ފުލުހުންނަށް ހުށައެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ނައްތާލެވޭ ޙާލަތްތަކެއް ކަނޑައަޅައިފި

ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅޭ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރާ އަދި އެއްކުރާ ލިޔެކިޔުންތައް ނައްތާލެވޭނެ ޙާލަތްތަކެއް ކަނޑައެޅުމަށްޓަކައި، ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ. މިއީ މި ގަވާއިދަށް އިސްލާހު ގެނެވުނު ފުރަތަމަ ފަހަރެވެ.

މި އިސްލާހުތަކުގެ ސަބަބުން، މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ރައްކައުކޮށް ބަލަހައްޓަންޖެހޭ މުއްދަތުތަކަށްފަހު، އެ ލިޔުންތައް ނައްތާލެވޭނެ އުސޫލުތައް ވަނީ ކަނޑައެޅިފައެވެ. ކުރިން މި ގަވާއިދުގައި، ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތަކުގެ ލިޔެކިޔުން 8 އަހަރު ދުވަހު، އަދި ޖުނަޙުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތަކުގެ ލިޔެކިޔުން 3 އަހަރު ދުވަހު ބަލަހައްޓަންޖެހޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މުއްދަތުތަކަށްފަހު ނައްތާލެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައެއް ނުވެއެވެ.

އިސްލާހުކުރެވުނު ގޮތަށް ބަލާއިރު، ލިޔެކިޔުންތައް ނައްތާލެވޭނެ އެއް ހާލަތަކީ، ޖިނާއީ މައްސަލައެއްގައި ދަޢުވާ ނުކުރެވޭނެކަމަށް ޕްރޮސކިއުޓަރ ޖެނެރަލް (ޕީޖީ) ނިންމައިފިނަމައެވެ. އެފަދަ ހާލަތެއްގައި، ޕީޖީގެ ނިންމުން ނިންމި ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމުމުގެ ބާރު ލިބިގެންދެއެވެ.

މީގެ އިތުރުން، ތަޙުޤީޤު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި ދަޢުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިނުވާ މައްސަލައެއްނަމަވެސް ލިޔުންތައް ނައްތާލެވިދާނެއެވެ. މިކަން ކުރެވެން އޮންނާނީ، އެ މައްސަލައެއް ތަޙުޤީޤުކުރި ފަރާތާއި ސުޕަވައިޒަރަށް، އެފަދަ ހެއްކެއް އަލުން ލިބިދާނެކަމަށް ނުބެލެވޭކަން ލިޔުމުން އެންޑޯޒްކުރެވިގެންނެވެ. މިފަދަ ހާލަތެއްގައި، މައްސަލަ ފައިލްކުރެވުނު ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ލިޔުންތައް ނައްތާލުމަށް އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރިކޯޑުތައް ބެލެހެއްޓުމުގައި ގެނެވުނު މި މުހިންމު އިސްލާހުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ