ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ކުރީކޮޅު އދ. މާމިގިލީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަރިއަތޮޅު ދެކުނުބުރީގެ ދިހަ ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިއްޔަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މާމިގިލީގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހުންނަންޖެހޭކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ.
މި ކޮމްޕްލެކްސްއަކީ އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށް ފަރުމާކުރެވޭ، އެއްފަހަރާ 1200 މީހުންނަށް ކުޅިވަރު ބަލަން ތިބެވޭވަރުގެ ޖާގައިގެ ތަނަވަސްކަން ލިބިގެންވާ މަރުކަޒަކަށް ވާނެކަމަށް ރައީސް ހާމަކުރެއްވިއެވެ.
"މިފަދަ އާބާދީއެއްގައި ހުންނަންޖެހޭނެ މަރުކަޒެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަން ސްޕޯޓްސް ކޮމްޕްލެކްސްއެއް. އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭ، ސްޕެކްޓޭޓަރުން 1200 މީހުންނަށް ބަލަން ތިބެވޭ، މާލޭގެ ގޮތުން ދަންނަވަންޏާ އެހެރަ ސޯޝަލް ސެންޓަރު ކަހަލަ ކޮންސެޕްޓެއް އެއީ،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމް އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ދަނޑުތަކާއި ކޯޓުތައް ބިނާކުރުންފަދަ މަސައްކަތްތައްވެސް ސަރުކާރުން ދަނީ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަވަމުންނެވެ.
 
								
 
											


 
														 
														 
														 
														 
														 
														