ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން ޖުމްލަ 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައި، އެ ފައިސާ ދޫކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި ހިމެނޭ ކަމެކެވެ.
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ މި ޕްރޮގްރާމްގެ ދަށުން އެހީއަށް އެދުމުގެ ފުރުޞަތު ޔޫތު މިނިސްޓްރީން ހުޅުވާލީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި އެ މުއްދަތު ހަމަވެފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގައެވެ. ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
އާންމުކުރި ލިސްޓަށް ބަލާއިރު، މި އަހަރު އެންމެ ގިނަ ރުފިޔާ ލިބެނީ ސަންގު ޓީވީއަށެވެ. ސަންގު ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު، ދެވަނައަށް އެންމެ ގިނަ ރުފިޔާ ލިބެނީ ވީޓީވީއަށެވެ. އެ ޓީވީއަށް 3 މިލިއަން ރުފިޔާ ލިބެއެވެ. ތިން ވަނައަށް އެންމެ ގިނަ ރުފިޔާ ލިބެނީ އެސްއެސްޓީވީއަށް ކަމަށް މި ލިސްޓުން ދައްކައެވެ. އެ ޓީވީއަށް 2.9 މިލިއަން ރުފިޔާ ލިބެއެވެ. މީޑިއާތަކަށް މި އެހީ ދޫކުރަނީ ބަޖެޓުގެ 0.1 އިންސައްތަ ހިމަނައިގެންނެވެ.
މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ކަނޑައެޅި އުޞޫލުގެ ދަށުން ފައިސާ ދޫކުރާނީ 3 ޕޭމަންޓަކަށް ބަހާލައިގެންނެވެ. މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތަކީ، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމާއި، އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުމެވެ. މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރަށް ވާއިރު، ކޮންމެ އަހަރަކުވެސް މި އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ.
މިފަދަ އެހީއެއް ދިނުމުގެ އެންމެ ބޮޑު މަޤުސަދަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އުފެއްދުންތެރި ކޮންޓެންޓް ނުވަތަ ރިޕޯޓާއި ޚަބަރު ފަތުރައި، ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރު ކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެ ދާއިރާއަކަށް ހެދުމަކީ ވެސް މި އެހީގެ މުހިންމު ބޭނުމެކެވެ.
މާލީ އެހީ ލިބުނު މީޑިއާތަކާއި އަދަދުތައް
އެހީ ލިބުނު 18 މީޑިއާއަށް ދޫކުރާ ފައިސާގެ ތަފުސީލު ތިރީގައި މިވަނީއެވެ:
- ސަންގު ޓީވީ: 3.8 މިލިއަން ރުފިޔާ
- ވީޓީވީ: 3 މިލިއަން ރުފިޔާ
- އެސްއެސްޓީވީ: 2.9 މިލިއަން ރުފިޔާ
- ވީނިއުސް އެމްވީ: 1.1 މިލިއަން ރުފިޔާ
- ވަން އޮންލައިން: 1.37 މިލިއަން ރުފިޔާ
- ސަން އޮންލައިން: 1.33 މިލިއަން ރުފިޔާ
- ސަންގު އޮންލައިން: 1.3 މިލިއަން ރުފިޔާ
- ވޮއިސް އެމްވީ: 1.36 މިލިއަން ރުފިޔާ
- ދަ ޕްރެސް: 1.34 މިލިއަން ރުފިޔާ
- ދައުރު ނޫސް: 1.3 މިލިއަން ރުފިޔާ
- މިހާރު ނޫސް: 1.29 މިލިއަން ރުފިޔާ
- މިހާރުގެ އިނގިރޭސި އެޑިޝަން: 1.17 މިލިއަން ރުފިޔާ
- ތިލަދުން: 1.2 މިލިއަން ރުފިޔާ
- އަދަދު ނޫސް: 1.17 މިލިއަން ރުފިޔާ
- ތީރު މީޑިއާ: 1.14 މިލިއަން ރުފިޔާ
- ދިޔަރެސް: 1.1 މިލިއަން ރުފިޔާ
- ގާފު އޮންލައިން: 1 މިލިއަން ރުފިޔާ
- މާލްދީފް އޮންލައިން: 899,197.77 ރުފިޔާ
 
								
 
											


 
														 
														 
														 
														 
														 
														