މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 30 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 30 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 8.5 އިންސައްތަ އިތުރުވެފައިވާކަން ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ހާމަވެއެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާގޮތުން، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 30.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 23 ބިލިއަން ރުފިޔާއެވެ. މިއީ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ 75.1 އިންސައްތައެވެ.

ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވަނީ ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލުތަކެވެ. އެގޮތުން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 105.3 އިންސައްތަ އިތުރުވެފައިވާއިރު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 56.4 އިންސައްތަ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ޓެކުހާއި ޓެކްސް ނޫން އާމްދަނީ 9.6 އިންސައްތަ އިތުރުވެފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 61.0 އިންސައްތަ އިތުރުވެފައިވެއެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10 އިންސައްތައިން އިތުރުވެ، 1.7 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވުމެވެ.

ޓެކުސް ނޫން އާމްދަނީގެ ތެރެއިން ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އާމްދަނީ އިތުރުވުމާއެކު، ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް 45.3 އިންސައްތަ އިތުރުވެ، 1.6 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން އިތުރަށް ހާމަވާގޮތުން، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި މި އަހަރުގެ ތެރޭގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 77.1 އިންސައްތަ، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވެއެވެ. އަދި މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 62.0 އިންސައްތައެވެ. މި ހިސާބުތަކުން ދައްކަނީ ދައުލަތުގެ އާމްދަނީގެ ހާލަތު މިދިޔަ އަހަރަށްވުރެ ރަނގަޅުވެ، ބަޖެޓު އަމާޒުތައް ހާސިލުކުރުމަށް މަގުފަހިވެފައިވާކަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ