ތ. ވޭމަންޑޫގައި ކަރަންޓް ދިނުމަށް ބޭނުން ކުރާ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވެ، އެރަށުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.
ވޭމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީހު ވަނީ އެފަދަ ހާދިސާއެއް ހިނގައިގެން ކަށަވަރުކޮށްދެއްވާފައެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، ޑިސްޓްރިބިއުޝަން ފޮށީގައި ރޯވެ ރަށުގެ ބަޔަކުން ކަރަންޓް ކެނޑިފައިވަނީ މިއަދު ހަވީރު ކަމަށާއި، އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށްޓަކައި، މުޅި ރަށުން ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ވޭމަންޑޫއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޑިސްޓްރިބިއުޝަން ފޮށްޓެއްގައި ރޯވެ، ރަށުގެ ބަޔަކުން ކަރަންޓު ކެނޑިފައިވާއިރު، ލ.ދަނބިދޫ އިންޖީނުގޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ދެ ޖަނަރޭޓަރ ސެޓް އެއްކޮށް ހަލާކުވެ ނުވަ ގަޑިއިރަށް މުޅި ރަށުން ކަރަންޓު ކެނޑިފައިވެއެވެ.



