ދަނބިދޫ އިންޖީނުގެ އަނދާ އަޅިއަށް

ލ.ދަނބިދޫ އިންޖީނުގޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިރޭ ހިންގި މި އަލިފާނުގެ ހާދިސާގައި އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ހުރިހާ ޖަނަރޭޓަރ ސެޓްތަކެއް ހަލާކުވެފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.

މި އަލިފާނުގެ ހާދިސާގައި ހުރިހާ ޖަނަރޭޓަރ ސެޓްތަކެއް ހަލާކުވެފައިވުމުން ދަނބިދޫ މިވަގުތު އޮތީ ކަނު އަނދިރީގައެވެ.

ދަނބިދޫ އިންޖީނުގޭގައި އަލިފާން ރޯވި ޚަބަރު އެރަށު ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވަނީ މިނޫހަށް ކަށަވަރުކޮށްދެއްވާފައެވެ.

ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިރޭ 08:30 ހާކަންހާއިރު ކަމަށާއި، ރަށުގައި އެއްވެސް ވަރަކަށް ކަރަންޓު ނެތްކަމަށެވެ.

އެނގިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން މެދުގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުގައެވެ.

އެޖަނަރޭޓަރުގައި ރޯވި އަލިފާނުގެ ސަބަބުން ދެފަރާތުގައި ބަހައްޓާފައި ހުރި ދެ ޖަނަރޭޓަރަށާއި، ޕެނަލް ބޯޑަށް ގުޅާފައިވާ މެއިން ޕަވަރ ކޭބަލަށް ގެއްލުން ލިބިފައިވާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

L.Dhanbidhoo engine geyga roave mulhi rashun current gossi ???

Posted by Orange Mizu on Friday, August 9, 2019

މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، ދަނބިދޫ އިންޖީނުގޭގައި އަލިފާން ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފް އިން ވިދާޅުވީ، މި މައްސަލަ އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައި ނުވާކަމަށެވެ.

ދަނބިދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، އިންޖީނުގައި ރޯވި އަލިފާންގަނޑު ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކު ނިއްވާލާފައިވާ ކަމަށާއި، އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އަދި މިހާތަނަށް ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ