ކޮންޓްރޯލް ކުރަމުން ޝަމްއަލް ބުނެލިއެވެ. އެއަޑުގައިވި ހަރުކަށިކަން އިހުސާސުވެ ޒާރާ އިސްއުފުލައިލިއެވެ.

"ކައިވެނިކޮށްގެން މިހައި ދުވަސް ވީއިރުވެސް އަހަރެމެން ދެމެދުގަ އެފަދަ އެއްވެސް ގުޅުމެއް ނެތްއިރު، ޒާރާގެ ބަނޑުގަ ތިއޮތީ އަހަރެންގެ ދަރިއެއް ނޫންކަން ވަރަށް ޔަގީންކޮށް އަހަންނަށް ބުނަން އެނގޭ.." ދެންވެސް ވާހަކަ ދެއްކީ ޝަމްއަލްއެވެ.

"ހުރިހައި އެއްޗެއް އެނގޭއިރު ކޮންހާ ބޭކާރު ވާހަކައެއް ތިދައްކަނީ..؟" ހިތްހަމަނުޖެހިފައި ޒާރާ ދެލޯއަޅައިލިއެވެ. ހިނދުކޮޅެއްކުރިން އެހިތަށް ވެރިވެފައިވި ލަދުވެތިކަންވެސް ފިލައި ދިޔަކަހަލައެވެ.

"އަހަރެން ޒާރާދެކެ ހަގީގަތުގަވެސް ހާދަ ލޯބިވީމޭ.. މިހައި ދުވަހު ކެތްތެރިވެ މިކައިވެނި ސަލާމަތްކުރަން ބޭނުންވީ އެލޯތްބަށްޓަކާ.. ޒާރާއަށް ދެރަގޮތެއްވާން އަހަރެން ނޭދޭތީ.. އެކަމަކު.. ހަމައެކަނި ލޯބިވެގެން ދިރިއުޅުމެއް ނޫޅެވޭނެކަން އަހަންނަށް ނުވިސްނުނީ.. އެހެންނޫންނަމަ މިއަދު އަހަރެންވީ ލޯބީގެ ކޮންމެވެސް އަގެއް އޮތީސް.. ކުޑަމިނުން އަހަރެންދެކެ ލޯބި ނުވިނަމަވެސް އެލޯތްބަށް ޒާރާ ޤަދަރުކުރީސް.. ޒާރާގެ ހިތް އެދުނުހައިކަމެއް ފުރިހަމަކޮށްދެމުން އަހަރެން މިހުރިހައި ދުވަހު މިއުޅުނީ މިދުވަސް ދެކޭކަށް ނޫނޭ ޒާރާ.. އެހެން މީހުނެކޭ އެއްގޮތަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އަހަންނަށްވެސް ކޮންމެވެސް ދުވަހަކުން ލިބޭނެކަމަށް ހީކުރިން.. އަހަރެން ހާދަ އުއްމީދެއް ކުރީމޭ.. ޒާރާއަށް އިހުސާސު ނުވިއަސް، ހާދަ އިންތިޒާރެއް ކުރީމޭ.. އެކަމަކު މިއަދު.. އެއިން އެއްވެސް ކަމެއްގެ އަގެއް ނެތް.. މިނޫން ގޮތަކަށް އަހަރެންގެ ހިތް ޒަޚަމް ކޮށްލަން ޒާރާއަށް ނޭނގުނީތަ؟ ލޯބިނުވާނަމަ ކައިވެނި ކުރެވުމުގެ ކުރިން އަހަރެން ގާތު ރީތިކޮށް ބުނިނަމަ.. އަހަރެން މިކައިވެނިވެސް ހުއްޓުވީމުސް.. އަހަރެންގެ އެއްވެސް ކުށެއްނެތި ޒާރާ އަހަންނަށް ތިދިނީ ކޮންފަދަ ބޮޑު ކެއްސެއް.. މި ހިތްދަތިކަން ހައްގުވާން އަހަރެން ކުރީ ކޮން ކުށެއްކަން ޒާރާ އަހަންނަށް ބުނެދީބަލަ.." ޝަމްއަލްގެ ވާހަކަތަކަށް އެއްވެސް އެއްޗެއް ބުނުމެއްނެތި ޒާރާ މަޑުމަޑުން އިނެވެ. ބުނާނެ އެއްޗެއް އޭނާއަށް ނުވެސް ވިސްނުނީއެވެ. ޝަމްއަލް ދެއްކި ވާހަކަތައް ހިތުގެ އަޑިން ޚުދު އޭނާއަށްވެސް ގަބޫލުކުރެވޭތީއެވެ. ދެކޮޅަށް ދައްކާނެ އެއްވެސް ވާހަކައެއް އޭނާގެ ނެތެވެ. ޒާރާގެ އެހިމޭންކަމުން ޝަމްއަލްގެ ހިތަށް އިތުރަށް ތަދުކުރުން ނޫންހެން ކަމެއް ނުވިއެވެ. އިސްޖަހައިލުމާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލީ ސިކުނޑީގައި އެނބުރެމުންއައި ވާހަކަތައް ދުލާ ހަމައަށް ގެންނާނެ ގޮތަކާ މެދުގައި ވިސްނަމުންނެވެ.

"އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން މިހެން ބުނަން ޖެހިދާނެ ކަމަކަށް.. އެހެނަސް... މިއަދު ޒާރާ އަހަންނަށް ސާބިތުކޮށްދީފި.. ހަގީގަތުގަވެސް ޒާރާ އަހަރެންދެކެ ލޯބިނުވާކަން.. އަހަންނާއެކު ދިރިއުޅެން ގަސްދުނުކުރާކަން.. މިކައިވެންޏަކީ އަހަންނަށް ހެދުނު ކިހައި ބޮޑު ގޯހެއްކަން.. ޒާރާގެ ދިރިއުޅުމުގަ އަހަރެންގެ ހަގީގީ މަގާމް އަހަންނަށް އަންގައިދީފި.. އަހަރެންގެ ކުށަކީ.. ޒާރާދެކެ ލޯބިވެވުންކަމުގައި ވާނަމަ ވަރަށް ބޮޑަށް މަޢާފަށް އެދެން.. މިއަދު ޒާރާ ބޭނުންވާ ފަދައިން އަހަރެން ކަންތައް ކޮށްދޭނަން.."

"ޝައްމު.." ޝަމްއަލްގެ ވާހަކަތަކުގެ މިސްރާބު ވިސްނި އިންތަނުން ޒާރާއަށް ތެދުވެވުނީ ކުއްލިއަކަށެވެ. ވައިއަޑުން ޝަމްއަލްއަށް ގޮވައިލެވުނުއިރު އޭނާ ދެފަރާތަށް ބޯހުރަމުން ދިޔައެވެ. ކަރުނަތައް ދެލޮލަށް ބޮނޑިވެގަތީ އެވާހަކަތަކުން ހިތަށް އަސަރު ކުރިވަރުންނެވެ. ނޫނެކޭ ބުނެ ހަޅޭއްލަވައި ގަންނަން އޭނާ ބޭނުންވިއެވެ. އެހެނަސް ކަރުތެރެ ހިކި ޒާރާގެ އަޑު ބޭރުވާގޮތެއް ނުވިއެވެ. ކަރުނުން ބަރާވެފައިވި ދެލޯ ޒާރާއަށް އަމާޒު ކޮށްލުމާއެކު ޝަމްއަލް ހިތިގޮތަކަށް ހިނިތުންވެލިއެވެ.

"ދެން އިތުރަށް މިކައިވެނި ދެމެހެއްޓުމުގެ ބޭނުމެއްނެތް.. ކުޑަ އުއްމީދެއްވިއަސް، މިއަދު އެއުއްމީދުވެސް ޒާރާ މުޅިން ފުނޑުފުނޑު ކޮށްލައިފި.. އަހަންނަށް މަޢާފުކުރޭ.. އެކަމަކު ދެން އަހަންނަކަށް އިތުރަށް ކެތެއްނުވާނެ.. މިއަދުން ފެށިގެން ޒާރާ ތީ އަހަރެންގެ އަނތްބެއް ނޫން.. ތިހުރީ.. ވަރިކޮށްފަ.." ދެލޯމަރައި ތަގުޅިކޮށްލަމުން ޝަމްއަލް ބުނެލިއެވެ. އެނިންމުން ނިންމަން ލަސްވެއްޖެކަމުގައި އޭނާގެ ހިތް ބުނެލިއެވެ. ކައިވެނިކުރި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ޒާރާގެ ފުށުން އޭނާއަށް ލިބުނީ އަނިޔާއެވެ. ހިތާމައާއި ހިތްދަތިކަމެވެ. ހުރިހައި ދުވަހު ކެތްކޮށްގެން އޭނާ ހުރީ ޒާރާގެ ހައްގުގައެވެ. އެހެނަސް އޭނާގެ ދެލޯ މިއަދު ޒާރާ ހުޅުވައިދީފިއެވެ. ފެންފުރުނީ ފޫނެތް ފަޔަކަށްކަން ވަރަށް ރަނގަޅަށް ވިސްނައިދީފިއެވެ. ވީއިރު އެކައިވެނި މަތީގައި ދެމިހުރުމުގެ އިތުރު ބޭނުމެއް ކޮބައި ހެއްޔެވެ؟ ރުޅިއައިސް ހަޅޭއްލަވަން ބޭނުންވިއަސް އޭނާ އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވަމުން ދިޔައީ އެއީ އޭނާގެ ގޮތް ނޫންވީމައެވެ. މަޑުމައިތިރިކަމާއެކު ވާހަކަދެއްކި ނަމަވެސް އެއަޑުގައިވީ ހަރުކަށިކަމެވެ. ނުރުހުމެވެ.

ޝަމްއަލްގެ ވާހަކަތައް ޒާރާގެ ކަންފަތާއި ހަމައަށް އައީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ވަރިއާ ހަމައަށް ދާކަށް އަދި އޭނާ ތައްޔާރެއް ނޫނެވެ. އޭނާގެ އާއިލާއަށް އޭނާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އެނބުރި ގެއަށް ގޮސްފިނަމަ ބައްޕަ އޭނާއާ ސުވާލު ކުރާނެކަން ޔަގީނެވެ. ދޭނެ އެއްވެސް ޖަވާބެއް އޭނާގެ އަތުގައި ނެތްއިރު އެދިރިއުޅުމަށް ވަދާޢު ކިޔާކަށް ޒާރާ ބޭނުމެއްނުވެއެވެ. ކޮންމެވެސް އެއްޗެކޭ ކިޔައި ޝަމްއަލް ރުއްސުން މުހިންމު ކަމުގައި ޒާރާ ނިންމިއެވެ. ހަލުވިކަމާއެކު ޝަމްއަލްގެ ގާތަށް ޖެހިލަމުން އެއަތުގައި ހިފައިލަން ޒާރާ އުޅުނެވެ. ނުރުހިފައި ވަގުތުން ޝަމްއަލް ޖެހިލީ ދުރަށެވެ.

"ޝައްމު ޕްލީޒް.. އަހަންނަށް އެންމެ ފުރުސަތެއް ދީ.. އަހަންނަށް ތިހެން ނުހަދާ.. އާދޭސްކުރަން.. މިއީ ނުވާކަމަށް ހަދާފަ އަހަރެމެންނަށް އަލުން ފަށައި ނުގަނެވޭނެތަ؟ ޕްލީޒް.. އަހަންނަށް މަޢާފުކުރޭ.. ޝައްމު ބުނިހައި ގޮތެއް ހަދައިގެން އަހަރެން އުޅެފާނަން.." ދެއަތް ޖޯޑުކޮށްލަމުން ޒާރާ އާދޭސްކޮށްލިއެވެ. ކޮންމެފަދަ އެއްޗެއް ކިޔައިގެން ނަމަވެސް ޝަމްއަލްގެ ހިތް ރުއްސަން ޒާރާ ބޭނުންވެއެވެ.

"ވަޓްސް ދި ޔޫސް ޒާރާ.. ހުރިހައި ކަމެއް ނިމިއްޖެ.. އިޓްސް އޯވަރ.. ޒާރާ ދޭ.. އަހަރެންގެ ދިރިއުޅުމުން ނުކުމެގެން އަމިއްލަ މިނިވަން ދިރިއުޅުން އުޅެން ދޭ.." ކުރިއަށް ދިއްކޮށްލި ޒާރާގެ އަތް ފޮޅުވައިލަމުން ޝަމްއަލް ބުނެލިއެވެ.

"ޝައްމު ޕްލީޒް.. ލެޓް މީ އެކްސްޕްލެއިން..."

"ބޭނުމެއްނެތް.. ތިބޭކާރު ވާހަކަތައް އަޑުއަހާކަށް އެއްވެސް ޝައުގެއްނެތް.." ޝަމްއަލްގެ އަޑު ބާރުވެލިއެވެ. އަނެއްކާވެސް އާދޭސްކޮށްލަމުން ޝަމްއަލްއާ ގާތަށް ޒާރާ ޖެހިލިއެވެ. އެއާއެކު މިއޮއްހުރިހައި އިރު ޝަމްއަލް ހިފަހައްޓަމުން އައި ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިކަހަލައެވެ. އޭނާގެ އަތުގައި ޒާރާ ހިފައިލުމާއެކު ދަތްކުނޑި ވިކައިލަމުން އެއަތް ފޮޅުވައިލިއެވެ.

"އަހަރެން.. އަހަރެން ގޮސް ވަންނާނެ އެއްވެސް ތަނެއް ނެތޭ.. ހެޔޮނުވާނެ.. އަހަރެން ވަރި ނުކުރޭ.." ޒާރާގެ ދެލޮލުން ކަރުނަތައް އޮހިގަތީ ބޭއިޚުތިޔާރުގައެވެ. އޭނާގެ ބައްޕަގެ ރުޅިއައިސްފައިހުރި މޫނު ސިފަވުމާއެކު ޒާރާއަށް ހިންދިރުވައިލެވުނެވެ.

"ތި ބޮނޑި ބުއިމުގެކުރިން ހުރިހައި ކަމަކާމެދު ވިސްނާލިނަމަ.. އިތުރަށް އެންމެ ސުކުންތަކުވެސް ތި ސޫރަ ދެކޭކަށް އަހަންނަކަށް ކެތެއް ނުވާނެ.. އައި ތަނަކަށް ދާން އުޅޭ.. މިގޭގަވެސް ކަލޭ ހުންނާކަށް އަހަންނަކަށް އެއްބަހެއް ނުވެވޭނެ.. ޒާރާގެ ދިރިއުޅުމަށް ޒާރާއަށް މަރުހަބާ.." އަލަމާރީގެ އެއްފަރާތުގައި ހުރި ފޮށި ނަގައިގެން ގެނެސް ޒާރާ ކުރިމަތީގައި ބަހައްޓަމުން ޝަމްއަލް ބުނެލިއެވެ. އޭރުވެސް ރޮމުން ދެފަރާތަށް ބޯހޫރަމުން ޒާރާ ދިޔައެވެ. ހުއްޓުމެއްނެތި އެއަނގައިން ނުކުންނަމުންދިޔައީ އާދޭހެވެ. އެހެނަސް އެއިން އެއްވެސް ބަހަކަށް ހެއްލުމަށްވުރެ ޝަމްއަލްގެ ހިތަށް ލިބިފައިވި ޒަޚަމް މާފުނެވެ.

"އަހަރެން އެނބުރި އަންނައިރު ޒާރާ މިގޭގަ ހުރެގެން ނުވާނެ.. ޖަސްޓް.. ލީވް.. އަހަރެން ވީ ލޯބި ޒާރާއަކަށް އިހުސާސެއްނުވި.. ނުވިސްނުނު.. އަހަރެންވާ ލޯތްބެއް ނޭނގުނު.. މިހިތުގެ ލޯތްބަށް ޤަދަރު ނުކުރި މީހަކަށް މިހިތަކުން ޖާގައެއްނެތް.. ގުޑްބާއި ޒާރާ.." ކޮޓަރީގެ ދޮރާއި ހަމައަށް އައިސް ހުއްޓިލަމުން ވޭނުން ފުރިގެންވި ގޮތަކަށް ޝަމްއަލް ބުނެލިއެވެ. ފަސްއެނބުރި ޒާރާއަށް ބެލުމުގެ އެއްވެސް ޝައުޤެއް އޭނާގެ ނެތެވެ. އިތުރަށް އެންމެ ސުކުންތެއްވެސް މަޑުކޮށްލުމެއްނެތި ކޮޓަރިން ނުކުންނަމުން ޝަމްއަލް ދޮރުލައްޕައިލިއެވެ. އެއާއެކު ރޮއެގަންނަމުން ޒާރާއަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ.

* * * * *

އީވާންއާ އެކު އީކްވެސް އެނދުގައި އިނށީދެލައިގެން އިންއިރު ދެމެދަށް ވެރިވެފައިވީ ހިމޭންކަމެވެ. އީވާންގެ މޭގައި ލަށްވެލައިގެން އީކް އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. އީކްގެ ބޮލުގައި ފިރުމަން އީވާން އިންއިރު އޭނާގެ ދެލޯހުއްޓިފައިވީ އެނދުމަތީގައި އޮތް މާކިންގެ ފޮޓޯގަނޑަށެވެ. ފަނޑު ހިނިތުންވުމެއް އޭނާގެ ތުންފަތުގައިވިއެވެ. މާކިން މަތިން އީކް ހަނދާންކުރުމަކުން އީވާންގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެއީ އެއްއިރެއްގައި އީކްގެ ދިރިއުޅުމުގައި އެންމެ ޚާއްސަ އެއް ފަރާތްކަން އޭނާ ހަނދާން ނައްތައެއް ނުލައެވެ.

"އީ.." މަޑުމަޑުން އީވާން ގޮވައިލިއެވެ. އިތުރަށް އީވާންގެ މޭގައި ބޮނޑިވެލަމުން އީކް ހޫން ލައްވައިލިއެވެ.

"މާހާ އެއީ އީ ދަންނަ ކުއްޖެއްތަ؟" ވިސްނަން އިނުމަށްފަހު އީވާން އަހައިލިއެވެ. އެސުވާލާއެކު އީވާންއާ ދުރުވެލަމުން އެމޫނަށް އީކް ބަލައިލިއެވެ. އަދި ލަސްލަހުން ބޯޖަހައިލިއެވެ. ދުރަށް ނަޒަރު ހުއްޓައިލުމާއެކު މާހާއާއި އޭނާއާ ދެމެދުގައި މާޒީގައި ހިނގި ހުރިހައިކަމެއް އީކް ކިޔައިދިނެވެ. އީކްގެ ވާހަކަތަކުން އީވާންގެ ބޮލުގައި ރިއްސައިލިއެވެ. ރާހިލްގެ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ވާކަމުގައި ހިތް ބުނެލިއެވެ. މަޑުން ހުރެގެން އެއްވެސް ކަމެއް ނުވާނެކަން ވިސްނި އީވާން ގޮތެއް ނިންމިއެވެ. ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް އެމައްސަލައިގެ އެންމެ އަޑިއަށް ފީނަން އޭނާ ބޭނުންވެއެވެ. މާކިންގެ މަރަކީ ބައަކު ރާވައިގެން ކުރި ކަމެއްނަމަ އޭނާއަށް އިންސާފު ހޯދައިދޭން އީވާން ބޭނުންވެއެވެ.

އީކްގެ މޫނުގައި ހިފައި އޭނާއާ ދިމާއަށް އަނބުރައިލަމުން އޭނާ ދައްކާ ވާހަކަތައް ކަނުލައި އަޑުއެހުމަށް އީވާން ބުނެލީ ސީރިއަސްކަމާ އެކުއެވެ. ބޯޖަހައިލަމުން އޭނާގެ ހުރިހައި ސަމާލުކަމެއް އީވާންއަށް ހުއްޓައިލައިގެން އީކް އިނެވެ. އެންމެ ފުރަތަމަ އޭނާއާއި މާހާ ދިމާވިގޮތުން ފެށިގެން މާހާ އޭނާއަށް ލޯބިހުށައެޅި ދުވަހާއި އަދި އޭގެފަހުންވެސް އެދެމެދުގައި ހިނގައިދިޔަ ހުރިހައި ހާދިސާއެއް ވަރަށް ސާފުކޮށް އީވާން އޮޅުންފިލުވައިދިނެވެ. އަދި ރާހިލް އޭނާއާ ބައްދަލުކުރިކަމާއި އެދުވަހު އޭނާއަށް ރާހިލް ހާމަކޮށްދިން ހަގީގަތުގެ ވާހަކަވެސް އީވާން ކިޔައިދިނެވެ. ދެލޯބޮޑުވެފައި ހުރިހައި އިރު އީކް އިނީ ބަސްހުއްޓިފައެވެ. ހަސަދަވެރިވެ މާހާ އެދަރަޖައަށް ވެއްޓިދާނެކަމަކަށް ކުޑަކޮށްވެސް އޭނާއަށް ހީކުރެވިފައެއް ނެތެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ގޮތުގައިހުރެ އޭނާގެ ބުރަކަށްޓަށް ވަޅި ޖަހައިފާނެކަމަކަށް ހުވަފެނުގައިވެސް އީކް ހިތަށްނާރައެވެ. ދެފަރާތަށް ބޯހޫރައިލަމުން ނިތުގައި އީކް އަތްހިންގައިލިއެވެ.

"ތީ.. ތީ ހަގީގަތްކަން ކިހިނެއް އެނގެނީ.." ހިންދިރުވައިލަމުން އީކް އަހައިލީ މަޑުމަޑުންނެވެ.

"އަހަރެމެން ޖެހޭނީ ހޯދަން.. އެކަމަކު އީކް ވާނެ ވަރަށް ހިތްވަރުގަދަވާން.." އީކްގެ މަޑު ކަފަކޮޅެއްފަދަ އަތްތިލައަށް ލޯތްބާއެކު ފިތައިލަމުން އީވާން ބުނެލިއެވެ. ކިހިނެއްހޭ ބުނާފަދަ ގޮތަކަށް އީވާންއަށް އީކް ބަލައިލިއެވެ. ހަށިފުރައި ނޭވާއެއް ދޫކޮށްލަމުން އޭނާގެ ޕްލޭން އީކްއާ އީވާން ހިއްސާކުރިއެވެ. ދެފަހަރަކު ތުންފިއްތައިލި ނަމަވެސް އޭނާ އެއްބަސްވިއެވެ. ދެލޮލަށް ފެނުނު މަންޒަރުގެ ހަގީގަތް އެނގުމަށްފަހު އެހިތުގައި އުފެދުނު ގިލަންވެރިކަންވަނީ ފިލައި ގޮސްފައެވެ. އީވާންގެ މައްޗަށް ހިތް ސާފުވެއްޖެއެވެ. ދެމެދުގައި ހިއްސާ ނުކުރާ އެއްވެސް ސިއްރެއް ނެތެވެ. ހަމަޖެހުން އީކްގެ ނަފުސަށް ލިބިފައިވީ އެހެންވެއެވެ.

"އީ.. ޑޫ ޔޫ ޓްރަސްޓް މީ.." އީކްގެ ދެއަތްތިލައިގައި ހިފައިލަމުން އީވާން އަހައިލިއެވެ. މަޑުމަޑުން ބޯޖަހައިލަމުން އީކް ލުއިކޮށް ހިނިތުންވެލިއެވެ. "އީގެ އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ އަހަރެން ނުކުރާނަން.." އީކްގެ ނިތުގައި ބޮސްދެމުން އީވާން ބުނެލިއެވެ. "އަހަންނަށް އެކަން ޔަގީންވޭ.." ސީދާ އީވާންގެ ދެލޮލަށް ބަލައިލަމުން އީކް ބުނެލީ ލަދުވެތި ގޮތަކަށެވެ. އެކުޑަ މޫނުކޮޅަށް އަރައިފެއިބި ކުލަވަރުން އީވާންގެ ހިތް މޮޔަކޮށްލިފަދައެވެ. ލަސްލަހުން އީކްގެ މޫނާއި އޭނާގެ މޫނު ގާތްކޮށްލިއެވެ. ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށީ އެވަގުތުއެވެ. ހިތްހަމަނުޖެހުމުގެ އަޑެއް ލައްވައިލަމުން އީވާން ދުރަށްޖެހިލިއެވެ. އެއާއެކު އީކްގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ގުޅަނީ އީވާން މަސައްކަތް ކުރާ ކޮލެޖުންކަން ފޯނުގެ ސްކްރީނަށް އަރައިފައިހުރި ނަމުން އީކްއަށް އެނގުނެވެ. އީވާންގެ މޭގައި އަތްއަޅައި ދުރަށް ކޮށްޕައިލަމުން ދާށޭ އީކް ބުނެލީ ސަމާސާ ގޮތަކަށެވެ. ދެލޯހަނިކޮށްލަމުން އިންތަނުން އީވާން ތެދުވިއެވެ. "ޖަސްޓް ވެއިޓް.. ދެން އަހަރެންގެ އަތުޖެހޭ ފަހަރަކުން އެހައި ފަސޭހައިން ދޫކޮށެއްނުލާނަން.. ވަރިހަމަ ކޮންމެ މީހަކު ގުޅިއަސް.." އޭނާއާ ދުރަށް ޖެހިލި އީކްއާ ދިމާއަށް އެއްލޯ މަރައިލަމުން ލާނެތް ރާގަކަށް އީވާން ބުނެލިއެވެ. ލަދުގަތްވަރުން އީކްގެ މޫނަށް ލޭކުލަ ފާއްދައިލިއެވެ. ހިނިތުންވެފައި އީވާންއަށް ބަލަން ދުރުގައި އޭނާ ހުއްޓެވެ. ކަރުގައި އަޅައިފައިވި ޓައީ ރަނގަޅުކޮށްލަމުން އިންތަނުން ތެދުވެ ކޮޓަރީގެ ދޮރާ ދިމާއަށް އީވާން މިސްރާބުޖެހިއެވެ. އެވަގުތު އީވާންގެ ނަމުން އީކް ގޮވައިލިއެވެ. ދޮރުހުޅުވަން އުޅެފައިވެސް އީކްގެ އަޑަށް ހުއްޓެމުން ފަސްއެނބުރި އީވާން ބަލައިލިއެވެ. ކުދި ފިޔަވަޅުތަކެއްގައި އައިސް އީވާންގެ ކުރިމައްޗަށް ހުއްޓިލަމުން އީކް ހަދިޔާކޮށްލީ ލަދުވެތި ހިނިތުންވުމެކެވެ. އަދި ކަނައަތް އުފުލައިލުމާއެކު އަތުގެ ނުފުށުން އީވާންގެ ކޮލުގައި ފިރުމައިލަމުން ކުޑަކޮށް ކޮރައިލިއެވެ. އީވާންގެ މޫނާ ގާތްވެލުމާއެކު އެކޯފާތުގައި އޭނާގެ ތުންފަތް ޖައްސައިލަމުން ލުއިލުއިކޮށް ބޮސްދިނެވެ. އީކްގެ އެއަމަލުން އީވާނަށް ލިބުނީ ހައިރާންކަމެވެ. ހިތް އުފަލުން ނަށައިގަތްއިރު އޭނާގެ ތުންފަތް ދެފަރާތަށް ދެމިލީ ލިބުނު ހަމަޖެހުމަކުންނެވެ. އީވާންއާ ދުރުވެލަމުން އެދެލޮލަށް އީކް ބަލައިލިއެވެ. "އައި ލަވް ޔޫ.." ރަކި ހިނިތުންވުމަކާއެކު އީކް ބުނެލިއެވެ. "އައި ލަވް ޔޫ މޯ މައި އެންޖެލް.." އީކްގެ ހިމަ އުނަގަނޑުގައި ހިފައި ގަޔާލައި ފިއްތައިލަމުން އީވާން ބުނެލީ ލޯބިން ފުރިގެންވި ރާގަކަށެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
55

ހިޔާލު

  1. މމ

    ވާހަކަ އަޕް ކުރާލެއް ހާދަލަހޭ…. މިފަހަރު ވާނެ ދެދުވަހަށް ވާވަރަށް ގެނެސްދެން…

  2. ގާލް

    އޯ…… ސަޅި

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް